އުނަގަނޑުގައި ރިހުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

އުނަގަނޑުގައި ރިހުން (އިނގިރޭސި ބަހުން: Low back pain) އަކީ ބުރަކަށީގެ ތިރިން އުނަގަނޑުގައި ރިހުމެވެ. މިއީ ބުރަކަށީގައި ރިހުން ގެ ވައްތަރެކޭ ބުނެވިދާނެއެވެ. ހުރިހާ އުމުރުގެ މީހުންނަށް ވެސް މިއުދަގުލާ ކުރިމަތި ވެއެވެ.

އުނަގަނޑުގައި ރިއްސުމަކީ ބުރަކަށީގެ ބަދަތަކުގެ ތެރެއިން ބަނޑާދިމާލުގައިވާ ބަދަތައް، އަދި އުނަގަނޑުގެ ކަށިތަކާ ދިމާލުގައިވާ ބަދަތައް ގައި ރިއްސުމެވެ. މީގެ އިތުރުން އެހިސާބުގައިވާ މަސްތަކާއި އަދި ފަޔަށް ވެސް މިތަދު ފެތުރިގެން ދެއެވެ. ބައެއް ފަހަރު މިތަދު ވަރަށް ކުއްލިއަކަށް އަތުވެދާނެއެވެ. އަދި އެއްދުވަސް ނުވަތަ އެއް ހަފްތާއަށް މިތަދު ފެތުރިގެން ހިގައިދާނެއެވެ. ނަމަވެސް ބައެއް ފަހަރު ގިނަ ޒަމާންތަކަށް ދެމިގެންދާ މަޑު ތަދަކަށް މިތަދު ދެމިގެން ހިގައިދާނެއެވެ.

އުނަގަނޑު އުފެދިފައިވާ ގޮތަށް ބަލާއިރު އުނަގަނޑުގައި ހިމެނޭ އެންމެ މުހިއްމު ކަށިތަކަކީ ބުރަކަށީގެ ބަދަތައް އެވެ. މިއީ ކޮޅަށް ހުންނައިރު ހަށިގަނޑުގެ ބަރުދަން އުފުލައިދޭ ކަށިތަކެވެ. ކޮންމެ ދެބަދައެއް ދޭތެރޭގައި މަޑުކަށިން އުފެދިފައިވާ ޑިސްކް އެއް ވެއެވެ. މީގެ ބޭނުމަކީ ދެބަދަ ޖެހި ގޭނި ކޭއްތުން ހުއްޓުވުމާއި، ބުރަކަށްޓަށް އަންނަ ޝޮކުތައް މައިތިރިކުރުމާއި، އަދި ބުރަކަށި ލެބުން ފަސޭހަކޮށްދިނުމެވެ. މީގެ އިތުރުން މިބަދަތަކާއި، ޑިސްކުތައް އެކީގައި ހިފެހެއްޓުމަށްޓަކައި ރަބަރު ގަނޑެއް ފަދަ، މަހުގެ ފައިބަރު ތަކެއް ވަށައިގެން ލެވިފައި ވެއެވެ. މިއަށް ކިޔަނީ ލިގަމެންޓްސް އެވެ. މީގެ އިތުރުން ވަށައިގެން ލެވިފައިވާ މަސްގަނޑު ތަކާއި، އިހްސާސް އުފުލައިދޭ ނާރުތައް ހިމެނެއެވެ.

ސްޕައިނަލް ކޯޑް އަކީ ބަދަތަކުގެ ތެރޭގައި އުފެދިފައިވާ މަގަކުން ދަތުރުކުރާ ނާރުތަކުގެ ބޮޑިއެކެވެ. މިނާރުތައް ރައްކާތެރި ކުރުމަކީ މިދެންނެވުނު ބަދަތަކުގެ އެއް މަސައްކަތެވެ. ކޮންމެ ދެބަދައެއްގެ ދޭތެރެއިން ސްޕައިނަލް ކޯޑް އާއި ގުޅިފައިވާ ނާރުތަކުގެ ޖޯޑެއް ދެފަރާތުން ނިކުމެއެވެ. މިނާރުތަކަކީ އެހިސާބުން ފެށިގެން ތިރިއަށް ހުންނަ ބައިތަކަށް ސަޕްލައިކުރާ، އަދި އިހްސާސްތައް ސިކުނޑި އަށް ގެންގޮސްދީ، ސިކުނޑިން ފޮނުވާ އަމުރުތައް، އެހިސާބުގެ މަސްތަކަށް ގެނެސްދޭ ނާރުތަކެކެވެ. ބަދަތަކުގެ މައްސަލަ ތަކުގައި މިނާރުތަކަށް އަނިޔާވުމުން އުނަގަނޑާއި، ފައިގައި ރިއްސާގޮތް ވެއެވެ.

ގިނަ ފަހަރު އުނަގަނޑުގައި ރިއްސުން ފެށެނީ ކުރެވޭ ވަރަށް އާދައިގެ ކަމެއްގެ ސަބަބުންނެވެ. ނޭނގި ނަމަވެސް ކުރެވޭ ކަމަކީ ބުރަކަށީގެ އެކުލެވުންތަކުގެ ތެރެއިން ކޮންމެވެސް އެއްޗަކަށް ކޮންމެވެސް އަނިޔާއެއް ލިބޭ ކަމެކެވެ.

ސަބަބުތައް[އުނިއިތުރު ގެންނަވާ]

ތަދުއަރަން ދިމާވާ ކަންތައްތައް[އުނިއިތުރު ގެންނަވާ]

  • އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ކުއްލިއަކަށް ގުދުވުން
  • ޞިއްޙީ ނޫން ގޮތްގޮތަށް އެއްޗެތި އުފުލުމާއި، ދެމުމާއި، ކޮށްޕުން
  • އިށީދެ އިންނައިރު ގައިން ވާގިދޫކޮށް އެއްފަރާތަކަށް އިށީދެ އިނުން
  • ގިނައިރު ކޮޅަށް ހުރުމާއި ގިނައިރު ގުދަށް އޮތުން
  • ކެއްސުމާއި ކިނބިހިއެޅުން
  • ބުރަކަށީގެ މަސްތަކަށް ބޮޑަށް ދެމުން
  • ގިނަ އިރު އެއްގޮތަކަށް އިށީދެއިނުން ނުވަތަ އޮށޯވެއޮތުން

އަންހެނުންނަށް ދިމާވާ ޚާޢްޞަ ކަންތައްތައް[އުނިއިތުރު ގެންނަވާ]

  • ބަލިވެއިނުން
  • ރަހިމުގެ ބަލިތައް
  • ބިސްރަވައިގެ ބަލިތައް

އާންމު ސަބަބުތައް[އުނިއިތުރު ގެންނަވާ]

  • ހުޅުހުޅުގައި ރިހުން
  • ކަށީގެ ބަލިތައް
  • ކުޑަކަމުދާ ނިޒާމްގެ ބަލިތައް
  • ގުރުދާގެ ބަލިތައް
  • އުމުރުން ދުވަސްވުމުން ކަށި ފީވުން ޖެހުން
  • އުސްތަނަކުން ވެއްޓުން ، ކައްޓަށް އަނިޔާވެ ބިއްދައިގެން ދިއުން
  • އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރުން
  • ހަށިގަނޑު ފަލަވެ ބަރުދަން އިތުރުވުން
  • ރަގަޅަށް ނިދި ނުލިބުން

ކުރިން އިޝާރާތް ކުރެވުނު އުނަގަނޑުގެ އެކުލެވުންތަކަށް ބަލާއިރު އުނަގަނޑުގައި ރިއްސުމުގެ ނުރައްކާތެރި ވައްތަރުތަކެއް ވެއެވެ. އެއީ ދެބަދަ ދޭތެރޭގައިވާ ޑިސްކު ހަލާކުވެ ފަޅައިގެންގޮސް ބޭރަށް ނުކުމެ، ކައިރިން ދަތުރުކުރާ އިހްސާސް އުފުލައިދޭ ނާރު ފިތޭގޮތް ވެއްޖެނަމަ އެއީ ވަރަށް ނުރައްކާތެރި މައްސަލަ އެކެވެ. ހަމަމިހެން ބަދައެއް ބިންދައިގެން ގޮސް އޭގެ ކައިރިން ދަތުރުކުރާ ސްޕައިނަލް ކޯޑް ނާރުތަކަށް އަނިޔާވެ، ނުވަތަ ބުރިވެއްޖެނަމަ އެއީ ފަހަރުގައި މުޅި އުމުރަށް ވެސް އޭގެ ސަބަބުން ވޭން އުފުލަން ޖެހިދާނެ ކަމެކެވެ.

ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

އުނަގަނޑުގައި ރިހުމަކީ ސަބަބު ހޯދިއްޖެނަމަ ފަސޭހަކަމާއެކު ފަރުވާ ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިއަށްވުރެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ ބުރަކަށީގެ ބަދަތަކާއި، އަދި އެހެނިހެން އެކުލެވުންތަކަށް އަނިޔާ ނުވާނެ ފަދަ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމެވެ. ކުރާ ހަރަކާތްތަކާއި އިށީދެ އިންނަގޮތް، ބަރުއެއްޗެތި އުފުލާނެ ގޮތާއި ބެހޭ މައުލޫމާތު ތަކަކީ ކޮންމެ މީހަކަށް ވެސް އެގެންޖެހޭނެ މައުލޫމާތު ތަކެވެ.