އިބްރާހީމް ޒަކަރިއްޔާ މޫސާ
ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ | |
|---|---|
ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި) | |
| ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު | |
މަޤާމުގައި 20 އޮގަސްޓު 2019 – 18 ނޮވެންބަރު 2023 | |
| ރައީސް | އިބްރާހީމް މުޙައްމަދު ޞާލިޙު |
| ކުރިން ހުންނެވީ | ޢާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު |
| ފަހުން ވަޑައިގަތީ | |
| އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު | |
މަޤާމުގައި 29 މާރިޗު 2023 – 18 މާރިޗު 2024 | |
| މަތީތަޢުލީމު | އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ |
ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ 2010ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ފިޤްހާއި އުޞޫލުލްފިޤްހުން ޕީއެޗްޑީ ހާޞިލުކުރައްވައިފައެވެ. އަދި 2007ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީން އިސްލާމިކް ރިވީލްޑް ނޮލެޖް އިން މާސްޓަރސް ޙާޞިލުކުރައްވައިފައިވެއެވެ. 1983ވަނަ އަހަރު، އިސްލާމީ ޝަރީޢާއިން ޑިގްރީ ޙާޞިލުކުރައްވައިފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލްމުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިންނެވެ. މީގެ އިތުރުން 1971 އާއި 1979 އާ ދެމެދު ޕާކިސްތާނުންނާއި ސަޢޫދީ ޢަރަބިއްޔާއިން މެޓްރިކިޔުލޭޝަންއާއި، ޘާނަވީ ތަޢުލީމު ޙާޞިލުކުރައްވައި އުރުދޫބަހާއި، އިނގިރޭސިބަހާއި، ޢަރަބިބަސް ދަސްކުރެއްވިއެވެ.
ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއަކީ ދައުލަތުގެ ޒިންމާދާރު އިސްމަޤާމުތަކެއް އަދާކުރައްވަމުން، ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތާއި ތަޢުލީމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މި ގޮތުން އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ހިމެނެއެވެ. މީގެއިތުރުން ތަޢުލީމީ ފަންޑުގެ ޗެއާމަންކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސުޕަރވިޜަން ކޮމިޓީގެ މެންބަރުކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ޤައުމީ މަޖިލީހުގެ މެންބަރުކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑެމީގެ މެންބަރުކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސާރޗް އެތިކްސް ކޮމިޓީގެ މެމްބަރުކަމާއި، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަމާއި، މެލޭޝިޔާގެ މިރާޖުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވައިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލްޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު ވެސް އަދާކުރައްވައިފައިވެއެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމީ މާލީ މުޢާމަލާތްތަކާ ގުޅޭ ޚިދުމަތްދޭ ގިނަ މުއައްސަސާތަކުގެ ޝަރީޢަާ ކޮމިޓީގެ މެމްބަރުކަން ވެސް ކުރެއްވިއެވެ.
ތަޢުލީމީ ދާއިރާގެ ތެރެއިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، ސެންޓަރ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ޑީންކަން ކުރައްވައިފައިވެއެވެ. އަދި ހަމަ އެހެންމެ ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ރެކްޓަރކަމާއި، އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާގެ މުދީރުކަމާއި މުދީރު ޢާންމުކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ އެގްޒަމިނަރުކަމާއި،، ޤައުމީ އެކިއެކި ބޯޑުތަކުގެ މެންބަރުކަމާއި، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވި ކޮމިޓީގެ މެންބަރުކަން ކުރައްވައިފައިވެއެވެ. އަދި ލެކްޗަރަރއެއްގެ ގޮތުގައި ވިލާ ކޮލެޖާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއާއި މުދައްރިސުންގެ ތަޢުލީމު ދޭ މަރުކަޒުގައި ވެސް މަސައްކަތްކުރައްވައިފައިވެއެވެ. އަދި މަޖީދިއްޔާ ސްކޫލާއި، މާލޭ އިންގްލިޝް ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވެވިއެވެ.
ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެމިނާރުތަކާއި ބައްދަލުވުންތަކާއި، ޓީވީ އާއި ރޭޑިއޯއިން ގެނެސްދޭ ޕްރޮގްރާމްތައް އުފެއްދުމާއި ހުށަހަޅައި ދިނުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ނޫސް މަޖައްލާތަކުގައި ވެސް ދީނީ ކަންކަމާ ގުޅޭ ލިޔުންތައް ލިޔުއްވައިފައިވެއެވެ. މީގެ އިތުރުން، ޤައުމީ އަދި ބައިނަލްއަޤްވާމީ ކޮންފަރެންސްތަކާއި ސެމިނާރުތަކުގައި ބައިވެރިވެ، ޕެނަލް ޑިސްކަޝަންތަކާއި ދިރާސާތައް ހުށަހަޅުއްވައިފައިވެއެވެ.