އާދަމް ޝަމީމް
ޑރ. އާދަމް ޝަމީމް ވަނީ 1996ވަނަ އަހަރު ޕާކިސްތާނުގެ ފައިޞަލްއާބާދުގައި ހުންނަ ޖާމިޢާ ސަލަފިއްޔާއިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރައްވައި، 2003ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލް މުނައްވަރާގައި ހުންނަ އަލްޖާމިޢަތުލް އިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގައި ޙަދީޘާއި އިސްލާމިކް ސްޓަޑީސްގެ ރޮނގުން ޑިގްރީ ޙާޞިލުކުރައްވައިފައެވެ. އަދި 2009ވަނަ އަހަރު މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީގައި ފިޤްހު އަދި އުޞޫލުލްފިޤްހުން މާސްޓަރސް ޙާޞިލުކުރެއްވިއެވެ. ޕީއެޗްޑީ ޙާޞިލުކުރެެއްވީ ކޮމްޕަރޭޓިވް ރިލިޖަންގެ ރޮނގުންނެވެ.
ޑރ. އާދަމް ޝަމީމް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސްގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. 2012ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ ފިޤުހު އެކަޑެމީގެ ޝަރީޢާ ކައުންސިލަށް ޑރ. އާދަމް ޝަމީމް އައްޔަންކުރައްވައިފައެވެ. މީގެއިތުރުން ޑރ. އާދަމް ޝަމީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަން 2016ވަނަ އަހަރުން ފެށިގެން 2017ވަނަ އަހަރުގެ ނިޔަލަށް އަދާކުރައްވައިފައެވެ.