އަލްޤާޟީ ޙަސަން ތާޖުއްދީން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހަސަންތާޖުއްދީނަކީ ތެދު ބަޔާން ކުރެއްވުމުގައި ފަސްޖެހި ވަޑައިނުގަންނަވާ، ޙަޤީޤަތަށް ލޯބި ކުރެއްވި ބޭފުޅެކެވެ. ޢިލްމަށް ލޯބިކުރައްވާ މުޖުތަމަޢު އިޞްލާހުކުރެއް ވުމަށް އެތައްމަސައްކަތްތަކެއް ކުރެއްވި ފަނޑިޔާރެކެވެ. އިސްލާމްދިނުގެ އުޞޫލުތައް ޤާއިމު ކުރެއްވުމަށް ގަދައަޅާ މަސައްކަތް ކުރެއްވި ބޭފުޅޭކެވެ.ދިވެހި ތާރީޚަށް މިހާތަނަށް ދިވެއްސަކު ކުރައްވާފައިވާ ނުވާފަދަ އަގުބޮޑުޚިދުމަތެއް ކުރައްވާފައިވާ ބޭފުޅޭކެވެ. ފުރަތަމަ ފަހަރަށް މުންނާރުން ބަންގި ގޮވުން ފަދަ ކަންކަން ކުރައްވާފައިވާ މުރުޝިދެކެވެ.

ވަނަވަރު[އުނިއިތުރު ގެންނަވާ]

  • ނަން: އަލްޤާޟީ ޙަސަން ތާޖުއްދީން
  • ބައްޕަ: ހައްދުއްމަތީ ގަމު މަޙްމޫދު
  • މަންމަ: ( މަންމަގެ ނަމެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. މުޙައްމަދު އިބްރާހިމް ލުޠުފީ-1998 – ފަތްތޫރ-235 ޞަފްހާ:11ން16)
  • އުފަންއަހަރު: ހިޖުރައިން 1072
  • އުފަންރަށް:
  • ބޭފުޅުން: އަލްޤާޟީ މުޙައްމަދު ޝަމުސުއްދީން، އަލްޚަޠީބު އަޙްމަދު މުޙްޔުއްދީން
  • އެންމެ އަގުހުރި ޚިދުމަތް: ދިވެހިތާރީޚް ޢަރަބިބަހުން ލިޔުއްވުން
  • އަވަހާރަވުން: 06 ރަޖަބު 1139 ވީ ހުކުރު ދުވަހު
  • އަވަހާރަވީއިރު ޢުމުރުފުޅު: 67 އަހަރު
  • ފަސްދާނުލެވިފައިވަނީ: ފުރަމާލޭ ހުކުރު މިސްކިތުގައި

ޢިލްމު އުގެނުން[އުނިއިތުރު ގެންނަވާ]

އަލްޤާޒީހަސަން ތާޖުއްދީނުގެ ޢުމުރުގެ ކުރީކޮޅުގެ ދުވަސްތައް ވަނީ ނޭނގުމުގެ ތެރޭގައެވެ. ޙަސަން ތާޖުއްދީނުގެ އެދުރުންގެ ތެރޭގައި މުޙައްމަދު ޝިރާޖުއްދީން، ފޮނަދޫ ޙަޠީބު ތަކުރުފާނާއި ސައްޔިދު ރަސްގެފާނު ހިމެނެއެވެ. ޢަރަބި ބަސް ދެނެވަޑައިގަންނަވާ އިސްލާމީދީނުގެ ޢިލްމު ލިބި ވަޑައިގެން ހުންނެވި ކުޅަދާނަ ފަނޑިޔާރެކެވެ.

މުޝީރުކަން ލިބިވަޑައިގަތުން[އުނިއިތުރު ގެންނަވާ]

އައްސުލްޠާން ކުޑަމުޙައްމަދު ސިރީ މަނިރަން ލޯކަ މަހާރަދުންގެ ރަސްކަން ނިމި އައްސުލްޠަން މުޙައްމަދު މުޙްޔުއްދީން އާދިލް ސިރީ ނާކަރައި ސުންދުރަ މަހާރަދުންގެ ރަސްކަމުގައި(1102ން1103ށް) ހަސަންތާޖުއްދީން ހައްދުއްމަތީ ގަމުގައި އަރުވާލައްވާފައި ހުންނަވަނިކޮށް މާލެގެންނަވާ މަހަކު ފަންސާސް ލާރިދެއްވާފައި ރަސްގެފާނުގެ މުޝީރެއްގެ ގޮތުގައި މާލޭގައި ބެހެއްޓެވިއެވެ. މި ރަސްގެފާނު، ރަސްކަމުގެ އެންމެހާ ކަންތައްތައް ހިންގަވަނީ މުޙައްމަދު ޝިރާޖުއްދީން، ފޮނަދޫ ޙަޠީބު ތަކުރުފާނާއި ޙަސަންތާޖުއްދީންގެ މަޝްވަރާގެ މަތިންނެވެ. ( ދިވެހި ތާރީޚް- ޞަފްޙާ: 65 )

ފަނޑިޔާރުކަން ލިބިވަޑައިގަތުން[އުނިއިތުރު ގެންނަވާ]

ސައްޔިދު ރަސްގެ ފާނު އަވަހާރަވީ 25 ޝައްވާލު 1103 ގައެވެ. މިރަދުން ރަސްކަން ކުރެއްވީ 4 މަހާއި 25 ދުވަހުއެވެ. ސައްޔިދު ރަސްގެފާނު އަވަހާރަ ވުމަށްފަހު އެދުވަސްވަރު ފަނޑިޔާރުކަމުގައި ހުންނެވި ދެއްވަދޫ ފަނޑިޔާރު ތަކުރުފާނު ރަސްކަމަށް އިސްކުރެވުނެވެ. އަދިހަސަންތާޖުއްދީން ދުރުވެ ޢަދުލަށް ރަސްކަން ކުރެއްވުމަށް އެތައް އަހްދެއް ހިއްޕަވާ ރަސްކަމަށް ބައެއަތު ހިއްޕެވިއެވެ. ( ދިވެހި ތާރީޚް- ޞަފްޙާ: 74 ) މިރަދުންގެ ރަސްކަމުގައި ހަސަން ތާޖުއްދީނަށް ފަނޑިޔާރުކަމަށް ކޮލި ލެއްވިއެވެ. އެއީ 02 ރަބީޢުލް އައްވަލް 1104ވީ ބުދަ ދުވަހުއެވެ. އޭރު ޙަސަން ތާޖުއްދީނުގެ ޢުމުރުން ބައްތިރީސް އަހަރެވެ. ފަނޑިޔާރުކަން ޤަބޫލު ކުރެއްވުމުގެ ކުރިން ޙަސަންތާޖުއްދީން ކުރައްވާ ޙުކުމަށް ރަސްގެފާނު ޤަބޫލުވެ ވަޑައިގެންނެވުމަށް އަހްދު ހިއްޕެވިއެވެ. ( ދިވެހި ތާރީޚް- ޞަފްޙާ: 77 )

ކުރެއްވި ޚިދުމަތްތައް[އުނިއިތުރު ގެންނަވާ]

އައްސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު (ސައްޔިދު ރަސްގެފާނު) ސިރީ ހިކާޅަ މިލާދީއްތަ މަހާރަދުން ( 1103 ހ) ގެ އަރިހުން ޢިލް ހޯއްދެވި ބޭފުޅުންގެ ތެރޭގައި ހަސަން ތާޖުއްދީން ހިމެނި ވަޑައިގެންނެވިއެވެ. މިރަދުންގެ ރަސްކަމުގައި ރަޖަބު މަހަށް ހަނދުބެލީންސުރެ ރަމަޟާން މަސް ނިމޭންދެން ކޮންމެ ރެއަކު މަޣުރިބް ނަމާދާއި ޢިޝާނަމާދާއި ދެމެދު ހުކުރު މިސްކިތުގައި މީސްތަކުންނަށް ޙަދީޘް ކިޔަވައި ދިނުމަށް ހަސަންތާޖުއްދީން އިސްކުރެއްވިއެވެ. އަދި މި ކަމުގެ އުޖޫރައަކަށް މަހަކު ސަތޭކަ ލާރި ދެއްވިއެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ޢަޞުރު ނަމާދަށް ފަހު ދޭވާނީންނާއި މަޖިލީހަށް އަރާ ބޭކަމުން ގޮވައިގެން ޙަސަން ތާޖުއްދީން ނިކުންނަވާ އަމުރު މަޢުރޫފު ކުރައްވާ މުންކަރާތްތައް މަނާ ކުރައްވައެވެ. އަދި މުންކަރާތެއް ފެނިއްޖެނަމަ އެކަން މަނާކުރައްވާ އެމީހަކު ތައުޒީރު ކުރައްވައެވެ. އަދި އަމުދުން ފަރުޟުނަމާދު އަޅައިފި މީހަކު ޝަރީޢަތުގެ ކަނޑިން ޤަތުލު ކުރެއްވުމަށް ރަސްގެފާނުގެ އަރިހަށް ގެނައުމަށް އަމުރު ކުރައްވައެވެ. މިގޮތަށް ތިން ހުކުރު ހިންގަވާއިރަށް ރަށުތެރެއިން ނަމާދު އަޅާ މީހަކު ނުފެންނަ ކަމުގައި ވިއެވެ. ( ދިވެހި ތާރީޚް- ޞަފްޙާ: 69 -70 ) ޙަސްނަތާޖުއްދީނުގެ ފަނޑިޔާރުކަމުގައި އެދުވަސްވަރު ބޮޑުންގެ ތެރޭގައި އޮތް، އަޅުންފަދައިން މިނިވަން އަނހެނުން ލައްވާ އުޖޫރަޔަކާއި ނުލައި މަސައްކަތްކުރުވުމާއި އެކަކުއަނެކަކަށް ވިއްކުން މަނާކުރެއްވިއެވެ. މި އަމުރުނެރުއްވުމުން އެގޮތަށް ގެންގުޅެމުން ދިޔަ މީހުން ޙަސަންތާޖުއްދީން އަރިހަށް އައުމުން އެމީހުންނަށް މިޘްލިއްޔަ އުޖޫރައެއް އަތުލައި ދެއްވާ މިނިވަން ކުރެއްވެވިއެވެ. އަދި ދަރަންޏަށްޓަކައި ހައްޔަރު ވެފައިތިބި މީހުން، ހިސާބުބައްލަވާ އުޖޫރައިގެ ތެރެއިން ދަރަނި ކަނޑާލައްވާ ހަމަނުވާބައި ބޭތެލްމާލުން ހަމަކޮށްދެއްވިއެވެ. މިނިވަނުން އަޅުންގެ ގޮތުގައި ގެންގުޅުން ޙަރާމް ވާނޭކަމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ނިޔާ ކުރެއްވީވެސް ހަސަންތާޖުއްދީނެވެ. އަދި ތަރިކައިން ޛަވިލްއަރުޙާމުންނަށް ވާރުތަ ވާނޭކަމަށްވެސް ފުރަތަމަ އަމުރުކުރެއްވީ ހަސަން ތާޖުއްދީނެވެ. އަދި އަމިއްލަޔަށް ސިލްވާން ކުޅައުންވެސް މަނާކުރެއްވިއެވެ. ދެން ފަނޑިޔާރުގެއިން ހައްދުޖަހާ ހުވާކުރައްވާން ފެއްޓެވުމުން އެކަން ހުއްޓިއްޖެއެވެ. އަދި ބޮލުއިސްތަށިގަނޑުކަނޑައި ލިބާސްވީދާ މިގޮތަށް އަންހެނުން އަންހެނުންނާއި ސިލްވާން ކުޅައުންވެސް މަނާކުރެއްވި އެވެ. ރައްޔިތުން މާލޫދު ކިޔުމަށް ވެދުން ކުރާއިރު ބާރަ ލާރިއަށްވުރެ އިތުރު ނުކުރާން އަމުރު ކުރެއްވިއެވެ. ( ދިވެހި ތާރީޚް- ޞަފްޙާ: 78 - 79 )

ދެއްވަދޫ ރަސްގެފާނު އަވަހާރަވީ 1112 ވަނަ އަހަރުގެ ޝަޢުބާން މަހު ހައެއްވީ ހޯމަ ދުވަހުއެވެ. މިރަދުން އަވަހާރަވުމުން އެރަދުން އަވަހާރަވީ ތާރީޚް ލައްވައިގެން ޅެންބައެއް ހައްދަވާފައި އެރަދުން ފަސްދާނުލެއްވި ގުއްބުގެ ފާރުގައި ލިޔުއްވެވިއެވެ. ރަސްގެފާނު އަވަހާރަވީތާ ފަސްވަނަޔަށް ވީދުވަހު ހަސަންތާޖުއްދީން ފަނޑިޔާރުކަން ދޫކުރައްވާ 11 ޝަޢުބާން 1112ގައި ޢާއިލާއާއެކު މައްކާއަށް ވަޑައިގަތެވެ. ނަމަވެސް މާގިނަދުވަސްތަކެއްނުވެ އައްސުލްޠާން އިބުރާހިމް މުޡުހިރުއްދީންގެ ފަތްކޮޅެއް ލިބިވަޑައިގަތުމުން މާލެވަޑައިގެންނެވިއެވެ.ހަސަން ތާޖުއްދީން މާލެ ވަޑައިގެންނެވުމުން ރަސްގެފާނު ވަރަށް ހެޔޮކޮށް ހިއްތެވިއެވެ. އަދި 1115 ރަމަޟާން 10ވީ ހުކުރު ދުވަހު ރަސްގެފާނު ޙައްޖަށް ފުރާވަޑައިގަންނަވަމުން އަރިހުގައި ގެންދެވިއެވެ. ޙައްޖުން އެނބުރި ވަޑައިގެންނެވިއިރު ރަސްކަންވަނީ ބަދަލުވެފައެވެ. ރަސްކަމުގައި އިންނެވީ އައްސުލްޠަން މުޡައްފަރު މުޙައްމަދު ޢިމާދުއްދީ ( 1116ހ) ސިރީކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންނެވެ. ރަސްކަމަށް މިއައިބަދަލާއެކު މާލެ ވަޑައިގަތުމުން ހައްދުއްމަތީ ގަމަށް އަރުވާލެއްވިއެވެ. ނަމަވެސް ދާދި އަވަހަށް މާލެގެންނަވައި ފަނޑިޔާރުކަން ދެއްވިއެވެ. އެއީ 22 ޝައްވާލު 1116 ގައެވެ. ( ދިވެހި ތާރީޚް- ޞަފްޙާ: 99 – 100)

ހަސަންތާޖުއްދީނުގެ ފަނޑިޔާރުކަމުގައި ޢިޝާނަމާދު ވަޤުތު އިރުއޮއްސި އެއްގަޑި ވިހިމިނިޓަށް ފަސްކުރުމަށް އަމުރު ކުރެއްވިއެވެ. އެކަންކުރެއްވީ ހަސަންތާޖުއްދީން، ފިނިމޫސުމާއި ހޫނު މޫސުމުގައި އަތިރިމައްޗަށް ދަރަޖަ ފުޅި ހިއްޕަވައިގެން ނިކުންނަވާ އެކަން މުޖައްރިބު ކުރެއްވުމަށް ފަހުގައެވެ. އަދި ދަރަޖަ ފުޅިހައްދަވާ ގަނޑުވަރުތެރޭގައި ކިޔެވެނި ބޭކަލުންގެ އަށީ ކުރިމަތީގައި ހުރި ފޯކުއަށީގައި ފުޅިބަހައްޓަވައި އިރުއޮއްސުމުން ފުޅި އަނބުރުއްވާން އަމުރު ކުރެއްވީވެސް ހަސަން ތާޖުއްދީނެވެ. އެއީ ހިޖުރައިން 1118 ވަނަ އަހަރުއެވެ. އޭގެ ކުރިން ޢިޝާނަމާދު ކުރަނީ އިރުއޮއްސި އެއްގަޑި އިރު ވީމައެވެ. އަދި ހަމަ ހަސަންތާޖުއްދީން އެންގެވި އެންގެވުމަކަށް ހުކުރު ދުވަހު މެންދުރު މުންނާރުން ޞަލާވާތް ގޮވާން ފެއްޓެވިއެވެ. އެއީ 1123 ވަނައަހަރުގެ ރަބީޢުލް އައްވަލް މަހުގެ 25 ވީ ހުކުރު ދުވަހުއެވެ. އަދި މުންނާރުން ބަންގި ގޮވާން ފެއްޓެވީވެސް ހަސަން ތާޖުއްދީނު ދެންނެވި ދެންނެވުމަކަށެވެ. އަދި ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވުމުގެ ކުރީން ދިހަ ދަރަޖައިގައި ފަތިސް ނަމާދުގެ ފުރަތަމަ ބަންގި ދިނުމަށާއި ފަޖުރުއް ޞާދިޤުގެ އަލިކަން ފާޅުވުމަށް ފަހު ދެވަނަ ބަންގި ދިނުމަށް އަމުރުކުރެއްވި އެވެ. މި ދެމެދުގައިވާނީ އެކާވީސް ދަރަޖަ ކަމުގައިވެސް ކަނޑައެޅުއްވިއެވެ. އަދި ހަސަން ތާޖުއްދީން ދަންނަވައިގެން މާލޫދު ހަރުގޭގެ މެދަށް ކަށިމަލާއި އުނިމަލާއި ފާޑުފާޑުގެ މާމެލާމެއްޔާއި ކޮށާފައި ހުންނަ ކުންނާރާއި އުއްދަނޑިއާއި ދޮންކޭލާއި ތަފާތު މޭވާއާއި ތަތް ބޮނޑިބަތާއި އެއްކޮށް ފުންޏަކަށް ޖަހައިގެން ހޭލާތިބުން މަނާކުރެއްވިއެވެ.އެއީ ހިޖުރައިން 1117 ވަނަ އަހަރުއެވެ. އަދި އާސޫރާދުވަހު ކައްކައިގެން އެއްޗެތި ގޭގެއަށް ބެހުންވެސް މަނާކުރެއްވިއެވެ. މިކަންތައް މަނާކުރެއްވީ ހިޖުރައިން 1120 ވަނަ އަހަރުއެވެ. ( ދިވެހި ތާރީޚް- ޞަފްޙާ: 134 - 137 ) އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީ ( 1116ހ) ސިރީކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންގެ ރަސްކަމުގައި އެރަސްގެ ފާނުގެ އަމުރުފުޅަށް ހަސަންތާޖުއްދީން ދިވެހިތާރީޚް ލިޔުއްވަން ފެއްޓެވިއެވެ. (ދިވެހި ތާރީޚް- ޞަފްޙާ- ލ) އޭގެ ކުރީގެ އެކިއެކި ލިޔުންތަކާއި ދޫދޫމަތިން ދެކެވެމުން އަންނަ ވާހަކަތައް ބައްލަވާ ތަޙްޤީޤު ކުރައްވާ ފަހަށް ބޭނުންކުރެއްވޭ އެއްޗަކަށް ވާނޭގޮތަށް އަޅުގަނޑުމެންނާއި ހަމައަށް ދޫކުރައްވާފައިމިވާ މުޢުތަބަރު ތާރީޚަކީ އަގުނުކުރެވޭ ފަދަ ތަރިކައެކެވެ. ހަސަންތާޖުއްދީން އޭނަގެ ތާރީޚުގައި އެންމެ ފަހުން ލިޔުއްވި ޖުމުލައަކީ [ ޖުމާދުލްއައްވަލް މަހު (1136 ހ) އަށްޑުވަހު މިރަސްގެފާނު އަބި (ކަމަނާ) ޢާއިޝާކަބާފާނު ދަރިކަބަލަކާއި ރައްކާވިއެވެ. މި ދަރިކަބަލުންނަށް އާމިނާރަނި ކިލެގެފާނޭ ކިޔައި ނަން ދެއްވިއެވެ. ] މިއެވެ. (ދިވެހި ތާރީޚް- ޞަފްޙާ- ލ)

އަރުވާލެއްވުން[އުނިއިތުރު ގެންނަވާ]

ރަސްކަމުގައި ހުންނެވީ އިސްކަންދަރު ރަސްގެފާނުގެ ދަރިކަލުން އައްސުލްޠާން ކުޑަ މުޙައްމަދު (1098ހ - 1102ހ) ސިރީ މަނިރަން ލޯކަ މަހާރަދުންނެވެ. އޭރު އެރަދުންގެ ޢުމުރުފުޅަކީ 6އަހަރާއި8 މަހެވެ. ރަސްކަމުގެ ކަންތައް ވަރަށް ވަފާތެރިކަމާއެކު، އިސްކަންދަރު ރަސްގެފާނުންގެ ވަޒީރުން ބަލަހައްޓަމުން ގެންދިޔައެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވަނީސް އެތުއްޕުޅު ރަދުންގެ މަންމާގެ ވަރުގަދަ ނުފޫޒު ރަދުންގެ މައްޗަށް ފޯރުވާ، ރަސްކަމުގެ މައްޗަށް ވެރިވެ، ރަސްކަމުގެ އެންމެހާ ކަންކަން ހިންގަވަނީ ކުޑަމުޙައްމަދު ރަސްގެފާނުގެ މަންމާފުޅު ކަނބާ މަރިޔަމްއެވެ. މިއީ ދިވެހިތާރީޚުގައި މަޝްހޫރު އެނދިމަރިޔަމެވެ. އެދުވަސްވަރު ރާއްޖޭގެ ސިޔާސީ އޮއިވަރާއި ގަނޑުވަރު ތެރޭގެ ކަންތައްތައް ހިންގަމުން ދިޔަ ގޮތާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އަމިއްލަ ފުޅަށް ރާއްޖެ ދޫކުރައްވާ މަލަބާރީ ކަރަޔަށް ދުރުވިއެވެ. ދެން އެތަނުން ނަވަކަށް އަރުއްވައިގެން މައްކާއަށް ވަޑައިގެންނެވިއެވެ.( ދިވެހި ތާރީޚް- ޞަފްޙާ:57 ) އެއަށްފަހު ރާއްޖެއަށް ވަޑައިގެންނެވީ 15 ރަބީޢުލް އާޚިރު 1102 ގައެވެ. ރާއްޖެ ވަޑައިގަތުމުން ރަސްގެފާނުގެ މަންމާފުޅު މަރިޔަމް، ތާޖުއްދީން މާލެއަށް ބޭލުމަށް އުޅުއްވިއެވެ. އެކަމަކު ފުޅަދޫ ބޮޑުބަނޑޭރި ކަލޭފާނު މިކަންތައް މަނާކުރެއްވިއެވެ. އަދި ތާޖުއްދީނަށް އަދަބެއް ނުދެއްވިއްޔާ ބަޔަކާއެކުލަވައިގެން އޭނާ ނިކުމެދާނެކަމަށް ބުނުއްވިއެވެ. ދެން ހަސަންތަޖުއްދީން ބޮޑުކޯއްޓޭއާއި ދިމާލު ފަޅުތެރޭގައި ދޯންޏަކަށް ލައިފާ ދެދުވަސް ވަންދެއް އަވީގައި ބޭންދެވިއެވެ. އަދި އެއްވެސް މީހަކަށް ހަސަންތާޖުއްދީނާއި ބައްދަލްވުންވެސް މަނާކުރެއްވި އެވެ. އެއަށް ފަހު ހައްދުންމަތީ ގަމަށް އަރުވާލެވުނެވެ. ( ދިވެހި ތާރީޚް- ޞަފްޙާ:59 - 60 )

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ހަސަންތާޖުއްދީން މި ފަނާވަނިވި ދުނިޔެ ދޫކުރެއްވީ 06 ރަޖަބު 1139ވީ ހުކުރު ދުވަހުގެ ފަތިސްވުމާއިކައިރިވެފައި ވަނިކޮށެވެ. އެއިރު ޢުމުރުފުޅަކީ 67 އަހަރު ފުޅެވެ. ފަނޑިޔާރުކަން ކުރެއްވީ 37 އަހަރުއެވެ. ފަސްދާނުލެވިފައިވަނީ ފުރަމާލޭ ހުރުމިސްކިތުގައެވެ.

ހަނދާން[އުނިއިތުރު ގެންނަވާ]

ހަސަން ތާޖުއްދީނުގެ ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ތާޖުއްދީން ސުކޫލްގެ ނަމުގައި ވަނީ ޕްރައިމަރީ ސުކޫލެއް ބިނާކޮށް ފައެވެ. އެއީ މާލޭގައި 3ވަނަ އަށް ހުޅުވި ޕްރައިމަރީ ސުކޫލް އެވެ. ތާޖުއްދީން ސުކޫލް ހުޅުވައިދެއްވީ 07 ފެބުރުއަރީ 1989 ގައި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލް އުސްތާޛު މައުމޫން ޢަބުދުލް ގައްޔޫމް އެވެ. ތާޖުއްދީން ސުކޫލްގެ ކުރީގެ އިމާރާތް ތަޅާލުމަށްފަހު އަލުން ތާޖުއްދީން ސުކޫލް ޖަޕާން ސަރުކާރުގެ އެހީގައި ބިނާކުރެވި ރަސްމީގޮތުން ހުޅުވުނީ 7 ޖޫން 2004 ގައެވެ. 2010 ވަނަ އަހަރުން ފެށިގެން ތާޖުއްދީނު ސުކޫލުވަނީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރައްވާފައެވެ.