އަލްއިމާމު އަޙްމަދު ބްނު ޙަންބަލް
الْإِمَامُ أَحْمَدُ بْنُ حَنبَل އަކީ އިސްލާމީ އުންމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެ ކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 164ވަނަ އަހަރު ބަޣްދާދުގައެވެ. އެ ކަލޭގެފާނަކީ ސުންނަތް ޖަމާޢަތުގެ ފިޤްހީ މަޛްހަބުތަކުގެ ތެރެއިން ޙަންބަލީ މަޛްހަބުގެ އިމާމެވެ. އެ ކަލޭގެފާނުގެ ތުއްޕުޅުއިރު ބައްޕާފުޅު އަވަހާރަވިއެވެ. މިހެންކަމުން އެ ކަލޭގެފާނު ބޮޑުފުޅުވީ ޔަތީމު ޙާލުކޮޅުގައެވެ.
الْإِمَامُ أَحْمَدُ ގެ ޢުމުރުފުޅުން ވަރަށް ކުރީކޮޅު ޤުރްއާން ހިތްޕުޅުން ދަސްފުޅުކުރެއްވިއެވެ. އަދި ޢުމުރުފުޅުން ފަނަރަ އަހަރުފުޅުގައި ޢިލްމު ޙާޞިލުކުރެއްވުމަށް ފެއްޓެވިއެވެ. އެ ކަލޭގެފާނު ވަރަށް ގިނަ ބޭފުޅުންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ. އޭގެތެރޭގައި ޤާޟީ الْإِمَامُ أَبُو يُوسُف އާއި، الْإِمَامُ الشَّافِعِي އާއި، سُفْيَانُ بْنُ عُيَيْنَة އާއި، يَحْيَي بْنُ سَعِيدٍ الْقَطَّان އާއި، يَزِيدُ بْنُ هَارُون އާއި، يَحْيَي بْنُ مَعِين ހިމެނިވަޑައިގަންނަވައެވެ.
الْإِمَامُ أَحْمَدُ ގެ ދަރިވަރުންގެ ތެރޭގައި ދީނުގެ ބޮޑެތި ޢިލްމުވެރީން ހިމެނެއެވެ. އެގޮތުން الْإِمَامُ الْبُخَارِي އާއި، الْإِمَامُ مُسْلِم އާއި، الْإِمَامُ أَبُو دَاوُد ފަދަ ބޭކަލުން ފާހަގަކޮށްލެވެއެވެ.
الْإِمَامُ أَحْمَدُ بْنُ حَنبَل ލިޔުއްވި ފޮތްތަކުގެ ތެރޭގައި الْمُسْنَد ހިމެނެއެވެ. މި ފޮތް މަޝްހޫރުވެފައި ވަނީ مُسْنَدُ الْإِمَام أَحْمَد بْنُ حَنبَل ގެ ނަމުންނެވެ. މި ފޮތުގައި ތަކުރާރުވުމެއްނެތި ތިރީސް ހާސް ޙަދީޘްވެއެވެ. ތަކުރާރުވެގެން ސާޅީސް ހާސް ޙަދީޘްވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

الْإِمَامُ أَحْمَدُ بْنُ حَنبَل އަވަހާރަވީ ހިޖުރައިން 241ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ހުކުރު ދުވަހެއްގައެވެ. އޭރު އެ ކަލޭގެފާނުގެ ޢުމުރުފުޅަކީ ހަތްދިހަ އަހަރުފުޅެވެ.