އަފްރާޝީމް ޢަލީ
އަފްރާޝީމް ޢަލީ | |
|---|---|
| ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު | |
މަޤާމުގައި 2009–2012 | |
| ފަހުން ވަޑައިގަތީ | |
| ދާއިރާ | އުނގޫފާރު (ރ. އަތޮޅު) |
| އުފަންވީ | 24 އެޕްރީލް 1966 އުނގޫފާރު (ރ. އަތޮޅު)، ދިވެހިރާއްޖެ |
| އަވަހާރަވީ | 2 އޮކްޓޫބަރު 2012 (46 އަހަރުގައި) މާލެ، ދިވެހިރާއްޖެ |
| ފަސްދާނުލެވިފައިވަނީ | އާ ސަހަރާ، މާލެ، ދިވެހިރާއްޖެ |
| ސިޔާސީ ޕާޓީ | ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް |
| އެހެނިހެން ސިޔާސީ ގުޅުންތައް | ދިވެހި ރައްޔިތުންގެ ޕާޓީ (2007 - 2011) |
| މަތީތަޢުލީމު | މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ (ޝަހާދާ ޘާނަވިއްޔާ)، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާ (ބެޗްލަރސް، މާސްޓަރސް، ޕީއެޗްޑީ) |
ޑރ އަފްރާޝީމް ޢަލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1966ވަނަ އަހަރުގެ އެޕްރީލް މަހުގެ 24ވަނަ ދުވަހު ރ. އުނގޫފާރުގައެވެ.
ޑރ. އަފްރާޝީމް ޢަލީ 1983ވަނަ އަހަރު މާލެ ވަޑައިގެން ޙާލަތު ހުރި ގޮތުން ފުރަތަމަ ވެސް ވަޑައިގަތީ ފުލުސް ކޯޓުގެ ކާތިބެއްގެ ވަޒީފާއަށެވެ. އަފްރާޝީމް ޢަލީ އޭރު ވެސް ދީނީ ތަޢުލީމަށް ލޯބިކުރައްވާތީ މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ އައްވަލު އިޢުދާދިއްޔާއިން 1986 ފެބުރުވަރީ 1 ގައި ޖާގަ ހޯއްދެވިއެވެ. ކާމިޔާބުކަމާއެކު އެ މަޢުހަދުން އަފްރާޝީމް ޢަލީ (މަޢުހަދުގެ އިންޑެކްސް: 258) ޝަހާދާ ޘާނަވިއްޔާ ޙާޞިލުކުރެއްވީ 1992ވަނަ އަހަރުއެވެ.
ޑރ. އަފްރާޝީމް، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ފިޤްހު އަދި އުޞޫލުލްފިޤްހުގެ ރޮނގުން ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވީ 2000ވަނަ އަހަރުއެވެ. އަދި 2003ވަނަ އަހަރު މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވިއެވެ. ފިޤްހު، އަދި އުޞޫލުލްފިޤްހުގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ޙާޞިލުކުރެއްވީ ވެސް މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އެއީ 2007ވަނަ އަހަރުއެވެ. މެލޭޝިޔާގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރު، އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާގެ މިސްކިތުގެ އިމާމުކަން ވެސް ކުރެއްވިއެވެ. އަދި ހުކުރު ޚުޠުބާ ހައްދަވައި އެ މިސްކިތުގައި އިމާމުވެވަޑައިގެން ހުކުރު ނަމާދު ކުރެއްވިއެވެ. މެލޭޝިޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސްކަން ވެސް ކުރެއްވިއެވެ.
ޕީއެޗްޑީ ޙާޞިލުކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ޑރ. އަފްރާޝީމް ފުރަތަމަ އަދާކުރެއްވީ، އިސްލާމީ މަރުކަޒުގެ އިސް އިމާމުކަމުގެ ވަޒީފާއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމު ފުރުއްވިއެވެ. މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދު ވެސް އިމާމުވެވަޑައިގެން ކުރެއްވިއެވެ. މީގެއިތުރުން، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ޤުރްއާން މުދައްރިސްކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ އެޑްވައިޒަރުކަމުގެ މަޤާމު ވެސް ފުރުއްވިއެވެ. 2009ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އުނގޫފާރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތެވެ.
ޑރ. އަފްރާޝީމް ޢަލީގެ ސިޔާސީ ޚިދުމަތަށް ބަލާއިރު، 2009ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އުނގޫފާރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމާއި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދީނީ، އިޖުތިމާޢީ ގޮފީގެ ރައީސްކަމާއި، ފަހުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލް މެންބަރުކަން ވެސް ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާމްތަކުންނާއި، އަދި ރާއްޖޭގައި ޚަބަރުފަތުރާ އެހެން ސްޓޭޝަންތަކުން ޑރ. އަފްރާޝީމްގެ އަޑު ނީވޭ ދުވަހެއް އޭރު މަދެވެ. ވީ ޓީވީގެ ދީނީ އަދި އިޖުތިމާޢީ ޕްރޮގްރާމުތަކުގައި މެދުނުކެނޑި ތިން އަހަރެއްހާ ދުވަހު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޕްރޮގްރާމުތަކުގެ ތެރޭގައި [ސީދާ ރާސްތާ]، [އިޖުތިމާޢީ ދަރުބާރު]، [ރަންހާރު] އަދި [ކުޑަކުދިންގެ ބަގީޗާ] ހިމެނެއެވެ. އެ މަނިކުފާނު އެންމެފަހުން ބައިވެރިވެވަޑައިގެންނެވި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ޓެލެވިޜަން މޯލްޑިވްސް ގުޅިގެން ގެނެސްދެއްވި [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމެވެ. އެ މަނިކުފާނަކީ ދީނީ ރޮނގުން މީހުން ހޭލުންތެރިކުރެއްވުމަށް ގިނަގުނަ ލިޔުންތައް ލިޔުއްވި ޢިލްމުވެރިއެކެވެ.
ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތްކުރައްވަމުން ގެންދެވި އިރު ވެސް ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުންނަށް އުޞޫލުލްފިޤްހު އަދި ޤަވާޢިދުލްފިޤްހު ކިޔަވައިދެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުންތައް ނިމުމުން ލިބިވަޑައިގެންނެވި ހުސް ވަގުތުތަކުގައި ވިލާ ކޮލެޖުގައި މާސްޓަރ އޮފް ޝަރީޢާ ކޯހުގެ ދަރިވަރުންނަށް ވެސް ކިޔަވައިދެއްވިއެވެ.
ޑރ. އަފްރާޝީމް ޢަލީ، އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސް ވެސް ހޭދަކުރެއްވީ ވަރަށް އަވަދިނެތިއެވެ. އެ ދުވަހު ހެނދުނު ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއަށް ކިޔަވައިދެއްވުމަށް ވަޑައިގެންނެވިއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މެންދުރުފަހު ވީ ޓީވީއަށް ވަޑައިގެން ދީނީ ޕްރޮގްރާމެއް ރެކޯޑުކޮށްދެއްވިއެވެ. އެ ރޭގެ އިރާކޮޅު ކިޔަވައިދެއްވުމަށް ވިލާ ކޮލެޖަށް ވަޑައިގެންނެވިއެވެ. އަދި އޭގެފަހުން އެރޭ ޓެލެވިޜަން މޯލްޑިވްސްއިން 22:00 އިން 23:00 އަށް ލައިވްކޮށް ކުރިއަށް ގެންދިޔަ [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމުގައި [ސާފު ޢަޤީދާއެއްގެ ބޭނުންތެރިކަން] މި މައުޟޫޢަށް ވަރަށް ފުރިހަމައަށް އިންޞާފުކޮށްދެއްވިއެވެ.
ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލެވުނީ، މި ދެންނެވި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ގެޔަށް ވަޑައިގެންނެވި ވަގުތު ބަޔަކު ދިން ރަޙްމު ކުޑަ ޙަމަލާއެއްގައެވެ. އަވަހާރަވީ 2012ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. ޑރ. އަފްރާޝީމްގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފައިވަނީ އެ ދުވަހުގެ ޢަޞްރު ނަމާދަށް ފަހު އާ ސަހަރާގައެވެ. ޑރ. އަފްރާޝީމް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ޤައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރިއެވެ.
