Jump to content

އިބްރާހީމް އަޙްމަދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ އައްޝައިޚް އިބްރާހީމް އަޙްމަދު އިން)

އައްޝައިޚް އިބްރާހީމް އަޙްމަދަކީ ފ.ނިލަންދުއަށް އުފަން ޢިލްމީ ބޭފުޅެކެވެ. އޭނާވަނީ ސަރުކާރުގެ ތަފާތު މަޤާމުތައް ފުރުއްވައިފައެވެ. އަދި އުވިގެންދިޔަ ޚާއްޞަ މަޖިލީހުގެ ފ. އަތޮޅުގެ މެންބަރުކަން ވެސް އިބްރާހީމް އަޙްމަދު ކުރައްވައިފައިވެއެވެ. އިބްރާހީމް އަޙްމަދު ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ ތާރީޚުގެ ދާއިރާއިން އެކުވެރި ޢަރަބި އިމާރާތުގެ ޔުނައިޓަޑް އަރަބް އެމިރޭޓްސް ޔުނިވަރސިޓީގައި 1997ވަނަ އަހަރުއެވެ. މާސްޓާރސް ޑިގުރީ ޙާޞިލުކުރެއްވީ ފިޤްހާއި އުޞޫލުލްފިޤްހުން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި 2013ވަނަ އަހަރުއެވެ. މީގެއިތުރުން 2008ވަނަ އަހަރު އިމާމުން ތަމްރީނުކުރުމުގެ ކޯހަކާއި، 2016ވަނަ އަހަރު ފަތުވާ ދިނުމުގެ މަސައްކަތާ ބެހޭ ޓްރެއިނިންގ ކޯހެއް އަޒްހަރުގައި ފުރިހަމަކުރައްވައިފައިވެއެވެ.

އައްޝައިޚް އިބްރާހީމް އަޙްމަދު ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި، [سيرة الرّســول صـلّى الله علـيـه وسـلّم] އާއި، [ރަށްވެހިކަމާއި ގޮންޖެހުން] މި ފޮތާއި، [މައްކާގެ މުޤައްދަސް ތަންތަން] މި ފޮތާއި، ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދޭ [ރަސޫލާއާއި ޚަލީފާއިންގެ ސީރަތު] މި ފޮތާއި، [އިސްލާމިކް ހިސްޓްރީ 1] މި ފޮތާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކިޔަވައިދިނުމުގައި ބޭނުންކުރަމުންގެންދާ [ޞަލީބީ ހަނގުރާމަ] މި ފޮތާއި، ވިލާ ކޮލެޖުގައި ކިޔަވައިދިނުމުގައި ބޭނުންކުރަމުންދާ [އިސްލާމީ ޝަރީޢާގެ ތާރީޚާއި މަސްދަރުތައް] މި ފޮތް ހިމެނެއެވެ. މީގެއިތުރުން، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގެ އަލީގައި، ފުރާވަރު ކުދިންނަށް އަމާޒުކޮށްގެން [ޢިބުރަތުގެ ސިލޭހަ] ގެ ނަމުގައި އިސްލާމީ ތާރީޚީ ތެދު ވާހަކަތަކެއް ކުރުކޮށް ލިޔުއްވައިފައިވެއެވެ.

އައްޝައިޚް އިބްރާހީމް އަޙްމަދަކީ، ހުކުރުނަމާދާއި ޢީދު ނަމާދު އިމާމުވެ ކުރައްވާ ބޭފުޅެކެވެ. އަދި ނުބައްލަވައި ޚުޠުބާ ވިދާޅުވުމުގެ ހުއްދަ ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އައްޝައިޚް އިބްރާހީމް އަޙްމަދު ދީނީ ހޭލުންތެރިކަން ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކުރައްވައި އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ ޤައުމީ އިނާމު 2016ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

އަދާކުރެއްވި ވަޒީފާތައް

[އުނިއިތުރު ގެންނަވާ]
  • ދިވެހި މުދައްރިސް: މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ
  • ޤުރްއާން މުދައްރިސް: މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ
  • އެސިސްޓެންޓް ލެކްޗަރަރ: ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
  • އެގްޒަމިނޭޝަން އޮފިސަރ: ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް
  • ޢާންމު މެންބަރު: ޖުޑީޝަލް ސަރވިސް ކޮމިޝަން
  • މިނިސްޓަރުގެ ނާއިބު: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
  • މެންބަރު: ފިޤްހު އެކަޑަމީ
  • ނާއިބު ރައީސްކަމާއި މެންބަރުކަން: އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް