Jump to content

އައިސާބީގެ ދަރު ދޮންބެއްޔާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ އައިސާބީގެދަރު ދޮންބެއްޔާ އިން)

އަލްޢައްލާމާ އައްޝައިޚު އަލްޙާފިޡު އިބްރާހިމް ޙުސައިން ނުވަތަ އައްޝައިޚު އަލްޙާފިޡު އިބްރާހިމް ތަކުރުފާނު ނުވަތަ އައްޑު އަތޮޅު މީދޫ އައިސާބީގެ ދަރު ދޮންބެއްޔާއަކީ އައްޑު އަތޮޅު މީދޫ ގަނޑުވަރު އަލްޚަޠީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުންނެވެ. މައިކަނބަލަކީ މީދޫ ދޮންދިޔެގެ ޙައްވާފާނެވެ. ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަންކުރެއްވި އަލްޤާޟީ މޫސާ ބަދުރުއްދީނަކީ ދޮންބެއްޔާއާއި އެއްބަނޑު އެއްބަފާ ބޭބެއެވެ. ދޮންބެއްޔާ ދުނިޔޭގެ އަލިކަންދެކެ ވަޑައިގަތީ ހިޖުރައިން 1249ވަނަ އަހަރުގެ ތެރޭގައެވެ. އެއީ މީލާދީން 1833ވަނަ އަހަރުގައެވެ.

ދޮންބެއްޔާއަކީ ކީރިތި ޤުރްއާން ހިތުދަސް ބޭފުޅެކެވެ. ފިޤްހާއި ނަޙޫ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއްމެއެވެ. ރާއްޖެއަށް ނަން ހިނގާފައިވާ މޮޅު ޢިލްމުވެރިއެކެވެ. ތިލޭރުކަމާއި ކަނބުރުވެރިކަން ކުރެއްވުމުގައި ކުޅަދާނަ މަސައްކަތްތެރިއެކެވެ. ފޭރާންކުރެއްވުމަށް އަރައި ހުންނެވި މޮޅު ފޭރާންވެރިއެކެވެ. ކިއްސަރު ވަޑާމާއި ތެދުއުއި ވަޑާމަށް މަޝްހޫރު މާވަޑިއެއްމެއެވެ. އަދި ދޮންބެއްޔާއަކީ މޮޅު މާކެއުޅެއް ވެސްމެއެވެ. ދޮންބެއްޔާގެ ދިރިއުޅުއްވުމުގެ ފަލްސަފާ ބިނާކުރައްވައިފައި ވަނީ މަސައްކަތްކުރެއްވުމުގެ މައްޗަށެވެ. މަސައްކަތްކުރެއްވުމަކީ ވަރަށް ބޮޑަށް ލޯބިކުރެއްވި ކަމެކެވެ. މިއީ މުސްލިމުންގެ އުޞޫލުކަމަށް ދެކެވަޑައިގަތެވެ. އަދި ދަރިވަރުންނަށް މި އުޞޫލު އުނގަންނަވައި ދެއްވުމުގެ އިތުރަށް ހިތްވަރު ދެއްވުމާއެކު މަގު ދެއްކެވިމެއެވެ.

އަލްޢައްލާމާ އައްޝައިޚު އަލްޙާފިޡު އިބްރާހިމް ތަކުރުފާނު ނުވަތަ ދޮންބެއްޔާއަކީ ފިޤްހު ޢިލްމުވެރިއެއް ކަމުގައިވުމުގެ އިތުރަށް ވަރަށް ކުޅަދާނަ ބޭސްވެރިއެކެވެ. ޔޫނާނީ ބޭސް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އިބްނު ސީނާ ގެ ޤާނޫނާއި އިބްނުއްނަފީސްގެ ތަޝްރީޙުލް ޤާނޫނާއި އިބްނު ސީނާގެ ޤާނޫނުުގެ މައްޗަށް އަޤްސަރާއި ލިޔުއްވި ޝަރަޙަ އާއި އިބުނުލް ބައިޠާރުގެ މުފްރަދާތު އާއި އަބޫބަކުރުއް ރާޒީގެ އަލްޙާވީ އާއި ޖަލާލުއްދީނުއް ސުޔޫޠީގެ ކިތާބުއްރަޙްމަތި އާއި ދާވޫދުލް އިންޠާކީގެ ތަޛްކިރަތުލް އިންޠާކިއްޔާ ފަދަ ބޭސް ވެރިކަމުގެ މައިދާނުގައި ދުނިޔެއަށް މަޝްހޫރުވި ކިތަންމެ ފޮތްތަކަކީ ދޮންބެއްޔާ މުޠާލަޢާ ކުރައްވަމުން ގެންދެވި ފޮތްތަކެއްކަން އެނގޭތީއެވެ. މި ދެންނެވި ފޮތްތަކުން ފައިދާ ހޯއްދަވައިގެން އެކިއެކި ބަލިބައްޔަށް ބޭސްކުރައްވި މޮޅު ޙަކީމެއްގެ ގޮތުގައި ދޮންބެއްޔާ ފާހަގަކޮށްލެވެއެވެ.

ދޮންބެއްޔާ މުޠާލަޢާ ކުރެއްވުމުގައި ބޭނުންކުރެއްވިި ބޭސްވެރިކަމުގެ ގިނަގުނަ ފޮތްތައް އަޞްލަކަށް ބައްލަވައިގެން އޭނާގެ ޢިލްމުވެރި ދަރިކަލުން އައްޝައިޚް އަޙްމަދު ދީދީ ލިޔުއްވި “ޠިއްބުލް ފުޤަރާއި ފީޙިކްމަތިލް އުމަރާއި” އެވެ. ކިޔުނު ބޭސްފޮތަކީ މިހާތަނަށް ދިވެހި ބަހުން ލިޔެވުނު އެންމ،ެ މޮޅު ބޭސްފޮތް ކަމާމެދަކު ޝައްކެއްނެތެވެ. މިއީ ވިހިވަނަ ސައްތައިގެ ތެރޭގައި ރާއްޖޭގެ ފޮތްތަކާއި ބޭސްވެރިކަމުގެ ދުނިޔެއަށް އައްޝައިޚް އަޙްމަދު ދީދީ ދޫކުރެއްވި ވަރަށް އަގުހުރި ތަރިކައެކެވެ.

އަލްޢައްލާމާ އިބްރާހިމް ތަކުރުފާނަށް މީދޫ އައިސާބީގެދަރު ދޮންބެއްޔާއޭ ކިޔުމުގެ އިތުރަށް އައިސާބީގެ ދަރު ކުދުއަބޫ އޭ ވެސް ކިޔައެވެ. ދޮންބެއްޔާގެ ޢާއިލާއަށް ބަލާއިރު ދެފަރާތުންމެ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނާ ގުޅިފައިވާކަން އެނގެއެވެ. އެހެނީ އައްޝައިޚް އިބްރާހިމް ތަކުރުފާނުންގެ ބައްޕަ އައްޑުއަތޮޅު މީދޫ ގަނޑުވަރު އަލްޚަޠީބު ޙުސައިން ތަކުރުފާނަކީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރުތަކުރުފާނުގެ އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ އަލްވަޒީރު އަލްކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ އައްނާއިބު ޙަސަން ތަކުރުފާނުގެ ޙައްވާފާނުންގެ ޙުސައިން ތަކުރުފާނުގެ އާމިނެއިފާނުގެ އަލްޚަޠީބު ޢަލީ ތަކުރުފާނުގެ ދަރިކަލުންނެވެ. އެހެންމެ ދޮންބެއްޔާގެ މަންމަ މީދޫ ދޮންދިޔަގެ ޙައްވާފާނަކީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އައްނާއިބު އަޙްމަދު ޝިހާބުއްދީންގެ ކުދުރަނިޔެގެ އިބްރާހިމް ތަކުރުފާނުގެ އާމިނާފާނުގެ ޙުސައިން ތަކުރުފާނުގެ ދަރިކަނބަލުންނެވެ.

ދިވެހި ރާއްޖޭގައި މިހާރު ހިނގަމުންމިދާ ޢިލްމީ ޚިދުމަތުގެ ސިލްސިލާއަށް ބާލާއިރު ވަރަށްކައިރިން ދޮންބެއްޔާއާ އެޚިދުމަތް ގުޅިފައިވެއެވެ. އެއީ މިހާރު މިހިނގާ ޢިލްމުވެރިކަން ފެށިގެން އަންނަނީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނާ ހަމައިން ކަމަށްވެފައި ޙުޞައިން ޞަލާޙުއްދީނުގެ އެންމެ އިސް އުސްތާޛަކީ އައްޝައިޚު އަލްޙާފިޡު އަލްމަރުޙޫމް އިބްރާހިމް ދޮންބެއްޔާ ކަމަށްވާތީއެވެ. ކޮންމެއަކަސް ފަޟީލަތުއްޝައިޚު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނުގެ ޢިލްމީ ޚިދުމަތް ދިގުދެމިގެންދާ ގޮތެއްގައި ފެށިފައިވަނީ ދޮންބެއްޔާ އަވަހާރަވުމަށްފަހު އެންމެ 11 އަހަރު ވެސް ނުފުރެނީހެވެ. އެހެންކަމުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ މި އިސްނެންގެވުމުގައި ދޮންބެއްޔާގެ އަސަރު ހުންނާނެ މިންވަރު ވަޒަންކޮށްލެއްވުމަށް ދޫކޮށްލާނީ ކިޔުންތެރީންގެ އަރިހަށެވެ.

އައްޝައިޚު އިބްރާހިމް ތަކުރުފާނު ނުވަތަ އައިސާބީގެ ދަރު ދޮންބެއްޔާ ޢިލްމު އުނގެނި ވަޑައިގަތީ އަލްޤާޟީ އިބްރާހިމް މަޖުދުއްދީނާއި ދޮންބެއްޔާގެ ބޭބެ އަލްޤާޟީ އައްޝައިޚު މޫސާ ބަދުރުއްދީނުގެ އަރިހުންނެވެ. އެހެންމެ ދޮންބެއްޔާގެ ބޮޑުބޭބެ އަލްޚަޠީބު އަލްފަޤީހު މޫސާ، މީދޫ އެދުރު ތައްކާނު އަރިހުންވެސް ދޮންބެއްޔާ ޢިލްމު ޙާޞިލު ކުރެއްވިއެވެ. މީގެ އިތުރަށް ދޮންބެއްޔާގެ ބައްޕަ އަލްޚަޠީބު ޙުސައިން ތަކުރުފާނުންގެ އަރިހުން ވެސް ދޮންބެއްޔާ ކިޔަވައި ވިދާޅުވިއެވެ. ދޮންބެއްޔާ ޢިލްމު ހޯއްދެވުމަށް ކުރެއްވި މަސައްކަތްފުޅާ ގުޅޭ މާގިނަ އިތުރު މަޢުލޫމާތު ތަކެއް ލިބިފައި ނުވިނަމަވެސް އިސްވެ ދެންނެވުނު ބޭބޭފުޅުންގެ އަރިހުން ޢިލްމު އުނގެނި ވަޑައިގަތުމުން، އެބޭފުޅުންގެ ޢިލްމުވެރިކަމަށް ބަލާފައި ދޮންބެއްޔާގެ ޢިލްމުވެރިކަން ވަޒަންކުރެވެއެވެ. ދޮންބެއްޔާ އަކީ އޭރު ރާއްޖޭގައި ތިއްބެވިދީނީ ޢިލްމުވެރީންގެ ތެރެއިން އެންމެ އަރާހުންނެވި ޢިލްމުވެރިޔާއެވެ. އޭނާގެ ޢިލްމުވެރިކަމާއި ދީންވެރިކަން ފާހަގަ ކުރައްވައި އެތަކެއްފަހަރު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން އޭނާ އަށް ދެއްވުމަށް ދައުލަތުން ހުށަހެޅުއްވިކަން އެންގެއެވެ. އެކަމަކު މިއިން ކޮންމެ ފަހަރަކު ވެސް ދޮންބެއްޔާ ޚިޔާރުކުރައްވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށްވުރެ އަމިއްލަ ރަށުގައި ހުންނަވައިގެން ދީނީ ޢިލްމު އުނގަންނައި ދެއްވުމައިގެން ކުރިއަށް ވަޑައިގަތުން މާރަނގަޅުކަމުގައެވެ. އެހެންކަމުން އޭނާ އެމަޤާމު ނު ހޯއްދަވައެވެ.

ދޮންބެއްޔާއަކީ ޢިލްމުވެރި ޢިއްޒައްތެރި ޢާއިލާއަކަށް ނިސްބަތްވާ ރަށުގެ ކުރިއަށް ހުންނެވި ބޭފުޅެކެވެ. އެހެންމެ އޭނާއަށް ދިވެހި ދައުލަތުން ވަރަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމުގެ ގޮތުން އަތޮޅުގެ ވާރު، އޭރު އަތޮޅުގައި އޮތް އެންމެ ބޮޑު ގޮވާން ބިން ކަމުގައިވި އައްޑުއަތޮޅު ގަން ދޮންބެއްޔާ އަށް ދެއްވާފައި އޮތެވެ. އެކަމަކު ދޮންބެއްޔާ ޢިޚްތިޔާރުކުރެއްވީ ތަވާޟުޢު ވެރިކަމާއި، އަޅުވެރިކަމާއި ޒާހިދުކަމާއެކު މައިތިރި ސާދާ ޙަޔާތެއްގައި ދިރިއުޅުއްވުން ކުރިއަށް ގެންދެވުމަށެވެ. ދުނިޔޭގެ އެދުންތައް ވަރަށް ކުޑަ ދިރިއުޅުއްވުމުގައި އުޅުއްވީ ވަރަށް އާދައިގެ ގެއެއްގައެވެ. ފުރާޅުގައި ތޮށަލިލާފައިވާ ގެއެކެވެ. ގިނައިން ފަރީކުޅުއްވީ ފަލަމަޑީގެ ބާވަތްތަކެވެ. ފަރިއްކުޅުއްވުމަށްފަހު އަތްޕުޅު ދޮންނަވަނީ ވަޅުދޮށުން އަމިއްލަފުޅަށް ދާނިން ފެން ނަންގަވައިގެންނެވެ. މީހަކު ކުރައާއި ލޯގަނޑު ހިފައިގެން އައިސް އަތްދޮއްވުމަކީ އެއްގޮތަކަށް ރުހިވަޑައިގަންނަވާ ކަމެއްނޫނެވެ. އަނދެ ވަޑައިގަތީ ހުދު ފޮށައެވެ. އަނެއް ފޮށާ ގައިކޮޅުގައި ނުވަތަ އިސްތަށިފުޅުގައެވެ. ހުކުރަށް ވަޑައިގަންނަވާއިރު ނުވަތަ ހުޅުދުއަށް ވަޑައިގަންނަވާއިރު ބުގިސް ފަށުއި މުންޑުކޮޅެއް އަނދެވަޑައިގަތެވެ. އިސްތަށިފުޅުގައި ރުމާ ކޮޅު ތުރުކުރައްވައެވެ. އަދި ވަރަށްމަދުން ލިބާސްކޮޅު ވެސް ލެއްވިމެއެވެ. ފަރުޟު ކަންތަކަށް ވަރަށް ސަމާލުކަން ދެއްވިއެވެ.

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 4 ވަނަ ނުވަތަ މުސްކުޅި ބަނޑާރައިން ފަސްދާނަށް ވަޑައިގަތުމަށްފަހު، ރަދުންގެ ފަތްކޮޅަކަށް ނޫނީ، ދޮންބެއްޔާ މާލެ އަށް ވަޑައިނުގަންނަވާކަން މިތާގައި ފާހަގަ ކޮއްލުން ބޭނުމެވެ. އައްޝައިޚު އިބްރާހިމް ތަކުރުފާނު ނުވަތަ ދޮންބެއްޔާ އަކީ ވަރަށް ގިނަ ބަޔަކަށް ކިޔަވައި ދެއްވި އުސްތާޛެކެވެ. މޮޅު މުދައްރިސެކެވެ. އޭނާގެ އަރިހުން ކިޔަވައިގެން މޮޅުވީ ހަމައެކަނި އައްޑު އަތޮޅުގެ ދަރީންނެއް ނޫނެވެ. އޭނާގެ ޢިލްމީ ޚިދުމަތް ހުވަދޫ ކަނޑުފަދަ ބިޔަ ކަނޑުތައް ހުރަސްކޮށް މާލެއާއި ހަމައަށް ފޯރާފައި ވެއެވެ. އޭނާގެ ގިނަ ދަރިވަރުންގެ ތެރެއިން އެންމެ މަޝްހޫރު ޢިލްމުވެރިންނަކީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނާއި ދޮންބެއްޔާގެ ދަރިކަލުން އައްޝައިޚް އަޙްމަދު ދީދީ، މީދޫ އެދުރުގޭ އައްޝައިޚް އަޙްމަދު ދީދީއާއި، ފަޟީލަތުއްޝައިޚް އަލްޙާއްޖު ޢަބްދުއްރަޙްމާން އަލްއަޒްހަރީއާއި ފަޟީލަތުއްޝައިޚް އިބްރާހީމް ލުޠުފީއާއި ދޮންމަނިކުގެ އައްޝައިޚު ޢަލިދީދީ އެވެ. އަދި މާންދޫގޭ އަލްއަމީރު ދޮށީ މަނިއްޕުޅަށް ޢަރަބި ބަސް އުގަންނަވައި ދެއްވީ ވެސް ދޮންބެއްޔާ އެވެ. އައްޝައިޚު އިބްރާހިމް ތަކުރުފާނު އެންމެފުރަތަމަ ކާވެނި ބައްލަވައިގަތީ އޭނާގެ ބޮޑުބޭބެ ގަނޑުވަރު އަލް ޚަޠީބު މުޙައްމަދު ތަކުރުފާނުގެ ދަރިކަނބަލުން ގަނޑުވަރު ރަނާއާއެވެ. މި ރަނާގެ ބަނޑު ފުޅުން ދޮންބެއްޔާ އަށް ފިރިހެންބޭފުޅަކާއި ދެ އަންހެން ބޭފުޅުން ލިބި ވަޑަގަތެވެ. ގަނޑުވަރު ރަނާ އަވަހާރަވުމުން ދޮންބެއްޔާ ދެން ކައިވެނި ބައްލަވައިގަތީ ގަނޑުވަރު އަޙުމަދު ދީދީ އާއި ކަޅިހާރު އައިސާ މަނިކެފާނުގެ ދަރިލަނބަލުން ދޮންދީދީ އާއެވެ. ދޮންބެއްޔާ އަށް ދޮންދީދީ ރައްކާވީ އަށްބޭފުޅުންނެވެ. އެއީ އަޙުމަދު ދީދީ އާއި އާމިނާ ދީދީ، ޙައްވާ ދީދީ އާއި ޢަލި ދީދީ، މަރިޔަމް ދީދީ އާއި މުޙައްމަދު ދީދީ އާއި ޙަސަން ދީދީ އާއި ޛުލޭޚާ ދީދީ އެވެ. މީގެ ތެރެއިން އަޙްމަދު ދީދީ އާއި އާމިނާ ދީދީ އާއި ޢަލި ދީދީ އަކީ ޢިލްމުވެރިކަމަށް މަޝްހޫރު ތިންބޭފުޅުންނެވެ. އަދި އުނގަންނަވައި ދެއްވުމާއި ތަޢުލީމުގެ މައިދާނުގައި ޚިދުމަތް ކުރެއްވި ތިންބޭފުޅުން ވެސްމެއެވެ.

ގިނަ ދުވަސްތަކެއްގައި މުޅިންމެ ހިލޭދަރުމައަށް ދިވެހިންގެ ގިނަބަޔަކަށް އުނގަންނައި ދެއްވުމުގެ ޚިދުމަތުގައި އުޅުއްވުމަށްފަހު، ޢުމުރުފުޅުން 85 އަހަރުވީފަހުން ދޮންބެއްޔާ އަވަހާރަވީ ހިޖުރައިން 1334 ވަނަ އަހަރުގެ ޝައްވާލުމަހުގެ 29 ވީ އަންގާރަ ވިލޭރޭގައެވެ. އެއީ 1916 އޯގަސްޓް 28 ވި ހޯމަ ދުވަހުގެ ރެއެވެ. ފަސްދާނުލައިފައި ވަނީ މީދޫ ކޯގަންނު ޤަބުރުސްތާނުގައި ބޮޑުފަނޑިޔާރު ތަކުރުފާނު މިސްކިތުގެ އުތުރު ފަރާތުގައި ހުރި ބިސްތާނުގައެވެ.

https://meedhoo.com/?p=268