ކާނަލް ރިޓަޔަރޑް އާދަމް އިބްރާހީމް މަނިކު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކާނަލް އާދަމް އިބްރާހީމް މަނިކު (ބިލާލު އާދަމްމަނިކު) ގެ ސިފައިންގެ ސާރވިސް ނަންބަރަކީ 198 އެވެ.


ކާނަލް އާދަމް އިބްރާހިމް މަނިކަކީ 1968 ވަނައަހަރު މެއިމަހުގެ 12 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވި ދުވަހާ ހަމައަށް ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާ އިޚްލާޞްތެރިކަމާއެކު، 41 އަހަރާ 2 މަހާ 19 ދުވަސް ހޭދަކުރައްވާފައިވެއެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 2009 އޯގަސްޓް 3 ވަނަދުވަހުއެވެ. މި ދިގު މުއްދަތުގެ ތެރޭގައި ކާނަލް އާދަމް އިބްރާހިމް މަނިކު ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 7 ކުލައާއި 8 މެޑަލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލް ތަކުގެ ތެރޭގައި އަޚްލާޤީމެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، މަތިވެރި ޚިދުމަތުގެ މެޑަލް، ސައްތައިގެ މެޑަލް، އަދި 3 ނޮވެމްބަރުގެ މެޑަލް ހިމެނެއެވެ. ލިބިވަޑައިގެންފައިވާ ކުލަ ތަކުގެތެރޭގައި ހުނަރުވެރިކަމުގެ ކުލަ އަދި ޚާއްޞަ ޚިދުމަތުގެ ކުލަ ފާހަގަކޮށްލެވެއެވެ.


ކާނަލް އާދަމް އިބްރާހީމް މަނިކުގެ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި ހުޅުލޭ އެއަރޕޯޓްގެ ފަޔަރ ސަރވިސްގައި ޚިދުމަތްކުރެއްވުމާއި މިނިސްޓަރ އޮފް ޕަބްލިކްސޭފްޓީގެ ކާރުކޮޅުގެ ޑްރައިވަރުކަމާއި ޓާސްކްފޯސް ޑިއުޓީ އެން.ސީ.އޯއިންޗާޖުކަމާއި އޯވަރރޯލް އިންޗާޖުކަމާއި ޑިއުޓީސެކްޝަންގެ އޮފިސަރ އިންޗާޖުގެއެހީތެރިޔާކަމާއި، އެތާންގެ އޮފިސަރ އިންޗާރޖުކަން ހިމެނެއެވެ. އަދި އާމަރީގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާކަމާއި ކޮމާންޑިން އޮފިސަރ ކަންވެސް އޭނާވަނީ ކުރައްވާފައެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން އެންޑް މެއިންޓަނަންސް ސާވިސްގެ ކޮމާންޑިންގ އޮފިސަރގެ އެހީތެރިޔާ ކަމާއި، މެއިންޓަނަންސް ސާވިސްގެ ކޮމާންޑިންގ އޮފިސަރ ކަމާއި، ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކިއުރިޓީއޮފިސަރ ކަންވެސް ކާނަލް އާދަމް އިބްރާހިމް މަނިކު ކުރައްވާފައިވެއެވެ. ހަމައެހެންމެ ބޭރުގެ ޤައުމުތަކުން ރާއްޖެ ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ ސެކިއުރިޓީގެ ކަންތައްތައް ގިނަދުވަސްތަކެއް ވަންދެން ބެލެހެއްޓެވުމުގެ އިތުރުން، ސިފައިންގެ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ރައީސްގެ މަޤާމުވެސް އަދާ ކުރައްވާފައިވެއެވެ.

ކާނަލް އާދަމް އިބްރާހީމް މަނިކު ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި 1988 ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާގެ ވަގުތުގައި ސިފައިންގެ ތެރޭގައި ހުންނަވައިގެން ސަފައިންގެ މައިމަރުކަޒު ދިފާޢު ކުރުމުގެ ގޮތުން އިސްނަންގަވައިގެން ފާހަގަ ކޮށްލެވޭފަދަ މަތިވެރި ޖިހާދެއް ކުރައްވާފައިވެއެވެ. ސިފައިންގޭގައި ޕެރޭޑުގެ ހަރަކާތްތައް ތަރައްޤީ ކުރެއްވުމަށް ޕެރޭޑް އިންސްޓްރެކްޓަރެއްގެ ގޮތުން ޚިދުމަތް ކުރެއްވުމުގެ އިތުރުން، ޕެރޭޑް ކޯޑިނޭޓިންގ ކޮމެޓީގައި އިސްދައުރެއް އަދާކުރެއްވިއެވެ. ސިފައިންގެ ދެމަރުކަޒު ކަމަށްވާ ބަންޑާރަކޮށްޓާއި، ކަޅުތުއްކަލާކޮށީގައި ގާއެތުރުމުގެ ބުރަ މަސައްކަތް ފެށުނީއްސުރެ ވަރަށް ހަލުވި ބާރުމިނެއްގައި ގެންގޮސް ނިންމާލެއްވީ ސީދާ ކާނަލް އާދަމް އިބްރާހީމް މަނިކުގެ ބެއްލެވުމުގެދަށުންނެވެ. އަދި ސިފައިގޭގައި ފުރަތަމަ އުފެދުނު ތަމްރީނު މަރުކަޒު ކަމުގައިވާ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ތަމްރީނު ދިނުމުގެ ގޮތުން ކާނަލް އާދަމް އިބްރާހިމް ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ފުރަތަމަ ސިފައިންގެ ޚިދުމަތަށް ވެންނެވި އަންހެން ސިފައިންނަށް ތަމްރީނު ދެއްވުމުގައިވެސް ކާނަލް އާދަމް އިބްރާހިމް އަގުހުރި ޚިދުމަތްތަކެއް ކުރެއްވިއެވެ. ސިފައިންގެ ޚިދުމަތުން ކާނަލް އާދަމް އިބްރާހީމް މަނިކު ރިޓަޔަރ ކުރައްވަނީ ޢުމުރުފުޅުން 62 އަހަރު ފުޅުގައެވެ.

--Allosaeed 08:45, 6 ޖެނުއަރީ 2012 (UTC)