ކާނަލް ރިޓަޔަރޑް ރަންވިއްކާ އާދަމް މަނިކު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކާނަލް ރިޓަޔަރޑް ރަންވިއްކާ އާދަމް މަނިކުގެ ސިފައިންގެ އިންޑެކްސް ނަންބަރަކީ 15 އެވެ.

ކާނަލް ރަންވިއްކާ އާދަމްމަނިކަކީ 1957 ވަނައަހަރު މާރޗް މަހުގެ 26 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އޭރު އާދަމް މަނިކުގެ ބައްޕާފުޅާއި ބޭބޭފުޅު ވެސް އުޅުއްވީ ސިފައިންގޭގައެވެ. އޭރު ސިފައިންގެ ބޭކަލަކަށް މުސާރައަކަށް ލިބެނީ 25 ރުފިޔާ އެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއި އެކު ރިޓަޔަރ ކުރައްވާފައި ވަނީ 2009 ވަނަ އަހަރުގައެވެ. ރިޓަޔަރ ކުރެއްވިއިރު 52 އަހަރާ 4 މަހާ 5 ދުވަހު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވަނީ ޚިދުމަތް ކުރައްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ކާނަލް ރަންވިއްކާ އާދަމް މަނިކު ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 ކުލަޔާއި 8 މެޑަލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލް ތަކުގެ ތެރޭގައި އަޚްލާޤީމެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، ޖިހާދުގެ ރަތްމެޑަލް، ސައްތައިގެ މެޑަލް، އަދި 3 ނޮވެމްބަރުގެ މެޑަލް ހިމެނެއެވެ.

ކާނަލް ރަންވިއްކާ އާދަމް މަނިކު ސިފައިންގޭގައި ޚިދުމަތް ކުރެއްވި ދާއިރާތަކުގެ ތެރޭގައި ފުލުސް އޮފީހާއި، ކޭޓަރިންގ ސާރވިސް އާއި، ޔުނީފޯމް ސެކްޝަނާއި، ސިފައިންގެ އޮފީހާއި، ސިފައިންގެ ބޭސްފަރުވާއާ ބެހޭބައި ހިމެނެއެވެ. މީގެ އިތުރުން ސިފައިންގެ އޮފީހުގެ އިންޗާޖުގެ އެހީތެރިޔާގެ މަޤާމާއި، މެއިންޓަނަންސް ސެކްޝަންގެ އޮފިސަރއިންޗާޖްކަމާއި، ކޮންސްޓްރަކްޝަން އެންޑް މެއިންޓަނަންސް ސާވިސްގެ ކޮމާންޑިންގ އޮފިސަރގެ އެހީތެރިޔާގެ މަޤާމްވެސް ފުރުއްވާފައިވެއެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާއިރު، ކާނަލް ރަންވިއްކާ އާދަމް މަނިކު ހުންނެވީ އޯޑްނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ގެ އެހީތެރިޔާގެ މަޤާމުގައެވެ.

ކާނަލް ރަންވިއްކާ އާދަމްމަނިކުގެ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި ހުވަދޫ ބަޣާވާތާ ގުޅިގެން އެއަތޮޅުގައި ހަރަކާތްތެރިވެވަޑައި ގެންނެވުމާއި، ތަފާތު ބޮޑެތި މައްސަލަތައް ތަޙުޤީޤު ކުރެއްވުން ހިމެނެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި 1988 ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގެ ވަގުތުގައި ސިފައިންގެއަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވުމުގެ ތެރޭގައި ދުޝްމިނުންގެ ހަމަލާއަކުން ފައިންޕުޅަށް ވަޒަނެއްއަރާ ޒަޚަމުވެވަޑައިގެންކަން ފާހަގަ ކުރެވެއެވެ. އަދި މާލޭ ބިން ހިތްކުރުމުގެ މަޝްރޫޢަށް ސިފައިން ވެލި ހަދިޔާ ކުރުމުގެ މަސައްކަތުގައި ދޫނިދޫން ވެލި ބަރުކޮށްގެން އަންނަނިކޮށް، ބަނޑު އަޑިއަށްދިޔަ ހާދިސާގައި ކަނޑުވި މީހުން ސަލާމަތްކުރެއްވުމަށް އާދަޔާ ޚިލާފު މަސައްކަތްޕުޅުތަކެއް ކާނަލް ރަންވިއްކާ އާދަމްމަނިކު ވަނީ ކުރައްވާފައެވެ. ސިފައިންގެ ޚިދުމަތުން ކާނަލް ރަންވިއްކާ އާދަމް މަނިކު ރިޓަޔަރ ކުރެއްވީ ޢުމުރުފުޅުން 70 އަހަރު ފުޅުގައެވެ.

--Allosaeed 08:35, 6 ޖެނުއަރީ 2012 (UTC)