ކަޅުއޮށްފުންމި

ވިކިޕީޑިއާ އިންވިކިޕީޑިއާ

"ކަނޑުގެ ބާޒު" ގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗުގީޒުން 1 ޝަޢުބާން 965 ހ. (19 މެއި 1558) ގައި އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި އައްސުލްޠާން ޢަލީ (6 ވަނަ) ސިރީ އައުދަ ސިޔަކަ ކައްތިރި މަހާރަދުން (ޢަލީ ރަސްގެފާނު) ޝަހީދުކޮށް ރާއްޖޭގެ މައްޗަށް ވެރިވެ، އަޅުވެތި ކުރިއެވެ. ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްކުރުމަށް އުތީމު މުޙައްމަދު ތަކުރުފާނާއި، ހަސަން ތަކުރުފާނާއި، ޢަލީ ތަކުރުފާނު، ދެހާޖީންނާއި ދުވާފަރު ދަންޑަހެލާއެކު "ކަޅުއޮށްފުންމި" ކިޔާ އަނގަމަތީ މަސްއޮޑިއެއްގައި ޖިހާދަށް ނިކުންނެވިއެވެ.

ކަޅުއޮށްފުންމި އަކީ ހއ. ބާރަށުގައި ބަނދެފައިވާ 14 ރިޔަނުގެ ދޯންޏެކެވެ. އެއީ ފޫޓުން ބަލާނަމަ 31.5 ފޫޓެވެ. 378 އިންޗިއެވެ. އެދޯނީގައި ބޭނުންކުރީ ފަންރިޔަލެވެ. މި "ފަތަޙައިގެ އުޅަނދު" ބަނދެފައިވަނީ އެހެން މީހުން އޭރު އޮޑިދޯނި ފަހަރު ބަނދެ އުޅުނު ގޮތާ ޚިލާފަށް ނިރޮޅުގެ ވަކަރުފުށް ބޭރަށް ވާ ގޮތަށެވެ. މިކަމުގެ ސަބަބުން ލޮނުއެޅުން ކުޑަވެ ކަޅުއޮށްފުންމީގެ ދުވެލި ބާރުވިއެވެ. ކަޅުއޮށްފުންމި މި ދޯންޏަށް ކިޔުނީ ދޯނި ބާރަށުގައި ބަނދެގެން ބާލައިގެން ފުރަތަމަ ކުރި ދަތުރުގައި ދޯނީގެ ދުވެލި ބާރުކަމުން ނަމުގައި އޮތް ކަޅުއޮށް ފުމެމުން (ފެނުން ކަޓަމުން ފެނުގައި ޖެހެމުން) އަންނަތަން ފެނުމުންނެވެ.

އަނދިރިއަނދިރީގެ އަމުރުފުޅަަށް ވިޔަޒޯރު އުތީމު ތިންބޭންނާއެކުގައި ކަޅުއޮށްފުންމީގައި މާލެދާން ދިޔަ ދަތުރުގައި ޕޯޗްގީޒު ސިފައިން ވިޔަޒޯރު ގަތުލު ކުރި ހިސާބުން އުތީމު މަހާރަދުންގެ ޤައުމީ ޖިހާދު ފެއްޓެވި އެވެ. ޕޯޒްގީޒުންގެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކޮށް މިނިވަން ކުރެއްވީ 1 ރަބީޢުލްޢައްވަލު 981 ހ. (2 ޖުލައި 1573 މ.) ގައެވެ.