ރަތް އޮނުގަނޑުތޮޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ރަތް އޮނުގަނޑު ތޮޅި

ރަތް އޮނުގަނޑު ތޮޅި(ސައިންޓިފިކް ނަން: Fistularia petimba)ނުވަތަ (އިނގިރޭސި ބަހުން: Red cornetfish)އަކީ ރާއްޖޭގެ ފަރުފަރުމަތީންނާއި ވިލުވިލުން ގިނައިން ފެންނަ އޮނުގަނޑުތޮޅި އަށްވުރެ ފުނުގައި އުޅޭ މަހެކެވެ. އާންމު ގޮތެއްގައި އުޅެނީ 30 މީޓަރަށްވުރެ ފުން ސަރަހައްދުތަކުގެ ތެރެއިން އަޑީގައި ވެލި ހުންނަ ހިސާބުތަކުގައެވެ. މިއީ އެތެރެވަރީގައި އުޅޭ ތޮޅިތަކުގެ ތެރެއިން ހިމަތޮޅި އެކެވެ.

އޮނުގަނޑުތޮޅި ގެ ދެބާވަތެއް ރާއްޖޭގައި އުޅެއެވެ. މީގެ ތެރެއިން މިބާވަތުގެ ތުނބުގެ މަތީ ފަރާތް ހުންނަނީ ވަރަށް ރާޅުކޮށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބަޔާއި ބަނޑުދަށް ފަރާތު ކޮތަރިބައި ހުންނަނީ މަހުގެ ދެފަރާތުން ދިމާވާގޮތަށް މަހުގެ ނިގޫފަތް ކައިރީގައެވެ. މަހުގެ އަނގަ ކުޑައެވެ. ނިގޫފަތުގެ މެދުން ދިގު ނަރުވައެއް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 14 އާއި 17 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 14 އާއި 15 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ރަތްމުށިކުލައެވެ. މަހުގެ ބަނޑުދަށް ފަރާތް ހުންނަނީ ރިހިކުލައިގައެވެ. މިމަސް އެންމެ ބޮޑުވަނީ 2 މީޓަރަށެވެ. ނަމަވެސް ގިނައިން ބޭނިފައި ހުންނަ ނުވަތަ ހިފިފައި ހުންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ 1 މީޓަރެވެ. މަހުގެ ކާނާއަކީ ކުދި މަހާއި ޑިނގާއެވެ.