Jump to content

އޮނުގަނޑުތޮޅި

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އޮނުގަނޑު ތޮޅި

އޮނުގަނޑު ތޮޅި (ސައިންޓިފިކް ނަން: Fistularia commersonii)ނުވަތަ (އިނގިރޭސި ބަހުން: Bluespotted cornetfish) އަކީ ރާއްޖޭގެ ތިލަ ފަޅުތަކާއި ފުންވިލުވިލުގައި އަދި ފަރުފަޅުގެ ބޭރުމަތީގައި އުޅޭ މަހެކެވެ. މިއީ އާންމުކޮށް ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. މިމަސް އެންމެ ބޮޑުވަނީ 1.6 މީޓަރަށެވެ. ވަރަށް ކުދި އޮނުގަނޑު ތޮޅި ރަށްރަށުގެ ގޮނޑުދޮށާއި އަދި ކައިރި ތިލަ ހިސާބުތަކުން ފެނެއެވެ. މަހުގެ ތުންގަނޑު ގިނަ މަސްމަހާއި ޚިލާފަށް ދިގެވެ. މަހުގެ އަނގަ ކުޑައެވެ. ހަށިގަނޑުގައި ހުޅުނބެއް ނުހުރެއެވެ. ނަމަވެސް ހަމުގައި ވަރަށް ކުޑަ ރާޅުކަމެއް ހުރެއެވެ. މަހުގެ މަތީ ކޮތަރިބަޔާއި ބަނޑު ދަށް ފަރާތު ކޮތަރިބައި ހުންނަނީ މަހުގެ ދެފަރާތަށް ދިމާވާގޮތަށް މަހުގެ ނިގޫފަތާ ވަރަށް ކައިރީގައެވެ. ނިގޫފަތުގެ މެދުން ދިގު ނަރުވައެއް ފެންނަށް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 15 އާއި 17 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 14 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ފެހިމުށިކުލައެވެ. މިކުލަ މަހުގެ ބަނޑުދަށް ފަރާތުގައި ތަންކޮޅެއް ފަނޑެވެ. މަހުގެ ބަނޑުދަށް ފަރާތު ކޮތަރިބައި ހުންނަނީ ވަރަށް ފަނޑު ރަތްކުލައެއްގައެވެ. މިއީ ކުދި އައިން ހަދައިގެންނާއި ޖޯޑްޖޯޑަށް އަދި އެކަހެރިކޮށްވެސް ފެންނަ ތޮޅިއެކެވެ. މިއީ ފަޅުތެރޭގައި އޮންނަ ރެހި، ހޮނޑެލި ގަނޑަށް ހަމަލާދީ ކައިހަދާ ތޮޅިއެކެވެ. މިތޮޅި ޑިނގާ ވެސް ކައިއުޅެއެވެ.