ހިމަ ބޯދި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ހިމަ ބޯދި

ހިމަ ބޯދި(ސައިންޓިފިކް ނަން: Rhabdamia cypselura)ނުވަތަ (އިނގިރޭސި ބަހުން: Swallowtail cardinalfish) އަކީ ބޯދި އާއިލާގެ މަހެކެވެ. މިބާވަތް ވެސް އުޅެނީ އުރަފަށުގެ ފުން ގާތަކާއި ފަރުގައި ހުންނަ ހޮހަޅައިގައެވެ. އެހެނިހެން ބޯދީގެ ބާވަތްތަކާއި ލައްފަތާ މަސްމަހާއެކު ބައިހަދައިގެން އުޅެއެވެ. މިއީ ރާއްޖޭގެ މަސްވެރިން އަޑިއަށް ފީނައިގެން ކުރާ ބޯދީގެ އެންވެރިކަމުގައި ހިފާ ބާވަތެކެވެ. އަދި މަސްވެރިކަމަށްވެސް ރަގަޅު އެމެކެވެ. ހިމަ ބޯދި އެހެން ބޯދީގެ ވައްތަރުތަކަށްވުރެ ހިމައެވެ. މިމަސް އެންމެ ބޮޑުވަނީ 7 ސމ އަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުން ކަރުތާފަތްގަނޑާއި ދިމާލުން ތިރީގައި ހުންނަ ކޮތަރިބައި ގާތްގަނޑަކަށް ބޮލުގެ ދިގުމިނުގެ ދެބައިކުޅަ އެއްބައިހާ ދިގެވެ. މަހުގެ ކުލައަކީ މަޑު ފިޔާތޮށި ކުލައެވެ. މަހުގެ މަތީބައިގެ ކުލަ ގަދައެވެ. މަހުގެ ތުނބުން ފެށިގެން ލޯހުރަސްކޮށް މަހުގެ ކަރުތާފަތްގަނޑުގެ ކޮޅަށް ގަދަމުށި ކުލައިގެ ރޮނގެއް ދެމިފައި ހުރެއެވެ. މަހުގެ ތުންކޮޅުގެ ކުލައަކީ ރީނދޫ ކުލައެވެ. ކޮތަރިތަކުގެ ކުލައަކީ ފިޔާތޮށި ކުލައެވެ. މަހުގެ ނިގޫފަތުގެ ދެކަފީގައި ވެސް ކަޅުކުލައިގެ ރޮނގެއް ހުރެއެވެ.