ލައްފަތާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލައްފަތާ

ލައްފަތާ(ސައިންޓިފިކް ނަން: Archamia fucata)ނުވަތަ (އިނގިރޭސި ބަހުން: Orangelined cardinalfish)އަކީ އާންމުކޮށް ވިލުވިލާއި ފަރުފަރުގެ ފުން ހިސާބުގެ ގާތަކުގެ ތެރޭގައި އުޅޭ މަހެކެވެ. މިބާވަތް ގިނައިން ފެންނަނީ ބައިގަނޑުގަނޑަށެވެ. މިއީ ރާއްޖޭގެ މަސްވެރިން މަދުމަދުން ބޭނުންކުރާ އެމެކެވެ. އެހެނިހެން ގިނަ އެމުގެ ބާވަތްތަކަށްވުރެ އަޑިން ހިފާ އެމެކެވެ. މިއީ ބޯއްޖާއެކު އުޅޭ ބާވަތެއް ކަމުން ގިނައިން ހިފިފައި ހުންނަނީ ބޯއްޖާއެކުގައެވެ. މިމަސް އެންމެ ބޮޑުވަނީ 9 ސމ އަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6ނުވަތަ 7 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 7 ނުވަތަ 8 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 15އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 14 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތްގަނޑު ބޮލުގެ ދިގުމިނަށްވުރެ ކުރެވެ. މަހުގެ އަނގަ ބޮޑެވެ. މަހުގެ ކުލައަކީ ރަތްކުލައަކަށްދާ ރީނދޫ ކުލައެކެވެ. އަދި މަހުގެ ދެއަރިމަތީގައި ވަރަށް ފަނޑުކޮށް މަހުގެ ދިގަށް ވިއްސަކަށް ރޮނގު ދެމިފައި ހުރެއެވެ. މަހުގެ ނިގޫކޮޅުގައި ވަރަށް ފާޅުކޮށް ކަޅުކުލައިގެ ލަފެއް ހުރެއެވެ. މަހުގެ ކޮތަރިތަކުގެ ކުލައަކީ ރީނދޫ ކުލައެވެ.