Jump to content

ހާބީލް އާއި ޤާބީލުގެ ވާހަކަ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ހާބީލް އާއި ޤާބިލްގެ ވާހަކަ ހާބީލް އާއި ޤާބިލްގެ ވާހަކަ: ދުނިޔޭގެ ފުރަތަމަ ޖަރީމާ ލޯތްބަށްޓަކައި


މާތްﷲ ސުބުހާނަހޫ ވަތަޢާލާގެ ވަހީބަސްފުޅުގެ މާނައިގައި ވެއެވެ. "އާދަމްގެފާނުގެ ދަރިކަލުންގެ ޚަބަރު، ޙައްޤު ގޮތުގައި ކަލޭގެފާނު އެއުރެންނަށް ވިދާޅުވެދެއްވާށެވެ. އެއީ، އެދެދަރިކަލުން ޤުރުބާނެއް ކުރިމަތި ކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (ޤުރުބާން) ޤަބޫލު ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން ޤަބޫލެއް ނުކުރެއްވިއެވެ. އެދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ތިބާ ޤަތުލުކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ. ހަމަކަށަވަރުން، ތިމަން ޤަތުލުކުރުމަށްޓަކައި ތިބާގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ތިބާ ޤަތުލުކުރުމަށްޓަކައި، ތިމަންގެ އަތް ތިބާޔާ ދިމާޔަށް ދިކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، ޢާލަމުތަކުގެ ވެރި ﷲ ދެކެ ތިމަން ބިރުގަންނަމެވެ. ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފައާއި ތިބާގެ ފާފައިގެން (ﷲގެ ޙަޟްރަތަށް) ތިބާ ރުޖޫޢަވުމެވެ. އޭރުން ތިބާވާހުށީ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ. ދެން އޭނާގެ އަޚާ ޤަތުލުކުރުމަށް، އޭނާގެ ނަފްސު އޭނާޔަށް ޒީނަތްތެރިކޮށް ދައްކައި ފަހިކޮށްދިނެވެ. ދެން އޭނާ، އޭނާގެ އަޚާ ޤަތުލުކުޅައެވެ. ދެން އޭނާ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންވިއެވެ. ދެން އޭނާގެ އަޚާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދައަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް ﷲ ފޮނުއްވިއެވެ. ދެން އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހުރެންގެ އަޚާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅުފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެންވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިން ވިއެވެ. ( އަލް-މާއިދާ 27-31)

ޤާބީލް އާއި ހާބީލް އަކީ ސަލާމްލެއްވި އާދަމްގެފާނުގެ ދެ ދަރިކަލުންނެވެ. މި ދެބޭފުޅުންގެ ދެމެދުގައި ފިތުނައެއް އުފެދުނެވެ. އެއީ ކައިވެނިކުރަންވީ އަންހެން ބޭފުޅާގެ ރީތިކަމާމެދު އުފެދުނު ފިތުނައެކެވެ. އެ ފިތުނައިގެ ތެރޭގައި ޤާބީލް އޭނާގެ ކޮއްކޮ، ހާބީލް ޤަތުލުކުރިއެވެ. އެއީ މި ބިންމަތީގައި ހިންގި ފުރަތަމަ ޖަރީމާއެވެ. ޙައްވާގެފާނު އާލާސްވެއިންނަވާ ކޮންމެ ފަހަރަކު ރައްކާވެވަޑައި ގަންނަވަނީ އެއްމާބަނޑު ދެބޭފުޅުންނެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ. ޙައްވާގެފާނު އެންމެ ފުރަތަމަ ރައްކާވެވަޑައިގަތީ ޤާބީލު އާއި އޭނާގެ އަންހެން ކޮއްކޮ ޤްލީމާ އެވެ. އެއަށްފަހު ދެން ރައްކާވެވަޑައިގަތީ ހާބީލް އާއި އޭނާގެ އަންހެން ކޮއްކޮ ލަބޫދާ އެވެ. މިކުދިން ބޮޑެތިވުމުން މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނަށް މިބޭފުޅުން ކައިވެނި ކޮށްދެއްވުމަށް އަމުރުކުރެއްވިއެވެ. ކައިވެނިކޮށްދެއްވުމަށް އަމުރުކުރެއްވީ އެއްމާބަނޑުގައި ރައްކާވެވަޑައިގެންނެވި ދެބޭފުޅުން ކައިވެނި ކޮށްދެއްވުމުގެ ބަދަލުގައި ކޮންމެ ފިރިހެން ދަރިކަލަކު ރައްކާވެވަޑައިގެން އަނެއް ފަހަރުގެ އަންހެން ދަރިކަލުންނާ ކައިވެނި ކުރައްވާށެވެ. އެހެންކަމުން ހަމަޖެހިގެންދިޔައީ ޤާބީލު ލަބޫދާ އާ އަދި ހާބީލު ޤްލީމާ އާ ކައިވެނި ކުރައްވާގޮތަށެވެ. މިގޮތަށް ހަމަޖެއްސެވުމުން ޤާބީލު މިކަމާ އިންކާރުކުރިއެވެ. ލަބޫދާއަށްވުރެ ޤްލީމާއަކީ ބުރުސޫރަ ތީރި އަންހެން ބޭކަބަލެއްކަމުގައިވިއެވެ. ޤާބީލު ދެކުނުގޮތުގައި އޭނާއާއި އެންމާމަނޑުގައި ބިހޭ އޭނާގެ ކޮއްކޮގެ ކައިވެނި ޙައްޤުވަނީ އޭނާއަށެވެ. މާތްﷲގެ ޢަމުރުފުޅާ އެއްގޮތަށް އާދަމްގެފާނު އެކަލޭގެފާނުގެ ބޭފުޅުންގެ ކައިވެނިފުޅު ހަމަޖައްސަވަން ނިންމެވިހިނދު، ޤާބީލު އެކަމަށް އިންކާރުކުރައްވަން ފެއްޓެވުމުން އާދަމްގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. މާތްﷲ ހުއްދަކުރައްވާފައިވާ ގޮތް ބަޔާންކުރައްވާ ދަރިކަލުން ޤާބީލަށް ވިސްނައިދެއްވޭތޯ މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް އެވަރުންވެސް ޤާބީލު އެކަން ޤަބޫލުނުކުރެއްވުމުން އާދަމްގެފާނު އެކަލޭގެފާނުގެ ދެފިރިހެން ދަރިކަލުން ގެންނަވާ އެދެބޭކަލުންގެ ތެރެއިން ކޮންމެ ބޭކަލަކުވެސް މާތްﷲ އަށް ޤުރުބާނެއް ނެރުމަށް އެންގެވިއެވެ. އެދެބޭކަލުން ނެރުއްވާ ޤުރުބާނުގެ ތެރެއިން މާތްﷲ ޤުރުބާނެއްގެ ވެރިއަކާ ޤުލީމާ ކައިވެނިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ބައްޕާފުޅު އާދަމުގެފާނުގެ އެންގެވުމަށް ދެބޭފުޅުން އެބޭފުޅުންގެ މުދަލުގެ ތެރެއިން ޤުރުބާން ނެރުއްވައިފިއެވެ. ހާބީލު ނެރުއްވީ ކަންބަޅިއެކެވެ. ޤާބީލު ނެރުއްވީ ގޮވާމުގެ ބޮޑިއެކެވެ. ދެ ބޭފުޅުން ނެރުއްވި ޤުރުބާން ގެންގޮސް ފަރުބަދައެއްގެ މަތީގައި ބެހެއްޓުމަށްފަހު ބާގޮތެއް ބެއްލެވުމަށް ދުރުގައި ބަލަން ތިއްބެވިއެވެ. އެހިނދު ކުއްލިއަކަށް ފެނުނީ މަތިން އަލިފާންގަނޑެއް އެ ފަރުބަދައާ ދިމާލަށް އައިތަނެވެ. ހައިރާންވެ، އެމަންޒަރު ބައްލަވަން ތިއްބަވަނިކޮށް އެ އަލިފާންގަނޑު އައިސް ހާބީލް ގެ ޤުރުބާން ކާލައިފިއެވެ. މިހެން މިކަން ހިނގުމުން މާތް ﷲ އެ ޤުރުބާން ޤަބޫލު ކުރެއްވީކަން އެންމެންނަށްވެސް އެނގިއްޖެއެވެ. މިހެން މިކަން ހިނގިއިރު، ހަބީލު މާތްﷲ އަށް ޤުރުބާނެއްގެ ގޮތުގައި ނެރުއްވީ އަތްޕުޅުގައި ހުރި ކަންބަޅިތަކުގެ ތެރެއިން އެންމެ ފަލަ އެންމެ ރަނގަޅު ކަންބަޅިއެވެ. އެކަމަކު ޤާބީލް ޤުރުބާނަށް ނެރުނީ އޭނާ އަތުގައި ހުރި ގޮވާންތަކުގެ ތެރެއިން އެންމެ ދެރަ، އެންމެ އަގެއް ނެތް ތަކެއްޗެވެ. މާތްﷲ، ހާބީލު ޤުރުބާން ޤަބޫލުކުރައްވައި ޤާބީލުގެ ޤުރުބާން ޤަބޫލު ނުކުރެއްވުމުން އެކަމާ އޭނާ ރުޅިއައިސް ހަޅޭއްލަވާ ނުރުހުންފާޅުކުރިއެވެ. "ކަލޭގެޤުރުބާން ޤަބޫލުކުރައްވާފައި، އަހަރެންގެ ޤުރުބާން ޤަބޫލު ކުރެއްވީ ކީއްވެގެން" ތޯ އޭނާ ސުވާލުކުރިއެވެ. އެހިނދު ހާބިލު ޖަވާބުގައި ދެންނެވިއެވެ. " މާތް ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ، ތަޤްވާވެރީން ގެ ކިބައިން" އެވެ. މިގޮތަށް ހާބީލު ވިދާޅުވުމުން އިހުނަށްވުރެ ޤާބީލުގެ ރުޅިވެރިކަން މައްޗަށްގޮސް ނަފުރަތާއި ފިތުނައިގެ އަލިފާންގަނޑު ހުޅުފަޅައިގެން ދިޔައެވެ. އަދި ވިދާޅުވިއެވެ. ޤުލީމާއަކާ ކަލެއަކަށް ކައިވެންޏެއް ނުކުރެވޭނެއެވެ. އަހަރެން ކަލޭ މަރާލާނަމެވެ. ޖަވާބުގައި ހާބީލު ވިދާޅުވިއެވެ. އަހަރެން މަރާލަން ކަލޭ އަތް ދިއްކުރިއަސް، ކަލޭ މަރާލަން އަހަރެންގެ އަތެއް ދިކެއް ނުކުރާނަމެވެ. ޢާލަމްތައް ހައްދަވައި ބޮޑުކުރެއްވި މާތް ﷲ ދެކެ އަހަރެން ބިރުވެތިވަމެވެ. ހާބީލުގެ މިޖަވާބުންވެސް ޤާބީލުގެ ރުޅިވެރިކަން މައިތިރިވުމުގެ ބަދަލުގައި، ހަސަދައާއި ރުޅިވެރިކަންވީ އިތުރެވެ. އެންމެފަހުން އޭނާގެ ހަވާނަފްސަށް ތަބާވެ، ޝައިޠާނާގެ ވަސްވާހަށް ހެއްލިއްޖެއެވެ. އޭނާގެ އަތުން އޭނާގެ ކޮއްކޮ ޤަތުލުކޮށްލައިފިއެވެ. ޤާބީލު އޭނާގެ ކޮއްކޮ މަރާލީ ކުރެވުނު ޒުވާބުގަނޑެއްގެ ތެރޭގައި ދަގަނޑު ރޮޑަކުން ހަމަލާދީގެންކަމަށާއި އަދި ހާބީލު މަރާލީ ނިދިކުރައްވާފައި އޮންނަވަނިކޮށް ބޮލުގައި ގަލަކުން ޖަހާކަމަށްވެސް ބުނެވެއެވެ. ކޮންމެއަކަސް އެނުބައި ޢަމަލަށް ޤާބީލު އަރައިގެންނެވިއެވެ. އެހިނދު އޭނާގެ ކުރިމަތީގައި އޮތީ މަރުވެފައިވާ އޭނާގެ ކޮއްކޮގެ މަސްގަނޑެވެ. އެހަށިގަނޑަށް ހަދާނެ އެއްވެސް ގޮތެއް ޤާބީލުގެ ސިކުޑިއަކަށް ނުވިސްނުނެވެ. އެވަގުތު މާތް ﷲ ދެ ކާޅު ފޮނުއްވެވިއެވެ. އެއީ މަރުވެފައިވާ ހާބީލްގެ ހަށިގަނޑު ވަޅުލާނެ ގޮތް ޤާބީލަށް ދަސްކޮށްދެއްވުމަށްޓަކައެވެ. ޤާބީލުގެ ކުރިމަތީގައި ދެ ކާޅު ތޮޅެމުން ތޮޅެމުން ގޮސް އެކަތި މަރުވީމާ، އަނެއް ކާޅު ވަޅެއް ކޮނެފައި މަރުވެފައި އޮތް ކާޅު ވަޅުލިއެވެ. އެމަންޒަރު ފެނުމުން ޤާބީލު ބުންޏެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މި ކާޅު ފަދައިންވެ، އަހަރެންގެ ކޮއްކޮގެ މަސްގަނޑު ފޮރުވުމަށްވެސް އަހަރެންނަކަށް ނޭނގުނެވެ. އެންމެފަހުން ކާޅު ހެދިފަދައިން ވަޅެއްކޮނެއް ހާބީލުގެ ހަށިގަނޑު އެވަޅަށްލައި ފަސްލިއެވެ. ސީރިއާގެ އުތުރުގެ ސަރަޙައްދެއްގައި "ބުލޫޑްކޭވް" ގެ ނަމުން ނަންދީފައިވާ ފަރުބަދައެއްގެ ހޮހަޅައެއް ހުރެއެވެ. ބުނެވޭ ގޮތުގައި މިއީ ޤާބީލު އޭނާގެ ކޮއްކޮ ހާބީލު ޤަތުލުކުރިތަނެވެ.

ޤާބީލް އޭނާގެ ކޮއްކޮ ހާބީލަށް ހެދިގޮތް އާދަމްގެފާނަށް އެނގިވަޑައިގަތުމުން އެކަމާ ވަރަށް ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ. އެހެނީ ހާބީލަކީ ބައްޕައަށް ކިޔަމަންތެރި ޞާލިޙް ދަރިއެކެވެ. ދެން ކޮންމެ އަކަސް، މަރުވި ދަރިކަލުންގެ ބަދަލެއްގެ ގޮތުން މާތް ﷲ އަނެއްކާ ވެސް އާދަމްގެފާނަށް ދަރިކަލެއް ރިޒުޤުކުރެއްވިއެވެ. އެއީ ޝީޘް ގެފާނެވެ. އަދި އޭގެ ފަހުން ވެސް ވަރަށް ގިނަ ދަރިކަލުންނާއި ދަރިކަނބަލުން، އާދަމްގެފާނާއި ޙައްވާގެފާނަށް ލިބިވަޑައިގަތެވެ. ދެން ޝީޘް ގެފާނުގެ ނަސްލުން އިންސާނީ ދަރިފަސްކޮޅު ފެތުރިގެން ދިޔައެވެ. އަހަރެމެންނަކީ ވެސް އެ ނަސްލުން އައިސްފައި ތިބި ބައެކެވެ.

އިމާމް އަބޫ ޖަޢުފަރުގެ ތާރީޚު ފޮތުގައި ލިޔުއްވާފައިވާ ގޮތުގައި ޙައްވާގެފާނު 40 ދަރިކަލުން ރައްކާވިއެވެ. އެއީ 20 ފަހަރު އާލާސްވެ އިންނަވައިގެންނެވެ. އިބްނު އިސްޙާޤު ދެކެވަޑައިގަންނަވާގޮތުގައި ޙައްވާގެފާނު ރައްކައުވި ބޭފުޅުންގެ ނަންފުޅުތަކާއި ނަންބަރުތައް ދިރާސާކުރާއިރު ތާރީޚުގެ ފަތްފުށްތަކުން ފެންނަންހުރި ލިޔުންތަކުން މާސާފެއްކޮށް އެކަން އެނގޭކަށް ނެތެވެ. އެކަންތައް އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ މާތްﷲ އެވެ. --Allosaeed 07:05, 25 ޑިސެމްބަރު 2011 (UTC)