ހަރަކާތުގެ ބަލި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހަރަކާތުގެ ބަލި (އިނގިރޭސި ބަހުން: motion sickness)އަކީ ދަތުރުފަތުރުކުރާ އިރު މޭނުބައިކޮށް ހޮނޑުލުން ކުރިމަތިވުމެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ކަންފަތުގެ އެތެރޭގައި ހުންނަ ދިޔަވަރު ތެޅުމުން ހަށިގަނޑުގެ ހަމަ ހިފެއްހެޓުން ގެއްލި، ބޯއަނބުރާ މޭނުބައިކޮށް ހޮނޑުލެވޭގޮތް ވުމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ބޯ އަނބުރާ ހޮނޑުލެވެނީ ހަމައެކަނި ކަނޑުދަތުރުފަތުރު ކުރާއިރުކަމަށެވެ. ނަމަވެސް މިއީ އޮޅުމެކެވެ. މަތިންދާ ބޯޓް، ކާރު، ލޮރީ، ޕިކަޕް، ރޭލް، ބަސް ފަދަ ތަކެތީގައި ދަތުރުކުރާ އިރުވެސް ބައެއް މީހުންނަށް މިމައްސަލަ ދިމާވެއެވެ. ދިވެހި ބަހުންމޭހެލުން މިހެންވެސް ކިޔައެވެ.

ހަރަކާތުގެ ބަލީގެ އުދަގޫ ކުރިމަތިވުމުގެ ފުރުޞަތު[އުނިއިތުރު ގެންނަވާ]

ހަރަކާތުގެ ބަލި ކުރިމަތިވުމުގެ ފުރުޞަތު އުމުރުން 12-5 އަހަރާއި ދެމެދުގެ ކުދިންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށް ބޮޑުކަމަށް ވެއެވެ. ހަމަމިހެން އުމުރުން 2 އަހަރުން ދަށުގެ ކުދިންނަށް ހަރަކާތުގެ ބަލީގެ އުދަގޫ ދިމާވުމަކީ ވަރަށް ނާދިރު ކަމެއްކަމަށް ޞިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ހަރަކާތުގެ ބަލީގެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ހަރަކާތުގެ ބަލީގެ އުދަގޫ ތަކުގެ ތެރޭގައި ހިތް ނުތަނަވަސްވުން، ބޯއެނބުރުން، މޭނުބައިކުރުން، ހޮނޑުލުން، ބޮލުގައި ރިހުން އަދި ދާހިއްލުން ފަދަ ކަންތައްތައް ހިމެނެއެވެ. ހޫނު ނުވިނަމަވެސް ބައެއް ފަހަރު ދާހިއްލާގޮތް ވެދާނެއެވެ. އާންމު ގޮތެއްގައި ބަލީގެ އުދަގޫތައް ދަތުރުނިމޭތަނާހެން ފިލައިދެއެވެ. ނަމަވެސް ބައެއް ފަހަރު ދަތުރު ނިމުމަށްފަހު ދެތިންގަޑިއިރަށް އުދަގޫތައް ދެމިގެންދިއުމަކީ ވެދާނެ ގޮތެކެވެ.

ހަރަކާތުގެ ބަލި ކުރިމަތިވާގޮތް[އުނިއިތުރު ގެންނަވާ]

ހަރަކާތުގެ ބަލީގެ އުދަގޫ ކުރިމަތިވަނީ އެތެރޭ ކަންފަތް، ލޯ، އަދި ހަށިގަނޑުގެ ހަމަހިފެހެއްޓުމުގައި ބައިވެރިވާ އެހެން ބައިތަކުން ސިކުނޑިއަށް ފޮނުވާ މެސެޖް އޮޅުންބޮޅުން އެރުމުންނެވެ. މިގޮތަށް ދިމާވަނީ ދަތުރު ފަތުރު ކުރާއިރު، އުޅަނދު ތަޅުވައި، ދެއަތަށް ހެލުވުމާއި ގުޅިގެން، އެތެރޭ ކަންފަތުގައި ހުންނަ ދިޔަވަރު ތެޅެން ފެށުމުން، ހަށިގަނޑު އެކި ފަރާތް ފަރާތަށްދާ ކަމުގެ މެސެޖް ނުވަތަ ސިގްނަލް ސިކުނޑިއަށް ލިބޭތީ އެވެ. ހަށިގަނޑުގެ ހަމަހިފެހެއްޓުން ގެއްލި އެކިއަރިއަރިއަށް ހެލޭ ކަމުގެ މެސެޖް ހަޖަމުކުރާ ނިޒާމް އަށް ލިބުމަކީ ހޮނޑުލުން މެދުވެރިވާ ކަމެކެވެ.

ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

ހަރަކާތުގެ ބަލި ކުރިމަތިވުމުގެ ކުރިން ރަގަޅީ އެކަމަށް ރައްކާތެރިވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމެވެ. މިގޮތުން ދަތުރަށް ފެށުމުގެ ކުރިންނާއި އަދި ދަތުރު މަތީގައިވެސް މިބަލީގެ އުދަގޫ ކުޑަކުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • ދަތުރަށް ފެށުމުގެ ކުރިން ފުރިހަމަ ނިދި ލިބިގަންނާށެވެ. ހޭލާހުރެ ދަތުރެއް ފެށުމަކީ ބައެއް ފަހަރު ބޯއެނބުރުން، މޭނުބައިކޮށް ހޮނޑުލެވުން ކުރިމަތި ކުރުވާނެ ކަމެކެވެ.
  • ހުސް ބަނޑާހުރެ ދަތުރުކުރަން ނުފަށާށެވެ. ހުސްބަނޑާ ހުރުމަކީ ބަނޑުގައި ވައިހެދި ހޮނޑުލެވުން މެދުވެރިކުރުވާ ކަމެކެވެ. އެހެން ކަމުން ދަތުރުކުރަން ފެށުމުގެ ކުރިން ރަގަޅަށް ކާށެވެ. މާގިނައިން ކެއުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. ސަބަބަކީ މާގިނައިން ކެއުމަކީ އޭގެ ޒާތުގައި ވެސް މޭނުބައިކޮށް ހޮނޑުލެވުން މެދުވެރިކުރުވާނެ ކަމަކަށްވާތީ އެވެ.
  • ދަތުރަށް ފެށުމުގެ ކުރިން ގިނައިން ދިޔާތަކެތި ބޯށެވެ. ކޮފީއަކީ ދަތުރަށް ފެށުމުގެ ކުރިން ބޯން ރަގަޅު އެއްޗެއް ނޫނެވެ. ގިނައިން ދިޔާތަކެތި ބުއިމަކީ ހޮނޑުލުމުގެ ސަބަބުން މެދުވެރިވެދާނެ ހަށިގަނޑުން ފެންހުސްވުން ފަދަ ކަންތައްތަކުން މިންޖުކޮށްދޭނެ ކަމެކެވެ.
  • އެސިޑް އެކުލެވޭ ކާނާގެ ބާވަތްތައް ދަތުރަށް ފެށުމުގެ ކުރިން ބޭނުން ނުކުރާށެވެ. ދަތުރު މައްޗާއި ދަތުރެއް ފެށުމުގެ ކުރިން ވެސް އެސިޑް މަދު ކާނާގެ ބާވަތްތައް ބޭނުން ކުރެވިދާނެއެވެ. މިގޮތުން ދޮންކެޔޮ، އާފަލް، ނާސްޕަތީ، ކަރާ. ކުރުބާ، މޭބިސްކަދުރު، އަދި ކަދުރު ފަދަ އެސިޑް މަދުން އެކުލެވޭ ބާވަތްތައް ބޭނުންކުރެވިދާނެއެވެ.
  • ތެލާއި ހަވާދު އެކުލެވޭ ކާނާގެ ބާވަތްތައް ދަތުރެއް ފެށުމުގެ ކުރިން ބޭނުން ނުކުރާށެވެ.
  • ދޯނީގައި އިންނައިރު ސާފުވައި ލިބޭތަނެއް އިޚްތިޔާރު ކުރާށެވެ. ހަމަމިހެން އަވިން ސަލާމަތްވެ، ހިޔަލުގައި އިދެވޭތޯ ބަލާށެވެ. މިސާލަކަށް ދޯނި ފަހަރު ނުވަތަ ބޯޓް ފަހަރުގެ އެތެރޭ ގޭގަނޑުގައި އިނުމަކީ ސާފުވައި ލިބުމަށް ހުރަސް އަޅާނެ ކަމެކެވެ.
  • ތެލުގެ ވަސްނުދުވާ ހިސާބެއްގައި އިންނާށެވެ. ވަރަށް ގިނަ ފަހަރު ތެލުގެ ވަސްދުވައި، އޭގެ ސަބަބުން ބައެއް މީހުންނަށް މޭނުބައިކުރުން އަދި ހޮނޑުލުން މެދުވެރިކުރުވާ ކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.
  • ދޯނީގައި އިންނައިރު ރަގަޅީ ތައްޓުމަތި ފަދަ ތަނެއްގައި އިނުމެވެ. ދޯނީގެ ތެރެއަށް ބެލުމަށްވުރެ އުދަރެހުގެ ވަކި ދިމާލަކަށް ބެލުންރަގަޅެވެ.
  • ދަތުރުުކުރާއިރު އަބަދު އޮށޯވެ، ނުވަތަ އިށީދެ ނީންނާށެވެ. ތެދުވެ ދަތުރުގެ ބައިވެރިންނާއި ވާހަކަ ދައްކާލައި ހިގާލާ ހަދާށެވެ.
  • މީހަކު ހޮނޑުލާތަން ފެނުމުން ސަކަރާތްވާނަމަ އެތަން ނުބަލާށެވެ. ހޮނޑުލާތަން ފެނުމަކީ ބައެއް މީހުންނަށް ހޮނޑުލުން މެދުވެރިކުރުވާ ކަމެކެވެ.