ފަލަސްޠީނުގެ ދައުލަތް
Palestine[1] فلسطين Filastin | |
---|---|
ވެރިރަށް | Jerusalem (proclaimed)1 Gaza, Ramallah (administrative) |
Largest city | Gaza City2 |
ސަރުކާރު | Semi-presidential; Parliamentary democracy |
Mahmoud Abbas | |
Establishment | |
• Declared | November 15, 1988 |
އާބާދީ | |
• 2009 (July)2 estimate | 4,136,540 (125th) |
ޖީޑީޕީ (ޕީޕީޕީ) | 20082 estimate |
• ޖުމްލަ | $11.95 billion2 (-) |
• ބޮލަކަށް ޖެހެނީ | $2,9002 (-) |
އެޗްޑީއައި (2007) | 0.731 Error: Invalid HDI value (106th) |
ފައިސާ | Jordanian dinara Egyptian Poundb Israeli shekelc (JOD, EGP, ILS) |
ޓައިމް ޒޯން | ޔޫޓީސީ+2 ( ) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+3 ( ) |
ކޯލް ކޯޑް | +9703 |
އައިއެސްއޯ 3166 ކޯޑް | PS |
އިންޓަރނެޓް ޓީއެލްޑީ | .ps |
|
ފަލަސްތީނަކީ މެދުއިރުމަތީގައި ބައެއް ގޮތްގޮތުން ބަލައިގަންނަ ގައުމެއް ކަމަށާއި، މިހާރު ޣައްޒާގައި ޓެރަރިސްޓް ޖަމާއަތްތަކުން ވެރިކަން ކުރާ ގައުމެއް ކަމަށާއި ހުޅަނގު އައްސޭރީގައި ސެމީ ޑިމޮކްރެޓިކް ސަރުކާރެއްގެ ވެރިކަން ކުރާ ގައުމެކެވެ.
އެއީ އިސްރާއީލް އުރުދުން އާއި މިސްރާ އެކު ބޯޑަރުތައް ހިއްސާކުރާ ގައުމެކެވެ.
އެ ދައުލަތް 1948 އިން 1967 އަށް އުރުދުން އާއި މިޞްރުން ހިފާފައިވާއިރު، އޭގެ ފަހުން އިސްރާއީލުން އިސްރާއީލުން ހިފާފައިވަނީ ހަ ދުވަހުގެ ހަނގުރާމައިގައި الله އިސްރާއީލުގެ މީހުންނަށް ފަސޭހަ އަދި އަސަރުގަދަ ކާމިޔާބީއެކެވެ. އިސްރާއީލުން ފަލަސްތީނަށް ބިރުދައްކައިގެން ނުތިބޭނެކަން ސާބިތު ކުރުމުގެ ކުރިން ފަލަސްތީނަށް މިނިވަންވުމަށް ދެކޮޅު ހަދަމުންދާއިރު، 1947 ވަނަ އަހަރު އދ އެމްޕަޔަރެވެ.
ސަމާވީ ދީންތަކާއި ފަލަޞްޠީން
[އުނިއިތުރު ގެންނަވާ]ފަލަސްޠީނާއި ޤުދުސް އަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވަނީ ޖުޣުރާފީގޮތުން ފަލަސްޠީނު އޮތް ސަރަޙައްދުގެ ސަބަބުންނެއް ނޫނެވެ. ފަލަސްޠީނާއި ޤުދުސްގެ ދިގު ތާރީޚުގައި ހިނގާފައިވާ މުހިއްމު ޙާދިޘާތަކުގެ ސަބަބުންނެވެ. ސަމާވީ ދީންތަކުގެ އަހުލުވެރިން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މުސްލިމުންގެ ގާތުގައި ފަލަސްޠީނަށް، އަދި ވަކިން ޚާއްޞަކޮށް ޤުދުސަށް ދެވިފައިވާ ޤަދަރުގެ ސަބަބުން ކޮންމެ ބަޔަކު ވެސް ދަނީ ޤުދުސުގެ ނުވަތަ ޔަހޫދީން ކިޔާ ގޮތަށް ނަމަ ޔަރޫޝަލަޔިމް (ޖެރޫސަލަމް) ގެ މިލްކުވެރިކަމަށް ދަޢުވާ ކުރަމުންނެވެ.
ޔަހޫދީ ދައުލަތް އުފެދިގެން ދިޔައިރު ޤުދުސް ދެބަޔަކަށް ބައިކުރެވުނެވެ. އެއީ ހުޅަނގު ޤުދުސަށާއި އިރުމަތީ ޤުދުސަށެވެ. ޔަހޫދީ އިސްރާއީލުގެ ވެރިރަށެއްގެ ގޮތުގައި ފުރަތަމަ ކަނޑައަޅާފައި އޮތީ ހަމަ އެކަނި ހުޅަނގު ޤުދުސް ކަމުގައި ވިޔަސް، މިހާރު އިސްރާއީލުން ވަނީ އެ ޤައުމުގެ ވެރިރަށަކީ ޤުދުސް ކަމަށާއި ޤުދުސަކީ ބައިބައި ކުރެވޭނޭ ތަނެއް ނޫން ކަމަށް ކަނޑައަޅާފައެވެ. ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ޤުދުސްގެ ހުޅަނގު ފަޅި އިސްރާއީލުގެ ބައެއްގެ ގޮތުގައި އޮތް ކަމުގައި ވިޔަސް އިރުމަތީ ޤުދުސް ލިބެން ޖެހޭނީ ޢަރަބިންނަށެވެ. އަދި މިނިވަން ޢަރަބި ފަލަސްޠީނުގެ ވެރިރަށަކަށް ވާންޖެހޭނީ ވެސް އިރުމަތީ ޤުދުސްއެވެ. ޤުދުސުގެ އޯލްޑް ސިޓީ ނުވަތަ ޤަދީމީ ޝަހަރު އޮތީ އިރުމަތީ ޤުދުސުގައެވެ. ޤަދީމީ ޝަހަރަކީ ސަމާވީ ދީންތަކުގެ މުޤައްދަސް ތަންތަން ހުރި ޝަހަރު ކަމަށް ވާތީ ޔަހޫދީން ވެސް އިރުމަތީ ޤުދުސް ދޫކޮށްލާކަށް އެއް ބަހެއް ނުވެއެވެ. ޔަހޫދީން ބުނާ ގޮތުގައި ފަލަސްޠީނާއި ޤުދުސަކީ އެމީހުންނަށް ﷲ ދެއްވާފައިވާ ބިމެކެވެ.ނަމަވެސް، އެ ޖައްބާާރު ޔަހޫދީ ޒަޔަނިސްޓުން ވަނީ ފަލަސްތީނުގެ ޙައްްްްްްްްޤު އެމީހުންގެއަތުން ނިގުޅައިގަނެފައެވެ.
ތާރީޚް
[އުނިއިތުރު ގެންނަވާ]ތާރީޚީ ގޮތުން ބަލާއިރު ޔަހޫދީން ފަލަސްޠީނަށް ވަނީ ފަލަސްޠީނުގެ ޙަޤީޤީ ރަށްވެހިން ކަމުގައިވާ ޢަރަބީންގެ ކަންޢާނީ ދަރިކޮޅުގެ މީހުން އެ ކަރައިގައި ވަޒަންވެރިވިތާ 2850 އަހަރު ފަހުންނެވެ. އެހެނީ ފަލަސްޠީނުގައި ޢަރަބީންގެ ކަންޢާނީ ދަރިކޮޅުގެ މީހުން އުޅެން ފެށީ ޢީސާ ޢަލައިހިއްސަލާމުގެ މީލާދުގެ 4000 އަހަރު ކުރިންނެވެ. އަލްޤުދުސުއްޝަރީފު ބިނާ ކުރީ ވެސް މި ދެންނެވި ދަރިކޮޅުގެ މީހުންނެވެ. ފީނީޤީންގެ ބަހުން ފަލަސްޠީނަށް "ކަންޢާން" މި ނަން ދީފައިވަނީ ވެސް މި ސަބަބަށް ޓަކައެވެ.
ފަލަސްޠީނު އާބާދުވި ފަހުން ވަޑައިގަތް ހުރިހާ ރަސޫލުންނާ ވެސް އެތަނާ ވަނީ ވަރަށް ބޮޑު ގުޅުމެއް އުފެދިފައެވެ. މި ގޮތުން ފަލަސްޠީނު ވެފައި ވަނީ ސަމާވީ ދީންތަކުގެ އަހުލުވެރިންގެ ތެރެއިން ހުރިހާ މީހުންގެ ގާތުގައި ވެސް ވަރަށް މުޤައްދަސް މަރުކަޒެއް ކަމުގައެވެ. ފުރަތަމަ ފަހަރަށް ފަލަސްޠީނުގައި ތައުޙީދުގެ ދިދަ އުފުލިފައިވަނީ ޢީސާ ޢަލައިހިއްސަލާމުގެ 2500 އަހަރު ކުރިން ޔަބޫސީ ޚާންދާނުގެ ވެރިކަމުގައެވެ.
ޔަހޫދީން ފަލަސްޠީނަށް ވަދެފައިވަނީ ﷲ، މޫސާ ޢަލައިހިއްސަލާމަށާއި އެކަލޭގެފާނުންގެ ޤައުމުން އީމާންވީ މީހުންނަށް، މިޞްރުން ނުކުމެ ފަލަސްޠީނަށް ވަނުމަށް އަމުރު ކުރެއްވުމުން، އެ އަމުރުފުޅަށް ޔަހޫދީން ބީރު ކަންފަތެއް ދިނުމުގެ ސަބަބުން ކުރިމަތިވި މުޞީބާތުގައި 40 އަހަރު ވަންދެން ސަޙަރާ ތެރޭގައި މަގު އޮޅިފައިވުމަށް ފަހުގައެވެ. ޔަހޫދީން މާތް ވެގެންވާ ޤުދުސަށް ވަނީ ޢަރަބީން ފަލަސްޠީނާއި ޤުދުސް ބިނާ ކުރިތާ 3000 އަހަރު ފަހުންނެވެ. އެއީ އެ މީހުން ފަލަސްޠީނަށް ވަންތާ 150 އަހަރު ފަހުންނެވެ. މީލާދުގެ ކުރީގެ ސަނަތުން 720 ވަނަ އަހަރާއި 722 ވަނަ އަހަރާ ދެމެދު އާޝޫރީން، އިސްރާއީލީންނަށް ޙަމަލާދީ އެމީހުން ދިރިއުޅެމުން ދިޔަ ތަންތަން ހަލާކުކޮށް ފަލަސްޠީނުގެ އުތުރުން އެ މީހުން ނެރެލިއެވެ. ބަނީ އިސްރާއީލު ޤަބީލާ ތަކަށް "ގެއްލުނު ޤަބީލާ" ތަކުގެ ނަން ކިޔާފައިވަނީ މި ދުވަސްވަރު ފަލަސްޠީނުގައި "މަމްލަކަތު އިސްރާއީލް" ނުވަތަ އިސްރާއީލީ ރަސްކަން ޤާއިމުކޮށްގެން އެމީހުން ތިބި ތަނުން ބޭރުކޮށްލެވުނު ހިސާބުން ފެށިގެންނެވެ. އޭގެ ފަހުން ޢީސާއީ މީލާދުގެ 586 އަހަރު ކުރިން ބާބިލުގެ މީހުން ފަލަސްޠީނަށް ވަދެ ޤުދުސާއި ހައިކަލް ސުލައިމާން (ފަސްޓް ޓެމްޕަލް) ހަލާކުކޮށްލިއެވެ. މި ހިސާބުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީންގެ ތެރެއިން މަރުނުވެ ބާކީ ތިބި މީހުން ފޮނުވާލެވުނީ ބާބިލަށެވެ.
މީލާދުގެ ކުރީގެ ސަނަތުން 538 ގައި ފާރިސީން ފަލަސްޠީނު ފަތަޙަ ކުރުމަށް ފަހު، ފާރިސީންގެ ޢަދްލުވެރި ރަސްގެފާނު ޝެހެންޝާހު ޚުސްރޫ ނުވަތަ ޢިބްރީ ބަހުން ކިޔާ ގޮތަށް ނަމަ ކޫރުޝް (ސައިރަސް ދަ ގްރޭޓް) ވަނީ ޔަހޫދީންނަށް ފަލަސްޠީނަށް އެނބުރި އައުމުގެ ހުއްދައާއި އަޅުކަން ކުރުމަށްޓަކައި ހައިކަލެއް ބިނާ ކުރުމުގެ ހުއްދަ ދެއްވާފައެވެ. ތާރީޚީ މުޙައްޤިޤުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ޛުލްޤަރްނައިނި ރަސްގެފާނަކީ މިދެންނެވި ޝެހެންޝާހު ޚުސްރޫއެވެ. ޝެހެންޝާހު ޚުސްރޫއަށް ފަހު ރަސްކަމަށް އިސްވެވަޑައިގަތް ބޭފުޅެއް ކަމުގައިވާ ޝެހެންޝާހު ދާރާ ގުޝްތާސަޕް ނުވަތަ ދާރިޔޫޝް (ދާރިއަސް 1 ދަ ގްރޭޓް) ގެ ތާއީދު ލިބިގެން ޔަހޫދީން ހައިކަލެއް (ސެކަންޑް ޓެމްޕަލް) ބިނާ ކުރީ މީލާދުގެ ކުރީގެ ސަނަތުން 516 ވަނަ އަހަރުހާތާނގައެވެ.
މީލާދީން 70 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ރޫމީން، އޫރު ޝަލީމާއި އެތަނުގައި ޔަހޫދީން ބިނާކޮށްފައިވާ ހައިކަލް (ސެކަންޑް ޓެމްޕަލް) ހަލާކުކޮށްލިއެވެ. ރޫމީންގެ ވެރިކަމުގެ ދަށުގައި އޮތް ފަލަސްޠީނު މީލާދީން 330 ވަނަ އަހަރުން ފެށިގެން މީލާދީން 640 ވަނަ އަހަރާ ހަމައަށް އޮތީ، މީލާދީން 330 ވަނަ އަހަރު ޤާއިމްވި "އަލްއިމްބަރާޠޫރިއްޔާ އައްރޫމާނިއްޔާ އައްޝަރްޤިއްޔާ" ނުވަތަ ބީޒަންޓައިން އެމްޕަޔަރ (އީސްޓަރން ރޯމަން އެމްޕަޔަރ)ގެ ދަށުގައެވެ.
މުސްލިމުން ފަލަސްޠީނަށް ވަނީ ރޫމީންނާއި ފާރިސީންގެ އަޅުވެތިކަމުގެ ދަށުގައިވާ ޢަރަބި ބިންތައް މިނިވަންކުރި ދުވަސްވަރުގައެވެ. މުސްލިމުންގެ އެއިރުގެ ޚަލީފާ ޢުމަރު ބިން ޚައްޠާބުގެ ޚިލާފަތުގައެވެ. މުސްލިމުން ފަލަސްޠީނަށް ވަން ދުވަހަކީ މީލާދީން 12 މެއި 636 ވީ އާދީއްތަ ދުވަހެވެ. ހިޖްރީ ގޮތުން ބަލާއިރު އެ ދުވަހަކީ ހިޖްރައިން 15 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 1 ވަނަ ދުވަހެވެ. އަލްޤުދުސް މުސްލިމުންނާ ޙަވާލުކުރީ އެ ޝަހަރުގެ ބީޒަންޓައިން ގަވަރުނަރު އަދި އޮތޮޑޮކްސް ޕެޓްރިއާކް އޮފް ޖެރޫސަލަމް ގެ މަޤާމުގައި ހުރި ޕެޓްރިއާކް ސޫފްރޫނިޔޫސް އެވެ. މުސްލިމުންގެ ވެރިކަމުގެ ދަށުގައި ފަލަސްޠީނު އޮތް އިރު އެތަނުގައި ދިރިއުޅެމުން އައި އެހެން ދީން ތަކުގެ އަހުލުވެރިންގެ އެއްވެސް ޙައްޤަކަށް މުސްލިމުން އަރައިގެންފައެއް ނުވެއެވެ.
މުސްލިމުންގެ އަތްދަށުގައި 15 ޖުލައި 1099 ވަނަ އަހަރާ ހަމައަށް ފަލަސްޠީނު އޮތެވެ. ދެން އެތާނގައި ވެރިކަން ހިންގަން ފެށީ ޞަލީބީންނެވެ. ޞަލީބީންވަނީ ޤުދުސްގައި ތިބި މުސްލިމުންނާއި ޔަހޫދީންގެ އިތުރުން އޮތޮޑޮކްސް ނަޞާރާއިންނާ ދެކޮޅަށް ވެސް ޤަތުލުޢާއްމު ހިންގާފައެވެ. ގާތްގަނޑަކަށް 88 އަހަރު ވަންދެން އެމީހުންގެ އަތްދަށުގައި ފަލަސްޠީނު އޮތުމަށްފަހު އެތަން ފަތަޙަ ކުރީ މަޝްހޫރު ކުރުދީ އިސްލާމީ ފާތިޙު ޞަލާޙުއްދީނު އަލްއައްޔޫބީ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައާ ހަމަޔަށް ފަލަސްޠީނު އޮތީ ޢުޘްމާނީ ޚިލާފަތުގެ ދަށުގައެވެ.
ފަލަޞްޠީނާއި މުސްލިމުން
[އުނިއިތުރު ގެންނަވާ]ފަލަސްޠީނުގައި ހުރި މުސްލިމުންގެ އެއްމެ މުޤައްދަސް ތަނަކީ ޤުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާއެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ތިންވަނަ ޙަރަމްފުޅެވެ. ތާރީޚު އޮޅުވާލުމަށް ޓަކައި މިއަދު ޔަހޫދީން ބުނަނީ މަސްޖިދުލްއަޤްޞާ އަކީ ކީރިތި ރަސޫލާ އަވަހާރަވެ ޚުލަފާއުއްރާޝިދޫންގެ ޚިލާފަތުވެސް ނިމުނު ފަހުން އުމަވީންގެ ފަސްވަނަ ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން ބިނާ ކުރެއްވި މިސްކިތެއް ކަމުގައެވެ. އެހެން ނަމަވެސް ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވަނީ ކީރިތި ރަސޫލާ އިސްރާގެ ދަތުރުފުޅު ކުރައްވާފައިވަނީ އަލްމަސްޖިދުލް ޙަރާމް އިން އަލްމަސްޖިދުލް އަޤްޞާއަށް ކަމުގައެވެ. ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން ބިނާކުރެއްވި މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާއާ މާދުރު ނޫން ހިސާބެއްގައި ހުރި މަސްޖިދު ޤުއްބަތުއްޞަޚްރާއެވެ. މި މިސްކިތަށް މަސްޖިދު ޢުމަރުއޭ ވެސް ކިޔައެވެ. މި މިސްކިތް ބިނާ ކުރެވިފައިވަނީ ކީރިތި ރަސޫލާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވި މަޤާމުފުޅު ހުރިތަނުގައެވެ.
ފަލަސްޠީނާއި ޔަހޫދީން
[އުނިއިތުރު ގެންނަވާ]ޤުދުސްގައި ފަތުރުވެރިންގެ ދައްލާލުންގެ ގޮތުގައި އުޅޭ ޔަހޫދީން، މަސްޖިދުލްއަޤްޞާއޭ ކިޔާފައި މީހުންނަށް ދައްކައި ހަދަނީ ވެސް މަސްޖިދު ޤުއްބަތުއްޞަޚްރާއެވެ. މިއީ ވެސް މަސްޖިދުލްއަޤްޞާ އާއި އެތަނުގެ ތާރީޚު އޮޅުވާލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގެ އެއްބައެވެ. ޔަހޫދީން ބުނާ ގޮތުގައި މަސްޖިދުލްއަޤްޞާގެ ޙަރަމްގެ ހުޅަނގު ފާރު (ވެސްޓަރން ވޯލް) ނުވަތަ ޙާއިޠުލްބުރާޤު (ވެއިލިން ވޯލް) އަކީ ހައިކަލްގެ ބައެކެވެ. އެހެންކަމުން މި ފާރު ކައިރިއަށް އައިސް ހައިކަލް ހަލާކުކުރެވިފައިވާތީ އެކަމާ ރޮއި ހިތާމަކޮށް ހެދުމަކީ އެމީހުން އަޅުކަމެއްގެ ގޮތުގައި ބަލާ ކަމެކެވެ.
ސަޙްޔޫނިއްޔަތު
[އުނިއިތުރު ގެންނަވާ]ފަލަސްޠީނާއި ޤުދުސަކީ ޔަހޫދީންނަށް "ވަޢުދުކުރެއްވިފައިވާ" ބިމެއް ކަމުގައި އެމީހުން ދެކޭތީ ފަލަސްޠީނުގެ ބިމަށް ވެރިވެގަތުމަކީ އަބަދުވެސް ޔަހޫދީން ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ޓަކައި އެތައް ޒަމާނެއް ވަންދެން އެމީހުންވަނީ ސަޙްޔޫނިއްޔަތު (ޒައިނިޒަމް) ގެ ނަމުގައި އެތައް ޙަރަކާތެއް ހިންގާފައެވެ. ޞަޙްޔޫނިއްޔަތަކީ ޔަހޫދީ ދީނާއި އެމީހުންގެ ސިޔާސީ އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފަލްސަފާއެކެވެ. މި ފަލްސަފާއާ ގުޅިގެން ޔަހޫދީންގެ ޢަމަލުތައް ބަހައްޓަމުން އައި ގޮތުން ޔޫރަޕުގެ ޤައުމުތަކުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީންނާ ހެދި އުނދަގޫ ވެގެން ޔޫރަޕުގެ އެކި ޤައުމުތަކުން ޔަހޫދީން ބޭރުކުރަން ފެށިއެވެ. މި ދަނޑިވަޅުގައި އެމީހުން އަމިއްލަ ވަޠަނެއް ހޯދުމަށް ފެށި ޙަރަކާތުގެ ބާނީ އަކީ ހަންގޭރީގެ ރައްޔިތެއް ކަމުގައިވާ "ތިޔޮޑޯރ ހަރޓްޒުލް" އެވެ. ޔޫރަޕުން ޔަހޫދީން ބޭރުކޮށްލުމަށް ވިސްނަމުން ދިޔަ ޤައުމުތަކުގެ ވެރިންނަށް މި ޙަރަކާތަކީ ވަރަށް ކަމުދާ ޙަރަކާތަކަށްވިއެވެ. އަދި މިއީ ޔޫރަޕުން ޔަހޫދީން ބޭރުކޮށްލުމަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައި އެ ފަރާތްތަކުން ދެކުނެވެ.
ނަތީޖާއަކީ 1907 ގައި އިނގިރޭސީންގެ ރިޔާސަތުގެ ދަށުގައި ޔޫރަޕްގައި ކޮންފަރެންސެއް ބޭއްވުމެވެ. އެ ކޮންފަރެންސުން ނިންމީ ސަޙްޔޫނީން އަމިއްލަ ވަޠަނެއް ހޯދުމަށް ކުރަމުންދާ ޙަރަކާތަށް ތާއީދު ކުރުމުގެ ގޮތުންނާއި، ޔޫރަޕްގެ ތަހްޛީބަށް އޮތް އެއްމެ ބޮޑު ހުރަސްކަމުގައިވާ އިސްލާމީ ޢަރަބި ޤައުމުތަކުގެ ބިރުވެރިކަމުން ސަލާމަތް ވުމަށް ޓަކައި އެ ޤައުމުތައް އަބަދުވެސް ހާސްކަން މަތީގައި ބޭއްވުމަށް، ޢަރަބި ބައްރުގައި ޔަހޫދީންނަށް ދައުލަތެއް ޤާއިމުކޮށްދިނުމަށެވެ. މިކަމުގައި އިސް ނަގައިގެން ޙަރަކާތްތެރިވީ އިނގިރޭސީންނެވެ.
މިގޮތުން 1917 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ސަޙްޔޫނީންނަށް ފަލަސްޠީނުގައި މިނިވަން ދައުލަތެއް އުފައްދައި ދިނުމަށް އިނގިރޭސިން ވަޢުދުވެ މަޝްހޫރު ބަލްފޯރ ޑެކްލަރޭޝަން އިޢުލާންކުރިއެވެ. މި ޑެކްލަރޭޝަނުގެ ނަން ނިސްބަތް ކުރެވިފައިވަނީ އެއިރު އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރަކަށް ހުންނެވި އާތަރ ޖޭމްސް ބަލްފޯރ އަށެވެ. އިނގިރޭސީން 1917 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ޤުދުސް ހިފިއެވެ. "ލީގު އޮފް ނޭޝަންސް" އިން 1922 ވަނަ އަހަރު ބަލްފޯރ ޑެކްލަރޭޝަން ތަޞްދީޤުކޮށް ޔަހޫދީންނަށް މި ސަރަޙައްދުގައި އަމިއްލަ ދައުލަތެއް އުފައްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން "މޭންޑޭޓު ފޯރ ޕަލެސްޓައިން" އިދާރީ ގޮތުން ހިންގުމުގެ ފުރިހަމަ ބާރު އިނގިރޭސީންނަށް ދިނެވެ. އިނގިރޭސީންނަށް ފަލަސްޠީނު ހިންގުމުގެ އިދާރީ ބާރު ލިބުމުން ދުނިޔޭގެ އެތަން މިތަނުގައި ތިބި ޔަހޫދީން ފަލަސްޠީނަށް ގެނެސް އާބާދުކުރުވުމުގެ މަސައްކަތް އެމީހުން ފެށިއެވެ. އިނގިރޭސީން 1922 ވަނަ އަހަރު ފަލަސްޠީނުގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން އެތަނުގެ އާބާދީގެ %78 އަކީ ޢަރަބި މުސްލިމުންނެވެ. ޢަރަބި ކްރިސްޓިއަނުންގެ އާބާދީ އަކީ %9.6 އެވެ. ޔަހޫދީންގެ އާބާދީއަކީ %11އެވެ. މިޢަދަދު ވަނީ 1945 ވަނަ އަހަރާ ހަމައަށް އައި އިރު ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި ގޮތުން 1945 ވަނަ އަހަރު ފަލަސްޠީނުގައި ތިބި ޔަހޫދީންނަކީ އެތަނުގެ އާބާދީގެ %31 އެވެ.
އިސްރާއީލް އުފެދުން
[އުނިއިތުރު ގެންނަވާ]ދައުލަތެއްގެ ގޮތުގައި އިސްރާއީލު އުފެދުމުގެ ދެ މަސް ދުވަސް ކުރިން ޕޮލެންޑަށް އުފަން ޑޭވިޑް ބެން ގޫރިއަން އާއި ޔަހޫދީ އިސް ލީޑަރުން، "ނޭޝަނަލް މިލިޓަރީ އޮގަނައިޒޭޝަން" އާއި "ސްޓަރން ގޭންގު" ފަދަ ޔަހޫދީ ޓެރަރިސްޓު ގުރޫޕުތައް އުފެދި 1930 ގެ އަހަރުތަކުގައި ފަލަސްޠީނީ ނަސްލު އެ ސަރަޙައްދުން ނެތިކޮށްލުމަށްޓަކައި ހިންގަމުން އައި "ނަސްލު ސާފުކުރުމުގެ" ކަންތައް އަވަސްކުރުމަށް ޓަކައި ޕްލޭނެއް އެކަށައަޅައި ނިންމުމުގެ ގޮތުން ސިއްރު ބައްދަލުވުމެއް ބޭއްވިއެވެ. މި ޕްލޭނަށް ދީފައިވާ ކޯޑު ނަމަކީ "ޕްލޭން ދާލެތު" (ޕްލޭން – ޑީ) އެވެ. ޕްލޭން - ޑީގެ ދަށުން ފަލަސްޠީނުގެ އަވަށްތަކަށާއި ޝަހަރުތަކަށް ބޮން އަޅައި، އެތަންތަނުގެ އަހުލުވެރިންގެ ގެދޮރު ލޫޓުވައި މުދާތައް ފޭރިގަތުމަށް ފަހު ފަލަސްޠީނުގެ އާބާދީ ނައްތާލުމުގެ ކަންތައް ޔަހޫދީން ވަރަށް ބާރަށް ކުރިއަށް ގެންދިއައެވެ. އިސްރާއީލުގެ އެއްމެ ފުރަތަމަ ބޮޑު ވަޒީރަކަށް ވެވަޑައިގަތް ޑޭވިޑް ބެން ގޫރިއަން 1937 ވަނަ އަހަރު ލިޔުއްވި ލިއުމެއްގައިވަނީ "ޢަރަބީން ޖެހޭނީ ދާށެވެ. އެކަމަކު އެކަމަށް ޓަކައި ހަނގުރާމަ ފަދަ ރަނގަޅު ދަނޑިވަޅެއް ބޭނުންވެއެވެ." މި ފަދައިންނެވެ. ހަތިޔާރު އެޅި ޔަހޫދީ ޖަމާޢަތްތަކަށް ޑޭވިޑް ބެން ގޫރިއަން އަންގަވާފައިވަނީ "ކޮންމެ ޙަމަލައެއް ވެސް ނިމިގެންދާންޖެހޭނީ ބިންތަކަށް ވެރިވެގަނެ، ޢިމާރާތްތައް ހަލާކުކޮށް، (ޢަރަބީން) ނެރެލުމަށްފަހުގައި،" ކަމަށެވެ. އެހެން ކަމުން މީގެ ފަހުން "ދައިރު ޔާސީން" ގައި ޔަހޫދީން ހިންގި ޤަތުލުޢާއްމާއި ފަލަސްޠީނުގެ އެހެން ހިސާބުތަކުގައި ހިންގި މިފަދަ ޤަތުލުޢާއްމުތަކުގައި ފަލަސްޠީނުގެ ފިރިހެނުންގެ އިތުރުން އެތައް ހާސް ޢަރަބި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން މަރާލާފައިވުމަކީ ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. ތަލް އަބީބާއި ޙައިފާ އާއި ޤުދުސާއި އެހެން ސަރަޙައްދުތަކުގައި އަވަށްތަކާއި ޝަހަރުތައް ހިފައި ހަލާކުކޮށްލުމުގެ ސަބަބުން 800000 ފަލަސްޠީނީން ރެފިއުޖީންނަށްވިއެވެ. ފަލަސްޠީނުގެ މަޢުޞޫމު އެތައް ހާސް ރައްޔިތުން މަރާލެވުނެވެ. މިހިސާބުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ޢާއްމުވެގެންވާ ގޮތުގައި ނަކްބާ (ދަ ކެޓަސްޓްރޯފް)ގެ ދުވަސްތައް ފެށިގެން ދިޔައެވެ.
އިސްރާއީލުގެ ހަނގުރާމައިގެ ބަޠަލު އުރުދުން ވާދީއަށް އުފަން "މޯޝޭ ދާޔާން" ބުނެފައިވަނީ ޔަހޫދީ އަވަށްތައް ބިނާކުރެވިފައިވަނީ ޢަރަބި އަވަށްތައް ހުރި ތަންތާގައެވެ. ޢަރަބި އަވަށްތަކެއް މިހާރަކު ނެތެވެ. އެހެން ކަމުން ތިޔަބައިމީހުންނަށް މިހާރު އެ ޢަރަބި އަވަށްތަކުގެ ޢަރަބި ނަންތަކެއް ވެސް ނޭނގޭނެއެވެ. ކުރިން ޢަރަބި އާބާދީއެއް ނެތް އެއްވެސް ތަނެއްގައި، މި ޤައުމުގައި އެއްވެސް ތަނެއް ފަހުން ވެސް ބިނާ ކުރެވިފައެއް ނުވާނެއެވެ." މިފަދައިންނެވެ. ފަލަސްޠީނުގެ އަހުލުވެރިންނާއި ޔަހޫދީންނާ ދެމެދު 1947 ވަނަ އަހަރު ދާޚިލީ ހަނގުރާމައެއް ހިނގިއެވެ. މި މައްސަލަ އދ. މަޖިލީހަށް ހުށަހެޅުނު ހިނދު އެތަނުން ފާސްކުރީ އިނގިރޭސީން ނިންމާފައިވާ ފަދައިން ފަލަސްޠީނު ދެބައިކޮށް އެއްބައިގައި "އިސްރާއީލު" ގެ ނަމުގައި ދައުލަތެއް އުފައްދައި އަނެއްބައި ފަލަސްޠީނުގެ އަހުލުވެރި ޢަަރަބީންނަށް ދިނުމަށެވެ.
އިނގިރޭސީން 4 މެއި 1948 ގައި ޔަހޫދީންގެ އަތްމައްޗަށް ފަލަސްޠީނު ދޫކޮށްލިއެވެ. މިކަމުގެ އެންމެ ފަހު ނަތީޖާއަކީ 1948 ވަނަ އަހަރު މެއިމަހުގެ 14 ވަނަ ދުވަހު ދައުލަތެއްގެ ގޮތުގައި އިސްރާއީލު އުފެދުމެވެ. އިސްރާއީލު އުފެދިފައިވަނީ "ފަލަސްޠީނުގެ ޤައުމީ ޤަރާރު" ގައި ފަލަސްޠީނު ކަމަށް ބަޔާން ކުރެވިފައިވާ ބިމުގެ ހަތަރު ބައިކުޅަ ތިން ބައިގައެވެ. އަނެއް ބައިގައި އޮތީ ޣައްޒާ އާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސް އެވެ. އެއިރު ޣައްޒާ އޮތީ މިޞްރުގެ ދަށުގައެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސް އޮތީ އުރުދުންގެ ދަށުގައެވެ. ހަ ދުވަހުގެ ހަނގުރާމައިގައި 1967 ވަނަ އަހަރު އިސްރާއީލުން ވަނީ ޣައްޒާ އާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސް ވެސް ހިފާފައެވެ. އިސްރާއީލުން ވަނީ 1967 ވަނަ އަހަރުން ފެށިގެން މިހާތަނަށް 18147 އަށް ވުރެ ގިނަ ފަލަސްޠީނީ ގެދޮރު ބިމާ ހަމަކޮށްފައެވެ. އިސްރާއީލުން ފަލަސްޠީނުގެ 650000 އަށް ވުރެ ގިނަ ރައްޔިތުން ހިފައި ހައްޔަރުކޮށްފައިވާ އިރު 2008 ވަނަ އަހަރާ ހަމައަށް އައި އިރު ވެސް ފަލަސްޠީނުގެ 20000 އަށް ވުރެ ގިނަ މީހުން އިސްރާއީލުގެ ޖަލުތަކުގައި ތިއްބެވެ.
އިސްރާއީލު އުފެދުނުތާ 60 އަހަރުވެގެން ދިޔައީއެވެ. އަދިވެސް އ.ދ. އިން ފަލަސްޠީނުގެ ޢަރަބިންނަށް ލިބޭނެކަމަށް ކަނޑައެޅި ބިމުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު އެމީހުންނަށް ލިބިފައެއް ނުވެއެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށް ދިނުމުގައި، އިސްރާއީލުގެ މިތުރު އެމެރިކާއިން ފަލަސްޠީނު މީހުންނަށް އެހީތެރިވާނެ ކަމަށް ބުނި ނަމަވެސް، އިސްރާއީލު އުފެދުނު ފަހުން 60 އަހަރު ވުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވާހަކަތަކުން ވެސް، އަނިޔާ ލިބިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެން ދިޔައީ އިތުރު ހިތްދަތި ކަމެކެވެ. އެމެރިކާގެ ރައީސް އިސްރާއީލުގެ ބަރުލަމާނު "ކަނީސަތު"އާ މުޚާޠަބް ކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ދައުލަތެއްގެ ގޮތުގައި އިސްރާއީލު އުފެދުމަކީ ތައުރާތުގައިވާ ނުބުއްވަތެއް ފުރިހަމަވުން. އިބްރާހީމްގެފާނަށާއި މޫސާގެފާނަށާއި ދާއޫދުގެފާނަށް ކުރެވިފައިވާ ޤަދީމީ ވަޢުދެއް ފުއްދިގެން ދިއުން. އިޚްތިޔާރު ކުރެއްވިގެންވާ މީހުންނަށް އަމިއްލަ ވަޒަނެއް ލިބިގެން ދިއުން. މިއީ އެރެތޒް އިސްރާއީލު، ލޭންޑް އޮފް އިސްރާއީލް (އިސްރާއީލީންގެ ބިން)." ކަމަށެވެ. އަދި އިސްރާއީލުން ހިންގާފައިވާ ޖަރީމާތައް "ހަނދާން ނައްތާލުމުގެ" ގޮތުން ޔަހޫދީން ކުރިޔަށް ގެންދާ "މެމޮރިސައިޑް" ގެ މަސައްކަތަށް ވެސް ރައީސް ބުޝް ތާއީދު ކުރެއްވި ކަމަށް އިސްރާއީލުގެ މުއައްރިޚު އިލާން ޕޭޕް ހާމަކުރައްވާފައިވެއެވެ. ހިފާފައިވާ ބިންތަކުގައި ޔަހޫދީންގެ އާބާދީތައް ޤާއިމު ކުރުމާއި ފަލަސްޠީނު މީހުންގެ ގެދޮރުން އެމީހުން ބޭރުކޮށްލުމުގެ ޙަރަކާތްތައް އިސްރާއީލުން އަދިވެސް ގެންދަނީ ކުރިއަށެވެ. އެހެން ނަމަވެސް އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ބުނަނީ ޞުލްޙައިގެ މަޝްރޫޢު ކާމިޔާބުވެފައި ނުވަނީ ފަލަސްޠީނު މީހުންގެ ސަބަބުން ކަމަށެވެ.
އިސްރާއީލުން 1967 ވަނަ އަހަރު ހިފި ބިންތަކުން ފޭބުމަށް އ.ދ. އިން އެ ޤައުމަށް ގޮވާލާފައިވާ އިރު ވެސް އިސްރާއީލުން އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. އެހެން ނަމަވެސް އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން މިވާހަކައެއް ނުދައްކައެވެ. އަނެއްކޮޅުން ފަލަސްޠީނު މީހުން ބުނަނީ "ދެ ދައުލަތުގެ ޙައްލަކަށް" ދެވޭނީ 1967 ވަނަ އަހަރު އިސްރާއީލުން ހިފި ބިންތައް އަނބުރާ ލިބިގެން ކަމަށެވެ. އެ ބިންތަކާ ނުލައި ފަލަސްޠީނު ނަމުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށެވެ. ޞުލްޙައިގެ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ފަލަސްޠީނުގެ އިސް މަންދޫބު އަޙްމަދު ޤުރައިޢު އެމެރިކާގެ ޚާރިޖީ ވަޒީރާ ކޮންޑޮލީޒާ ރައިސްއާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ 1967 ވަނަ އަހަރު އިސްރާއީލުން ހިފި ބިންތަކުން ފޭބުމަށް އިންކާރު ކުރާ ނަމަ ފަލަސްޠީނު މީހުންނަށް ދެން ޖެހޭނީ "ދެ ދައުލަތުގެ ޙައްލަކަށް" ދިއުމުގެ ބަދަލުގައި "އެއް ދައުލަތުގެ ވިސްނުމަށް" ދާން ކަމަށެވެ. މެއި 2008 ގައި ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތަކުން މިކަމާމެދު ބޭއްވި ފޯރަމުގައި އިސްރާއީލަށް ގޮވާލާފައިވަނީ 1967 ވަނަ އަހަރު އިސްރާއީލުން ހިފި ބިންތަކުން ފޭބުމަށް އިންކާރު ކުރާ ނަމަ، ތާރީޚީ ގޮތުން ފަލަސްޠީނުގެ ބިން ކަމުގައިވާ ސަރަޙައްދުގައި ދެ ދައުލަތް އޮތުމުގެ ބަދަލުގައި އެއް ދައުލަތް ޤާއިމުކޮށް އެތަނަކީ ޢަރަބިންނާއި ޔަހޫދީންނަށް ހަމަހަމަ ކަމާއެކު އުޅެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށެވެ. އަދި ވަޒަނުން ބޭރުކޮށްލެވިފައިވާ ހުރިހާ ފަލަސްޠީނީންނަށް ވެސް ޤައުމަށް އެނބުރި އައުމުގެ ޙައްޤު ދިނުމަށެވެ.
މިކަމަށް އިސްރާއީލުން އިޖާބަދީފިނަމަ ޢަރަބިންނާއި ޔަހޫދީންގެ މެދުގައި ހިނގަމުން އަންނަ ޒަމާންވީ ތަޅާފޮޅުން ހުއްޓި، ޞުލްޙައިގެ މަގު އަލިވެގެންދާނެކަމަށް މެދުއިރުމަތީގެ މަސްރަޙް ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ. އެހެން ނަމަވެސް ހަލުވި ކަމާއެކު އިތުރުވަމުންދާ ޢަރަބި އާބާދީއަކީ، ޔަހޫދީންނަށް ލިބިފައިވާ ހުރިހާ ޙައްޤެއް ލިބިގެން ފަލަސްޠީނުގެ ބިމުގައި އުޅުމުގެ ފުރުޞަތު ލިބިފައިވާ ބަޔަކަށް ހަދައިފި ނަމަ ޔަހޫދީންގެ އަތުން ޑިމޮކްރެޓިކް ފަލަސްޠީނު (އިސްރާއީލު) ގެ ވެރިކަން ގެއްލިގެން ދިއުމުގެ ފުރުޞަތު އެބައޮތެވެ. އެހެންކަމުން މިއީ ވެސް ޔަހޫދީން ވިސްނާނެ ކަމެކެވެ. މިއަދު ދުނިޔޭގައި ނަގާ ކިޔާ ޤައުމުތައް އޮތީ އިސްރާއީލާ އެއްކޮޅަށެވެ. އެހެން ކަމުން އިސްރާއީލު ނުރުހޭ ގޮތަކަށް މި މައްސަލަ ނިމިގެން ދިއުމަކީ މުސްތަޙީލު ކަމެކެވެ. މިވަގުތު ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު ފަލަސްޠީނުގެ ޙަޤީޤީ ރަށްވެހިން ކަމުގައިވާ ޢަރަބީންނަށް އަދި ވެސް އޮތީ ނަކްބާގެ ދުވަސްތައް ގުނުމެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]ޤައުމުގެ އިޤްތިޞާދު ބިނާ ވެގެންވަނީ ގައުމުގެ ރައްޔިތުން ކުރާ ތަފާތު މަސައްކަތް ތަކުގެ މައްޗަށެވެ.
ރިފަރެންސް
[އުނިއިތުރު ގެންނަވާ]ހިސްޓްރީ އޮފް މިޑްލްއީސްޓް ޕެލެސްޓައިން އެންޑް އިޓްސް ހިސްޓްރީ ތާރީޚް އިސްލާމް – (މައުލާނާ ޣުލާމް ރަސޫލު މެހެރުގެ) ފްރޮންޓްލައިން މަޖައްލާގެ މެއި 2008 އަދި ޖޫން 2008 ގެ ޢަދަދު އިނގިރޭސި، ޢަރަބި، ފާރިސީ އަދި ހިބްރޫ އޮންލައިން އެންސައިކްލޮޕީޑިއާ
- ↑ Cite error: Invalid
<ref>
tag; no text was provided for refs namedPagep161