ޤުރުޠުބާ ( ސްޕޭން )

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޤުރުޠުބާ އޮންނަނީ ސްޕޭންގައި ނުވަތަ އަންދަލުސް ގައެވެ. ކުރިން ސްޕޭންގެ ވެރިރަށަކީ މިއީ އެވެ.

- މުސްލިމުން ސްޕޭން ފަތަހަ ކުރީ އުމަވީ ދައުލަތުގެ ޚަލީފާ ވަލީދު ބިން ޢަބުދުލް މަލިކް ބިން މަރުވާންގެ ޚިލާފަތުގައި ހިޖުރައިން 92ވަނަ އަހަރު ޠާރިޤު ބިން ޒިޔާދު މުސްލިމުންގެ ލަޝްކަރުގެ ވެރިއަކަށް ހުންނަވައިގެންނެވެ.

- ހިޖުރައިން 132ވަނަ އުމަވީ ދައުލަތް ވެއްޓުމުން ދެން ޤުރުޠުބާ ދިޔައީ ޢައްބާސީންގެ ބާރުގެ ދަށަށެވެ.

- ޤުރުޠުބާގެ ވެރިކަން އެކިފަހަރުމަތިން އެކިދައުލަތްތަކުގެ މީހުން ކޮށްފައިވެއެވެ. މިގޮތުން ހިޖުރައިން 138ވަނަ އަހަރު ޢަބުދުއް ރަޙުމާން ބިން އައްދާޚިލް ވެރިކަމަށް އިސްވިއެވެ. އެއަށްފަހުން އޭނާގެ ދަރިކަލުން ހިޝާމް ބިން ޢަބުދުއް ރަހުމާން ބިން އައްދާޚިލްއާއި، ކާފަ ދަރިކަލުން ޢަބުދުއް ރަހުމާން ބިން ހިޝާމް ވެސް ޤުރުޠުބާގެ ވެރިއެއްގެ ގޮތުގައި ހުންނަވާފައި ވެއެވެ.

- ޢަބުދުއް ރަހުމާން ބިން ހިޝާމްގެ ދުވަސްވަރު އޭރު ޤުރުޠުބާގައި ތިބި ނަޞާރާއިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އިސްލާމްދީނަށް ވަނެވެ.

- ޢަބުދުއްރަހުމާން އައްނާޞިރު ޤުރުޠުބާގެ ވެރިކަމުގައި ދެމިހުންނެވި ދުވަސްވަރު ޒަހުރާއު އޭ ކިޔުނު ގަނޑުވަރު ބިނާކުރެއްވި އެވެ.

- ޢަބުދުއް ރަހުމާން އައްނާޞިރު އަވަހާރަ ވުމަށް ފަހު ދެން ވެރިކަމަށް އިސްވީ އަލްމަންޞޫރު ބިން އަބީ ޢާމިރު އެވެ. އެއަށްފަހު އަލްމަންޞޫރުގެ ދަރިކަލުން ވެރިކަމަށް އެރުމާއި އެކު ބައިބަޔަށް ޤުރުޠުބާގެ އަހުލު ވެރިން ބެހިގެންދިޔައެވެ. މިގޮތުން އުފެދުނު ބައިބައިވުމާއި ފިތުނަވެރިކަން ވެގެން ދިޔައީ މުސްލިމުންގެ އަތުން އަންދަލުސް ގެއްލިގެން ދިއުމުގެ ސަބަބު ކަމުގައެވެ.

- މިގޮތުން އުފެދުނު ޖަމާއަތްތަކުގެ ތެރެއިން އަލްމުޢުތަމިދު އިބްނި ޢައްބާދު'ގެ ވެރިކަމުގައި ނަޞާރާއިންގެ ފިއްތުންތައް ބޮޑުވުމުން ޔޫސުފު ބިން ތާޝްފީންގެ ކިބައިން އެހީއަށް އެދިވަޑައިގަތެވެ. ޔޫސުފު ބިން ތާޝްފީން ޒަލާޤާއޭ ކިޔުނު ހަގުރާމައިގައި ނަޞާރާއިންގެ މައްޗަށް ކާމިޔާބު ހޯއްދަވައި އަންދަލުސް ދެވަނަ ފަހަރަށް ތައުޙީދު ކުރެއްވިއެވެ.

- މުވައްޙިދީންގެ ދައުލަތް މަޣުރިބުގައި ފާޅުވެ، މުރާބިޠީންއާއި ދެމެދު ޚިލާފު އުފެދި، މުރާބިޠީން ބަލިވެގެން ދިއުމުން ދެވަނަ ފަހަރަށް އަންދަލުސް އެކިއެކި ޖަމާއަތް ނުވަތަ ބައިތަކަށް ބެހިގެންދިޔައެވެ.

- މުވައްހިދީން ދައުލަތުގެ ބާނީ ޢަބުދުލް މުއުމިން ބިން ޢަލީގެ އެހީއާއި އެކު ނަޞާރާ އިންގެ ބާރުގެ ދަށުގައި އޭރު އޮތް ބައެއް ރަށްތައް އަންދަލުސްގެ ރައްޔިތުން ހިޖުރައިން 544ވަނަ އަހަރު އަބުރާ އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ.

- މުސްލިމުންގެ އަތުން އެއްކޮށް ބީވެގެން ދިޔައީ ހިޖުރައިން 897ވަނަ އަހަރު އަބޫ ޢަބުދުﷲ އަލް އަޙުމަރުގެ ވެރިކަން ވެއްޓުމާއި ގުޅިގެންނެވެ.

- ޤުރުޠުބާގައިވާ ފާހަގަކޮށްލެވޭ އާޘާރުތަކުގެ ތެރޭގައި ބައެއް މިސްކިތްތަކާއި، ގަނޑުވަރުތަކާއި، ބަގީޗާތަކާއި އަދި ޤުރުޠުބާ ކޯރު ހިމެނެއެވެ.