ޢަލީ ޝަމީމް އިބްރާހީމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ތަޢާރަފް[އުނިއިތުރު ގެންނަވާ]

އޭނާއަކީ މަޑު މައިތިރިކަމާއި، ކެތްތެރިކަމާއި، ޚުލްޤު ހެޔޮ ކަމުގެ މިސާލެކެވެ. އެއީ ދަރިން ދެކެ ލޯބިވި ބައްޕައެކެވެ. ތިމާގެ މީހުންގެ މުރުޝިދެކެވެ. އެކުވެރިންގެ އެހީތެރި އެކެވެ. ހުރިހާ ޢުމުރެއްގެ މީހުންނާއި ގުޅޭ މަދަދު ވެރިއެކެވެ. ކުޑަކުދިންނާއި ޒުވާނުން އޭނާ ގެންގުޅުއްވި އުޞޫލްތަކުން ޢިބްރަތް ލިބިގަންނަށް ރަގަޅު ފަރާތެއް ވެސް މެއެވެ. ނިލަންދޫގެ ގިނަބަޔެއްގެ އެދުރުބެ އެކެވެ.

މިފަހަރުގެ ޚިދުމަތްތެރިޔާ ރަގަޅަށް ދަންނަ މީހުން ބުނާގޮތުންނަމަ އޭނާއަކީ ނިލަންދޫ މިއަދު މިދެކޭ ތަޢުލީމުގެ ބާނީ އެވެ. ނުވަތަ ތަޢުލީމުގެ ބައްޕަ އެވެ. އަޅުގަނޑު އިޝާރާތް ކުރަން މިއުޅެނީ ކޮން ބޭފުޅެއްގެ ވާހަކަކަން ފަހަރުގައި މިޖީލްގެ ޒުވާނުންނަށް ނޭގުނަސް ރަށުގެ ހަރުފުރައިގެ މީހުންނަށް މިހާރު އެގޭނޭކަން ޔަގީނެވެ. އާދެ! ނިލަންދޫ ފުލޫނިޔާގޭ އަލްމަރުޙޫމް ޢަލީ ޝަމީމް އެވެ. ނިލަންދޫ ރައްޔިތު އެންމެންގެ ޝަމީމް ދޮންބެ އެވެ.


ތަޢުލީމީ ދާއިރާގައި[އުނިއިތުރު ގެންނަވާ]

ފަހަރެއްގައި ވެސް ޝަމީމް ދޮންބެ އަކީ ރަށުގެ ވެރިކަން ކުރެއްވި ފަރާތެއް ނޫނެވެ. ޝަމީމް ދޮންބެގެ ޙަޔާތުގައި އަބަދު ވެސް އަމިއްލަ މަޞްލަޙަތަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތާއި ފައިދާއަށް އިސްކަން ދެއްވި އެވެ. ޝަމީމް ދޮންބެ ފާހަގަ ކުރެއްވެނީ ނިލަންދޫގެ ދަރިންނަށް ތަޢުލީމު އުގަންނައި ދިނުމަށް މަސައްކަތް ކުރެއްވި އެދުރެއްގެ ގޮތުންނެވެ. ނިލަންދޫގައި ރަސްމީ ސިފައެއްގައި މަދަރުސާއެއް މަކްތަބާއެއް ނެތް އިރު އަމިއްލަ ގޭގައި އެކަމަށް ބޭނުންވާ ފަރާތްތަކަށް އުގެނުމުގެ ފުރުޞަތު ހުޅުވާލެއްވި އެވެ. އަދި ޝަމީމް ދޮންބެ އަށް އެގިހުރި މިންވަރަކުން އެކިއެކި ދާއިރާއިން އަގުހުރި ދަރުސްތައް ދެއްވި އެވެ.

ޝަމީމް ދޮންބެ ގެ އަމިއްލަ ގޭގައި ކިޔަވައި ދެއްވި ދުވަސްވަރު ދޮންބެގެ ކައިރިން ތަޢުލީމް އުގެނުނު އެތައް ދަރިންނެއް ނިލަންދޫ ފަސްގަނޑުގައި އެބަތިއްބެވެ. ގޭގައި ކިޔަވާ ދިނުމުގެ އިތުރުން ނިލަންދޫ ސްކޫލުގައި ދިގު މުއްދަތަކަށް ޚިދުމަތް ކޮށް ދެއްވާފައި ވެއެވެ. ޝަމީމް ދޮންބެ އަކީ ހަމައެކަނި މުދައްރިސެއް ނޫނެވެ. އަދި ކިއެއްތަ ކުދިންނަށް ޤުރުއާން ކިޔަވަން އުގަންނައި ދެއްވި އެދުރުބެ އެއް ވެސް މެއެވެ. ޝަމީމް ދޮންބެގެ ކައިރިން ކީރިތި ޤުރުއާން ކިޔަވަން ދަސްކުރި ކުދިންގެ އަދަދު ވެސް މަދުވާނެ ހެނެއް ހިއެއް ނުވެއެވެ.

ޝަމީމް ދޮންބެ ދަންނަ މީހުން ބުނާގޮތުގައި އެއީ ނިލަންދޫގެ ރައްޔިތުން ނަމޫނާއެއް ކަމަށް ބަލަން ނުވަތަ ދެކެން އެންމެ އައުލާކަން ބޮޑު އެއް ފަރާތެވެ. ޝަމީމް ދޮންބެގެ އަގުހުރި ނަޞޭހަތްތަކާއި، ދަރުސްތަކުގެ ސަބަބުން ނިލަންދޫގެ ހުރިހާ ޢުމުރު ފުރައެއްގެ މީހުން ޝަމީމް ދޮންބެ އަށް އިޙްތިރާމާއި ޤަދަރު ކޮށްފައި ވެއެވެ. ތިމާގެ އެކިއެކި މީހުންނަށް ވެދެއްވި އެހީތެރިކަމުގެ ސަބަބުން ޚުދު އެފަރާތްތަކުގެ ހިތްތަކުގައި ވެސް ޝަމީމް ދޮންބެ އަށްވަނީ ބައްޕައެއްގެ ލޯތްބާއި ޝަރަފެވެ.


އުފަން ދަރިން[އުނިއިތުރު ގެންނަވާ]

ޝަމީމް ދޮންބެގެ ދަރިންގެ ތެރެއިން އިބްރާހީމް ޚަލީލު ވަނީ ބައްޕަ ފަދައިން ރަށާއި، އަތޮޅަށް އަދި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ދީފައެވެ. އިބްރާހީމް ޚަލީލު އަދާކޮށްފައިވާ ސަރުކާރުގެ ވަޒީފާތަކުގެ ތެރޭގައި، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރުކަން، ފ.އަތޮޅު މަދަރުސާގެ ޓީޗަރުކަން، މަޖީދިއްޔާ ސްކޫލްގެ ޓީޗަރުކަން، އަދި ފ.ނިލަންދޫ ކުޑަ ކަތީބުކަން ހިމެނެއެވެ. މިހާރު ވެސް އިބްރާހީމް ޚަލީލު ހުންނެވީ ޚިދުމަތު ގައެވެ.

ސަރުކާރުގައި އިބްރާހީމް ޚަލީލް އަދާކުރެއްވި ވަޒީފާ ތަކުގެ ވާހަކަ އެކަނި ބަޔާންކޮށްފައި ނިންމާލުމަކީ އިންސާފެއް ނޫނެވެ. އިބްރާހީމް ޚަލީލް އަކީ ނިލަންދޫ އަށް އެތައް ގޮތަކުން ޚިދުމަތްކޮށްދީފައިވާ ފަރާތެކެވެ. ކުރިން ނިލަންދޫގައި އޮތް ޖަމްޢިއްޔާއެއް ކަމުގައިވާ ނިލަންދޫ ޒުވާނުންގެ ޖަމްޢިއްޔާ އިސްވެ ހުންނަވައިގެން ހިންގުމުގެ ބުރަ ޒިންމާ އުފުލާފައިވަނީ ވެސް އިބްރާހީމް ޚަލީލް އެވެ. އެޖަމްޢިއްޔާ އޭގެ އާރޯކަމާއި، ތާޒާކަންމަތީ ދެމިއޮތް ދުވަސްވަރު ނިލަންދޫގެ ތަރައްޤީ އަށްޓަކައި ހިންގިފައިވާ ތަފާތު ޙަރަކާތްތަކުގައި ޢަމަލީގެ ގޮތުން ބައިވެރި ވެފައި ވެއެވެ. ޖައްޢިއްޔާ އުފެދިގެން ގޮސް އުވި ދިއުމާއި ހަމައަށް ވެސް އެޖަމްޢިއްޔާ ހިންގުމުގައި އާރްކާޓީއެއްގެ ދައުރު އަދާކޮށްފައިވަނީ ހަމަ އިބްރާހީމް ޚަލީލު އޭ ބުނުމަކީ އެހެން ފަރާތްތަކަށް ކުރެވޭ ބޭއިންސާފެއް ނޫންކަން ޔަގީނެވެ.

ދެން އިބްރާހީމް ޚަލީލު ގެ ފާހަގަ ވަނީ މުދައްރިސެއްގެ ގޮތުން ނުވަތަ ޓީޗަރެއްގެ ގޮތުން ދެއްވި ޚިދުމަތުގެ ސަބަބުންނެވެ. އަޅުގަނޑަކީ ވެސް ޚުދު އިބްރާހީމް ޚަލީލުގެ ދަރިވަރަކަށް އެއް ދުވަސްވަރެއްގައި އުޅުނު މީހަކަށް ވުމުން އޭނާގެ ކިޔަވައި ދިނުމުގެ ހުނަރާއި މެދު އެއްޗެކޭ ބުނެލާނަމެވެ. ކްލާހުގައި ބޭކާރު ގޮތުގައި ވަގުތު ދުއްވުމަކީ ކިޔަވައި ދެއްވާއިރު ކުރާކަމެއް ނޫނެވެ. އަދި ކިޔަވައި ދިނުމުގައި ހަމައެކަނި ފޮތަށް ދުވަހަކު ވެސް ބަރޯސާވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކިޔަވާކުދިން ލިބިގަންނަށްޖެހޭ، އަދި އެކުދިންނަށް ލިބެންޖެހޭ ހުނަރުތައް އެކި ސިފަސިފައިގައި އުގަންނައި ދެއްވި އެވެ. ޓީޗަރެއްގެ ގޮތުން ހޭދަކުރެއްވި ދިގު މުއްދަތުގައި ދުވަހަކު ވެސް ރުޅި މޫނާއިގެން ދަރިވަރުންނާއި ކުރިމަތި ލާފައެއް ނުވެއެވެ.

ޝަމީމް ދޮންބެގެ ދަރިންގެ ތެރެއިން އަހުމަދު ޚަލީލް އަކީ މިހާރު ނިލަންދޫ ޒުވާނުންގެ ތެރޭގައި ފާހަގަ ކޮށްލެވޭނެ ފަރާތެކެވެ. އަމިއްލަ އަށް އިސްނަންގަވައިގެން މިހާރު ވެސް ރަހުމަތްތެރި ބައެއް ކުދިންނާއި ގުޅިގެން ޢީދު ޗުއްޓީ، ބޮޑު ޗުއްޓީ ފަދަ ދުވަސްވަރުގައި ފުޓްބޯޅަ، ވޮލީ ފަދަ މުބާރާތްތައް އިންތިޒާމްކޮށް ހިންގައެވެ.

އުފަންދަރިންގެ ލިސްޓް[އުނިއިތުރު ގެންނަވާ]

  • އިބްރާހީމް ޚަލީލް
  • މުޙައްމަދު ޚަލީލް
  • އަހުމަދު ޚަލީލް
  • މަރިޔަމް ޚަލީލާ ( ނިޔާވެފައި )

ނިންމުން[އުނިއިތުރު ގެންނަވާ]

ކޮންމެ އަކަސް ޝަމީމް ދޮންބެ ފަދަ ޝަޚްޞިއްޔަތެއް ގެއްލިގެން ދިއުން ވެގެން ދިޔައީ މުޅި ނިލަންދޫގެ ރައްޔިތުންނަށް ލިބުނު ފުން ހިތާމަ އަކަށެވެ. ފޫބައްދަން ދުވަސްތަކެއް ނެގި ގެއްލުމަކަށެވެ. އެފަދަ އެދުރުން ނިލަންދޫގެ ފަސްގަނޑުން އުފަންވެގެން އައުމަކީ އަޅުގަނޑުމެންގެ އަބަދުވެސް އުއްމީދެވެ. އަދި ދުޢާއެވެ. ދިރި ދުނިޔޭގައި ޝަމީމް ދޮންބެ ނެތަސް އަހަރެމެން އެޚިދުމަތުގެ މަތިން ހަދާން ބަހައްޓާނަމު އެވެ. އިޙްތިރާމާއި، ޤަދަރާއި، ޝަރަފާއި، ޢިއްޒަތް، އެފަދަ ހަރުދަނާ ކޮންމެ ފަރުދަކަށް އަހަރެމެން ނިލަންދޫގެ ރައްޔިތުން ދޭނަމެވެ. އެފަދަ ޚިދުމަތްތަކަށް ޙައްޤު ތަޢުރީފާއި،ޘަނާ އަބަދުވެސް ދޭނަމެވެ. މާތްﷲ ޝަމީމް ދޮންބެގެ ފުރާނައަށް ބަރަކާތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި އެވެ. އާމީން.