Jump to content

ޢައްބާސް އިބްރާހީމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޢައްބާސް އިބްރާހީމް

މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު ސަރުކާރުގެ ޚިދުމަތަށް ފެށްޓެވީ 18 ޖޫން 1955 ގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއް ދާޚިލިއްޔާގެ ކާތިބެއްގެ ވަޒީފާއެވެ. އޭގެފަހުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ސެކްރެޓަރީކަން ކުރެއްވިއެވެ.

އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ، 1964 ވަނަ އަހަރު މާލޭ ސިނަމާ ކުންފުނީގެ ފަރާތުން [ސިނެކޯ ރޭޑިއޯ]ގެ ނަމުގައި ރޭޑިއޯ ސްޓޭޝަނެއް ހިންގަން ފެށުމާއެކު، އެ ކުންފުނީގެ ސެކްރެޓަރީގެ ގޮތުންނާއި، ސިނެކޯ ރޭޑިއޯގެ ސެކްރެޓަރީއެއްގެ ގޮތުން ކުރެއްވި ޚިދްމަތްތަކެވެ. އެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ސިނެކޯ ރޭޑިއޯގެ އެނައުންސަރުކަމާއި ރިޕޯޓަރުކަންވެސް ޢައްބާސް ކުރެއްވިއެވެ. އަދި އޭގެފަހުން ސިނެކޯ ރޭޑިއޯ، ސަރުކާރުގެ ރޭޑިއޯއަކަށް ބަދަލުވެ، ވުޒާރަތުލް މާލިއްޔާ (ވ)ގެ ދަށުން މޯލްޑިވް އައިލެންޑްސް ބްރޯޑްކާސްޓިންގ ސަރވިސްއަށް ބަދަލުވިއިރު އެތާނގެ ސެކްރެޓަރީގެ މަޤާމުގައި ހުންނެވީވެސް ޢައްބާސް އިބްރާހީމެވެ. 1964 ވަނަ އަހަރު މާލޭ ސިނެކޯ ރޭޑިއޯ ހިންގަވަން ފެށްޓެވީއްސުރެ 1967 ވަނަ އަހަރާ ހަމައަށް ސިނެކޯ ރޭޑިއޯއަށް ބޭރުގެ ޚަބަރުތައް ލިޔުއްވަމުން ގެންދެވީވެސް އެމަނިކުފާނެވެ. ހަމަ އެދުވަސްވަރު އެމަސައްކަތް ކުރައްވަމުން، އެމް.ޖީ.ބީ.އެސް.ގެ ވަރަށް މުހިންމު މަސައްކަތްތަކެއްގައިވެސް އެމަނިކުފާނު އުޅުއްވިއެވެ. މިދެންނެވި އެމް.ޖީ.ބީ.އެސް.އަކީ މިހާރުގެ އެސް.ޓީ.އޯ.ގެ ފެށުމެވެ.

1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ރޭޑިއޯ މޯލްޑިވްސްއާ ޢައްބާސް އަލުން ގުޅިވަޑައިގަތުމަށްފަހު، ރޭޑިއޯގެ ޕްރޮގްރާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. އަދި ޚަބަރާއި މަޢުލޫމާތުގެ ޕްރޮގްރާމްތައް ވަރަށް ބޮޑަށް އިތުރުކުރެއްވިއެވެ. އެގޮތުން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވުނު އެއް ޕްރޮގްރާމަކީ، ކޮންމެ ދުވަހަކު ހެނދުނު 7ގެ ޚަބަރުގެ ފަހުން ދިވެހިރާއްޖޭގެ އަޑުން ފޮނުއްވި [ޚަބަރު ފީތާ] ޕްރޮގްރާމެވެ. މި ޕްރޮގްރާމް އުފައްދަވައި ފުރަތަމަ ހުށަހަޅުއްވަމުން ގެންދެވީވެސް އެމަނިކުފާނެވެ.

އޭގެފަހުން ރައީސުލްޖުމްހޫރިއްޔާގެ ޑެޕިއުޓީ އެގްޒެކެޓިވް ސެކްރެޓަރީގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަޤާމު އެމަނިކުފާނު ފުރުއްވިއެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމުގެ މަޤާމުވެސް ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެމަނިކުފާނު ޚިދުމަތް ކުރެއްވިއިރު ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެއްވި މަސައްކަތްޕުޅުތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެކެވެ. ސަރުކާރުގެ މުވައްޒަފުންނަށް އިދާރީ ތަމްރީނު ޕްރޮގްރާމްތައް، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގަވަން ފެށްޓެވިއިރު، އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ އެމަނިކުފާނެވެ. އަދި ސަރުކާރުގެ އޮފީސް އޮފީހުގެ މަސައްކަތްތައް ވީހާވެސް ރަނގަޅަށް އަދި ހަލުވިކަމާއެކު ހިންގެވުމަށްޓަކައި އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތަފާތު ފިޔަވަޅުތައް އަޅުއްވަމުން ގެންދެވިއިރު، އެކަންކަން ހިނގާ ނުހިނގާގޮތް ބައްލަވަމުން ގެންދެވި އެއްބޭފުޅަކީވެސް އެމަނިކުފާނެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގ ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަޤާމު ޢައްބާސް އިބްރާހީމް ފުރުއްވިއިރު، އެ ދެވުޒާރާގެ ތަރައްޤީއަށާއި ކުރިއެރުމަށް އަދި އެވުޒާރާތަކުން ރައްޔިތުންނަށް ޚިދްމަތް ދެއްވުމަށްޓަކައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް، މި ފުރްޞަތުގައި ހަނދާންކޮށްލަން ޖެހެއެވެ.

ޢައްބާސް އިބްރާހީމަކީ ރައްޔިތުންގެ މަޖިލީހުގައިވެސް އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ގިނަ ޚިދްމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. 1980 ވަނަ އަހަރު އެއްކުރެއްވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ސެކްރެޓަރީކަން އެމަނިކުފާނު ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުކަން، ދިގު މުއްދަތެއްގައި ކުރެއްވިއެވެ. އޭގެއިތުރުން، ޏ، ފ، އަދި ގދ. އަތޮޅުގެ މެންބަރުންގެ ގޮތުގައިވެސް ރައްޔިތުންގެ މަޖިލީހުގައި ގިނަދުވަސްތަކެއް ހޭދަކުރެއްވިއެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކުލަވައިލެއްވުމަށް 2004 ވަނަ އަހަރު އެއްކުރެއްވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަންވެސް އެމަނިކުފާނު ކުރެއްވިއެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންވެސް ޢައްބާހަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. މޮޅު ވާހަކަދެއްކުންތެރިއެކެވެ. 1996 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން، އެ މަޖިލީހުގައި މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. ދިވެހިބަހާމެދު ދިވެހިންގެ ހިތުގައި ދެވިފައިވާ ޤަދަރު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެއްވިއެވެ. ދިވެހިބަސް ފޮތުގެ ސީޑީ ނެރުއްވިއެވެ. އެ މަޖިލީހުން ކޮންމެ އަހަރަކު ފޮތް މަޢުރަޒެއް ބާއްވަވަން ފެށްޓެވިއެވެ. ވާހަކަދެއްކުމުގެ މުބާރާތްފަދަ އަދަބީ ޙަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގެވިއެވެ. މީގެއިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އާޘާރީ އަދި ތާރީޚީ ތަންތަން ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އާ ދާރުލްއާޘާރެއް ޢިމާރާތް ކުރުމުގެ މަސައްކަތްވެސް ފެށިގެންދިޔައެވެ.

ޢައްބާސް އިބްރާހީމަކީ މާލޭގެ ބައެއް މަދަރުސާތަކަށް ދިވެހިބަހާއި ހިސާބު ޢިލްމު ކިޔަވައިދެއްވި ބޭފުޅެއްވެސްމެއެވެ. 1979 ވަނަ އަހަރުން ފެށިގެން 1992 ވަނަ އަހަރާ ހަމައަށް މާފަންނު އަވަށް ހިންގާ ކޮމިޓީގެ ރައީސްގެ ޙައިޘިއްޔަތުން އަވަށުގެ ކަންތައްތައް ކުރައްވާފައިވެއެވެ. އަދި އަވަށު ރައްޔިތުންގެ އެހީ ހޯއްދަވައިގެން، މިހާރުގެ މާފަންނު މަދަރުސާ ޢިމާރާތް ކުރުމުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ. އެ މަދަރުސާގެ ފުރަތަމަ ނާޒިރަކީވެސް އެމަނިކުފާނެވެ.

ޢައްބާސް ފާހަގަވެގެންދަނީ، ރާއްޖޭގެ ނޫސްވެރިކަމުގެ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސްމެއެވެ. ޚާއްޞަކޮށް، މިޒަމާނުގެ ނޫސްވެރިކަން ރާއްޖެއަށް ތަޢާރުފް ކުރެއްވުމުގައި މުހިންމު ހިއްސާއެއް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. މަދްރަސީ ޙަޔާތުގައި އަމިއްލަފުޅަށް ނޫހާއި މަޖައްލާ ލިޔުއްވައިގެން، އެ މަސައްކަތް ކުރެއްވިއެވެ. 1959 ވަނަ އަހަރު ދުވަހު ނޫސް [ވިޔަފާރި މިއަދު] އަށް ލިޔުއްވަން ފެށްޓެވިއެވެ. ނޫސްވެރިކަމުގެ ރޮނގުން އެމަނިކުފާނުގެ އެންމެ މުހިންމު އިސްނެންގެވުމަކީ، 1960 ވަނަ އަހަރު އެމަނިކުފާނުގެ އެޑިޓަރު ކަމުގެ ދަށުގައި ނެރުއްވަން ފެށްޓެވި [ފަތިސް] ނޫހެވެ. ފަތިސް ނޫހަކީ އެދުވަސްވަރު ރާއްޖޭގެ ނޫސްވެރިކަން ތަރައްޤީ ކުރުމަށް ވަރަށްގިނަ ޚިދްމަތްތަކެއް ކޮށްދިން، މަޢުލޫމާތާއި ޚަބަރުގެ ގޮތުން ދިވެހިންނަށް ވަރަށްބޮޑު ހޭލުންތެރިކަމަކާއި ކުރިއެރުމެއް ގެނެސްދިން ނޫހެކެވެ. ހަމައެފަދައިން އެދުވަސްވަރު ރާއްޖޭގެ މަސްރަޙުގައި އޮތް އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވުމަށް ކުރެވެމުންދިޔަ މަސައްކަތުގައި ރައްޔިތުންގެ ޝުޢޫރުތައް ދިރުވުމަށް ވަރުގަދަ ބާރެއްލެވުނު ނޫހެއްވެސްމެއެވެ. އެމަނިކުފާނަކީ މާލޭގައި ޝާއިޢު ކުރެވުނު [މޫންލައިޓް]، [ސިނަމާ]، [މިދުވަސްވަރު]، [ވަގުތު] ފަދަ ނޫސްތަކަށް މަޒުމޫނާއި ވާހަކަ ލިޔުއްވާފައިވާ ބޭފުޅެކެވެ.

ރާއްޖެ މިނިވަންކުރުމަށްޓަކައި އެދުވަސްވަރު ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގައި އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭފަދަ ކަންތައްތަކެއްކަން މި ފުރުޞަތުގައި ހަނދާންކުރަންޖެހެއެވެ. އެމަނިކުފާނުގެ ނޫސްވެރިކަމުގެ ޚިދުމަތުގައި ދެން އެންމެ ފާހަގަކޮށްލެވޭ ޚިދުމަތަކީ، އެމަނިކުފާނުގެ މަސްއޫލުވެރިކަމުގެ ދަށުގައި ނެރުއްވި [އާފަތިސް] ނޫހެވެ. މި ނޫސް ނެރުއްވަން ފެށްޓެވީ 8 ޖުލައި 1979 ގައެވެ. މިނޫހުގެ ރޭއްވެވުމާއި ހިންގެވުމުގެ އިތުރުން އެމަނިކުފާނަކީ ނޫހަށް ވަރަށް ގިނައިން ލިޔުއްވަމުން ގެންދެވި ބޭފުޅެއްވެސްމެއެވެ. ނޫސްވެރިކަން ކުރިއެރުވުމުގެ ގޮތުން ތަފާތު ކޯސްތައް، އާފަތިހުގެ ފަރާތުން ހިންގަވާފައިވެއެވެ.

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1985 ވަނަ އަހަރު އަދި މިރޮނގުން ޝަރަފުވެރިކަމުގެ އިނާމު، 2004 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. އަދި ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ނޫސްވެރިކަމުގެ ރަން ގަލަން، ޢައްބާހަށް ލިބިވަޑައިގެންފައިވެއެވެ.

ޢައްބާސް އިބްރާހީމަށް ވަނީ މިނިވަން 25ގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 3 ނޮވެމްބަރ 1988ގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން ސަރުކާރުން ދެއްވި ހަނދާނީ ފިލާވެސް ވަނީ ލިބިވަޑައިގެންފައެވެ.

ޢައްބާސް އިބްރާހީމް ދިވެހި ޤައުމަށާއި، ދައުލަތަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި 2013 ވަނަ އަހަރު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޢައްބާސް އިބްރާހީމަށް ވަނީ އަރުވައިފައެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
  • ރައީސް އޮފީހުގެ ވެބްސައިޓް - 2013 ގައި ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް އަރުވާފައިވާ ބޭފުޅުން