Jump to content

ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން
ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، 2023
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން
މަޤާމާ ހަވާލުވެވަޑައިގަތީ
19 ނޮވެންބަރު 2020
ކުރިން ހުންނެވީޑރ. ޢަލީ ޒާހިރު
ފަހުން ވަޑައިގަތީ
މަޤާމުގައި
2012–2018
ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ނާއިބު ރައީސް
މަޤާމާ ހަވާލުވެވަޑައިގަތީ
29 މާރިޗު 2023
މަތީތަޢުލީމުޖާމިޢާ ސަލަފިއްޔާ، ޕާކިސްތާން
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު
އިނާމުތައްސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 2004

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނަކީ ބ. ހިތާދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ޝަހާދާ ޘާނަވިއްޔާއާއި މަތީ ތަޢުލީމު ޙާޞިލުކުރެއްވީ ޕާކިސްތާނުގެ އަލްޖާމިޢަތުއްސަލަފިއްޔާއިންނެވެ. 1989ވަނަ އަހަރު އަލްޖާމިޢަތުއްސަލަފިއްޔާއިން ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ޢަރަބިކް ލެންގުއޭޖް ޙާޞިލުކުރައްވައިފައިވެއެވެ. 1995ވަނަ އަހަރު ތަފްސީރާއި ޙަދީޘުން މާސްޓާރސް ޙާޞިލުކުރައްވައިފައިވެއެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ ތަފްސީރާއި ޢުލޫމުލްޤުރްއާނުން ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އިސްލާމްއާބާދުގައި 2001ވަނަ އަހަރުގައެވެ.

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން މިވަގުތު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންގެ މަޤާމުގައެވެ. އެ ބޭފުޅާ ޢިލްމު ފެތުރުއްވުމުގެ މަސައްކަތް ފައްޓަވައިފައިވަނީ 1998ވަނަ އަހަރު އަމީނިއްޔާ ސްކޫލުގެ އިސްލާމް މުދައްރިސެއްގެ މަޤާމުންނެވެ. އެއަށްފަހު ކުއްލިޔަތުއްދިރާސާތިލްއިސްލާމިއްޔާ (2002- 2009)، ވިލާ ކޮލެޖު (2010 -2011)، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު (2007 -2013) އަދި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، (2001 – 2004) ގައި ޕާރޓް ޓައިމް ލެކްޗަރަރއަކަށް އުޅުއްވައިފައިވެއެވެ. މީގެ އިތުރުން 2004 އިން 2018 އަށް ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ސީނިއަރ ލެކްޗަރަރއަކަށް އުޅުއްވުމަށްފަހު ހަމަ އެ ފެކަލްޓީގެ ޑީންގެ މަޤާމުގައި 2012ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރުގެ ނިޔަލަށް ހުންނެވިއެވެ.

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދާކުރައްވައިފައިވާ އެހެނިހެން މަޤާމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކަޑަމީގެ މެންބަރުކަން ކުރެއްވުމާއި އެމް.އޭ. ޝަރީޢާގެ ކޯހުގެ  ކޯރޑިނޭޓަރުކަމާއި، އެލް.އެލް.ބީ ކޯހުގެ ކޯރޑިނޭޓަރުކަމާއި، ޤައުމީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމެޓީގެ މެންބަރުކަމާއި، ޤައުމީ ޔުނިވަރސިޓީގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމެޓީގެ މެންބަރކަމާއި، އެކަޑެމިކް ސެނެޓުގެ މެންބަރުކަމާއި، މާސްޓަރ އޮފް އާރޓްސް އިން ޝަރީޢާގެ ނުވަ ދަރިވަރުންގެ އެމް.އޭ.ގެ ޑިޒަރޓޭޝަންގެ ސުޕަރވައިޒަރުކަން ކުރެއްވުން ފާހަގަކޮށްލެވެއެވެ. އަދި އެތައް ފަހަރަކު ޤައުމީ ޔުނިވަރސިޓީގެ ތެވެލި ކޮންފެރެންސްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ޑރ. ޢަބްދުއްސައްތާރު ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި تاريخ التشريع الإسلامي(އިސްލާމީ ޝަރީޢަތުގެ ތާރީޚު) ، القواعد الفقهية (އިސްލާމިކް ލީގަލް މެކްސިމްސް) ، الحدود (ޙައްދުތައް) ، الجنايات (އަނިޔާތައް) ، الأحوال الشخصية 1،2،3 ، وسائل الإثبات (މައްސަލަތައް ޘާބިތުކުރުމުގެ ވަސީލަތްތައް. ހަތަރު މަޛްހަބު ޝާމިލް ވާގޮތަށް) ހިމެނެއެވެ.

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މިހާރުގެ ނާއިބު ރައީސެވެ. އެ މަޖިލީހަށް އެ މަނިކުފާނު ޢައްޔަން ކުރެވުނީ 2023ވަނަ އަހަރުގެ މާރިޗު މަހުގެ 29ވަނަ ދުވަހުއެވެ.

ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ޕީއެޗްޑީ ހާސިލުކުރައްވައިފައިވާތީ 2004ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވެއެވެ.