ޠާރިޤު އިބްރާހީމް

ޠާރިޤު އިބްރާހީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1969 ފެބުރުވަރީ 1ވަނަ ދުވަހުއެވެ.
ޠާރިޤު އިބްރާހީމް ވަނީ ބިލްޑިންގ ސަރވިސް އިންޖިނޭރިންގެ ދާއިރާއިން އިނގިރޭސިވިލާތުގައި 1995 ވަނަ އަހަރު ބެޗްލަރސް ޑިގުރީ ހާސިލުކުރައްވައިފައެވެ. ބިލްޑިންގ ސައިންސްގެ ދާއިރާއިން މާސްޓަރސް ޑިގުރީ ހާސިލުކުރެއްވީ 2002 ވަނަ އަހަރު ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޫރުންނެވެ. އަދި 2004 ވަނަ އަހަރު މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރެއްވިއެވެ.
ޠާރިޤު އިބްރާހީމް ވަނީ އެޗް.ޑީ.ސީ އާ އެމް.ޓީ.ޑީ.ސީ ގެ ޑިރެކްޓަރުންގެ ބޯޑުގައި ޚިދުމަތްކުރައްވައިފައެވެ. އަދި މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން އެ މަނިކުފާނު ކުރެއްވިއެވެ. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ އެއް މުއައްސިސަކީ ޠާރިޤު އިބްރާހީމެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މަޤާމު 5 އަހަރުދުވަހު އެ މަނިކުފާނު އަދާކުރެއްވިއެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައެވެ. އަދި ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މަޤާމާއި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމު އަދާކުރައްވައިފައިވެއެވެ.