ޞިއްޙި ރަގަޅު ޢާދަތައް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޞިއްޙަތު ސަލާމަތުން ހުރުމަކީ ދިރިހުރުމަށް ކޮންމެ މީހަކަށްމެ ބޭނުންވާނެ އެންމެ މުހިއްމު އެއް ކަންތަކެވެ. ފުރިހަމަ ޞިއްޙަތެއްގައި ހުރެވޭނީ ޞިއްޙީ ގޮތުން ރަގަޅު ޢާދަތަކެއް އަޅުގަނޑުމެންގެ ކިބައިގައި ހުރެގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ ޞިއްޙީ ގޮތުން ރަގަޅު ޢާދަތަކެއް ހިފެހެއްޓިގެންނެވެ.

ޞިއްޙީ ގޮތުން ރަގަޅު ޢާދަތަކުގެ ތެރެއިން ދުވާލަކު ދޭއް ނުވަތަ ތިން ފަހަރު ދަތް އުގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ހެދުނު ހޭލައިގެންނާއި، އަދި ނިދަން އޮށޯތުމުގެ ކުރިން ދަތްޕިލަ ރަގަޅަށް ސާފުކޮށް އުގުޅަން ވާނެއެވެ. ދަތްޕިލަ ރަގަޅަށް އުގުޅައި ސާފުކުރުމަކީ ދަތް ފަނިކެއުމުން ހިމާޔަތްކޮށްދީ، ހިރުގަނޑުގެ ބަލިތަކާއި ދުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ދަތްފިލަ ނުއުގުޅައި ސާފު ނުކޮށް ގިނައިރު ބަހައްޓައިފިނަމަ އަގައިން ނުބައި ވަސް ދުވާގޮތްވެއެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި ގައި އުޅޭއިރު އެފަދަ މީހުންގެ ފުށުން އެހެން މީހުންނަށް ނުތަނަވަސްކަން ކުރިމަތިކުރުވައެވެ. ހަމަ މިހެން ދަތްތައް ރަގަޅައި އުގުޅައި ސާފުކުރުމަކީ އަނގައިގެ ޞިއްޙަތު ރަގަޅުކޮށްދީ ދަތްތައް ދިގުމުއްދަތަކަށް ރައްކާތެރިކަން މަތީ ދެމެހެއްޓުމަށް އެހީތެރި ވެދޭނެ ކަމެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ހެދުނު ހޭލައިގެން ދަތް ނުއުގުޅައި ސައިބޮއިފިނަމަ ދަތްތަކުގެ ދޭތެރޭގައި ބެކްޓީރިއާ ފަދަ ޖަރާސީމް އަށަގަތުން އިތުރުވެ، ދަތް ފަނިކެއުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ދަތްޕިލަ އުގުޅައި ސާފު ކުރުމުގައި ފްލޮރައިޑް އެކުލެވޭ ދަތް އުގުޅާ ބޭހެއް އިޚްތިޔާރު ކުރުން މުހިއްމެވެ. އެއީ މިކަމުގެ ސަބަބުން އަނގައިގެ ތެރޭގައި އުފެދޭ ބެކްޓީރިއާ ތައް ނެތިދިއުމަށް މަގުފަހިވެގެންދާތީ އެވެ.

ކެއުމުގެ ކުރިންނާއި އަދި ފާޚާނާ ކުރުމަށްފަހު ދެއަތް ސާބޯނިލައިގެން ރަގަޅަށް ދޮވެ ސާފުކުރުމަކީ ވެސް ޞިއްޙީ ރަގަޅު ޢާދައެއްގެ ގޮތުގައި ކުރެވިދާނެ ކަމެކެވެ. މިގޮތަށް ޢަމަލު ކުރަން ޖެހެނީ ބެކްޓީރިއާ، ވައިރަސް ފަދަ ޖަރާސީމްގެ ބާވަތްތަކަކީ އަހަރެމެންނަށް ލޮލަށް ނުފެންނަ ކުދިކުދި އެއްޗިއްސަށްވެފައި، އެތަކެތީގެ ފުށުން ފެތުރޭ ބަލިތަކުން ހަށިގަނޑު ހިމާޔަތް ކުރުމަށްޓަކައެވެ.

ތިމާގެ ހަށިގަނޑާއި، ތިމާ ބޭނުންކުރާ އަންނަ އުނާއި، އުޅޭތަން ސާފުކޮށް ބެހެއްޓުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. މިއީ އިސްލާމް ދީން ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަންތައް ތަކެކެވެ. ހަށިގަނޑު ސާފުތާހިރު ކަމަކީ މުޖުތަމަޢެއްގެ އުޅޭއިރު އެހެން މީހުންނަށް ތިމާގެ ފުށުން އުދަގުލެއް ވިޔަ ނުދިނުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި މީގެ އިތުރުން ހަށިގަނޑު ސާފުތާހިރުކޮށް ބެހެއްޓުމަކީ ކަސްއެޅުން ފަދަ ހަމުގެ ބަލިތަކާއި އަދި އެެހެނިހެން އެތަކެއް ބަލިތަކުން މިންޖު ކުރުވާނޭ ކަމެކެވެ.

ކާބޯތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރި ވުމަކީ ވެސް ޞިއްޙީ ރަގަޅު ޢާދަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވަރަށް ގިނަ ބަލިތަކަކީ ފެނާއި ކާތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކަށް ވީހިނދު މިއީ ވަރަށް މުހިއްމު ކަމެކެވެ. ފެނާއި ކާތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ބެކްޓީރިއާ، ވައިރަސް، ޕަރަސައިޓް، ފަދަ ޖަރާސީމްތަކުގެ ސަބަބުން ޖެހޭ ބަލިތައް ހިމެނެއެވެ. މިސާލަކަށް ބޭރަށް ހިންގުން، ކޮލެރާ، ޝިގެއްލާ، ހެޕަޓައިޓިސް، ފަދަ ބަލިތަކަކީ ކާބޯ ތަކެތީގެ ޒަރީޢާއިން ފެތުރިދާނެ ބަލިތަކެވެ.

ކަސްރަތު ކުރުމަކީ ވެސް ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ހިފެހެއްޓިދާނެ ޞިއްޙީ ރަގަޅު ޢާދައެކެވެ. ކަސްރަތު ކުރުމުގެ ގޮތުން ތަފާތު އެކި ކަންތައްތައް ކުރެވިދާނެއެވެ. މިސާލަކަށް ކަސްރަތު ލިބޭ ފަދަ ކުޅިވަރެއް ކުޅުން، ދުވާލަކު ބައިގަޑިއެއްހާ އިރު ހިގާލުން، ފެތުން، ބައިސްކަލް ދުއްވުން ފަދަ ކަމެއް ކުރެވިދާނެއެވެ. އެމެރިކާގައި 13ހާސް މީހުން ބައިވެރިކޮށްގެން 8 އަހަރު ދުވަހުގެ މުއްދަތަށް ކުރި ދިރާސާއެއް ދައްކާގޮތުން ދުވާލަކު ބައިގަޑިއެއްހާ އިރު ކަސްރަތު ކުރުމުގެ ގޮތުން ހިގާލާ ހަދާ މީހުން ކަސްރަތު ނުކުރާ މީހުންނަށްވުރެ ޢުމުރު ދިގުވެފައި، އަވަހަށް މަރުވުމުގެ ފުރުޞަތު ކުޑަވެއެެވެ.

އާދަވެގެން ކަސްރަތު ކުރުމަކީ އެތަކެއް ބަލިތަކަކުން ރައްކާތެރިވެ ހުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. ޢާދަކޮށް ކަސްރަތު ކޮށް ހަދާނަމަ، ހަކުރުބަލި، ޕްރެޝަރު މައްޗަށް ދިއުން، ހިތުގެ ބަލިތައް، ސްޓްރޯކްޖެހުން، ފަލަވުން، އަދި ބަނޑުހިކުން ފަދަ ބަލިތަކާއި ދުރުކޮށްދީ އެކަންކަމުން ރައްކާތެރިކޮށްދެއެވެ.

ހަށިގަނޑަށް ފައިދާހުރި ރަގަޅު ކާނާގެ ބާވަތްތައް ކެއުމުގައި ހިމަނަންޖެހެއެވެ. ޚާއްޞަކޮށް ކާނާގެ ހުރިހާ ބާވަތްތަކެއް ހިމެނޭ ގޮތަށް ހަމަހަމަ ކެއުމެއް އިޚްތިޔާރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް އެޅޭ ހަރުދަނާ ބިންގަލެއްކަން ޔަގީނެވެ. ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތަކުގެ ތެރޭގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން،މޭވާ އާއި ތަރުކާރީ، ވިޓަމިން، އަދި ތަފާތު ވައްތަރުގެ މަޢުދަން ތަކާއި، ދިޔާތަކެތި ހިމެނެއެވެ.

ތިމާގެ ހަންގަނޑަށް ފަރުވާތެރިވެ އަޅާލުމަކީ ވެސް ވަރަށް ވެސް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ގަދަ އަތްވާއި ހޫނުގައި މަސައްކަތްކުރާ މީހުން އިރުން ފޮނުވާ އަލްޓްރާ ވައިލެޓް ދޯދިތަކުން މިންޖުވެހުރުމަށް ވީވަރަކުން ހަށިގަނޑު ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އެއީ ގަދަ އަވީގެތެރޭގައި ގިނައިރު އުޅުމަކީ ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ކަމަކަށްވާތީ އެވެ.

ޞިއްޙީ ރަގަޅު ޢާދަތަކުގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރެވިދާނެ އެހެން ބައެއް ކަންތައްތަކުގެ ތެރޭގައި ބަރާބަރަށް ނިދުން، އަތްފައިގެ ނިޔަަފަތި ކަނޑައި ސާފުތާހިރު ކަންމަތީގައި ބެހެއްޓުން، ކެއްސާއި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން، އަދިި މިނޫނަސް ތަފާތު އެތައްކަމެއް ހިމެނެއެެވެ.