ޝަން ހިން ސްކޮޔަރ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޝަން ހިން ސްކޮޔަރ

ޗައިނާގެ ދެކުނުގެ ގުއާންޑޮން ޕްރޮވިންސްގެ ވެރިރަށް ޝެން ޒެންގައި ހުންނަ ޝަން ހިން ސްކޮޔަރ އަކީ ދުނިޔޭގެ 9 ވަނަ އަށް އެންމެ އުސްޢިމާރާތުގެ އިތުރުން ޗައިނާގެ 5 ވަނަ އަށް އެންމެ އުސް ޢިމާރާތެވެ. އެތަން ބިނާކޮށް ނިމުނު އިރު އެތަނަކީ ޗައިނާގެ އެންމެ އުސް ޢިމާރަތްކަމުގައި ވިއެވެ. ނަމަވެސް 1996 ވަނަ އަހަރު ސީ.އައި.ޓީ.ސީ ޕްލާޒާ ބިނާކޮށް ނިމުމުން ޗައިނާގެ އެންމެ އުސް ޢމާރާތުގެ ޝަރަފް ޝަން ހިން ސްކޮޔަރ އަށް ގެއްލުނެވެ.

ކޮންކްރީޓުން ބިނާކޮށްފައިވާ ޝަން ހިން ސްކޮޔަރ ބިނާކުރަން ފުރަތަމަ ފެށި އިރު އެތަނުގެ މަސައްކަތް ދިޔައީ ވަރަށް ހަލިުވިކަމާއެކުގައެވެ. އެގޮތުން ފުރަތަމަ 9 ދުވަހުގެ ތެރޭގައި ދުވާލަކަށް 4 ފަންގިފިލާގެ ކޮންކްރީޓް މަސައްކަތް ނިންމަމުން ދިޔައެެވެ. އުސްމިނުގައި 1260 ފޫޓު ( 325 މީޓަރު ) ހުންނަ ޝިންހަން ސްކޮޔަރގައި ހުންނަނީ 69 ފަންގިފިލައެވެ.

ޢިމާރާތުގެ ބޭރު ޒީނަތްތެރިކުރުމަށް މުޅިންވެސް ބިއްލޫރި ބޭނުންކޮށްފައިވާ ޝަން ހިން ސްކޮޔަރގެ މައި ޓަވަރުގެ ގާތްގަނޑަކަށް ހުރިހާ ފަންގިފިލައެއް ބޭނުންކުރަމުންދަނީ އޮފީސްތައް ހިންގުމަށެވެ. ނަމަވެސް އެޢިމާރާތުގައިވާ 35 ފަންގިފިލާގެ މައްޗަށް އެކުލެބޭ އެނެކްސްގައި ހުންނަނީ އެޕާޓްމަންޓްތަކާއި 5 ފަންގިފިލާގެ މައްޗަށް އެެކުލެވޭ ޝޮޕިން އާކޭޑެއްގެ އިތުރުން ޕާކިންގ ލޮޓެކެވެ.

ޝަން ހިން ސްކޮޔަރގައި ހުންނަ ޝޮޕިންގ އާކޭޑަށް ޒިޔާރަތްކުރާމީހުންގެ ފަސޭހައަށްޓަކައި އެތަނުގައި 4 އެސްކަލޭޓަރ ސެޓް ހުރެއެވެ. އަދި އޭގެ ިތުރުން 5 ޕެސެންޖަރ ލިފްޓާއި 2 ސަރވިސް ލިފްޓް ހުރެއެވެ. 4900 އަކަމީޓަރުގެ ފްލޯ އޭރިއާއެއް އޮންނަ މި ޢިމާރާތުގެ އެންމެ މަތީބައިގައި ވަނީ މެރީޑިއަން ވިއު ސެންޓަރގެ ނަންދީފައިވާ އޮބްޒަރވޭޝަން ޑެކެކެވެ.

1993 ވަނަ އަހަރު ބިނާކުރަން ފަށައި 1996 ވަނަ އަހަރު މަސައްކަތް މުޅިން ނިންމާލި ޝަންހިން ސްކޮޔަރ ފަރުމާކުރީ ޢިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ޗައިނާގައި މަޝްހޫރުކަން ހޯދާފައިވާ ކުންފުންޏެއްކަމަށްވާ ކޭ. ވައި .ޗެއުން ޑިޒަައިން ކުންފުނިންނެވެ.

ޗައިނާގެ ޘަޤާފީ ކުލަތައް ވެސް ކޮންމެވެސް ވަރަކަށް ހިމަނައިގެން ފަރުމާކޮށްފައިވާ ޝަންހިން ސްކޮޔަރ ފަރުމާކޮށްފައިވަނީ ޒަމާނީ ތަރައްޤީވެސް ރަމްޒުކޮށްދޭ ފަދަ ގޮތަކަށެވެ. މިޢިމާރާތުގެ އުސްކަމާއި ރީތިކަމުން ޝެންޒެން ސިޓީ ފާހަގަކޮށްދޭ ނިޝާނެއްކަމުގައި މިހާރު ވެފައިވަނީވެސް މިތަނެވެ.

ޝެންޒެން ސިޓީއަކީ 1970ގެ އަހަރުތަކުގެ ކުރިން ކުޑަކުޑަ މަސްވެރި އަވަށް ގަނޑެއްގެ ގޮތުގައި ފާހަގަކުރެވުނު ރަށެކެވެ. ނަމަވެސް ބޭރުގެ އިންވެސްޓަރުންނަށް އެރަށް ހުޅުވާލުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު އެއީ ޗައިނާގެ ސިޓީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ލިބިފައިވާ ސިޓީއެކެވެ. އެރަށުގައި ފެކްޓްރީތަކާއި ޢިމާރާތްތައް ބިނާކުރުމަށް ބޭރުގެ އިންވެސްޓަރުން 30 ބިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ އިންވެސްޓްކޮށްފައިވެއެވެ.