ޚިޔާލު:އަދަބިއްޔާތު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ބަހާއިބަހުރުވަ - ޢިލްމީގޮތުންކުރެވިފައިވާ ދިރާސާއެއް - Bahaaibahuruva

               ބަހާއިބަހުރުވަ ވަކިކުރެވޭ ހެއްޔެވެ؟ 
              އަޝްރަފް ޢަލީ.ގއ. ނިލަންދޫ ލިލީމާގެ
              ދިވެހިބަހާއި ސަގާފަތުގެ މާސްޓަރ ކޯސް 2012

ބަހަކީ އިންސާނުން މުޢާޞަލާތުކުރާ އެންމެ ފުރިހަމަ ނިޒާމެވެ. އެންމެ ފަސޭހަ ވަސީލަތެވެ. އެއީ ހިތުގެ ޖަޒުބާތާއި ޝުޢޫރާއި ޚިޔާލުފާޅުކުރުމަށް ބޭނުންކުރާ އަޑުތަކާއި ކޯޑުތަކާއި ނިޝާންތަކާއި ޙަރަކާތްތަކެވެ. އިންސާނީ ޙަޟާރަތެއްގެ ބިންގާއެޅި ތަހުޒީބުވުމުގެ ގޮތްތަކެއް އާލާވާހިސާބުން ބަސްވެސް ތަރައްޤީވެ ކުރިއަރަން ފަށައެވެ. ބަހުގެ ދޮށިކަން އިންސާނާއާ އެއްފަދައެވެ. ބަހަކީ ބަހުރުވަތަކެއް އެއަށް ނިސްބަތްވާ ނިސްބަތްވުމެކެވެ. ބަހުރުވައަކީ މައިބަހަކުން ކޮންމެވެސް ސަބަބަކާ ހުރެ ކަފިވެފައިވާ އެބަހުގެ ގޮތްޕެކެވެ. ނުވަތަ ގޮފިތަކެކެވެ. ބަހާއި ބަހުރުވައަކީ މުޅިން ތަފާތު ދޭއްޗެކެވެ. އެދޭއްޗަށް ލިބިގެންވާ ސިފަތަކާއި އުފެދުމަށް މެދުވެރިވާ ހާލަތްތައްވެސް ތަފާތެވެ.ދ ިވެހި ބަހަށް ނަޒަރު ހިންގާލާއިރުވެސް ފާހަގަކުރެވެނީ ހަމަ މިޙަޤީޤަތެވެ. ދިވެހިބަހުގައިވެސް ބަހުރުވަތަކެއް އެބަވެއެވެ. އެބަހުރުވަތަކަށް އޭގެ އަހުލުވެރިން ބަހޭވެސް ކިޔައެވެ. އެހެންކަމުން މި ދިރާސާގައި ބަލާފައިވާނީ ބަހަކީ ކޮބައިކަމާއި ބަހުރުވައަކީ ކޮބައިކަމެވެ. އެގޮތުން ބަހެއްގައި ހުންނަ އަސާސީ ސިފަތަކާއި ބަހުރުވައެއްގައި ހުންނަ ސިފަތަކާއި އެ އުފެދެނީ ކިހިނެއްކަމާއި ބަހާއި ބަހުރުވައިގެ ތަފާތުތަކުގެ މައްޗަށްވެސް ބަލައި މަޝްވަރާކޮށްފައިވާނެއެވެ. ހަމައެހެންމެ ދިވެހިބަހަކީ ބަހެއްތޯ ނުވަތަ ބަހުރުވައެއްތޯ ވެސް ބަލައި ދިރާސާކޮށް ޚިޔާލުހުށަހަޅާފައިވާނެއެވެ.

ބަސް މައުމޫނު ޢަބުދުލް ޤައްޔޫމް (1989) ވިދާޅުވާ ގޮތުގައި ބަހަކީ ތިމާގެ ބޭނުންތައް އަނެކުންނަށް އަންގައިދޭ އެއްޗެކެވެ. އެއް އިންސާނެއްގެ ހިތުގައިވާ ޚިޔާލާއި ޝުޢޫރު އަނެއް އިންސާނަކަށް ހާމަކޮށްދޭ ވަޞީލަތެކެވެ. އެކެއްގެ ވިސްނުމާއި ފިކުރު އަނެކާޔާ ހަމަޔަށް ގެންގޮސްދޭ ސަވާރީއެއް ކަމުގައެވެ. އެޑްވަޑް ފިނެގަން (1999) ވިދާޅުވަނީ ބަހަކީ ހިތުގައި އުފެދޭ ޚިޔާލުތަކާއި، ޝުޢޫރުތަކާއި، ޖަޒުބާތުތައް އެކަކު އަނެކަކާއި ހަމަޔަށް ފޯރުކޮށްދިނުމަށް އަޑު ނުވަތަ ނިޝާން ނުވަތަ ޙަރަކާތް އެކުލެވޭގޮތަށް ބޭނުންކުރާ ނިޒާމެއް ކަމުގައެވެ. ލިންގުއިސްޓިކުން ނުވަތަ ބަހާބެހޭ ޢިލްމުވެރިން ބުނާގޮތުން ބަހަކީ އެއް އިންސާނަކު އަނެއް އިންސާނަކަށް އެއްޗެއް އޮޅުން ފިލުވައި ދިނުމަށްޓަކައި ނުވަތަ މަޢުލޫމާތު ދިނުމަށްޓަކައި ވަކި ނިޒާމެއްގެ މަތިން ބޭނުންކުރާ އަޑުތަކަކަށް ނުވަތަ ޢިޝާރާތްތަކަކަށް ކިޔާ ނަމެއްކަމަށް ޔުމްނާ މައުމޫން (1994) ވިދާޅުވެއެވެ.

މީގެ އިތުރުން ޙުސައިންރަޝީދު އަޙުމަދު (1995) ވިދާޅުވާގޮތުގައި ބަހަކީ ކަލިމަތައް އެއިން އުފެދޭ (SYLLABLES ) ނުވަތަ އަޑުވަޅު ތަކެއްގެ ސިފައިގައި އެކުލެވިފައިވާ ގުޅުވި އަޑުތަކެވެ. 

ކޮއެންރާޑް ކުއިޕަރ އާއި ސްކޮޓް އެލަން ( 1996) ހާމަކުރައްވާގޮތުގައި ބަހަކީ ކޯޑެކެވެ. އެހެނީ ކޯރޑުތަކެއް ބޭނުންކޮށްގެން ވަރަށް މުހިންމު އަދި ވަރަށް ގިނަ ޒާތްޒާތުގެ މަޢުލޫމާތު ދެވެއެވެ. ޓްރެފިކް ލައިޓުގެ ކުލަތައް ދަސްވެފައިވާ މީހަކަށް ރަތްކުލަ ދިއްލުމުން ހުއްޓެން އެނގެއެވެ. ފެހިކުލަ ދިއްލުމުން ދުންވަން އެނގެއެވެ. ފެހިކުލައިން މީހެއްގެ ސޫރަ ދިއްލުމުން ހިނގާފައި މަގުހުރަސްކުރާ މީހުން ހިނގަންފަށައެވެ. ބަހުގެ ޢިލްމުގައި މިއަށްނިޝާނޭވެސްކިޔައެވެ. އ ޖީން އެއިޗިސަން (2003) ހާމަކުރައްވާ ގޮތުގައި ބަހަކީ ވަކި ގޮތަކަށް ހަމަޖެހިފައިވާ ނިޝާންތަކަކުން ނުފޫޒުފޯރުވޭ ނިޝާންތަކަކާއި ޤަވާޢިދުތަކެއް އެކުލެވޭ މުޢާޞަލާތުކުރުމުގެ ނިޒާމެކެވެ. ކުރިން ދެންނެވުނު ތަޢާރުފްތަކާ ޚިލާފަށް މިތަޢާރުފުން ހާމަވާގޮތުގައި ވަކި އުޞޫލުތަކަކަށް ހަމަޖެހިފައިވާ ނިޝާންތަކެއްވެސް ބަހެއްގައިނަމަ ހިމެނެއެވެ. އަދި އެނިޝާންތަކަކީ ނުފޫޒާއި ބާރުފޯރުވޭ ނިޝާންތަކަކަށް ވެސް ވާންޖެހެއެވެ. އެހެންކަމުން ކުރުގޮތަކަށް ދަންނަވާނަމަ، ޙުސައިން ރަޝީދު އަޙުމަދު (1996) ވިދާޅުވާފަދައިން ބަހަކީ އިންސާނީ ބުއްދީން އަނެއް އިންސާނީ ބުއްދިއަކަށް މާނަ ފޮނުވައިދޭ ކޮންމެ އެއްޗެކެވެ. އިންސާނުން، އެމީހުންގެ ޚިޔާލާއި ފިކުރާއި އިޙުސާސްތައް އަނެކުންނަށް ހާމަކޮށްދިނުމަށް ނުވަތަ މުޢާޞަލާތުކުރުމަށް ބޭނުންކުރާ އަޑުތަކާއި ލަފްޒުތަކާއި ތަފާތު ޙަރަކާތްތަކާއި ޕެޓާންތަކާއި އަދި މިނޫނަސް މިފަދަ ކަންކަން އެކުލެވޭ ވަރަށް ފުރިހަމަ ނިޒާމެއްކަމެވެ.

ބަހަކީ ކޮންބައެއްގެ އެއްޗެއް ހެއްޔެވެ؟. ބަހާބެހޭ ޢިލްމުވެރިން އެމީހުންގެ ދިރާސާތަކުގައި ފާޅުކަން ބޮޑުކޯށް މިކަމުގެ މައްޗަށް ޚިޔާލުފާޅުކުރައްވައިފައި ވެއެވެ. ބަހަކީ ކޮންބައެއްގެ އއެއްޗެއްތޯއެވެ؟ އެއީ އިންސާނުންގެ އެއްޗެއް ތޯއެވެ؟ ނުވަތަ އެހެނިހެން މަޚުލޫޤުންގެ އެއްޗެއް ތޯއެވެ؟ ބަހުގެ ޢިލްމުވެރިންގެ ރަޢުޔުތައް ހެކިދޭ ގޮތުންނަމަ ބަހަކީ އިންސާނުންގެ އެއްޗެކެވެ. ޙުސައިން ރަޝީދު އަޙުމަދު (1995) ވިދާޅުވާ ގޮތުގައި "ބަހަކީ ޙައިވާންތަކުގެ ތެރެއިން ހަމައެކަނި އިންސާނާއަށް ޚާޞަކުރެވިފައިވާ އެއްޗެކެވެ. އެއީ އިންސާނާގެ ކިބައިގައި ނޫނީ ބަހައްޓަކައި ޚާއްޞަ މަރުކަޒުތަކެއް ( އޭނާގެ ސިކުނޑީގައި ) ހެދިފައި ނުވާތީއެވެ. އެއީ ވާހަކަދައްކައި އުޅުމުގެ މަރުކަޒެކެވެ. އަޑުތަކާއި ބަސްތައް ރައްކައުކުރުމުގެ މަރުކަޒެކެވެ" (.4). ޗޮމްސްކީއާއި އާރ.އޭ. ހޯލްއާ ޙަވާލާ ދެއްވަމުން ޑޭވިޑް ކްރިސްޓަލް ( 1997) ވެސް މިކަމާ އެއްބަސްވެލައްވައެވެ. މީގެ އިތުރުން ބަހާ ބެހޭގޮތުން ޑރ އާރ.ކޭ.ޖެއިން އާއި ފްރޮފެސަރ ސީ.ކޭ.ޝަރުމާ ދެއްވާފައިވާ ތަޢާރަފު ވެސް މިކަމަށް ހެކިދެއެވެ. އަދި ހަމަ އެހެންމެ މައުމޫން ޢަބްދުލް ޤައްޔޫމް )1989) ވިދާޅުވެފައިވާ ތަޢާރުފުން ވެސް މިކަން ސާބިތުކޮށްދެއެވެ. ބަހަކީ އިންސާނުންނަށް ޚާއްޞަ އެޗެއްކަމަށްބަހުގެ ޢިލްމުވެރިން ދައްކަވާ އެއްމެބޮޑު ހެއްކެއްކަމަށް ފެންނަނީ އިންސާނުން ވާހަކަދައްކާ ބަސްބަހުގައި އެތައް ބައިވަރު އަޑުތައްހުރުމެވެ. އަދި އެއަޑުތައް ވަކިޤަވާޢިދެއްގެ މަތިން ގުޅުވައިގެން މުޢާމަލާތްކުރަން އިންސާނުންނަށް އެނގުމެވެ. ޖީން އެއިޗިސަން (2003) ހާމަކުރައްވާގޮތުގައި އިންސާނުން ވާހަކަދައްކާ އަޑުތަކަށް ބަހެކޭ ކިޔެނީ ކުރިން ދެންނެވުނު ސިފަތައް އިންސާނުން މޮށެ އުޅޭ ބަސްބަހުގައި ހުންނާތީއެވެ. އެޑްވަރޑް ފިނެގަން (2007) ހާމަކުރައްވާ ގޮތުގައި ބަހަކީ އިންސާނާ، އޭނާގެ ބޭނުންތަކާއި، ޚިޔާލުތަކާއި، ޝުޢޫރުތައް އަނެކާއަށް ހާމަކުރުމަށް ބޭނުންކުރާ ހަތިޔާރެކެވެ. އަދި އެއީ އިންސާނުން މުވާޞަލާތުކުރުމަށް ވަކި ހަމަތަކެއްގެމަތީން އަނގައިން ބޭރުކުރާ، މާނަދޭހަވާ ގުޅިފައިވާ އަޑުތަކެއްވެސްމެއެވެ. ވިކްޓޯރިޔާ ފުރޮމްކިންގް، ޑޭވިޑް ބްލެޔަރ، ޕީޓަރ ކޯލިންސް (1999) ކަށަވަރު ކޮށްދެއްވަނީ ބަހަކީ އިންސާނުންނާއި ޙައިވާނުން ވަކިކޮށްދޭ ޚާއްޞަ ސިފައެއްކަމުގައެވެ. ހަމައެހެންމެ ބަހަކީ އިންސާނީ ބޭނުންތައް ފުއްދުމަށްޓަކައި ފާޅުކުރާ ޚިޔާލުތަކަކާއި، ޝުޢޫރުތައް ކަމުގައިވެސް މިބޭބޭފުޅުން ބަޔާންކުރައްވައެވެ. ޑޭވިޑް ކްރިސްޓަލް ( 1997) ވިދާޅުވާ ގޮތުގައި އިންސާނުންގެ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގައްޔާއި، އެބައިމީހުންގެ ވަށައިގެންވާ ޙަޤީޤަތްތަކާއި އެބައިމީހުން ގުޅުވާލުމުގައި ބަހަކީ އިންސާނުންގެ އަސާސީ ސިފައެކެވެ. ވުމާއެކު ބަސް އިންސާނުންގެ އިޖުތިމާޢީ ގުޅުންތައް ގާއިމްކުރުމުގައި މުހިއްމު އަސާސީ ދައުރެއް އަދާކުރެއެވެ މިކަންކަމުން އެނގި ކަށަވަރުވަނީ އިންސާނީ ބޭނުންތަކާއި ބަހާހުރި ގުޅުމެވެ. އިންސާނުންގެ މާއްދީ ބޭނުންތަކާއި ބަހާއި ގުޅުންވާފަދައިން އިންސާނީ ޝުޢޫރުތައް ފާޅުކުރުމަށް ހަމަތަކަކާއި، ޤަވާޢިދުތަކެއްވެސް ބޭނުންވެއެވެ. އެހެނީ ބަހަކީ މުޢާމަލާތު ކުރުމަށްޓަކައި އިންސާނުން ލިޔެގެން ނުވަތަ އަނގަބަހުން ބޭނުންކުރާ ލަފުޒުތަކުގެ ނިޒާމެއްކަމާއި އެއީ ވަކިނިޒާމެއްގެ މައްޗަށް އެކުލެވޭގޮތަށް ފާޅުކުރާ ޚިޔާލުތަކާއި، ޝުޢޫރުތަކާއި، އަޑާއި ހަށިގަނޑުގެ ޙަރަކާތްތައް، އަދި ނިޝާންތަކެއްގެ މައްޗަށް ބިނާވެގެންވާ މާނައެކުލެވޭ އެއްޗެއް ކަމަށް ޑޭވިޑް ކްރިސްޓަލް (1997) ހާމަކުރައްވައިފައިވެއެވެ. ބަސް އުފެދެނީ ކިހިނެއް ހެއްޔެވެ؟ ބަހަކީ ޤުދުރަތީ ގޮތުން އުފެދޭ އެއްޗެކެވެ. އެއީ އެއްވެސް މީހަކު އުފައްދާ އަދި އުފެއްދި އެއްޗެއް ނޫނެވެ. ޖޯޖު ޔޫލް (1996) ހާމަކުރައްވާ ގޮތުގައި ބަހަކީ އިލާހީ އެއްޗެކެވެ. އެއީ ޤުދުރަތީ އަޑުތަކުން އުފެދޭ އެއްޗެކެޗެ. އެއީ ޤުދުރަތީ ގޮތުން އިންސާނާއަށް ޚާއްޞަކުރެވިފައިވާ ޤާބިލްކަމަކާއެކު އުފެދޭ އެއްޗެކެވެ. މުޙައްމަދު ވަޙީދު ނަދުވި (2001) ހާމަކުރައްވާގޮތުގައި ބަހަކީ ވަކި ސަބަބުތަކެއް ލައިގެން އުފެދޭ އެއްޗެއް ނޫނެވެ. އެ އުފެދެނީ ޤުދުރަތީގޮތުންނެވެ. އިންސާނާގެ ކިބައިގައިވާ ޚާއްޞަ ޣަރީޒާއެއްގެ ސަބަބުންނެވެ. ބަސް އުފެދނީ އަޑުތަކަކުން ކަމަށްވެސް އޭނާ ހާމަކުރައްވައިފައިވެއެވެ.

މިނަޒަރިއްޔާތުތަކަށް ބަލާއިރު ބަހަކީ ޤުދުރަތީ ގޮތުން އުފެދޭ އެއްޗެއްކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. އެހެނީ ކިރިތި ޤުރުއާނުން މިކަން ސާބިތުވެއެވެ. އެއީ ކިރިތިޤުރުއާނުގެ ބަޤަރާސޫރަތުގެ 31 ވަނަ އާޔަތުން މިކަމަށް ބާރުލިބޭތީއެވެ. އެ އާޔަތުގެ މާނަ ބަޔާންކުރައްވަމުން ކީރިތި ޤުރުއާނުގެ ރަޙުމާނު ސޫރަތުގެ ހަތަރުވަނައާޔަތުގެތަރުޖަމާކަމުގައިމޫސާފަތުޙީ،މުޙައްމަދުޖަމީލް،އިބްރާހިމްޙިލްމީދީދީ،ފަތުޙުﷲޖަމީލް،ޒާހިރުޙުސައިން (1395ހ) ހާމަކުރައްވައިފައިވަނީ "އާދަމްގެ ފާނު އުފައްދަވައި އެކަލޭގެފާނަށް ހުރިހާ ނަންތަކެއް ދަސްކޮށްދެއްވީމެވެ" މިހެންނެވެ. ވީމާ އިންސާނާ އުފެއްދެވުމާއެކު އެކަލާގެ އެއިންސާނާއަށް މިވަނީ ބަހެއްގެ ޒަރީއާއިން އުނގަންނަވައި ދެއްވާފައެވެ. ހަމައެއާއިއެކު މިނަޒަރިއްޔާ އިތުރަށް ވަރުގަދަވަނީ ﷲތަޢާލާ އާދަމްގެފާނު އުފެއްދެވުމަށްފަހު އެކަލާނގެ އިންސާނާއަށް (އާދަމްގެފާނަށް) ބަސްމޮށުންތެރިކަން އުނގަންނަވައި ދެއްވިކަން ކީރިތިޤުރުއާނުންސާބިތުވާތީއެވެ.ޤުރުއާނުގެރަޙުމާނުސޫރަތުގެހަތަރުވަނައާޔަތުގެތަރުޖަމާކަމުގައިމޫސާފަތުޙީ،މުޙައްމަދުޖަމީލް،އިބްރާހިމްޙިލްމީދީދީ،ފަތުޙުﷲޖަމީލް،ޒާހިރުޙުސައިން (1395ހ) ހާމަކުރައްވައިފައިވެއެވެ. "އެކަލާނގެ އިންސާނާ އުފައްދަވާ އެއިންސާނާއަށް ބަސްމޮށުންތެރިކަން އުގަންނައިދެއްވިއެވެ" ވީމާ މިހާހިސާބުން ބަހަކީ އިލާހީ އެއްޗެއްކަމާއި ބަސްމޮށުންތެރިކަން އުނގަންނަވައި ދެއްވީ ﷲ ތަޢާލާކަން އެއްވެސް ޝައްކަކާ ނުލައިސާބިތުވެއެވެ. ބަހުރުވައަކީ ކޮބައިހެއްޔެވެ؟ ދަ ޓާރމް ޑައިލެކްޓް (2012) ގައި ބަޔާންކޮށްފައިވާ ގޮތުގައި ބަހުރުވަ މިއީ ގުރީކުބަހުގެ އިސްތިލާޙެކެވެ. "ޑައިލެކްޓޮސް" މިލަފުޒުން އުފެދިގެން ތަރައްޤީވެގެން އައިސައިވާ މަފުޙޫމެކެވެ. ބަހަވީ ޢިލްމުވެވެރިން ދެގޮތަކަށް މިއިސްޠިލާޙު މާނަކުރެއެވެ. މި އިސްތިލާޙު މާނަކުރެވޭ އެއްގޮތަކީ މައިބަހަކަށް ނިސްބަތްވާ، ވަކި ޖަމާޢަތެއްގެ ބަޔަކު ވަކިސިފަތަކެއް ހިމެނޭގޮތުން ވާހަކަދައްކާ އެކުވައްތަރުކަމެއްގެ ގޮތުގައެވެ. ޢާންމުކޮށް މި އިސްތިލާޙު ތަންފީޒުވެފައި ހުންނަނީ ސަރައްޙައްދީ ވާހައްކަދެއްކުމުގެ ގޮތްތަކުގައެވެ. އަދި މިނޫނަސް ބަހުރުވައެއްކަމަށް ދޭހަވާ އެހެން ސަބަބުތަކުގެ ތެރެއިން އިޖުތިމާޢީ ގޮތުން އޮންނަ ވަކި އިމެއް ވެސް ފާހަގަކުރެވެއެވެ. ވަކި އިޖުތިމާޢީ ގިންތިއަކާ ގުޅިފައިވާ ބަހުރުވައަކީ ސޯޝިއޯލެކްޓް" ނުވަތަ އިޖުތިމާޢީ ބަހުރުވައެވެ. ސަރަޙައްދުގެ ގޮތުން އުފެދޭ ބަހުރުވައަކީ ސަރަޙައްދީބަހުރުވައެވެ. އެޑްވަރޑް ފިނެގަން (2007) ހާމަކުރައްވައިފައިވާ ގޮތުގައި ބަހުރުވައެއްކަމަށް ރަމުޒުކޮށްދޭ ކަންތައްތަކެއް ހުރެއެވެ. އޭގެ ބަސްކޮށާރާއި ޤަވާޢިދާއި ބޭނުންކުރާ އުޞޫލެވެ. ރާގެވެ. ގޮތެވެ. އޭގެތެރޭގައި ލަފުޒުގެ އަޑުތަކާއި ވަޒަންވެސް ހިމެނޭގޮތުންނެވެ. ވަރުދޯފް އޭ (2010) ހާމަކުރައްވާ ގޮތުގައި ޢާންމު ބުނުންތަކުގައި ބޭނުންކުރާ މާނައަށް ބަލާއިރު ބަހުރުވައަކީ ބައެއްގެ ބައެކެވެ. މާބޮޑު ޙައިޘިއްޔަތެއް އެއަށް ލިބިފައެއް ނުވެއެވެ. ޢާންމުމޮށް ބަހުރުވަ ގުޅިފައިވާނީ އެބަޔަކާމެދު މާބޮޑަށް އަލައިނުލެވިފައިވާ ރަށްފުށާއެވެ. ނުވަތަ އެފަދަ ޖަމާޢަތްތަކާއެވެ. ބަހުރުވައެއް އުފެދެނީ ކިހިނެއް؟ މާތް ﷲ ރުއްސުން ލެއްވި ޙައްވާގެފާނާއި އާދަމްގެފާނު އެއްބޭފުޅަކު، އަނެއް ބޭފުޅަކަށް ވާހަކަފުޅު ދައްކަވާ ހެއްދެވީ ބަސް ބޭނުން ކުރައްވައިގެންކަން ސާބިތުވެއެވެ. ދުނިޔޭގައި މާ ގިނަ ދުވަހެއް ނުވަނީސް އިންސާނީ ދަރިފަސްކޮޅު ގިނަވެގެން ދިޔައެވެ. އެންމެ ފުރަތަމަ މި އެންމެންވެސް ވާހަކަ ދައްކާ ހަދާފައި ވާނީ އެއްބަހަކުންނެވެ. ނަމަވެސް މީސްތަކުން ގިނަވުމުން، ތަފާތު މައްސަލަތައް އެމީހުންގެ މެދުގައި ޖެހެއެވެ. މިއީ ދުނިޔޭގެ ސުންނަތެވެ. މުޙައްމަދު ވަޙީދު ނަދުވީ (2001) ހާމަކުރައްވައިފައިވެއެވެ. މީސްތަކުން ޤަބީލާތަކަށާއި ވަންހަ ތަކަށް ބެހިގެން ދެއެވެ. އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަ އުފެދޭގޮތްވެ އެވެ. ކާތަކެތި ނުވަތަ އެހެންވެސް ތަކެތި ތަދު ދުވަސްވަރު އާދެއެވެ. މޫސުމަށް އަންނަ ބަދަލުތަކުން ދަނޑުވެރިކަން ކުރަން ދަތިވެ އެވެ. މި ފަދަ އެތައް ސަބަބުތަކާ ހެދި، މީސްތަކުންގެ ތެރެއިން ބަޔަކު، އެ މީހުން އުޅޭތަން ދޫކޮށް އެހެން ތަންތަނަށް ދަތުރު ކޮށް އެބައެއްގެ ބޭނުންތައް ފުދޭ ތަނަކު ވަޒަންވެރިވެއެވެ. ބުނެވޭ ގޮތުގައި މީހުން އެންމެ ފުރަތަމަ ވަޒަންވެރިވެ ދިރިއުޅެން ފެށީ ކޯރުތަކުގެ އައްސޭރި ފަށުގައެވެ. އެހެނީ ފެނަކީ ބަޔަކު ދިރިއުޅެން އެންމެ މުހިންމު އެއްޗެވެ. ބުއިމަށާއި ކެއްކުމަށެވެ. ގޮވާން ކުރުމުށާއި ގެރިބަކަރި ގެންގުޅުމަށެވެ. މި ދެންނެވި ގޮތަށް ހިޖުރަކޮށް ދުރު ހިސާބުތަކުގައި ވަޒަން ވެރިވުމުން އެމީހުންގެ އާ މާހައުލުން ފެންނަ ތަކެއްޗަށާއި ކުރާކަންތައްތަކަށާއި އުޅޭ ގޮތްގޮތަށް އައު ލަފުޒުތައް އުފައްދަން ޖެހެއެވެ. މިސާލަކަށް މައުބަގީޗާތައް ހެދޭ ވާދީއެއްގައި ވަޒަންވެރިވާ ބަޔަކު، އެ ވާދީގައިވާ ކޮންމެ މަލަކަށް އަދި ކުލައަކަށް ލަފުޒެއް ހަދާފާނެތެވެ. ނަމަވެސް މުޅިން ވެލި އޮންނަ ސަހަރާއެއްގައި އުޅޭ ބަޔަކު ކޮންމެ ކުލައަކަށް ލަފުޒެއް ހަދާކަން ނުޖެއެވެ. އެމީހުންނަށް ނުފެންނަ ކުލަތަކާ ބެހޭ ގޮތުން ބަސްމޮށެ އުޅޭކަށް ނުޖެހެއެވެ. އެހެނީ ޚިޔާލަށް ނުގެނެވޭ އެއްޗަކީ ނެތް އެއްޗެއް ކަމަށް ބެލެވޭތީއެވެ. ޖޯން އާރ. ރިކްފޯރޑް (2002) ހާމަކުރައްވާ ގޮތުގައި މިގޮތަށް އެއް ހިސާބު ގަނޑެއްގައި ނޫޅެވިގެން އިންސާނުންގެ ތެރެއިން އެއްބަޔަކު އެހެން ހިސާބު ހިސާބަށް ދަތުރުކޮށް، އެ ހިސާބުހިސާބުގައި ވަޒަންވެރި ވެއެވެ.ދެން އެ ދެ ހިސާބު ގަނޑުގައި ދިރިއުޅޭ ދެބައިމީހުން އެންމެ ފުރަތަމަ ދުވަސްވަރު ވާހަކަ ދައްކާނީ އެއް ބަހަކުންނެވެ. އެއްބަޔަކު އަނެއްބަޔަކާ ދައްކާ ވާހަކަ އޮޅުން ފިލާނެއެވެ. ނަމަވެސް، މާހައުލާއި ފިކުރު ބަދަލުވުމުން، އެއް ބަޔަކު ބޭނުން ކުރި ލަފުޒުތައް އަނެއް ބަޔަކު ބޭނުން ކުރަން ނުޖެހި ބައެއް ލަފުޒުތައް އެ ޖަމާޢަތުގެ ހަނދާނުން ފުހެވިގެން ހިނގައިދާނެއެވެ. އައު މާހައުލެއްގައި އުޅެން ޖެހުމުން ފެންނަ އައު ކަންތައްތަކަށާއި ތަކެއްޗަށް އިޝާރާތް ކުރުމަށް ކުރިން އެހެން މާނައެއްގައި ބޭނުން ކުރި ލަފުޒުތަކެއް ބޭނުން ކުރަން ފަށައިފާނެއެވެ. އެއް ޖަމާޢަތް އަނެއް ޖަމާޢަތާ ނުގުޅި އުޅޭތާ ހައެއްކަ ސަތޭކަ އަހަރު ވާއިރު، އެއްބަޔަކު، ވާހަކަ ދައްކާ އަޑުތަކަށް ވެސް ބަދަލު އައިސްފައިވާނެއެވެ. މީގެ އިތުރުން ބަހުގެ ބައެއް ހަމަތަކަށްވެސް ބަދަލު އައު ދެއެވެ. މިގޮތަށް ބަދަލު އައުމުން ބަހުރުވައެއް އުފެދުނީއެވެ. އެއް ޖަމާޢަތެއްގެ މީހުން އަނެއް ޖަމާޢަތަކާ ވަކިން އޮންނަތާ ދެތިން ހާސް އަހަރު ވާއިރު، އެއްބަޔަކު ދައްކާ ވާހަކަ އަނެއް ބަޔަކަށް ދޭހަ ނުވާ މިންވަރަށް ބަހަށް ބަދަލު އަތުވެދެއެވެ. މިގޮތަށް އެއްބަޔަކު ދައްކާ ވާހަކަ އަނެއް ބަޔަކަށް ނޭނގުމުން އެ ވާހަކަ ދައްކަނީ ދެބަހުން ކަމަށް ބެލެވެއެވެ ކުރިންވެސް ބަޔާންކޮށްފައިވާނޭ ފަދައިން ބަހުރުވައެއްކަމަށް ދޭހަވާ ސަބަބުތަކުގެ ތެރެއިން އިޖުތިމާޢީ ގޮތުން އޮންނަ ވަކި އިމެއް ފާހަގަކުރެވެއެވެ. ވަކި އިޖުތިމާޢީ ގިންތިއަކާ ގުޅިފައިވާ ބަހުރުވައަކީ ސޯޝިއޯލެކްޓް" ނުވަތަ އިޖުތިމާޢީ ބަހުރުވަކަމުގައި ބްރައިޓް ވިލިއަމް އާއި އޭ.ކޭ. ރާމަނުންޖަން. (1946) އާ ޙަވާލާދެއްވައި ވަރދޯފް އާރް (2010) ބަޔާންކުރައްވައިފައިވެއެވެ. ސޯޝިއޯލެކްޓް ނުވަތަ އިޖުތިމާޢީ ގޮތުން އުފެދޭ ބަހުރުވައަކީ ކޮބައިކަން ދަނެގަތުން ވަރަށް މުހިންމެވެ. ސަރަޙައްދުގެ ގޮތުން އުފެދޭ ބަހުރުވައަކީ ސަރަޙައްދީބަހުރުވައެވެ. އެޑްވަރޑް ފިނެގަން (2007) ހާމަކުރައްވައިފައިވާ ގޮތުގައި ބަހުރުވައެއްކަމަށް ރަމުޒުކޮށްދޭ ކަންތައްތަކެއް ހުރެއެވެ. އޭގެ ބަސްކޮށާރާއި ޤަވާޢިދާއި ބޭނުންކުރާ އުޞޫލެވެ. ރާގެވެ. ގޮތެވެ. އޭގެތެރޭގައި ލަފުޒުގެ އަޑުތަކާއި ވަޒަންވެސް ހިމެނޭގޮތުންނެވެ. ބަހެއްގައި އެންމެ ފާޅުކަން ބޮޑުގޮތެއްގައި ފާހަގަކުރެވޭ ތާފަތުކަމަކީ އޭގެ ބަސްކޮށާރުތަފާތުވުމެވެ. އޭގެތެރޭގައި ފޮނޮލޮޖީއާއި ނުވަތަ ލަފުޒު އަދާކުރާ މަޚުރަޖާއި ޤަވާޢިދާއި ބަސްބެނުންކުރާ ހަމަތައް ހިމެނެއެވެ. ބަހުގެ ތަފާތުތައް ވަކިވުމުގައި ސަރަޙައްދާއި އިޖުތިމާޢީ ގުޅުމާއި ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅި ހިމެނޭކަމަށް ޖޯން އާރ. ރިކްފޯރޑް (2002) ހާމަކުރައްވައެވެ. މީގެތެރއިން މުހިންމު މަފުޙޫމުތަކަށް ބަލައިލާނަމެވެ. ލެކްސިކަލް ވޭރިއޭޝަން މިއީބަހުރުވައެއްގައި ހުންނަ އެކުވައްތަރުކަން ބަސްކޮށާރުގެ ގޮތުން ތަފާތުވުމެވެ. މިތާފާތު ހުންނާނީ ޖޯގްރަފީ ގޮތުން ދެބައެއްގެ ދެމދުދައި މުއާޞަލާތު ކުރުމުގެ ވާސްޔާ ދުރުވުމުން ކަމުގައި ޖޯން އާރ. ރިކްފޯރޑް (2002) ހާމަކުރައވައެވެ. މި ނަޒަރިއްޔާތަށް ބަޅާއިރު ދިވެހިބަހުގެ ބަހުރުވަތަކުން ލެކްސިކަލް ވޭރިއޭޗަން ނުހަނު ބޮޑަށް ފެނެއެވެ، އެއީ މާނަވެސް ތަފާތުވާ ޙާލަތުތައްވެސް ހިމެނޭ ގޮތުންނެވެ. އަދި އަޑު އަދާކުރާ ގޮތް ވެސް ހިމެނޭ ހެންނެވެ. މިސާލަކަށް އަޅުގަނޑުމެން ރަސްމީ ދިވެހިބަހުގައި " އަތިރިމަތި" މިއީ ހުވަދު އަތޮޅުބަހުރުވައިގައި "ދިހަރޭމައްތާ" އެވެ. ބޮޑުކަމުދާ ތަކެއްޗަށް ރަސްމީ ބަހުގައި ކިޔަނީ "ސީ" އެވެ. އެކަމަކު ހުވަދޫބަހުރުވައިގައި އަދި އައްޑޫ ފޯއްމުލަކު ބަހުރުވައިގައި ކިޔަނީ "ގޫ" އެވެ. ވީމާ މިއީ ވަރަށްބޮޑު މޯފޮލޮޖިކަލް ތަފާތެކެވެ. ލަފުޒުގެ ސެމޭންޓިކަލް ގޮތުން ބަލާއިރު ރަސްމީ ބަހުގައި ބޭނުންކުރާ ބައެއް ލަފުޒުތައް ހުވަދޫ އައްޑޫ ބަހުރުވައިގައި މުޅިން ގޮސް މާޏައެއްގައި ބޭނުންކުރެއެވެ. މިސާލަކަށް "ރޮށި" މިއީ ރަސްމީ ބަހުގައި ކާއެއްޗެކެވެ. ނަމަވެސް އައްޑޫ ބަހުގައި އެއީ އައުގުރާނެކެވެ. އަނެއްކޮޅުން ހުވަދޫބަހުރުވައިގައި ވެސް މިލަފުޒު އޮވެއެވެ. ހަމަ ބޭނުންކުރަނީ އައްޑޫ ބަހުރުވައިގައި ބޭނުންކުރާ މާނައިގައެވެ. އެކަކަމު ބޭނުންކުރާ ގޮތް ނުވަތަ ފޮނެޓިކަލް ގޮތުން ތަފާތެވެ. ހުވަދޫގައި ކިޔަނީ "ރޮޓިޔާ" މިހެންނެވެ. ވިމާ، މިތަފާތުތައް މިގޮތަށް ފެންނަނީ ކުރިންވެސް ދެންނެވި ފަދައިން އުޅެންޖެހޭލެއް ދުރުކަމުންނެވެ. ދިވެހިބަހުގެ ބަހުރުވަތކުންވެސް ފާހަގަކުރެވޭ ބަސްކޮށާރުގެ ތަފާތުކަމަކީ މިއީ ކަމުގައި ދަންނަވަން ޖެހެއެވެ. ފޮނޮލޮޖިކަލް ވޭރިއޭޝަން ފޮނޮލޮޖިކަލް ތަފާތުތައްކަމުގައި ޖޯން އާރ. ރިކްފޯރޑް (2002) ބަޔާންކުރަނީ ލަފުޒުއަދާކުރުމުގައި އަޑުގެ ގޮތުން ހުންނަ ނުވަތަ މަޚުރަޖުގެ ގޮތުން ފެންނަ ތަފާތުތަކަށެވެ. މިތަފާތުތައް ދިވެހިބަހުގެ މައިބަހާ އެބަހުގެ ބަހުރުވަތަކުން ފާހަގަކުރެވެއެވެ. މިތަފާތުތައްވެސް ސަރަޙައްދީ ބަހުރުވަތަކުން ބޮޑަށް ފެންނަކަމަށްވެސް އޭނާ ހާމަކުރަވައިފައިވެއެވެ. ތިރީގައިވާ ތާވަލަށް ބައްލަވާށެވެ. ރަސްމީ ބަސް ހުވަދޫ ބަހުރުވަ ފޯއްމުލަކު ބަހުރުވަ އައްޑޫބަހުރުވަ ކާށި ކައުއްޓާ ކައިށި ކައިށި ނާށި ނޮއްޓާ ނައިށި ނައިށި ހަނޑޫކޮޅެއް ހަޑެލެވިއްދެކެ ހަނޑޫކެނޑައް ހަނޑޫކެނޑައް

ހާ ހަވެލާ ހަވެލާ ހައުލާ ކުކުޅު ހުކުޑާ ކިކިޅި ކިކިޅާ ކުއްޖާ ކުއްދާ ކުއްދާ ކޮއްޔާ މެށުން މޮޓުން މެށުން މެށުން މިލަފުޒުތަކަށް ބަލާއިރު އެވަނީ ފޮނެޓިކަލް ވަރަށްބޮޑެތހި ބަދަލުތައް ތިން އަތޮޅުގެ ބަހުރުވައަށްބަލާއިރުވެސް ފެންނާށެވެ. ވީމާ، ދިވެހިބަހުގެ ބަހުރުވަތަކުންވެސް މައިބަހުގެ ލަފުޒުތައް އަދާކުރުމުގައި ފޮނެޓިކަލް ބަދަލުތައް ފެންނަކަމުގައި ދަންނަވަން ޖެހެއެވެ. ގްރެމެޓިކަލް ވޭރިއޭޝަން ގްރެމެޓިކަލް ވޭރިއޭޝަން މިއީ ބަހުގެ އޮނިގަނޑުގެ ގޮތުން ނުވަތަ ޤަވާޢިދުގެ ގޮތުން ފާހަގަކުރެވޭ ތަފާތުތައް ކަމުގައި ޖޯން އާރ. ރިކްފޯރޑް (2002) ހާމަކުރައްވައެވެ. މިތަފާތު ދިވެހިބަހުގެ ބަހުރުވަތަކުން ފެންނަނީ ވަރަށް ކުޑަކޮށެވެ. އެއީ މައިބަހުގެ އޮނިގަނޑާ ބަހުރުވަތަކުގެ އޮނިގަނޑު ގުޅިފައިވާކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވެސް އޭނާ ހާމަކުރައްވައިފައިވެއެވެ. ޖޯން އާރ. ރިކްފޯރޑް (2002) ބަޔާންކުރައްވާ ގޮތުގައި މިތަފާތުދަނެގަނެވޭނީ ދެކަމަކުންނެވެ. "އެއީ މޯފޯލޮޖިކަލް ގޮތުންނާއި ސިންޓެކްޓިކް ގޮތުންނެވެ. މޯފޯލޮޖީ ރައްދުކޮށްދެނީ އޮނިގަނޑު ނުވަތަ ލަފުޒުތައް އުފެދިފައިވާ ގޮތެވެ.އޭގެތޭރގައި މޯފީމް ނުވަތަ ލަފުޒަކުން މާނައެއދޭހަވާ އެންމެ ކުޑަ ޔުނިތްވެސް އޭގައި ހިމެނޭގޮތުންނެވެ. މިސާލަކަށް "ނާ" މިއީ އުންމީދު ގެ އިދިކޮޅު ލަފުޒެވެ. ސިންޓެކްސް ރައްދުކޮށްދެނީ ޖުމުލައާއި ބަސްކޯޅިތަކުގެ އޮނިގަނޑެވެ. އޭގެތެރޭގައި ޖުމުލައެއްގައި ލަފުޒު އެތުރޭ އގޮތާއި ޕެރެގްރާފެއްގައި ޖުމުލަ އެތުރޭ އޮނިގަނޑުވެސް ހިމެނޭ ގޮތުންނެވެ. ސުވާލުކުރެވޭ ގޮތާއި ކަންކުރާއާއި ކަމާއި ކަން ރައްދުވާ އަންނަ ބަދަލުތައްވެސް މީގެތެރޭގައި ހިމެނޭނެއެވެ." (ޞ.5). ދިވެހިބަހާއި ބަހުގެ ބަހުރުވަތަކުން ފެންނަ ޤަވާޢިދުގެ ތަފާތަށް ބަލާއިރު ފާހަގަކުރެވެނީ މައިބަހުގެ ހުރުން އިނުން އޮތުން ބޭނުންކުރުން ތަފާތުކަމުގައެވެ. ދިވެހި ރަސްމީބަހުގައި ހުރުން ބޭނުންކުރާ ތަންތާނގައި ހުވަދޫބަހުރުވައިގައި އަދި އައްޑޫ ބަހުރުވައިގައި ތިބުން ބޭނުންކޯށްފައި އެބަހުއްޓެވެ. މިސާލަކަށް ރަސްމީ ބަސް : ރޯނުގައި ހިއްކަން އަޅާފައި ހުރި އެއްޗެހި އަދިވެސް ނިހިކޭ ދޯ ހުވަދޫބަހުރުވަ: ރޯނޭ ހިއްކަން އޮޑައިފައި ތެއި އެއްތެތި އަދިޔަސް ނުހިކެއި ދާ އައްޑޫބަހުރުވަ ރޯނައި ހިއްކަން އެޑަފެއި ތިބި އެއްތަތި އަދިޔަސް ނިހިކެއި ދީ ބަސްބޭނުންކުރުމުގައި ބޭނުންކުރާ ބައެއް ބަސްކޯޅިތައްވެސް ހުވަދޫބަހުރުވައިގައި ތަފާތެވެ. މިސާލު ރަސްމީބަސް: އެހެންވަނީ ދޯ ހުވަދޫބަހުރުވަ: އެހެންދާ ވެންނޫ މިބަސްކޯޅި ރަސްމީބަހުގައި ބޭނުންކުރާ އިރު ދޯ ގެންނަނީ ބަސްކޯޅީގެ ފަހަތަށެވެ. އެކަމަކު ހުވަދޫގައި އެހެން ނުވެއެވެ. އެ ދޯ ބޭނުންކުރަނީ ބަސްކޯޅީގެ މެދަށް ލައިގެންނެވެ. މިއީ ލަފުޒު ޖުމުލައިގައި އެތުރޭ އެތުރުމަށް އައިސްފައިވާ ބަދަލެކެވެ. އެހެންވީމާ މިކަހަލަ ބަދަލުތައް ދިވެހި ބަހުރުވަތަކުންވެސް ފެންނާން އެބަހުއްޓެވެ. ބަހެއް ބަހުރުވައަކާ ތަފާތުވާނީ ކިހިނެއްހެއްޔެވެ؟ ބަހާއި ethnicity ނުވަތަ އެބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅި މިއީ އެއްވައްތުރުގެ މާނަދޭހަވާ ދެ އިސްތިލާޙެއް ކަމުގައި ކޯލްމަސް (1999) ހާމަކުރައްވައެވެ. ތިމާމެން ބަސްމޮށެ އުޅެނީ ކޮންބަހަކުންކަން އޮޅުން އަރާބަޔަކު ނޫޅުއެވެ. މިސާލަކަށް ޗައިނާމީހުން، ޖަޕާނުމީހުން، ކޮރެއާ މީހުން އެމީހުންނަށް ޚާއްޞަ ބަހަކުން ބަސްމޮށެއުޅެއެވެ. ޗައިނާބަހުން،ޖަޕާނުބަހުން، ނުވަތަ ކޮރެއާ ބަހުންނެވެ. ޗައިނާ މީހަކަށް ޗައިނާ ބަހުން ވާހަކަދައް ނޭގިއްޖެނަމަ ޗައިނާ މީހުން ހައިރާންވެއެވެ. ހަމައެހެންމެ ކާކަޝަން މީހަކު ފަސޭހަކާމާއެކު ޖަޕާނުބަހުން ވާހަކަދައްކައިފިނަމަ ޖަޕާނުމީހުންނަށް އެކަން ބަލައިގަތުމަށް އުނދަގޫވެއެވެ. އެއީ އެހެން ޤައުމެއްގެ ބަޔަކަށް ޖަޕާނު ބަހުން ފަރިތަކަމާއެކު ވާހަކަދެއްކޭތިއެވެ. ބަހާއި އެތްނިސިޓީއާ ދެމެދުގައިވާ ބަދަހިގުޅުމަކީ ޤައުމު ބިނާކުރުމުގައި އަގުހުރި ގުލުމެއްކަން ކަށަވަރުވެއެވެ. ހަމައެހެންމެ، އެ ގުޅުމަކީ ބައެއްގެ އަމިއްލަވަންތަކަމާ މެދު ހައިޖާންތަކެއް އުފެދިގެން ދާހިނދު އެކަން އިޙުސާސްވެ ޙަޤީޤަތް ހޯދައިގަތުމުގެ ވަރަށް ފުރިހަމަ ބާރެއްކަމުގައި ޑޭވިޑް ކްރިސްޓަލް (1997) ހާމަކުރައްވައިފައިވެއެވެ. ވަރުދޯފް އާރް (2010) ހާމަކުރައްވާގޮތުގައި ބަހަކުން ބަސްމޮށެ އުޅެ މީހުން އެމީހުން މޮށެއުޅޭ ކޮންމެ ބަހަކަށް ނަމެއް ކިޔައެވެ. ބައެއް ޙާލަތްތަކުގައި ބަހާމެދު ސައިންޓިފިކް ޝައުޤުވެރިކަމެއް ދޭ ބައެއް ގެ މެދުގައި މީގެތެރެއިން ބައެއް ބަސްބަހުގެ ނަންތައް ފާޅުކަން ބޮޑުގޮތެއްގައި ހާމަވެއެވެ. އެކަމަކު މީގައި ހަނދާންވަހައްޓަން ޖެހޭ ކަމެއްވެއެވެ. އެއީ އިންސާނުން ނަންކިޔަމުން އަންނަ ގޮތެވެ. އޮގޮތަށްބަލާއިރު އެއީ އޭގައި ސައިންޓިފިކް ގޮތްތަކެއް ހުންނަ އުންޞުރުތަކެއް ހިމެނިގެންވާ އުޞޫލެއްގެ މައްޗަށް އޮންނަ ކަމަކަށްނޫންކަމަށްވެސް ވަރުދޯފް (2010) ހާމަކުރައްވައެވެ. އަދި އެނާ އިތުރަށް ބަޔާންކުރައްވާގޮތުގައި ވާހަކަދައްކަނީ ކޮންބަހަކުން ތޯ ނުވަތަ ކޮން ބަސްބަހަކުންތޯ ބެލުމަށް އިންޑިޔާގައި ނެގި ބޯހިމެނުމަކުން އެނގޭ ގޮތުގައި ގުނައި ޢަދަދުނުކުރެވެހައި ގިނަ ނަންނަން ކިޔާ ބަސްބަސް ހުރިކަމަށެވެ. އެބަސްބަހަށް ނަންތައް ދީފައިވަނީ އަޅުގަނޑުމެން ޤަބޫލުކުރާ ހެން ހަމައެކަނި އެބަޔަކު ވަކިވެފައިވާ ސަރަޙައްދުގެ ގޮތަކުން ނޫނެވެ. އެބަޔަކު ނިސްބަތްވަ ނަސްލަކަށް، ދީނަކަށް، ވިލެޖަކަށް އަދި މިނޫނަސް މިފަދަ އެތައްކަމެއްގެ މައްޗަށް ބިނާކޮށް ބަސްބަހަށް ނަން ދީފައިވެއެވެ. މީގެ އިތުރުން މިކަންކަން އެއްބޯހިމެނުމުން އަނެއް ބޯހިމެނުމަށް ބަދަލުވެސް އަންނާނެއެވެ. އެއީ ސިޔާސީގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އެ ޤައުމަކަށް އަންނަ ބަދަލުތަކުން ވާ ކަމެއްކަމުގައި ވަރުދޯފް (2010) ބަޔާންކުރައްވައިފައިވެއެވެ. ބަޔަކަށް އެބައެއްގެ ބަހުން ވާހަކަދައްކަން އެނގުމަކީ އެބަހުން އެންމެފުރިހަމައަށް އެންމެ މޮޅަށް ވާހަކަދައްކަން ދަތުން ނޫންކަމަށް ވެދާނެއެވެ. އެއީ އެބަޔަކު ބޭނުންކުރާ ބަހެއް އެމީހުން ބޭނުންކުރަނީ އެންމެ ރަނގަޅަށްތޯ ނުވަތަ އެއީ ބަހެއްގެ ބަހުރުވައެއްތޯ ދަނެގަތުމަށް އުނދަގޫތަކެއް ތަޖުރިބާކުރަން ޖެހޭތީއެވެ. ވަރުދޯފް،އާރ (2010) ހާމަކުރައްވާފައިވާ ގޮތުގައި ބަހާއި ބަހުރުވަ މިދެލަފުޒަކީ އޭގައި މާނަ އަރައިރުންވާ އޮޅުންބޮޅުންތައް ހިމެނޭ އިސްތިލާޙުތަކެވެ. ޢާންމުން މިދެ އިސްތިހާލު ބަސްމޮށެއުޅުމުގައި ވަރަށް ފަސޭހަކަމާއެކު ބޭނުންކުރެއެވެ. އެފަދަ މީހުން ދެކޭގޮތުގައި ބަހުރުވައަކީ މާބޮޑު ބާރެއް ނެތްގޮތުން ކަފިވެފައިވާ އަސްލުބަހުގެ ބައެކެވެ. "A language is a dialect with an army and navy" " ބަހަކީ އަސްކަރީ ނުފޫޒާއި ސަރަޙައްދީ ނުފޫޒު ލިބިގެންވާ ބަހުރުވައެކެވެ." މިޢިބާރާތަކީ ޔެޑިޝް ބަހުގެ ފުންނާބު އުސް ބަހަވީ ޢިލްމުވެރިޔެއްކަމުގައިވާ މެކްސް ވެއިންރިޗް ޔެޑިޝްބަހުން ބަޔާންކުރި ޢިބާރާތެއް ކަމުގައި ލޭންގުއޭޖު އިޒް އަ ޑައިލެކްޓް (2012)ގައި ބަޔާންކޮށްފައިވެއެވެ. އިތުރަށް އލިޔުމުގައި ބަޔާންކޮށްފައިވާ ވާގޮތުގައި 1943 ގެ ޑިސެމްބަރު މަހުންފެށިގެން 12 ޖޫން 1944އަށް އޭނާ ދެއްވި ތަޤުރީރުތަކުގައި ޢާންމުކޮށް މި ޢިބާރާތް އޭނާ ބޭނުންކުރެއްވި ކަމަށްވެއެވެ. ޔެޑިޝް ބަހުގެ އަސްލަކީ ޖަރުމަނުގެ އުސް ބަހެއްކަމުގައުވާ އަޝްކެނަޒީ ޖެވިޝްއެވެ. ޔެޑިޝް ބަސް ތަރައްޤީވެފައިވަނީ ހިބުރޫބަހާއި އެރެމެއިކް ބަހާއި ސްލެވިކް ބަސްތަކުންނާއި ރޫމުގެ ބަސްބަހުގެ މީރުކަން ލިބިގެންނެވެ. ޔެޑިޝް ބަސް ލިޔަން ބޭނުންކުރަނީ ހިބުރީ އަކުރެވެ. ކުރިންވެސް ދެންނެވި ފަދައިން ޔެޑިޝް ބަސް އުފެދިގެން އައީ އަޝްކެނަޒީ ޘަޤާފަތުންވެ. ތަރައްޤީވާންފެށީ 10ވަނަ ޤަރުނުގައި ޖަރުމަނުގެ ރައިންލޭންޑުގައެވެ. ދެން މެދުތެރެއަށާއި އިރުމަތީ ޔޫރަޕަށް ފެތުރުނެވެ. އެންމެފަހުން، ބައެއް އެހެން ބައްރުތަކަށްވެސް ފެތުރި ފުޅާވެގެން ދިޔައެވެ. މިހެން ފެތުރިގެން ދިޔަ ހިނދު އެބަހުގެ މުއްސަނދިއެތައް ބަހުރުވަތެކެއްވެސް އުފެދިގެން ތަރައްޤީވިއެވެ. އެފަދަ ބައެއް ބަހރުވަތައް މިހާރު ކުރިން މިދެންނެވި ފަދަ ބާރާއި އާރު ލިބިގެން ބަސްބަހަސް ބަދަލުވެފައިވާކަމަށް އިނަރ ހައުގަން (1966) އާ ޙަވާލާދެއްވައި އަރުދޯފް،އާރ (2010) ހާމަކުރައްވައިފައިވެއެވެ. ވަރދޯފް އާރ (2010) ހާމަކުރައްވަނީ ބަހެއްގައި ނަމަ އޭގައި އަސްކަރީ ބާރާއި ސިޔާސީ ބާރު ހިމެނޭނޭ ކަމުގައެވެ. މާނައަކީ ބަހެއްކަމަށް ވަންޏާ އޭގެ ސިފަތައް ކަނޑައަޅާނީ އެތަނެއްގެ ސިޔާސަތެވެ. އެއީ ބެހއްތޯ ނުވަތަ ނޫންތޯ ނިންމާނީ ސަރތުކާރުތަކުންނެވެ. މިއާ ޚިލާފަށް ބަހުރުވައެއް ހިމެނޭނީ އެބައެއްގެ ނިސްބަތުން ގިނަ ބަޔަކު ވާހަކަދައްކާ މައިބަހުން ކަފިވެފައިވާ މާބޮޑު ޤަވާޢިދުތަކެއް ހަމަޖެހިފައި ނެތް ލިޔެއުޅުމުގެ ޙަމާރަތެއްނެތްގޮތުން ހުންނަ ބައިބައިގެ ގޮތުގައެވެ. އިނަރ ހައުގަން (1966) އާ ޙަވާލާ ދެއްވައި އަރުދޯފް،އާރ (2010) ހާމަކުރައްވާ ގޮތުގައި ބަހުރުވައެއްގައި ނަމަ އޮޓޮނޮމީ ނުވަތަ އަމިލަ އިޚިތިޔާރާއި ބާރު ލިބިގެންވުމަކީ އެބަހުރުވަ ނިސްބަތްވާ ބަހުގައި އަމިއްލަ ސަގާފަތަކާއި ލިޔުންތެރިކަމަކާއި ތާރީޚަކާއި މިނޫނަސް މިފަދަ ކަންކަން ހިމެނިގެންވުމެވެ. މިއާ ޚިލާފަށް އެބަހުރުވައެއްގައި ހިމެނެގިންވަނީ ހެޓްރޮނޮމީކަމުގައިވާނަމަ އެބަހެއް ކޮންމްވެސް އެހެންބަހަކަށް ބަރޯސާކުރަން ޖެހޭނެއެވެ. ހަމައެހެންމެ އޭނާ ހާމަކުރައްވާ ގޮތުގައި ބަހުރުވައެއް ރަސްމީ ބަހަކަށް ބަދަލުވުމަށްޓަކައި ފުރިހަމަވާންޖެހޭ ކަންކަމުގެ ތެރޭގައި selection of norms ނުވަތަ ޢާންމު މިންގަނޑުތައްކަމަށް މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑުތައް ޚިޔާރުކުރަން ޖެހޭނެއެވެ. އަދި ބަސްބޭނުންކުރާ ހަމަތައް ނުވަތަ certification of forms ކަނޑައެޅަންވާނެއެވެ. ހަމައެހެންމެ elaboration of function ނުވަތަ އެބަހަކީ ބޭނުންކުރެވޭ ބަހުގެ ވާޖިބު އަދާކުރެވޭ ބަހަކަށް ވާން ޖެހޭނެއެވެ. އަދިހަމައެހެންމެ އެއީ acceptance by community ނުވަތަ ޖަމާޢަތް ޤަބޫލުކުރާ ފަދަ އެއްޗަކަށް ވާންވެސް ޖެހޭނެއެވެ. މިޝަރުޠުތައް ފުރިހަމަވާންޖެހޭނޭކަމަށް ބަޔާންކުރައްވަމުން އަޙުމަދު ނާޒިފް (2012) ބާޔާންކުރައްވައިފައިވާ ގޮތުން ބަހެއް ބަހެއްގެ ގޮތުގައި ބަލާއިރު ފުރަތަމަ ނޯމެއް ނުވަތަ ކޮން މިންގަނޑެއްތޯ ބަލަންވާނެއެވެ. ދެން ކޮޑިފިކޭޗަން ނުވަތަ އެބަހުގެ ޤަވާޢިދުތަކާއި އުޞުލުތައް ހަދަންވާނެއެވެ. އެއަސްފަހުއ ެބަހަކީ ބޭނުންކުރެވޭ އޭގެ ފުރިހަމަ ވާޖިބާ ޒިންމާ އަދާކުރުމުގައި މީސްތަކުންނަށް ބަހުގެ ވަފީފާ އަދާކުރެވޭ ބަހަކަށް ވާންވާނެއެވެ. ހަމައެހެންމެ އެބަހަކީ މުޖތަމަޢު ބަލައިގަންނަ ބަހެއްގެ ގޮތުގައިވެސް ވާންވާނެއެވެ. ދިވެހިބަހާ މެދު ވިސްނާއިރު ދިވެހިބަހަކީ މިދެންނެވި ސިފަތައް ހުރި ބަހެކެވެ. އެއީ ދިވެހިބަހުގައި ޢާންމު މިންގަނޑުތައްކަމަށް ޤަބޫލުކުރާ ޚާއްޞަ މިންގަނޑުތަކެއް ވެއެވެ. ރާއްޖޭގެ އުތުރރާއި ދެކުނުގެ އެންމެންވެސް ލިޔުމުގައި ބޭނުންކުރަނީ މުޅިންހެން ދިވެހި ރަސްމީ ބަހެވެ. އެއީ ބަހުރުވައަކުން ވާހަކަދައްކާ ބަޔަކުކަމުގައިވިޔަސް އެބަޔަކު ލިޔުމަސް ނުވަތަ ރަސްމީ މުޢާމަލާތްތައްކުރުމަށް ބޭނުންކުރަނީ ދިވެހި ރަސްމީ ބަހެވެ. ބަހުގެ ފެންވަރު ދަނެގަތުމަށް ނަގާ އިމްތިޙާނުތައް ވެސް އޮންނަނީ ރަސްމީ ދިވެހިބަހުންނެވެ. ވީމާ މިއީ މުޅި މުޖުތަޢު ޤަބޫލުރާ ޢާންމު މިންގަނޑުތަކެއް މިބަހުގައި ހުރިކަން ދޭހަވާ ކަމެކެވެ. ދެން އޮތީ ބަހުގެ ޤަވާޢިދުތަކެވެ. ދިވެހިބަހުގެ ޤަޥާޢިދާތަކާއި މިންގަނޑުތަކެއް އެބަހުއްޓެވެ. ދުނިޔޭގެ އެހެންބަސްބަހެކޭ އެއްފަދައިން ދިވެހިބަހުގައިވެސް ވަނީ އޭގެ އެންމެ ފުރިހަމަ ނުވަތަ އެންމެ ފުން ނޫނަސް ޤަވާޢިދުތަކެއް އެކަށައެޅިފައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިބަހަކީ ބޭނުންކުރުމުގައި އޭގެ ވާޖިބު އަދާކޮށްދޭ ބަހެކެވެ. އެކި ޙާލަތުތަކުގައި ދިވެހިބަސް ބޭނުންކޮށްގެން މުޢާމަލާތު ފުރިހަމަކުރެވެއެވެ. މިހެންވުމުން މުޅި ދިވެހި މުޖުތަމަޢު ދިވެހިބަހަކީ ދިވެހިންގެ ރަސްމީ ބަސްކަމުގައި ޤަބޫލުކުރެއެވެ.


ބަހާއި ބަހުރުވަ ތަފާތުކޮށްދޭ އަސާސުތަކާއި މިންގަނޑުތަކެއްވެސް ވާކަމަށް އާރޓީ ބެލް (1976) ހާމަމަކުރައްވައިފައިވެއެވެ. އޭނާ ހާމަކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ތިރީގައި އެވަނިއެވެ. 1. ފެންވަރުހުރުން Standardization 2. ދިރުންހުރުން Vitality 3. ތާރީޚެއް އޮތުން Historicity 4. އަމިއްލަވަންތަކަން ހުރުން Autonomy 5. ކުދިކުދި ތަފާތުތަކާއެކު ވާހަކަދައްކާ ބަޔަކުއުޅުން Reduction 6. ތަފާތު ބަހުރުވަތަކެއްގެ އެއްވުމެއް ހިމެނުން Mixture 7. ޢާންމުން ޤަބޫލުކުރާ ޤަބޫލުކުރުންތަކެއްހުރުން De facto norms ދިވެހިބަހަކީ ބަހެއްހެއްޔެވެ؟ނުވަތަ ބަހުރުވައެއް ހެއްޔެވެ؟ ބަހެއް ބަހރުވައަކާ ތަފާތުވާކަންތައްކަމަށް އާރޓީ ބެލް (1976) އާ ޙަވާލާދެއްވައި އަރުދޯފް،އާރ. (2010) ހާމަކުރައްވާ ކަންކަން ދިވެހިބަހުގައި ހުރީ ފުރިހަމައަށްތޯ ނުވަތަ ނޫންތޯ ބެލިގެން މެނުވީ މިސުވާލުގެ ޖަވާބެއް ނުދެވޭނެއެވެ. ފުރަތަމަ ކަމަކީ ބަހުގައި ފެންވަރު ހުރުމެވެ. ދިވެހިބަހުގައި ފެންވަރެއް އެބަހުރިހެއްޔެވެ؟ އާއެކެވެ. ދިވެހިބަހުގައި ފެންވަރެއް އެބަހުއްޓެވެ. ރާއްޖޭގެ 3 ލައްކަ އެއްހައި މީހުން ބަސްމޮށެ އުޅެ ލިޔެކިޔައި އުޅޭ އުޅުމުން މިކަން ސާފުވެއެވެ. އަދި ތަޢުލީމީ ނިޒާމުގައި އުނގަންނައިދޭ ބަހަކަށް ދިވެހި ބސް ވެއެވެ. އެބަހުން އިމްތިހާންކުރެވެއެވެ. ދިރިއުޅުމުގެ ވަޒީފާތައް އަދާކުރުމަސް ދިވެހިބަހުން ފާސްވާން ޖެހެއެވެ. ވަކިފެންވަރެއް މީހާގެ ގައިގައި ހުންނަން ޖެހެއެވެ. އެހެންވީމާ ދިވެހިބަހުގައި ސްޓޭންޓެޑެއް އެބައޮތެވެ. ހަމައެހެންމެ ދިވެހި ބަހުގައި ދިރުމެއް އެބަހުއްޓެވެ. ދިރުމެއްވާކަން ހާމަވާ ޙަޤީޤަތަކީ މީގެ 100 އަހަރުކުރީގެ ލިޔުންތަކުން ފެންނަނީ ދިވެހިން މިހާރު ވާހަކަ ދައްކާ ދިވެހިބަހެއްނޫނެވެ. މުޅިން ތަފާތު ލަފުޒުތަކެވެ. އެހެންވީމާ ދިރުގެން ހެދެމުން އަންނަކަން ކަށަވަރެވެ. މުޙައްމަދު ވަޙީދު ނަދުވީ (2001) ހާމަކުރައްވާފަދައިން ބަހަކީ އެއަސް ދިރުން ލިބިގެންވާ އެއްޗެކެވެ. އެއީ ފިޠުރީ ޤުދުރަތީ އެއްޗެއްކަމުން އަބަދުވެސް ބަސްދާނީ ދިރެމުން ހެދެމުންނެވެ. ހަމައެހެންމެ އަރުދޯފް،އާރ. (2010) ހާމަކުރާ ފަދައިން ބަހެއްގައިނަމަ ދިގު ތާރީޚެއް އެއަށް ނިސްބަތްވެއެވެ. މިބުނުމަށް ބަލާއިރު ދިވެހިބަހުގެ ތާރީޚަނީ ނުހަނު ދިގު ޤަދީމީ ތާރީޚެކެވެ. ނަސީމާ މުޙައްމަދު (1998) ހާމަކުރައްވާ ގޮތުގައި ދިވެހި ބަހަކީ ގާތްގަނޑަކަށް 2500 އަހަރުވެފައިވާ ބަހެކެވެ. ދިވެހހިބަހުގެ އަސްލުގެ މައްޗަށް ޚިޔާލފާޅުކުރައްވާ އޭނާ ލިޔުއްވި ތަރިކަ1 ގައި ދިވެހިބަހަށް ލިބިގެންވާ މުއްސަނދި ތާރީޚާއި ސަގާފަތުގެ މައްޗަށް ނުހަނު ތަފްޞީލުކޮށް އޭނާ އަލިއްޅުއްވައިފައިވެއެވެ. ބަހެއް ބަހުރުވައަކީ ތަފާތުވާ އަނެއްކަމެއްކަމަށް އަރުދޯފް،އާރ. (2010) ހާމަކުރައްވާފައިވަނީ އެބަހަކަށް ލިބިގެންވާ އަމިއްލަވަންތަކަން ނުވަތަ Autonomy އެވެ. ދިވެހިބަހަކީ އޮޓޮނޮމަސް ނުވަތަ އަމިއްލަވަންތަ ސިފަތަކެއް ލިބިގެންވާ ބަހެކެވެ. އެހެނީ ދިވެހިބަހަށް ޚާއްޞަ އަޑުތަކެއް އެބަވެއެވެ. ދިވެހިބަހަށް ޚާއްޞަ އަކުރެއްވެއެވެ. ދިވެހިބަހަށް ޚާއްޞަ ދަރަޖަތަކެއް އެބަވެއެވެ. ހަމައެހެންމެ ދިވެހިބަހަށް ޚާއްޞަ މުވާވިރާތަކެއް މުއްސަނދި ބަސްކޮށާރެއް އެބަވެއެވެ. އެހެނީ ކޮންމެ ބަހަކީވެސް އެބައެއްގެ ވެއްޓާ ގުލޭގޮތުން އުފެދޭ އެބައެއްގެ ވެށީގެ ބަސްކަމަށްވުމުން އޭގައި އަމިއްލަވަންތަ ސިފަތަކެއް ހުންނާނެކަމަށް ކެރޯލް މައިއާރސް - ސްކޮޓަން (2006) ހާމަކުރައްވައިފައެވެ. ވީމާ ދިވެހިބަހުގައި މިދެންނެވިކަންކަން ހުރުމުން ދިވެހިބަހަކި އަމިއްލަވަންތަކަން ނުވަތަ އޮޓޮނޮމަސް ބަހެކޭ ދެންނެވިދާނެއެވެ. ބަހރުވައަކާ ބަހަކާ ފަރަގުވާ އަނެއް ސިފައަކީ އެބަހުގައި ކުދިކުދި ތަފާތުތަކާއެކު ވާހަކަދައްކާ ބަޔަކު އުޅޭއުޅުންކަމަށވެސް އަރުދޯފް،އާރ. (2010) ހާމަކުރައްވައެވެ. މިސިފައަށް ބަލާއިރު ދިވެހިބަހުގެ ކުދިކުދި ތަފާތުތަކާއެކު ރަސްމީބަހުން ވާހަކަދައްކާ ކިތައްމެ ބަޔަކު އެބައުޅެވެ. ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް ބަލާއިރު ދިވެހި ބަހުން ވާހަކަދައްކާ މީހުން ވާހަކަދައްކަނީ ވަރަށް ކުދިކުދި ތަފާތުތައް ހިމެނޭގޮތުންނެވެ. ވާހަކަދައްކާ ރާގު ނުވަތަ އެކްސެންޓުގެ ތަފާތާއި ލަފުޒާއި އަޑުގެންގުޅުމުގެ ވައްޓަފާޅި މި ކުދިކުދި ތަފާތުތަކުގެ ތެރޭގައި ހުންނަކަން ފާހަގަކުރެވެއެވެ. އާރޓީ ބެލް (1976) އާ ޙަވާލާދެއްވައި އަރުދޯފް،އާރ. (2010) އިތުރަށް ތަފްޞީލްދެއްވަމުން ބަޔާންކުރައްވާގޮތުގައި ބަހެއްކަމުގައިވުމުގައި އެބަހުގައި ތަފާތު ބަހުރުވަތަކެއްގެ އެއްވުމެއް ހިމެނެންވާނެއެވެ. ދިވެހިބަހަކީ މުއްސަނދި ބަހުރުވަތަކެއްހުރި ބަހެކެވެ. އޭގެތެރޭގައި ޚާއްޞަކޮށް ދިވެހިރާއްޖޭގެ ދެކުނު 4 އަތޮޅު އަދި ވަކިން ޚާއްޞަކޮށް އެންމެ ދެކުނުގެ ތިން އަތޮޅުގެ މީހުން ވާހަކަދައްކާ ބަހުރުވަ ފާހަގަކުރެވެއެވެ. 4 އަތޮޅުގެ މީހުން ވާހަކަދައްކަނީ މުޅިން ތަފާތު ހަތަރު ބަހުރުވައަކުންނެވެ. އެއީ ލ އަތޮޅު ނުވަތަ ހައްދުން މައްޗާއި ހުވަދުއަތޮޅާއި ޏ އަތޮޅާއި އައްޑުއަތޮޅެވެ. މިއަތޮޅުތަކުގެ މީހުން ވާހަކަދައްކަނީ ދިވެހިބަހުގެ ބަހުރުވަތަކުން ކަމަށް ޢަބްދުލް ޢަޒީޒް ޖަމާލް އަބުބަކުރު (2007) ބަޔާންކުރައްވައިފައިވެއެވެ. މިތާނަގައި ބަހާއި ބަހުރުވައެއް ތަފާތުވާ ލިންގުއިސްޓިކް ސަބަބުތައްކަމަށް ވިކްޓޯރިއާ ފްރޮމްކިން އާއި ޑޭވިޑް ބްލެއަރ އާއި ޕީޓަރ ކޮލިންސް (2007) ބަޔާންކުރާ ކަންކަމަށް ބަލާއިރު ބަހުރުވައެއެއް އުފެދެނީ މައިބަހުން ވަކިވާ ބަޔަކު ސަރަޙައްދުގެ ގޮތުން ފޭގައި ތިބެންޖެހުމެވެ.އެއީ ކަނޑަކުން ނުވަތަ މާކަނޑެއްގެ ސަބަބުންނެވެ. ނޫނީ ފަރުބަދައަކުން ނުވަތަ ވާދީއަކުން އެއްބަޔަކު އަނެއް ބަޔަކާ މުޢާމަލާތުކުރުމަށް އެތައްއެތައް ބުރޫއެއް އެރުމުގެ ސަބަބުންނެވެ. މިނަޒަރިއްޔާތަށް ވިސްނާލާއިރު ދަތުރުފަތުރުކުރުމުގެ ކަންކަން ދިވެހިޜާއްޖޭގައި ކުރީ ޒަމާނުގައި އޮންނަގޮތުން އެއްރަށުން އަނެއްރަށަށް ދިޔުމަކީ ވަރަށް ދަތިކަމެކެވެ. ރާއްޖޭގެ އުތުރުމީހުންނާއި މދރުރާއްޖެތޭރޭގެ މީހުން ވިޔާފާރި ދަތުރުތައްކޮށް އުޅެނީ ޢާންމުކޮށް މާލެއައި އެރަށްރަށާ ދެމެދުގައި ކަމުގައި މުޙައްމަދު ޝަފިޤް (2000) ހާމަކުރައްވައިފައިވެއެވެ. މިއާޚިލާފަށް ރާއްޖޭގެ ދެކުނުގައި އޮތް ތިން އަތޮޅު ހުވަދޫ ކަނޑުގެ ސަބަބުން މާލެއަށް ވިޔާފާރިކަމު ދަތުރުކުރުން އޮތީ ދަތިކަމަކަށްވެފައެވެ. މިހެންވުމުން ރަސްމީ ބަހުން ވާހަކަދައްކާ މީހުންނާ ކުރެވޭ މުޢާމަލާތްތައް އެބައިމީހުންނަށް އޮންނާނީ މަދުވެފައިކަމުގައި ޢަބްދުލް އަޒީޒް ޖަމާލް ޢަބޫބަކުރު (2007) ހާމަކުރައްވައިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ގއ. ޏ ސ މިތިން އަތޮޅުގެ މީހުންގެ ވިޔާފާޜިއާއި އެހެންހެންކަންކަމު ފުއްދަން ދަތުރުފަތުރުކޮށް އުޅުނީ މިތިން އަތޮޅުގެ މެދުގައެއެވެ. މިކަން ވަރަށް ސާފުކޮށް އެއަތޮޅުތަކުގެ މީހުންގެ ބަހުރުވައިން ފާހަގަކުރެވެއެވެ. މިތިން އަތޮޅަށް ބަޅާއިރު އެއް އަތޮޅު އަނެއްއަތޮޅާ ވެސް ނުހަނު ދުރެވެ. ކަނޑުތަކުގެ ސަބަބުންނެވެ. އަދި ހުވަދޫ ކަނޑައަކީ ޜާއްޖޭގައި އޮތް އެންމެ ބިޔަ ކަނޑަށްވެފައި އެކަނޑުން އުތުރުގައި ދިރިއުޅޭ ޜާއްޖޭގެ މީހުންގެ ބަހާ އެކަނޑުން ދެކުނުގައި ތިބި މީހުންގެ ބަހާ ނުހަނު ތަފާތުއ އެބަހުއްޓެވެ. ރަސްމީ ބަހާ މިދެންނެވި 3 އަތޮޅުގެ ބަހުރުވަތަކާ ހުރި ފަރަގު ދަނެގަތުމަށް އެންމެ ފަސޭހަވާނީ މިސާލުތަކެއްގެ އަލީގައިކަމަށް ޤަބޫލުކރެވެއެވެ. ތިރީގައި އެވަނީ ރަސްމީ ބަހުގެ ޖުމުލައެކެވެ. ދެން އެވަނީ ދެކުނުގެ 3 އަތޮޅުގެ ބަހުރުވައިން ހަމަ އެޢިބާރާތް ލިޔެފައެވެ. ރަސްމީ ބަސް އޮށް ކުޑަ ރުކެއްގެ މަށާފައި އޮތް ކުޑަ ކާއްޓެއްގެ ނާއްޓެއް ހުވަދޫ ބަހުރުވަ އޮޓާކުދެ ރުކަކު މަޓައިފައި އޮތެ ކުދެ ކައުއްޓަކު ނޮއްޓެކެ ފޯއްމުލަކު ބަހުރުވަ އެށެކުދުރުކެކި މަށާފޭ އޮއް ކުދު ކައިށެކި ނައިށެއް އައްޑޫ ބަހުރުވަ އެށެކުދުރުކަކި މަށަފޭއޮއް ކުދު ކައިށަކި ނައިށަށް މި މިސާލުތަކުން ދޭހަވާގޮތުގައި އައްޑޫ ބަހުރުވައާއި ފޯއްމުލަކު ބަހުރުވައިގައި އަޑުތަކާއި ލަފުޒުތަކުގެ ގޮތުން އެއްގޮތްވަންތަ ސިފަތަކެއް އެބަހުއްޓެވެ. އެއާ ޚިލާފަށް ހުވަދޫ ބަހުރުވަ ތަފާތެވެ. އެއީ އައްޑުއަތޮޅާއި ފޯއްމުލައް އޮންނަނީ ޖޯގުރަފީގޮތުން ބަލާއިރު މާދުރަކުނޫނެވެ. ވިޔާފާރިއާއި އިޖުތިމާޢީ އެނޫންވެސް ބޭނުންތަކުގައި މިދެބައިމީހުން ދެބައިމީހުންނަށް ޢާންމުކޮށް ޒިޔާރަތްކުރުމާއި ދަތުރުވަރިވަރީގައި ގޮސްއުޅެ މުއާޞަލާތުކުރެއެވެ. ނަތިޛާއެއްގެ ގޮތުން މިދެންނެވި ބަހަވީ އެއްގޮތްވަންތަ ސިފަ މިދެބަހުރުވައިން ފެންނަނީ އެވެ. ހުވަދޫ ބަހުރުވަ ތަފާތީ މިދެންނެވިފަދައިން މުޢާމަލާތްކެއް އެހައި އަވަސްއަވަހަށް ހިނަގއިފައި ނުޥާތީއެވެ. އައްޑުއަށް ވުރެ ހުވަދުވާ ގާތީ ފޯއްމުލައްކަމަށް ވުމުން ފޯއްމުލަކު ބަހުރުވައިގައި ހުވަދޫ ބަހުރުވައިގެ އަސަރު ވަރަށް ބޮޑުކަމަށް ފެނެއެވެ. މިވެސް ދެ އަތޮޅު އޮތް ސަރަޙައްދުގެ ގޮތުން ހިމެނޭ ދުރުކައިރިމިނުގެ ގޮތުން ވެފައިވާކަމެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ. މިއާ ޚިލާފަށް މިތިންބަހުރުވަ ރަސްމީ ބަހާ ނުހަނު ތަފާތުކަން ފާހަގަވެއެވެ. އެއީ ރަސްމީ ބަހުގައި ބޭނުންކުރާ "ށް" ގެ ބަދަލުގައި ހުވަދުއަތޮޅުގައި އެބޭނުންކުރަނީ ޓ މިއަކުރެވެ. ޏ އަދި ސ ގައި"ށެ އެވެ. "މަށާފައި" މިލަފުޒަށް ހުވަދޫބަހުން ކިޔަނީ "މަޓާފައި" ފޯއްމުލަކު ބަހުން "މަށާފޭ" އައްޑޫ ބަހުރުވައިނަމް "މަށަފޭ" މިހެންނެވެ. "ކުޑަ" މިލަފުޒަށް ހުވަދޫ ބަހުރުވައިގައި ބޭނުންކުރަނީ "ކުދެ" އައްޑޫ ފޯއްމުލަކުގައި ބޭނުންކުރަނީ "ކުދު" މިހެންނެވެ. "ކާއްޓެއް- ނާއްޓެއް " ރަސްމީ ބަހުގައި ކިޔާއިރު ހުވަދޫބަހުގައި ކިޔަނީ "ކައުޓެއްކެ- ނޮއްޓެކެ –ނުވަތަ ނޮންޓެކެ" އެވެ. ފޯއްމުލަކު އައްޑޫގައި ކިޔަނީ ކައިށި ނައިށި މިހެންނެވެ. ވީމާ، މޯފޮލޮޖިކަލް ގޮތުން ބަޅާއިރު ލަފުޒުތަކުގައި އެއްގޮތްވަންތަ ސިފަތައް އެބަހުއްޓެވެ. ނަމަވެސް ފޮނެޓިކަލީ ނުވަތަ އަޑުތަކުގެ ގޮތުން ބަދަލުތަކެއް އެވަނީ އައިސްފައެވެ. ކަންމިހެން ހުއްޓަސް މާނައިގެ ގޮތުން ލަފުޒުތަކުން ދޭހަވަނީ ހަމަ އެއް މާނަތަކެވެ. މިހެން މިވަނީ މުޢާބލާތުކުރުމަށް ދިމާވެފައިވާ ޖޯގްރފިލަކް ކަންތައްތައްކަމުގައި ޢަބްދުލް ޢަޒީޒް ޖަމާލް އަބުބަކުރު (2007) ހާމަކުރައްވައިފައިވެއެވެ. ބަހުރުވައިގެ ތަފާތަށް ބަޅާއިރު ލ އަތޮލަކީ ވެސް ރަސްމީ ބަހާ ރާއްޖޭގެ އުތރުން ފެށިގެން ތ އާ ހަމަށް ވާހަކަދައްކާ އެހެން މީހުންނާ ތަފާތުކޮށް ވާހަކަދައްކާ ބައަކު ދިރިއުޅޭ އަތޮޅެކެވެ. ލަފުޒުގެ ގޮތުންނާއި ލަފުޒުތަކުގެ މާނައިގެ ގޮތުންވެސް މެއެވެ. "ފޯނުކޮޅޯމާ އުމާށަ ބޮނޮވެނޭ އިނބަނޫއައިމަ އިނބަދެކޭހިތުން މިރޭ" މައި ރަސްމީ ބަހާ ވައްތަރު ލަފުޒުތަކެއް އެބހުއްޓެވެ. އެކަމަކު މުޅި ޖުމުލަ މާނައެއް ހަދައިފިނަމަ ރަސްމީ ބަހުން ވާހަކަދައްކަން ދަންނަ އަދި މިމބަހުރުވަ ނުދަންނަ މީހަކަށް މިބުނާ އެއްޗެއް މޭރުން ނުވާނެއެވެ. މިބުނަނީ " އަހަރެން ފޯނު މިކުރަނީ ކަލާއާ ވާހަކަދައްކާށެވެ. މިރޭ ކަލާ ނައިމަ ކަލާ ދެކޭހިތުންނެވެ" މި ޖުމުލައަސް ރަސްމީ ބަހާ އެއްގޮތް ކިތައްމެ ކަމެއް އެބަހުއްޓެވެ. ބުނުމުގެ އޮނިގަނޑު ދިވެހިބަހުގެ އޮނިގަނޑާ އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް ތަފާތީ ލަފުޒުތަކެވެ. އޭގެ މާނައެވެ. :"ކޮޅޯމާ" "މަ ކުރީ " އެވެ. އިނބަ" ކަލާ" އެވެ. ދިވެހި ރަސްމީ ބަހާ މިހާތަފާތުބޮޑުކޮށް ވާހަކަދައްކާ އެހެން ބަޔަކު ދެން ޜާއްޖޭގައި ނޫޅެއެވެ. ދެންހުރީ ކުރިންވެސް ދެންނެވިފަދައިން ރާގުގެ ތަފާތުތަކާއެކު ނުވަތަ ވަރަސް މަދު ތަފާތު ލަފުޒުތަކެއް ހިމެނޭ ގޮތުން ހަމަ ރަސްމީބަހުން ވާހަކަދައްކާ މީހުން ދިރިއުޅޭ ސަރަޙައްދުތަކެވެ. އަތޮޅުތަކެވެ. ދިވެހިބަހުގައި މިދެންނެވި ބަހުރުވަތައް މިހެން ހުރުމާއެކު ދެންނެވެން އަންނަނީ އާރޓީ ބެލް (1976) އާ ޙަވާލާދެއްވައި އަރުދޯފް،އާރ. (2010) ހާމަކުރައްވާ ފަދައިން މިކްސްޗަރ ނުވަތަ ތަފާތު ބަހުރުވަތަކެއްގެ އެއްވުމެއް ހިމެނިގެންވާ ފުރިހަމަ ބަހެއްގެ ގޮތުގައެވެ. ބަހަކާ ބަހުރުވައެއް ފަރަގުވާ އަނެއް މުހިންމު ކަމެއްކަމަށް އާރޓީ ބެލް (1976) ބަޔާންކުރައްވާފައިވަނީ އެބަހެއްގައި ޑީ ފެކްޓޯ ނޯމްސް ހިމެނުމެވެ. މާނައަކީ ޢާންމުން ބޭނުންކުރާ ނުވަތަ ޢާންމުން ޤަބޫލުވާ ވަކި މިންގަނޑުތަކެއް ނުވަތަ ޤަބޫލުކުރުންތަކެއް ހުރުމެވެ. އެފަދަކްނކަން ތަފުޞީލްކުރައްވަމުން އަޙުމަދު ނާޒިފް (2012) ހާމަކުރައްވާފައިވަނީ އެބަހެއްގައި ބަހަށްވުރެ ދަށްމިންގަނޑުގެ ބަހުރުވަތައް ހުންނަންޖެހުޟާއި ރަނގަޅުފެންވަރުގެ ލިޔުންތަކާއި ދަށްފެންވަރުގެ ލިޔުންތައް ހުންނަން ޖެހޭނެކަމަށެވެ. މި ސިފަ ދިވެހިބަހުގައި އެބަހުއްޓެވެ. ބަހުރުވަތަކުގެ ވާހަކަ ދެއްކިއްޖެވެ. ދިވެހިބަހުގައި ރަނގަޅު ފެންވަރުގެ ލިޔުންތައް އެބަހުއްޓެޗވެ. ޞަލާޙުއްދީނު ލިޔުއްވި އައްސިޔަރަތުއް ނަބަވިއްޔާ، ނާއިބުތުއްތުގެ ސުއްކަތުރާހަބަރު، ދަގަނޑުދަހަނާ، ބަނޑެރި ހަސަންމަނިކފާނުގެ ދިޔޯގެ ރައިވަރު އަރިއަތޮޅު އަރުމާދު، ދޮންހިޔަލައާއި އަލިފުޅު، ބޮޑުތާހީދު ، މުޙައްމަދު އަމީން ލިޔުއްވި ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ، ކަހަލަ އެތައް ލިޔުމެއް އޭރުވެސް މިހާރުވެސް ދިވެހިބަހުގައި ހުރިކަން ފާހަގަކުރެވެއެވެ. ހަމަ މިއާއެކު އޭގެ އިދިކޮޅުކަމުގައިވާ ދަށްފެންވަރުގެ ކިތައްމެ ލިޔުމެއްވެސް ހުރިކަން ފާހަގަކުރެއެވެ. ވީމާ، އާރޓީ ބެލް (1976) އާ ޙަވާލާދެއްވައި އަރުދޯފް،އާރ. (2010).ހާމަމަކުރައްވައިފައިވާ މި ސިފަތަކަށް ބަލާއިރު އަޅުގަނޑުމެންގެ މިދިވެހިބަހަކީ ބަހުރުވައެއް ނޫނެވެ. ނަމަވެސް ތަފާތު އެތައް ބަހުރުވަތަކުން ޖަމަޢުވެފައިވާ ދިރުންހުރި ފެންވަރެއްހުރި އަމިއްލަވަންތަ ގޮތްތަކެއް އޭގައި ހުރި މުސްތަޤިއްލު ބަހެއްކަމުގައި ކަށަވަރުވެއެވެ.


ނިންމުން

ބަހަކީ އިންސާނެއްގެ ހިތުގައި އުފެދޭ ޚިޔާލުތަކާއި، ޝުޢޫރުތަކާއި، ޖަޒުބާތުތައް އެކަކު އަނެކަކާއި ހަމަޔަށް ފޯރުކޮށްދިނުމަށް އަޑު ނުވަތަ ނިޝާން ނުވަތަ ޙަރަކާތް އެކުލެވޭގޮތަށް ބޭނުންކުރާ ނިޒާމެކެވެ. ލިންގުއިސްޓިކުން ނުވަތަ ބަހާބެހޭ ޢިލްމުވެރިން ބުނާގޮތުން ބަހަކީ އެއް އިންސާނަކު އަނެއް އިންސާނަކަށް އެއްޗެއް އޮޅުން ފިލުވައި ދިނުމަށްޓަކައި ނުވަތަ މަޢުލޫމާތު ދިނުމަށްޓަކައި ވަކި ނިޒާމެއްގެ މަތިން ބޭނުންކުރާ އަޑުތަކަކަށް ނުވަތަ ޢިޝާރާތްތަކަކަށް ކިޔާ ނަމެކެވެ. ބަހުގެ ޢިލްމުވެރިންގެ ރަޢުޔުތައް ހެކިދޭ ގޮތުންނަމަ ބަހަކީ އިންސާނުންގެ އެއްޗެކެވެ. ބަހަކީ އިންސާނުންނަށް ޚާއްޞަ އެޗެއްކަމަށްބަހުގެ ޢިލްމުވެރިން ދައްކަވާ އެއްމެބޮޑު ހެއްކެއްކަމަށް ފެންނަނީ އިންސާނުން ވާހަކަދައްކާ ބަސްބަހުގައި އެތައް ބައިވަރު އަޑުތައްހުރުމެވެ.ބަހަކީ ޤުދުރަތީ ގޮތުން އުފެދޭ އެއްޗެކެވެ. އެއީ އެއްވެސް މީހަކު އުފައްދާ އަދި އުފެއްދި އެއްޗެއް ނޫނެވެ. އެހެނީ އެއީ ޤުދުރަތީ އަޑުތަކުން އުފެދޭ އެއްޗެކެޗެ. ބަހުރުވައަކީ މައިބަހަކަށް ނިސްބަތްވާ، ވަކި ޖަމާޢަތެއްގެ ބަޔަކު ވަކިސިފަތަކެއް ހިމެނޭގޮތުން ވާހަކަދައްކާ އެކުވައްތަރުކަމެއްގެ ހިމެނޭ އެއްޗެކެވެ. ބަހުރުވައެއްކަމަށް ދޭހަވާ އެހެން ސަބަބުތަކުގެ ތެރެއިން އިޖުތިމާޢީ ގޮތުން އޮންނަ ވަކި އިމެއް ވެސް ފާހަގަކުރެވެއެވެ. ވަކި އިޖުތިމާޢީ ގިންތިއަކާ ގުޅިފައިވާ ބަހުރުވައަކީ ސޯޝިއޯލެކްޓް" ނުވަތަ އިޖުތިމާޢީ ބަހުރުވައެވެ. ސަރަޙައްދުގެ ގޮތުން އުފެދޭ ބަހުރުވައަކީ ސަރަޙައްދީބަހުރުވައެވެ. ބަހުރުވައެއް އުފެދެނީ އެއްތާކު ނޫޅެވެގިގެން ދަތުރުފަތުރުކޯށް އެހެން ހިސާބުތަކަށް ހިޖުރަކޮށް ވަޒަންވެރިވާ ވަޒަންވެރިވުމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. މިގޮތން ކަނޑަކުން ފަރަކުން ވާދީއަކުން ފަރުބަދައަކުން މިބަހުރުވަތަކުގެ ތަފާތުތައް ތަފާތުވުން އުފެދެއެވެ. އެހެންވަނީ މުޢާޞަލާތުކުރުމުގައި އުފެދޭ ދުރުމިނެއްގެ ސަބަބުންވެ. އެމިން ގާތްވީވަރަކަށް ބަހުރުވައިގެ ތަފާތު ކުޑަވެއެވެ. ބޮޑުވީވަރަކަށް ބޮޑުވެއެވެ. މިގޮތުން ބަލާއިރު ދިވެހިބަހުގައި މާލޭ މީހުން ވާހަކަދައްކާ ބަހަކީ ދިވެހި މައިބަސްކަމަށާއި އެބަހަށް ނިސްބަތްވާ ބަހުރުވަތަކެއް ހުރިކަން މިއެސައިންމެންޓު ހެދުމުން ފާހަގަވެއެޖެއެވެ. އެބަހުރުވަތަކަކީ އައްޑޫބަހުރުވައާއި ހުވަދޫ ވަހުރުވައާއި ފޯއް މުލަކުބަހުރުވައެއެވެ. އަދި ކުރިން ދެންނެވި ތަފާތުތަކާއެކު ލ. އަތޮޅުގެ ބަހުރުވައިގައިވެސް ހިސާބަކަށް ތަފާތުތަކެއްހުރިކަން ފާހަގަވިއެވެ. ބަހުރުވައެއްކަމަށް ރަމުޒުކޮށްދޭ ކަންތައްތަކެއް ހުރެއެވެ. އޭގެ ބަސްކޮށާރާއި ޤަވާޢިދާއި ބޭނުންކުރާ އުޞޫލެވެ. ރާގެވެ. ގޮތެވެ. އޭގެތެރޭގައި ލަފުޒުގެ އަޑުތަކާއި ވަޒަންވެސް ހިމެނޭގޮތުންނެވެ. ބަހެއްގައި އެންމެ ފާޅުކަން ބޮޑުގޮތެއްގައި ފާހަގަކުރެވޭ ތާފަތުކަމަކީ އޭގެ ބަސްކޮށާރު ތަފާތުވުމެވެ. އޭގެތެރޭގައި ފޮނޮލޮޖީއާއި ނުވަތަ ލަފުޒު އަދާކުރާ މަޚުރަޖާއި ޤަވާޢިދާއި ބަސްބެނުންކުރާ ހަމަތައް ހިމެނެއެވެ. އަދި ބަހުރުވައިގައި ހުންނަ އެކުވައްތަރުކަން ބަސްކޮށާރުގެ ގޮތުން ތަފާތުވުމެވެ. މިތާފާތު ހުންނާނީ ޖޯގްރަފީ ގޮތުން ދެބައެއްގެ ދެމެދުދައި މުއާޞަލާތު ކުރުމުގެ ވާސްޠާ ދުރުވުމެވެ. މި ނަޒަރިއްޔާތަށް ބަލާއިރު ދިވެހިބަހުގެ ބަހުރުވަތަކުން ލެކްސިކަލް ވޭރިއޭޝަން ނުހަނު ބޮޑަށް ފެނެއެވެ، އެއީ މާނަވެސް ތަފާތުވާ ޙާލަތުތައްވެސް ހިމެނޭ ގޮތުންނެވެ. އަދި އަޑު އަދާކުރާ ގޮތް ވެސް ހިމެނޭ ހެންނެވެ. އެހެންކަމުން މިތަފާތުތައް މިގޮތަށް ހުރުމާއެކު ބަހާއި ބަހުރުވައަކީ އެކަތި އަނެކައްޗާ ވަކިކުރެވޭ ދޭއްޗެއްކަން ހާމަވެއެވެ. އެއީ ބަހަކީވެސް ތަފާތު އެއްޗެއްކަމެވެ. އަދި ބަހުރުއަކީވެސް ތަފާތު އެއްޗެއްކަމެވެ.ޙަވާލާލިސްޓު


ޙުސައިންރަޝީދު އަޙުމަދު. (1995). ބަހުގެ އަޑުތައް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. ނަސީމާ މުޙައްމަދު. (1998). ދިވެހީންގެ ތަރިކަ. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. ނޯމް ޗޮމްސްކީ. (2006). ލޭންގުއޭޖް އެންޑް މައިންޑް. ކެމްބްރިޖް: ކެމްބްރިޖް ޔުނިވަރސިޓީ. ކެރޯލް މައިއާރސް- ސްކޮޓަން. (2006). މަލްޓިޕްލް ވޮއިސެސް.ކެރޯލިނާ: ބްލެކްވެލް ޕަބްލިޝިން ޕްރައިވެޓް ލިމިޓެޑް. ކީތިރި ޤުރުއާނުގެ ދިވެހި ތަރުޖަމާ.މާލެ: ނޮވެލްޓީޕްރެސް. އަ ލޭންގުއޭޖު އިޒް އަ ޑައިލެކްޓް. (2012). http://en.wikipedia.org/wiki/Dialect ނެގީ 29 ފެބުރުއަރީ 2012 ގައި އިބްރާހީމް މޫސާފުޅު. (2005). ބަސްމޮށުންތެރިކަން އަށަގަތުން. ޖަމާޢަތުގެ ޚަބަރު، (322) .މާލެ: ސެންޓަރ ފޮރ ކޮންޓިނިއުއިން އެޑިޔުކޭޝަން. އެޑްވަޑް ފިނެގަން. (2007). ލޭންގުއޭޖު އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް(5ވަނަ އިސްދާރު). ބޮސްޓަން:ތޮމްސަން ވޯޑްސްވަރތް. އަރުދޯފް،އާރ. (2010). އެން އިންޓްރަޑަކްޝަން ޓް ސޯޝިއޯ ލިންގުއިސްޓިކްސް (5 ވަނަ އިސްދާރު. އޮކްސް ފޯރޑް: ބްލެކްވެލް. އެޑްވަރޑް ފިނެގަން. (1989). ލޭންގުއޭޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް. ވޮޝިންގޓަން:އިއަރލް އެމް.ސީ.ޕީކް. އެޑްވަރޑް ފިނެގަން. (1999). ލޭންގުއޭޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް. ވޮޝިންގޓަން:އިއަރލް އެމް.ސީ.ޕީކް. އާމިނަތު ޢަލީ. ( 2001). ބަހާއި މުޢާޞަލާތު {އަތްމަތީ ކަރުދާސް}.މާލެ: އިންސްޓިޓިޔުޓް އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިޔުޓިންގ. ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު. (2007). ބަހާއި ބަހުރުވައިގެ ތަފާތު. ޖަމާޢަތުގެ ޚަބަރު. މާލެ: ސެންޓަރ ފޮރ ކޮންޓިނިއުއިނގ އެޑިޔުކޭޝަން. ވިކްޓޯރިއާ ފްރޮމްކިން އާއި ޑޭވިޑް މްލެއަރ އާއި ޕީޓަރ ކޮލިންސް. (2007). އެން އިންޓްރޮޑަކްޝަން ޓް ލޭންގުއޭޖު. (8ވަނަ އިސްދާރު). ބޮސްޓަން: ތޮމްސަން އޯޑްސްވާރތް. ވިކްޓޯރިޔާ ފްރޮމްކިން،ޑޭވިޑް ބްލެޔަރ،ޕީޓަރ ކޮލިންސް. (1999). އެން އިންޓްރަޑަކްޝަން ޓް ލޭންގުއޭޖް. ހާރކޯޓް: ހާރކޯޓް އޮސްޓްރޭލިޔާ ޕްރައިވެޓް ލިމިޓެޑް. މައުމޫން ޢަބްދުލް ޤައްޔޫމް. (1998)ފަހުބަސް.މާލެ:ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މުޙައްމަދު ވަޙީދު ނަދުވީ. (2001). ބަހަކީ ކޮބައިތޯއެވެ؟ {އަތްމަތީކަރުދާ}. މާލެ: ފެކެލްޓީ އޮފް މެނޭޖުމަންޓް. މޫސާފަތުޙީ،މުޙައްމަދުޖަމީލް،އިބްރާހިމްޙިލްމީދީދީ،ފަތުޙުﷲޖަމީލް،ޒާހިރުޙުސައިން. (1395ހ). ޑޭވިޑް ކްރިސްޓަލް. (1997). ދަ ކެމްބްރިޖް އެންސައިކްލޮޕީޑިޔާ އޮފް ލޭންގުއޭޖު. ކެމްބްރިޖް:ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް. ޑރ.އާރ.ކޭ.ޖެއިން، ސީ.ކޭ.ޝަރުމާ.އެސެންޝަލްސް އޮފް އިންގިލިޝް ޓީޗިންގ.އާގަރާ:ވިނޯދު ޕުސްތަކް މަންދިރު. ޑޭވިޑް ކްރިސްޓަލް. (1997). ދަ ކެމްބްރިޖް އެންސައިކްލޮޕީޑިޔާ އޮފް ލޭންގުއޭޖު. ކެމްބްރިޖް:ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް. ޔުމްނާ މައުމޫން. (1997). ބަހަކީ ކޮން އެއްޗެއްތޯ؟.ފަތްތޫރަ، 220،19 (4)،24-27. ޖީން އެއިޗިސަން. (2003). ޓީޗް ޔޯރ ސެލްފް ލިންގުއިސްޓިކް.ޞ.13-24.ހޮޑަރއެންޑް ސްޓަފްޓަން. ޖޯޖު ޔޫލް. (1996) ދަ ސްޓަޑީޒް އޮފް ލޭންގުއޭޖު. ކެމްބްރިޖް: ކެމްބްރިޖް ޔުނވަރސިޓީ ޕްރެސް. ޖޯން އާރ. ރިކްފޯރޑް.(2002). www.stanford.edu/~rickford/papers/l73_reading_1.docނެގީ 3 މާޗް 2012 ގައި.