Jump to content

ޖެނެޓިކް ސްކްރީނިންގ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޖެނެޓިކް ސްކްރީނިންގ އަކީ ކޮބާ؟

[އުނިއިތުރު ގެންނަވާ]

ޖެނެޓިކް ސްކްރީނިންގ އަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވެދާނެ ބަލިތައް ނުވަތަ އައިބުތައް (އުނިސިފަތައް) ދެނެގަތުމަށް ބޭނުންކުރެވޭ ނުވަތަ ހެދޭ ޓެސްޓެކެވެ. ބަލިވެ އިނުމުގެ ކުރިން މިޓެސްޓް ހެދުމަކީ ބޭނުންތެރި ކަމެކެވެ. މާބަނޑުވުމަށް ފަހު ޑޮކްޓަރަށް ދައްކާ ފުރަތަމަ ފަހަރު، ނުވަތަ ވިހަންކައިރިވުމުން ވެސް މިޓެސްޓް ހެދިދާނެއެވެ. ކުރިން ބަޔާންކުރެވުނު ކޮރިއޮނިކް ވިލަސް ސާމްޕްލިންގ(Chorionic villus sampling)އާއި، އެމްނިއޯސެންޓެސިސް(Amniocentesis)އަކީ މާބަނޑު ދުވަސްވަރު ކުރެވޭ ޖެނެޓިކް ސްކްރީނިންގ ޓެސްޓްގެ ދެމިސާލެވެ.

ދެމަފިރިޔަކު ދަރިން ހޯދާ ވިސްނާއިރު ތިމާމެންގެ އާއިލާގައި ވާރުތަކުރާ ބައްޔެއް ހުރިތޯއާއި، އަދި އެފަދަ ބައްޔެއް އާއިލާގެ މެމްބަރުންގެ ތެރޭގައި ހުރިނަމަ އެބައްޔެއް ލިބޭ ދަރިންނަށް ވާރުކޮށްފާނެތޯ ވެސް ބަލަންޖެހެއެވެ. އެހެން ކަމުން ވާރުތަކުރާ ނުވަތަ ވާރުތަވާ ބަލިތަކާއި ބެހޭ މައުލޫމާތު ޞިއްޙީ މައުލޫމާތު ދެއްވާ ފަރާތަކާއި ގުޅައިގެން ސާފުކުރުމަކީ އެދެވިގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި ތިމާމެންގެ ޢާއިލާގެ މެމްބަރުންގެ ތެރޭގައި ވާރުތަކުރާ ބައްޔެއް، އުފެދުމުގައި އައިބު(އުނިސިފަ) ހުރިމީހެއް، ނުވަތަ އެހެންވެސް ތަބީޢީ ނޫން ހާލަތްތަކެއް ލިބިފައިވާ މީހަކު ހުރިތޯ ޑޮކްޓަރުން ނުވަތަ ޞިއްހީ ލަފަޔާއި، އިރުޝާދުދެއްވާ ބޭފުޅުން އައްސަވާނެއެވެ.މިފަދަ ހާލަތުގައި ލޭގެ ބައެއް ތަހުލީލުތައް ކުރެވެއެވެ. ބަލިވެއިންކަމުގައިވާ ނަމަ ކުޑަދަރިފުޅު ގެ ހާލަތު ދެނެގަތުމަށް ވެސް ޓެސްޓްތައް ހެދެއެވެ.

ޖެނެޓިކް ސްކްރީނިންގ ހަދަން ޖެހެނީ ކޮންވަގުތަކު؟

[އުނިއިތުރު ގެންނަވާ]

އެންމެ ޢާންމުކޮށް ޖެނެޓިކް ސްކްރީނިންގ ދެމަފިރިން ހަދަން ޖެހެނީ އަންނަނިވި ހާލަތްތަކުގައެވެ. (ހ) 35އަހަރު ނުވަތަ އެއަށްވުރެ ފަހުން ބަލިވެ އިންނަ މީހުން (ށ) ކުރިން ވާރުކުރާބައްޔެއް ނުވަތަ އުފެދުމުގައި އައިބެއް ހުރި ކުއްޖެއް ލިބިފައިތިބި ދެމަފިރިން (ނ) މީގެ ކުރިން ތަރުކާރުކޮށް ބައިގެން ގޮސްފައިވުން، ނުވަތަ ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން (ރ) ތަބީޢީނޫން ގޮތެއްގައި ކަމެއް ހުރިކަން ފާހަގަވުން

މިސާލަކަށް ލޭގައި އަލްފާ ފީޓޯޕްރޮޓީން(Alfa-fetoprotien) ތަބީއީނޫންގޮތެއްގައި ހުރުން، ކުއްޖާގެ ވަށައިގެން ލެވިފައިވާ އަމްނިއޮޓިކް ސެކްގެ ތެރޭގައި އަމްނިއޯން ދިޔަ ގިނަވުން، ނުވަތަ މަދުވުން ފަދަ ކަންކަމެވެ. އަލްފާ ފީޓޯޕްރޮޓީން އަކީ ކުޑަދަރިފުޅުގެ ހަށިގަނޑުން އުފައްދާ ޕްރޮޓީންއެކެވެ. ސްޕައިނާ ބިފިޑާ(Spina bifida)ފަދަ ނިއުރަލް ޓިއުބު(Neural tube)ގައި އުފެދޭ އައިބުތަކާއި، ނާރުތަކާއި ބެހޭ ނިޒާމްގައި އުފެދޭ އައިބުތައް ދެނެގަތުމަށް އަމްނިއޯން ދިޔައިގެ ތެރޭގައި އަލްފާ ފީޓޯޕްރޮޓީން ހުރި މިންވަރު ބަލައެވެ.

(ބ) ލޭއަޅާބަލި(Thalassemia) ޖެހިފައިވާ ނުވަތަ ވާރުތަވާ މީހަކު އާއިލާގައި ހުރުން (ޅ) ޓޭ ސެޗްސް ބަލި(Tay-sachs disease) ޖެހިފައިވާ މީހަކު އާއިލާގައި ހުރުން (ކ) ހީމޯފީލިއާ(Haemophilia) ނުވަތަ ސިސްޓިކް ފައިބްރޯސިސް(Cystic fibrosis) ފަދަ ވާރުތަކުރާ ބައްޔެއް އާއިލާގެ މެމްބަރުންގެ ތެރޭގައި ހުރުން (އ) ސިކްލް ސެލް އެނީމިއާ(Sickle cell anemia) ޖެހިފައިވާ މީހަކު އާއިލާގައި ހުރުން

ޖެނެޓިކް ސްކްރީނިންގ އަށް ތައްޔާރުވާނީ ކިހިނެއް؟

[އުނިއިތުރު ގެންނަވާ]

މައިންބަފައިން ކައިރިން އަހައިގެން އާއިލާގެ ތެރޭގައި އެއްވެސް ބާވަތެއްގެ ވާރުތަކުރާ ބައްޔެއް ހުރިތޯ ބަލާށެވެ. ފިރިމީހާއާއި، އޭނާގެ އާއިލާގެ މެމްބަރުންގެ ތެރޭގައި ވިސްނުމުގެ އުނިކަން ލިބިފައިވާ މީހެއް، ނުކުޅެދޭ މީހެއް، ނުވަތަ އެއްވެސް ބާވަތެއްގެ ތަބީޢީނޫން ކަމެއް ލިބިފައިވާ މީހެއް ހުރިތޯ ބަލައި ޔަގީންކުރާށެވެ. މައިމީހާ އޭނާބެހޭ އަންނަނިވި މައުލޫމާތުތައް ހޯދާފައި ބަހައްޓާށެވެ.

  • އެއްވެސް ފަހަރަކު ބައިގެން ގޮސްފައިވުން
  • ބަލިވެއިނުމަށްފަހު ނުވަތަ އޭގެ ކުރިން ވިޔަސް އެއްވެސް ބާވަތެއްގެ ކެމިކަލްއަކަށް ނުވަތަ ރޭޑިއޭޝަން އަށް ތިމާގެ ހަށިގަނޑު ހުށަހެޅިފައިވޭތޯ ބެލުން
  • މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ ރާބުއިން ފަދަ ކަމެއް ކުރިން ކުރެވިފައިވޭތޯ ބެލުން
  • ބަލިވެއިނުމުގެ ކުރިން ނުވަތަ ބަލިވެއިންކަން އެގުމުގެ ކުރިން ބޭހެއް ބޭނުންކުރަށް ފެށިވައިވޭތޯ ބެލުން

ޖެނެޓިކް ސްކްރީނިންގ ހެދުމުގެ ތެރޭގައި ވަނީ ކިހިނެއް ؟

[އުނިއިތުރު ގެންނަވާ]

ސިއްހީ ލަފަޔާއި އިރުޝާދު ދެއްވާ ބޭފުޅުން ނުވަތަ ތިމާގެ ކަންތައްތައް ބަލަހައްޓާ ޑޮކްޓަރަކު ދެމަފިރިން އާއިލާގައި އެފަދަކަމެއް ހުރިތޯ ނުވަތަ ނެތްތޯ ބެލުމަށް ފަހު ހެދިފައިވާ ރިޕޯޓް ޗެކްކުރައްވާނެއެވެ. އޭގެ ފަހުގައި އުފެދުމުގައި އައިބެއް ނުވަތަ ވާރުތަކުރާ ބައްޔެއް ހުރިތޯ ބެލުމަށް އަންނަނިވި ކަންތައްތައް ކުރެވެއެވެ.


މައިމީހާގެ ލޭގެ ޓެސްޓް(Maternal blood test)

[އުނިއިތުރު ގެންނަވާ]

މިއީ ބަލިވެއިންނަތާ 15ހަފްތާއާއި، 19ވަނަ ހަފްތާއާއި ދެމެދު ކުރެވޭ ޓެސްޓެކެވެ. މިޓެސްޓް ކުރެވެނީ ލޭގައި އަލްފާ ފީޓޯޕްރޮޓީން ހުރި މިންވަރު ބެލުމަށެވެ. އަލްފާ ފީޓޯޕްރޮޓީންގެ މިންވަރު މަދު ނުވަތަ މަތި ނަމަވެސް އެހެން ޓެސްޓެއް ހަދަންޖެހެއެވެ. މިގޮތުން ހަދާ ޓެސްޓްގެ ބޭނުމަކީ ސްޕައިނާ ބިފިޑާ(Spina bifida) ފަދަ ނިއުރަލް ޓިއުބުގެ އައިބެއް ހުރިތޯ ބެލުމެވެ.


އަލްޓްރާ ސައުންޑް ސްކޭން(Ultra sound scan)

[އުނިއިތުރު ގެންނަވާ]

އަލްޓްރާ ސައުންޑް ސްކޭން ކުރެވެނީ ބަލިވެއިންނަތާ 15ވަނަ ހަފްތާގެ ތެރޭގައެވެ. މީގެ ބޭނުމަކީ ސިކުނޑިއާއި، ހިތާއި، ފަޔާއި، އަތާއި، އެހެނިހެން ގުނަވަންތަކުގައި އައިބެއް އުފެދިފައި ހުރިތޯ ބެލުމެވެ.


ކޮރިއޮނިކް ވިލަސް ސާމްޕްލިންގ(Chorionic villus sampling)

[އުނިއިތުރު ގެންނަވާ]

އެމްނިއޯސެންޓެސިސް(Amniocentesis)

[އުނިއިތުރު ގެންނަވާ]

ޖެނެޓިކް ސްކްރީނިންގ ހެދުމަށް ފަހު ވަނީ ކިހިނެއް؟

[އުނިއިތުރު ގެންނަވާ]

ޓެސްޓް ހެދުމަށް ފަހު ނަތީޖާ ސިއްހީ ލަފަޔާއި އިރުޝާދު ދެއްވާ ބޭފުޅުން ނުވަތަ ޑޮކްޓަރުން ހާމަކޮށްދޭނެއެވެ. އެއްވެސް މައްސަލައެއް ހުރިކަމުގައި ވާނަމަ އޭގެ ފަރުވާ ބުނެދޭނެއެެވެ.