Jump to content

ޖަންބު ގިއުޅު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޖަންބު ގިއުޅު

ޖަންބު ގިއުޅު (ސައިންޓިފިކް ނަން: Pristipomoides filamentosus)ނުވަތަ (އިނގިރޭސި ބަހުން: Crimson Jobfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުން އާންމުކޮށް ނުފެންނަ ވަރަށް ތަދު މަހެކެވެ. މިވައްތަރުގެ މަސް ފުރަތަމަ ރާއްޖެއިން ރިކޯޑް ކުރެވިފައިވަނީ 23 ނޮވެމްބަރ 1987 ގައި ކ.އަތޮޅު ހިންމިޔާ ފަރުންނެވެ. މިމަހަށް ޖަންބު ގިއުޅު ކިޔާފައިވަނީ މަހަށް ކިޔާ އިގިރޭސި ނަމާއި ގުޅޭގޮތުން، މަހުގައި ހުންނަ ދޮންޖަންބު ކުލަވަރާއި، އަޅާ ބަލާފައެވެ. މިއީ ކެއުމަށް އެންމެ ރަގަޅު މަހެކެވެ. މިމަސް އާންމު ގޮތެއްގައި ދިރިއުޅެނީ 360-90 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިމަސް ރޭގަނޑު ކާނާ ހޯދުމަށް ނިކުމެ އުޅެއެވެ. މިމަހުގެ ކާނާ އަކީ ކުދިމަހާއި ޑިނގާ އަދި ކަކުންޏެވެ. މިމަސް އެންމެ ބޮޑުވާ އިސްކޮޅަކީ 80 ސމ އެވެ. ނަމަވެސް އާންމުކޮށް ފެންނަނީ ގާތްގަނޑަކަށް 50 ސމ ގެ މަހެވެ. މިމަސް އާންމުކޮށް ބާނަނީ ނަނުފައްތައިގެންނާއި ފުނުގައި ލޭނު އަޅައިގެންނެވެ.

މަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 10 ކައްޓާއި، 12މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ހަރުކޮށް ހުންނަ 3 ކައްޓާއެކު 8 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތް ދިގެވެ. އަދި ބުރަކަށިމަތީ ކަށިތަކުގެ އެންމެ ފަހު ކައްޓާއި، ބަނޑުދަށް ފަރާތުގެ މަޑުކަށި ބައިގެ ފަހަތު ކަށި ނަރުވައެއް ހެން މަހުގެ ފަހަތަށް ދިގުވެފައި ހުރެއެވެ. މަހުގެ ކުލައަކީ ފަނޑު ރަތްކުލައަކަށްދާ ވައިލެޓް ކުލައެކެވެ. ތުންކޮޅުގައި ރީނދޫ ކުލައިގެ ކުރެހުންތަކަކާއި، ނޫކުލައިގެ ލައްތަކެއް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބަޔާއި، ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުލައަކީ މަޑު ނޫކުލައެވެ.