ޕްލޭޓްލިޓް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޕްލޭޓްލިޓް ނުވަތަ (އިނގިރޭސި ބަހުން: Platelet) އަކީ ކަށީގެ މަދުގައި ހުންނަ އާދަޔާޚިލާފަށް ބޮޑު ސެލްއެއް ކަމުގައިވާ މެގަކަރީއޯސައިޓް(އިނގިރޭސި ބަހުން: Megakaryocyte)އިން އުފެދޭ ކުދިކުދިބައިތަކެކެވެ. މެގަކަރިއޯސައިޓްސްއަކީ ކަށީގެމަދުގެ ތެރޭގައި ސްޓެމް ސެލް(އިނގިރޭސި ބަހުން: Stem cell)އިން އުފެދި ފުރިހަމަވުމަށްފަހު އޭގެތެރޭގައި ދެމިހުންނަ ސެލްތަކެކެވެ. ޕްލޭޓްލިޓް ތަކުގައި ނިއުކްލިއަސްއެއް ނުހުރެއެވެ. އަދި އޭގެ ޒާތުގައި އަލުންއުފެދުމުގެ ގާބިލިއްޔަތުކަން ވެސް ލިބިފައެއްނުވެއެވެ. އޭގެ ބަދަލުގައި ހަށިގަނޑަށް ޕްލޭޓްލިޓް ބޭނުންވާ ކޮންމެ ފަހަރަކު މެގަކަރީއޯސައިޓްތަކުން ޕްލޭޓްލިޓް އުފައްދައެވެ.ވަށަމިނުގައި 3މައިކްރޯން ހުރެއެވެ. ޕްލޭޓްލިޓް އަށް ތްރޮމްބަސައިޓް(އިނގިރޭސި ބަހުން: Thrombocyte)އޭ ވެސް ކިޔައެވެ.

ޕްލޭޓްލިޓް

އާދައިގެ ގޮތެއްގައި ޕްލޭޓްލިޓްގެ %75-60 ހުންނަނީ ހަށިގަނޑުގައި ދައުރުވެ،ދައުރުވެ ހުންނަ ލޭގައެވެ.ބާކީވާ ބައިގެ ތެރެއިން ބޮޑުބައެއް ހުންނަނީ ހުންކޮށީގެ ތެރޭގައެވެ. ޕްލޭޓްލިޓްތައް އުފެދުން ކޮންޓްރޯލްކުރަނީ ސްޕެސިފިކް-ކޮލަނީ ސްޓިމިއުލޭޓިންގ ފެކްޓަރ ކިޔާ މާއްދާއަކުންނެވެ. މިއީ އިންޑޯތީލިއަމްގެ ހަތާތަކުންނާއި، ފައިބްރަބްލާސްޓްތަކުންނާއި، އަދި ބައެއް ހުދުހަތާތަކުން ބޭރުކުރާ މާއްދާއެކެވެ. މިމާއްދާއަށް ކުރިން ތްރޮމްބަޕޮއިއިޓީން ހޯރމޯންއޭވެސް ކިޔައި އުޅުނެވެ.


ޕްލޭޓްލިޓް އެކުލެވިގެންވާ ނިސްބަތް[އުނިއިތުރު ގެންނަވާ]

ލޭގެ ކޮންމެ މައިކްރޯލިޓަރ އެއްގައި ގާތްގަނޑަކަށް 150,000-400,000ދެމެދުގެ އަދަދަކަށް ޕްލޭޓްލިޓް ހުރެއެވެ. މިއަދަދު އެވްރެޖްގޮތެއްގައި ހުންނަނީ 250,000ގައެވެ. އާންމުކޮށް ޕްލޭޓްލިޓް ދިރިދެމިހުންނަނީ 10ދުވަހުގެ މުއްދަތަށެވެ.


ޕްލޭޓްލިޓްގެ އޮނިގަނޑު[އުނިއިތުރު ގެންނަވާ]

ލައިޓް މައިކްރަސްކޯޕަކުން ބަލައިފިނަމަ ޕްލޭޓްލިޓްތައް ހުންނާނީ ވަށް ނުވަތަ ކުކުޅު ބިސް ބުރުގެ ބައްޓަމަށެވެ. ޕްލޭޓްލިޓް އުފެދިފައިވަނީ ސާފު ހުދުކުލައިގެ އަރިމަތީ ބަޔަކާއި، ކުލަ އެކުލެވޭ މެދު ބައެއްގެ މަައްޗަށެވެ. މިބުނި ސާފު ހުދުކުލައިގެ އަރިމަތީބަޔަށް ކިޔަނީހައިއަލޯމީރް(އިނގިރޭސި ބަހުން: Hyalomere) އެވެ.ކުލަ އެކުލެވޭ މެދުގައިވާ ބަޔަށް ކިޔަނީ ގްރެނިއޫލޯމީރް(އިނގިރޭސި ބަހުން: Granulomere)ނުވަތަ ކްރޯމަމީރް(އިނގިރޭސި ބަހުން: Chromomere) އެވެ.

އިލެކްޓްރޯން މައިކްރޯސްކޯޕަކުން ބަލައިފިނަމަ ޕްލޭޓްލިޓްގެ ބޭރުފަށަލަ(އިނގިރޭސި ބަހުން: Cell membrane)ހުންނަނީ ނިޒާމެއްނެތި އެވެ. އަދި މިފަށަލަ ވަނީ ގްލައިކޯޕްރޮޓީން(އިނގިރޭސި ބަހުން: Glycoprotein)ގެ ކޯޓަކުން ނިވާކުރެވިފައެވެ. މިކޯޓް ހަލާކުވެފައިވާ އިންޑޯތީލިއަމްގައި ޕްލޭޓްލިޓްތައް ތަތްވުމަށް އެހީވެދެއެވެ.

ޕްލޭޓްލިޓް އެކުލެވިގެންވަނީ ސައިޓަޕްލާޒަމް(Cytoplasm) އާއި، އޭގެ ބޭރުން ވަށައިގެން ލެވިފައިވާ ފަށަލަ (Cell membrane)ގެ މައްޗަށެވެ. ޕްލޭޓްލިޓްތަކުގެ އަރިމަތީބައިގައި ނުވަތަ މިބުނި ބޭރު ފަށަލަ ވަށައިގެން ކުދިކުދިހޮޅިތައް(Microtubules) އަދި ކުދިކުދި ފިލަމެންޓްތައް(Microfilaments) އެއްވެގެން އުފެދިފައިވާ ބަންޑަޅި(Bundle)ތަކެއް ވެއެވެ. މިބަންޑަޅިތަކަށް ލިބިފައިވާ ވާންވެ ކުރުގެޅުމުގެ ބާރުގެ ސަބަބުން ލޭގަނޑުވުމުގެ ތެރޭގައި ޕްލޭޓްލިޓްގެ ބައްޓަން ބަދަލުކޮށްލައެވެ. ބޭރުފަށަލައިގައި ހިމެނޭ ފޮސްފޯލިޕިޑްސްގެ ބައިގައި ޕްލޭޓްލިޓް ފެކްޓަރ-3 ހިމެނެއެވެ. މިއީ ލޭގަނޑުވުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ. ޕްލޭޓްލިޓްތަކުގެ މެދުބައި ނުވަތަ ސައިޓޯޕްލާޒަމްގައި އެކްޓިން (Actin)، މައިއަސިން(Myosin)، ގްލައިކަޖަން (Glycogen)، ލައިސަސޯމް(Lysosome) ، އަދި 3ބާވަތެއްގެ ގްރެނިއޫލް(Granule) ހުރެއެވެ. އެއީ ޑެންސް ގްރެނިއޫލްސް(Dense granules)އާއި، ބީޓާ ގްރެނިއޫލްސް(Beta granules)އާއި، އަދި އަލްފާ ގްރެނިއޫލްސް(Alpha granules) އެވެ.

ޑެންސް ގްރެނިއޫލްތައް މުއްސަދިވެފައިވަނީ ޕްރޮޓީން ނޫން މާއްދާތައްކަމުގައިވާ އެޑިނަސީން ޓްރައިފޮސްފޭޓް( ATP)އާއި، އެޑިނަސީން ޑައިފޮސްފޭޓް(ADP) އާއި، ކެލްސިއަމްއާއި، ސެރަޓޮނިން(Serotonin) އިންނެވެ.ބީޓާ ގްރެނިއޫލްސްގެ ތެރޭގައި ހިމެނެނީ މައިޓަކޮންޑްރިއާ (Mitochondria)އެވެ.އަލްފާ ގްރެނިއޫލްތަކުގެ ތެރޭގައި ފައިބްރިނަޖަން(Fibrinogen)އާއ,ޕްލޭޓްލެޓް-ޑިރައިވްޑް ގްރޯތް ފެކްޓަރ(PDGF)އާއި، ލޭގަނޑުވުމަށް ބޭނުންވާ މާއްދާތަކުގެ ތެރެއިން މާއްދާ5 އާއި، މާއްދާ8 އަދި ބައެއް އެހެނިހެން މާއްދާތައް ހުރެއެވެ.


ޕްލޭޓްލިޓްގެ ވަޒީފާ[އުނިއިތުރު ގެންނަވާ]

ޕްލޭޓްލިޓްތައް ކަށީގެމަދު ދޫކޮށް ބޭރަށްނިކުމެ ލޭގެ އާރުގައި ދައުރުވެ ހުރެއެވެ. ލޭމަނާކުރުމަށް ޕްލޭޓްލިޓްތައް ޕްލޭޓްލެޓް ޕްލަގް(Platelet plug) ކިޔާ އެއްޗެއް އުފައްދައެވެ. މި ޕްލަގް އުފެދުމަށް އެހީތެރިވެދޭ ދެ ޚާއްޞިއްޔަތު ތަކެއް ޕްލޭޓްލިޓްތަކަށް އަށް ލިބިގެންވެއެވެ. އެއީ އަންނަނިވި ކަންތައްތަކެވެ.


  • ހަލާކުވެފައިވާ ލޭހޮޅީގެ އެތެރޭ ކައިރިފަށުގެ ދަށުގައިވާ ކޮލަޖަން ފައިބާރތަކާއި، ޕްލޭޓްލިޓްތައް ތަތްވުން
  • ޕްލޭޓްލިޓްތައް މަސްހުނިވެ، އެކަތިގަނޑަކަށްވުން


ޕްލޭޓްލިޓްތައް ލޭމަނާކުރުމަށް އޭގައި ހިމެނޭ އެކަމަށް ޚާއްޞަ މާއްދާއެއްކަމުގައިވާ ޕްލޭޓްލެޓް ފެކްޓަރ--3 ގެ ބޭނުންހިފައެވެ. ހަލާކުވެފައިވާ ގުނަވަނަކުން ނުވަތަ ޓިޝޫއަކުން ބޭރުކުރާ މާއްދާތައް ބާރުއަޅަންފެށުމުން ޕްލޭޓްލިޓްތައް އޭގައި ހިމެނޭ ލޭމަނާކުރުމަށް ބޭނުންވާ މާއްދާތައް ބޭރުކުރަން ފަށައެވެ. މިކަން ލޭމަނާވުން ފެށުމަށް އެހީވެ، ލޭހޮޅިތަކުގެ ފުރިހަމަކަން ދަމަހައްޓައެވެ.

  • ޕްލޭޓްލިޓްތަކުގައި އެކުލެވޭ ލޭމަނާވުމަށް އެހީވެދޭ މާއްދާތަކުގެ ތެރޭގައި އަންނަނިވި މާއްދާތައް ހިމެނެއެވެ.
    • އެކްޓިން (Actin)، އަދި މައިއަސިން (Myosin)
    • ލޭމަނާކުރުމުގެ މަސައްކަތް ފެށުމަށް އެހީވެދޭ ކެމިކަލްތައް: މީގެތެރޭގައި ހިމެނެނީ ސެރަޓޮނިން(Serotonin )އާއި، ތްރޮމްބަކްސޭން(Thromboxane) ފަދަ މާއްދާތަކެވެ.
    • އެހެނިހެން ޕްލޭޓްލިޓްތައް ގާތަށް ގެނައުމަށް އެހީވެދޭ ކެމިކަލްތައް: މިސާލަކަށް: ވަން ވިލެބްރެންޑް ފެކްޓަރ(Von-willebrand factor)
    • ހަލާކުވެފައިވާ ލޭހޮޅިތައް ރަގަޅުވުމަށް ބާރުއަޅާ ކެމިކަލްތައް: މިސާލަކަށް: ޕްލޭޓްލެޓް-ޑެރައިވްޑް ގްރޯތް ފެކްޓަރ (Platelet-derived growth factor)
    • ލޭމަނާވުން ސާބިތުކަންމަތީ ދަމަހައްޓާ ކެމިކަލްތައް: މިސާލަކަށް: ފައިބްރިން-ސްޓެބިލައިޒިންގ ފެކްޓަރ(Fibrin-stabilizing factor)