ޔޫސުފް ނަޖީބުލް ޙަބްޝީ
އައްޝައިޚު އަލްޙާފިޒު ޔޫސުފް ނަޖީބުލް ޙަބްޝީއަކީ ޙަބުޝް ކަރައިގެ (އެތިއޯޕިއާގެ) ބޭކަލެކެވެ. އެ ހިސާބުގެ ވިޔަފާރި ނަވަކުން މާލެ އަށް ދުރުވެ އުޅުއްވި ބޭކަލެކެވެ. މާލޭގައި އުޅުއްވި އިރު، އާދަވެގެން ރޭ އަޅުކަން ކުރެއްވުމުގައި ދުރުވެ އުޅުއްވީ މާލޭގެ އިރުމަތީ ކޮޅަށެވެ. ޙަބްޝީގެފާނުގެ މަޤާމު ބިނާކުރެވުނީ އެ ކަލޭގެފާނު ނަމާދުކުރައްވަން މުސައްލަކޮޅު ފެތުރުއްވި ތަނުގައި ކަމަށް ވެސް ބުނެވެ އެވެ.[1]
މާލޭގެ އިރުމަތީ ކޮޅަށް "ލޮނު ޒިޔާރަތްކޮޅު" މިހެން ކިޔައި އުޅެން ފެށީ ޙަބްޝީގެ ފާނުގެ މަގާމު އެތާ ހުރުމުގެ ސަބަބުންނެވެ.
މާލޭގެ ލޮނު ޒިޔާރަތްކޮޅުގައި ހުރި ޙަބްޝީގެފާނުގެ މަޤާމްފުޅު ފަހުން ހުރި ގޮތަށް އާރާސްތު ކުރެއްވީ، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައެވެ. އޭގެ ކުރީގައި ހުރި ގޮތަށް ހައްދަވައި، އުނދޯއްޔެއް އެލުއްވައި، މަރަވަޅި ޖޯޑުކޮޅެއް ބަހައްޓަވައި ހެއްދެވީ، އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން 3 ( 1750 މ. - 1752 މ. ) ގެ ރަސްކަމުގަ އެވެ. މި ކަން ކުރެއްވީ، އެ ރަދުންގެ ރަސްކަމުގައި މަލާބާރީންގެ ދުއްތުރާތަކުން މާލެ ސަލާމަތް ކޮށްދެއްވުމަށް އެދިވަޑައިގެން ވިދާޅުވި ނަދުރުފުޅަކާ ގުޅިގެންނެވެ. މި ޒިޔާރަތް ނައްތައިލެވުނީ 1966 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ރާއްޖޭގައި އުޅުއްވި ދުވަސްވަރު
[އުނިއިތުރު ގެންނަވާ]މިކަލޭގެފާނު ރާއްޖޭގައި އުޅުއްވި ތާރީޙާ މެދު ކުޑަ ޚިލާފެއް އުފެދިފައި ވެއެވެ. ބައެއް ވާހަކަތަކުގައި ބުނެފައި ވާ ގޮތުން މިކަލޭގެފާނަކީ އައްސުލްތާން އަޙްމަދު ޝަރީފުލް މައްކީ ސިރީ ސުއްދަ ބަވަނަ މަހާރަދުންގެ ރަސްކަމުގައި މާލޭގައި އުޅުއްވި ޙަބުޝްކަރައިގެ ބޭކަލެއް ކަމަށް ބުނެވެއެވެ. އައްސުލްތާން އަޙްމަދު ޝަރީފުލް މައްކީ ރަސްކަން ކުރެއްވި ކަމަށް އެނގިފައިވަނީ، މީލާދީން ގާތްގަނޑަކަށް 1510 އިން 1513މ. ( 916 - 918ހ) ވަނަ އަހަރަށެވެ. ނަމަވެސް، މީލާދީން 1343ހ. ވަނަ އަހަރު ދިވެހިރާއްޖެ އަށް ޒިޔާރަތްކުރެއްވި މަޣުރިބު ކަރައިގެ ސައްޔާޙު އިބްނު ބަތޫތާ ރާއްޖެ ވަޑައިގެންނެވި އިރު، ޙަބުޝީގެފާނު އެޅުއްވި ކުޑަކުޑަގެ، ލޮނު ޒިޔާރަތްކޮޅުގައި ހުރި ކަމަށް ވިދާޅުވެފައިވެ އެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި، އޭނާ މާލެ އަށް ވަޑައިގަތް ދުވަހުގެ ފަހު ދުވަހު، އެއިރު މާލޭގައި ހުންނެވި ފަނޑިޔާރު މަނިކުފާނު ޢީސާ އަލްޔަމަނީ އާއި ބޯޓުގެ ކައްޕިތާނާ އެކުގައި އެ ވަރަޢަވެރި ޝައިޚް ނަޖީބު ދިރިއުޅުއްވައި، އަޅުކަންކުރެއްވުމަށްޓަކައި މާލޭގެ އިރުމަތީ ކޮޅުގައި ބިނާކުރައްވާފައި ހުރި ގެ ބައްލަވާލައްވަން ވަޑައިގަތެވެ.
އިބްނު ބަޠޫތާ ބޭނުން ކުރައްވާފައިވާ ޢިބާރާތުން ލަފާކުރެވޭ ގޮތުގައި، އެކަލޭގެފާނު ނިޔާވުމަށް ފަހު އެއިރު އަދި މާގިނަ ދުވަސްތަކެއް ފާއިތުވެ ދިޔަހެނެއް ހިޔެއްނުވެ އެވެ. މި ބޭކަލަކު މާލޭގައި އުޅުއްވާނީ، 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވީ ސަނަތުން ފެށިގެން، މީލާދީން 1431 ވަނަ އަހަރާ ދެމެދުގެ ކޮންމެވެސް ދުވަސްވަރެއްގަ އެވެ. ބޮޑަށް ލަފާކުރެވެނީ އެ ދުވަސްވަރަކީ މީލާދީން 14 ވަނަ ޤަރުނުގެ ކުރީކޮޅުގައި ކަމަށެވެ.
އެއީ ރެހެންދި ޚަދީޖާގެ ބައްޕާފުޅު އައްސުލްޠާން ޖަލާލުއްދީން އުމަރު ވީރުގެ ދުވަސްވަރު ކަމަށް ލަފާކުރެވެ އެވެ. އެޒަމާނުގައި ބޭރުގެ ވިޔަފާރި ނައުފަހަރު ތަންކޮޅެއް ގިނައިން ރާއްޖެ އައިސް ގޮސް އުޅުނެވެ.
އާދަޔާ ޚިލާފު
[އުނިއިތުރު ގެންނަވާ]ޙަބްޝީގެފާނާ ބެހޭ ގޮތުން ކިޔައިއުޅޭ ވާހަކަތަކުގައި ބުނަނީ، އެކަލޭގެފާނަކީ ނާފަހަރުން މުދާ ބާލުއްވައި އުޅުއްވި އާދައިގެ ބޭކަލެއް ކަމުގަ އެވެ. ނަމަވެސް މި ބޭކަލެއްގެ އަރިއަހުގައި މަސައްކަތްކޮށް އުޅުނު މީހުންނަށް ފާހަގަކުރެވުނު ގޮތުގައި، މީނާއަކީ އާދަޔާ ޚިލާފު ބޭކަލެކެވެ. އެހެނީ، މީނާ މުދާ ބާލުއްވާއިރު، އުފުއްލަވާ ބަސްތާ ކޮނޑުފުޅަކު ނުޖެހެ އެވެ. މި ބޭކަލަކީ ވަރަށް ދީންވެރި ބޭކަލެއްކަމަށް ވެފައި، މީނާގެ ފަރާތްޕުޅުން ފެނިފައިވާ ބައެއް ޢަޖާއިބުވާ ފަދަ ކަންތައްތަކުގެ ސަބަބުން، މިއީ ވަލީވެރިއެއް ކަމަށް ދިވެހީން އެއިރު ޤަބޫލުކޮށް އުޅުނެވެ.
ޙަބްޝީގެފާނާ ބެހޭ ގޮތުން އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުތުފީ މިފަދަ އިން ލިޔުއްވާފައިވެ އެވެ. "ޝައިޚް ނަޖީބް އަކީ އަޑު މަޚުރަޖަ ރީތި ބޭކަލެކެވެ. ވަރަށް ރީއްޗަށް ޤުރުއާން ކިޔަވައި ހައްދަވަ އެވެ. މާލޭގެ ގިނަ ބަޔަކަށް ޤުރުއާން ކިޔަވަން ދަސްކޮށްދެއްވި ކަމަށްވެސް ބުނެވެ އެވެ. މި ދުވަސްވަރު އެތެރެކޯލުގެ ކިޔެވެނި ބޭކަލުންގެ އަށީގައި ޤުރުއާން ކިޔަވައި އުޅުއްވުމުގެ ތެރޭގައި، ސައްޔިދު އަޙްމަދު ޝަރީފުލް މައްކީގެ ރަސްކަމުގައި ( 916 - 918 ހ) އެ ރަދުންގެ އަނބިކަނބަލުންނަށް އޭނާގެ އަޑާއި ޤުރުއާން ކިޔަވާ ގޮތް ރީތިފުޅުވެގެން، އޭނާ އަށް އެކަމަނާގެ ހިތްޕުޅު ދެއްވައިފ ިއެވެ. އެ ކަމަނާގެ އުނދަގޫތައް ބޮޑުވެގެން، އެ ޝައިޚު މާލެ ދޫކުރައްވައި ރާއްޖެތެރޭގެ ރަށަކަށް ފުރުއްވީ އެވެ."
މި ކަލޭގެފާނަށް ދުރުވެވުނީ ޅ. ކުރެންދޫ އަށެވެ.
ނިޔާވުން
[އުނިއިތުރު ގެންނަވާ]ތާރީހް އިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުތުފީ ލިޔުއްވާފައިވާ ގޮތުގައި ޙަބްޝީގެފާނަށް ދުރުވެވުނީ ފާދިއްޕޮޅު ކުރެންދު އަށެވެ. އެ ރަށުގައި އޭނާ ދަންނަ މީހަކު ނެތުމާ އެކު، ދަތުރު ދޯނިން ފައިބައިގެން ދުރުވެ އެ ހިސާބުގައި ހުރި ވަޅަކުން ވުޟޫކުރައްވައިގެން އަތިރިމަތީގައި ހުރި ގަސްތަކެއްގެ ތެރޭގައި އޮތް "އަލި ތަނެއް" (ހުސް ތަނެއް) ގައި ނަމާދުކުރައްވަން އިންނަވަނިކޮށް ފެނުނީ ރުކެއްގައި އޮތް ރާވެރިޔަކަށެވެ. އޭނާ ރުކުން ފައިބައިގެން އެ ކަލޭގެފާނު އިންނެވި ތަނަށް ގޮސް ދެތަށި ދޯރާ އެރުވި އެވެ. އަދި ރާވެރިބެ އަށް އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ކަމަށްވެ އެވެ. އެފަހު އެ ރާވެރިބެ އޭނާގެ ގެއަށް ދުރުވުމަށް ދަޢުވަތު އެރުވި އެވެ. ނަމަވެސް އެ ދުވަހުގެ ރެއަކު އެ ގެ އަށް ނުދުރުވެގެން އޭނާ އެކަލޭގެފާނު އިންނެވި ތަނަށް ގޮސް ބެލިއިރު، އެކަލޭގެފާނު އޮތީ ނިޔައުވެފަ އެވެ. ދެން އެ ރާވެރިކަލޭގެ ރަށުގެ ވެރީންނަށް އަންގައިގެން، އެ ކަލޭގެފާނު ނިޔައުވެފައި އޮތް ތަނުގައި ވަޅުލީ އެވެ.
މި ދެންނެވި ވާހަކަ ނޫން އެހެން ވާހަކައެއްގައި ވެސް، ޙަބްޝީގެފާނު އެރަށަށް ވަޑައިގެންނެވި ދުވަހުގެ އަނެއް ދުވަހު އަވަހާރަވީ ކަމަށް ބުނެފައިވެ އެވެ. މި ކަން ހިނގީ ކޮން އަހަރެއްގައި ކަން އެނގެން ނެތް ނަމަވެސް، އަވަހާރަވީ ކަމަށް ބުނެ އުޅެނީ ރަމަޟާން މަހުގެ 15 ވަނަ ދުވަހު ޅ. ކުރެންދޫގަ އެވެ. ކުރެންދޫގައްޔާއި އަދި ފާދިއްޕޮޅުގެ އެހެނިހެން ރަށްރަށުގައި ޙަބްޝީގެފާނުގެ އަހަރުމަތިފުޅު (އަވަހާރަވީ ދުވަސް) ފާހަގަކުރަނީ އެ ދުވަހުއެވެ. މިއީ އެ ރަށްރަށުގައި ޚާއްޞަ ދުވަހެކެވެ. [1]
ޙަބްޝިގެފާނުގެ ޒިޔާރަތް
[އުނިއިތުރު ގެންނަވާ]މި ޒިޔާރަތް އިމާރާތް ކުރެވިފައި ވަނީ އެކަލޭގެފާނު ނިޔައުވީ އިރު އޮތް ތަނުގައެވެ. މި ޒިޔާރަތް މަޝްހޫރު ވެފައިވަނީ ލޯކުރެންދޫ ޒިޔާރަތުގެ ނަމުންނެވެ. މަރުޙޫމް ލުޠުފީ ލިޔުއްވާފައިވާ ގޮތުގައި، ކުރެންދޫ ޒިޔާރަތް ހެދުމަށް ބޮޑުބަނޑޭރިގެ އިން ތަކެތި ދެއްވައި އެރަށަށް ފޮނުއްވެވީ މާލޭގެ ކަންޒުދޮށުގޭ މަނިއްޕުޅާއި މ. ފަޑިދުއްވާ އިބްރާހީމް ފުޅެވެ. އަތްޕުޅުދަށުން އުޅުއްވީ ކުރެންދޫ ޚަޠީބު ޢަބްދުއްރަޙުމާނު ކަލޭގެފާނެވެ. ޒިޔާރަތް ހަދާ ނިމުނީ ހަތަރު އަހަރުންނެވެ.
ޒިޔާރަތުގެ ފެންވަޅު
[އުނިއިތުރު ގެންނަވާ]ކުރެންދޫ ޒިޔާރަތު ވަޅު ފެނުނީ ޙަބްޝީގެފާނު ވަޅުލަން އުޅެނިކޮންނެވެ. އެއީ އޭގެ ކުރިން ފެނިފައިނުވާ ވަޅެއް ކަމުން އެއީ އެ ކަލޭގެފާނަށްޓަކައި "ބާވައިލެވުނު" ވަޅެއް ކަމަށް ބަލައިގެން، އެކަލޭގެފާނު ހިނަވައި ހެދީ އެވަޅުން ކަމަށް ބުނެވެ އެވެ. އެވަޅަކީ ބަރަކާތްތެރި ވަޅެއް ކަމުގައި ވަރަށް ގިނަ ޒަމާންވަންދެން ދިވެހީން ބަލައި އުޅުނެވެ. ކުރެންދޫ ޒިޔާރަތް އައުކޮށް މަރާމާތުކުރެވުނުއިރު، މި ވަޅުކޮޅުގެ ވަށައިގެން ކުޑަ ގެއެއް ރާނައި ހިޔާކޮށްފައިވެ އެވެ.
ފަހުން މި ވަޅަށް ކިޔައި އުޅެނީ "ހިޔާކުރި ވަޅުކޮޅެވެ" މި ވަޅަކީ އެއް ހިރިން ހަދާފައިވާ ވަޅެކެވެ. މިހެންކަމާ އެކު މިވަޅުގައި ހުންނަ ފެނަކީ ފިލްޓަރުވެ ސާފުވެގެން އަންނަ ފެނެވެ. ފަހަކާ ޖެހެންދެން، ގަނޑުވަރުތެރޭގެ ބޭފުޅުން، "ތެޔޮފެންފޮދު" ތުރުކުރައްވަން ވެގެން އެކަމަށް ފެން ގެންނަ އެއް ވަޅަކީ މިއީއެވެ. "ތެޔޮފެންފޮދު" ތުރުކުރައްވަން މަތީރަށުގެ ޒިޔާރަތުގެ ވަޅުންނާއި، އުތީމު ގަނޑުވަރުގެ އެއްހިރި ވަޅުންނާއި މާލޭ މެދު ޒިޔާރަތު ގޯތި ތެރޭގައި ހުންނަ މެދު މިސްކިތު ވަޅުންވެސް ފެން ގެނެއެވެ.