ޓޮކްސޯޕްލާޒްމޯސިސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޓޮކްސޯޕްލާޒްމޯސިސް(އިނގިރޭސި ބަހުން: toxoplasmosis) އަކީ ބުޅާ ފަދަ ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ޖަރާސީމްގެ ވައްތަރެއް ކަމުގައިވާ ޕެރަސައިޓް އަކުން ޖެހޭ ބައްޔެކެވެ. ދިފާޢީ ނިޒާމް ރަގަޅަށް ހުންނަ މީހުންގެ ހަށިގަނޑަށް މިޖަރާސީމް ވާޞިލްވި ނަމަވެސް، މިބަލީގެ ޢަލާމާތްތައް ނުފެނިހުރެއެވެ. ނަމަވެސް ދިފާޢީ ނިޒާމް ބަލިކަށިވެއްޖެނަމަ، ބަލީގެ އަލާމާތްތައް ފެށި، އުދަގޫތައް ފެންނަން ފަށައެވެ. މިބަލީގެ ނުރައްކާބޮޑީ މިބަލީގެ ސަބަބުން ލޮލަށް ގެއްލުންވުން، މާބަނޑު މީހުންނަށާއި، ބަނޑުގައިވާ ދަރިފުޅަށް މީގެ އަސަރުކުރުން ގާތްކަމުންނެވެ. މިބަލި ޖައްސާ ޕެރަސައިޓް އަކީ ޓޮކްސޯޕްލާޒްމާ ގޮންޑީ އެވެ.

ބަލިޖެހޭގޮތް[އުނިއިތުރު ގެންނަވާ]

ޓޮކްސޯޕްލާޒްމޯސިސް ފެތުރޭގޮތް

ޓޮކްސޯޕްލާޒްމޯސިސް ޖެހެނީ ޓޮކްސޯޕްލާޒްމާ ގޮންޑީ ގެ ބިސް އިންސާނާގެ ހަށިގަނޑަށް ވަނުމުންނެވެ. މިއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޖަރާސީމަކަށްވާތީ، މިޖަރާސީމް ބުޅަލުގެ ނަޖިހުގެ ޒަރީޢާއިން އެހެން ޖަނަވާރުތަކަށާއި، އިންސާނުންނަށް ވާޞިލްވާގޮތް މެދުވެރިވެއެވެ. ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަދެދާނެ ސަބަބުތަކުގެ ތެރޭގައި:-

  • ބުޅާއުޅޭ ފުރާޅުތަކުން ފެންނަގައި އެފެން ބޮވިގެން
  • ފަތްޕެލި ކާންބޭނުންކުރާއިރު ރަގަޅަށް ނުދޮވެހުރުމުން : ގަސްކާނާގެ ގޮތުގައި ބޭނުންކުރާ ގެރިގުއި ފަދަ ތަކެތީގައި ޖަރާސީމް ހުރެ، އެތަކެތި ފަތްޕިލާވެލީގައި ހޭކިފައި ހުރެދާނެތީ އެވެ.
  • އެއްގަމު ޖަނާވަރުގެ މަސް ކެއުމުގައި އެމަހުގައި ޓޮކްސޯޕްލާޒްމާ ގެ ބިސް ހުރިނަމަ އެމަސް ކެވިގެން : މިފަދަ މަސްކާނާމަ ރަގަޅަށް ކައްކައިގެން ކާށެވެ.
  • މާބަނޑު އަންހެނަކަށް ޖެހިފައި ހުރިނަމަ ބަނޑުގައިވާ ދަރިފުޅަށް
  • ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ގުނަވަނެއް ލެއްވުމުން

ބަލީގެ ފުރަތަމަ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ހުން ވައްތަރު ވެފައި ހުންނަ ކަހަލަ އިހްސާސެއްވުން
  • ގައިގައި ރިއްސުން، ބޮލުގައި ރިހުން، ކަރުގައި ރިއްސުން، އަދި ކަރުގައި ގޮށްލުން
  • ލޮލަށް ފެނުމުގައި ފުސްވެފައިހުރުން
  • ކުނޑިކޮޅުތަކެއް ލޮލުގެ ކުރިމަތިން ފެންނަހެން ހީވުން

ބަލީގެ ނުރައްކާ[އުނިއިތުރު ގެންނަވާ]

ބަނޑުގައިވާ ދަރިފުޅަށް މިބަލީގެ އަސަރުކުރުން[އުނިއިތުރު ގެންނަވާ]

މާބަނޑު ދުވަސްވަރު މިބަލި ޖެހުމުން ބަނޑުގައިވާ ދަރިފުޅަށް ބަލީގެ އަސަރު ކުރާގޮތްވެއެވެ. ބަލިވެ އިންނަތާ ކުރީކޮޅު މިބަލީގެ ޖަރާސީމް ހަށިގަނޑަށް ވާޞިލްވެއްޖެނަމަ ދަރިފުޅަށް މީގެ އަސަރުކުރުން ބޮޑުވެއެވެ. އެގޮތުން:-

  • ބައިގެންދިއުން
  • ލޮލުގެ ރެޓިނާ ފަށަލަ ދުޅަވެ ލޮލުގެ ފެނުމަށް ބަދަލުއައުން
  • ސިކުނޑީގައި ފެންހެދުން
  • ބޮޑުވަމުން އަންނަ ދުވަސްވަރު ބުއްދިއަށް ހީނަރުކަން އައުން
  • ކަންފަތުގެ މައްސަލަ ޖެހުން
  • ޗިސްމޭ ދުޅަވުން، ހުންކޮށި ދުޅަވުން
  • އުފަންވުމާއެކު ރީނދޫވުމުގެ ފުރުޞަތު އިތުރުވުން

ކުރިން ޓޮކްސޯޕްލާޒްމޯސިސް ޖެހިފައި ހުރިމީހަކު ބަލިވެ އިންނަމަ ބަނޑުގައިވާ ދަރިފުޅަށް ބަލި ވާޞިލްވުމުގެ ފުރުޞަތު ކުޑައެވެ.

ލޮލުގެ ފެނުމަށް އަސަރުކުރުން[އުނިއިތުރު ގެންނަވާ]

ބަލިޖެހޭތާ ކުރީކޮޅު ފަރުވާ ނުކުރެވިއްޖެނަމަ ލޮލުގެ ފެނުމަށް އަސަރުކުރުން އެކަށީގެންވެއެވެ. ލޮލަށް ލިބޭ ގެއްލުން ބިނާވެފައި އޮންނަނީ ބަލީގެ އަސަރުކުރާ މިންވަރަށާއި، ފަރުވާގެ އަވަސް ލަސްމިނަށެވެ. ބަލިޖެހުމާއި ގުޅިގެން އަވަހަށް ފަރުވާ ނުކުރެވިއްޖެނަމަ، ލޮލުގެ ކޮޔަށް ލިބޭ ގެއްލުމުގެ ސަބަބުން ލަކުނުލައި ލޮލުގެ ފެނުމަށް ބުރޫއެރުން އަދި ލޮލަށް ނުފެނުން ވެސް އެކަށީގެންވެއެވެ.

ބަލި ދެނެގަތުން[އުނިއިތުރު ގެންނަވާ]

  • ބަލި ޖެހިފައިވޭތޯ ބެލުމަށް ލޭގެ ޓެސްޓެއްކުރުން
  • ބަނޑުގައިވާ ދަރިފުޅަށް ބަލީގެ އަސަރު ކޮށްފައިވޭތޯ ބެލުމަށް ފެންދުލިން އެތިކޮޅެއް ނަގައިގެން ޓެސްޓްކުރުން

ބަލިން ރައްކާތެރިވުން

  • ބުޅަލުގެ ނަޖިހުން ރައްކާތެރިވުން
  • ފުރާޅުން ފެން ނެގުމުގައި ރައްކާތެރި ގޮތްތައް އަބަދުވެސް ބޭނުންކުރުން
  • ފުރާޅުން ނަގާފެން ކައްކައިގެން ނޫނީ ބޭނުންނުކުރުން
  • ތަރުކާރީ އާއި މޭވާ އަދި ޚާއްޞަކޮށް ރޯފަތް ވަރަށް ރަގަޅަށް ދޮވެގެންނޫނީ ބޭނުންނުކުރުން
  • ރޯކިރު އެއްގަމު މަސް ރަގަޅަށް ކައްކައިގެން ބޭނުންކުރުން

ބަލީގެ ފަރުވާ[އުނިއިތުރު ގެންނަވާ]

ޓޮކްސޯޕްލާޒްމޯސިސްގެ އުދަގޫތައް ނުވާނަމަ، ފަރުވާ ބޭނުމެއް ނުވެއެވެ. ނަމަވެސް ހަށިގަނޑުގެ ދިފާޢީ ނިޒާމް ބަލިކަށިވެ، ބަލީގެ އުދަގޫވާނަމަ، ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. ބަލީގެ ފަރުވާ ދިނުމުގައި ބޮޑަށް ސަމާލުކަން ދެވެނީ މާބަނޑު މީހުންނަށާއި އަލަށްވިހާފައިވާ ތުއްތު ކުދިންނަށެވެ. ޚާއްޞަކޮށް ލޮލަށް ބަލީގެ އަސަރުކޮށްފިނަމަ، އަވަހަށް ފަރުވާ ދިނުން މުހިއްމެވެ.