ޓަރަވަނަ ސިންޑްރޯމް
ޓަރަވަނަ ސިންޑްރޯމް (އިނގިރޭސި ބަހުން: Taravana Syndrome) އަކީ ޖަޕާން އަދި ޕޮލިނޭޝިއަން ޖަޒީރާގެ ކަނޑުފީނާ މީހުންނަށް ދިމާވާ ޑިކަމްޕްރެޝަން ސިކްނެސް ގެ ވައްތަރެކެވެ. މިއީ އާންމުކޮށް މުތް ފަދަ ޖަވާހިރު ހޯދުމަށް އަޑިއަށް ފީނާ މީހުންނަށް ދިމާވާކަމެކެވެ. އެގޮތުން މުތް ހޯދުމަށްޓަކައި 50 މީޓަރުގެ އަޑިއަށް ފީނަން ޖެހެއެވެ. އެގޮތުން ދުވާލަކު 100-60 ފަހަރާއި ދެމެދުގެ އަދަދަކަށް ފީނައެވެ. އަދި ކޮންމެ ދެފީނުމެއް ދެމެދުގައި މަތީގައި ހޭދަކުރަނީ މަދު ސިކުންތު ކޮޅަކުން ފެށިގެން ގޮސް 2 މިނިޓް ވަރެވެ.
ޓަރަވަނަ ސިންޑްރޯމް ގެ މައިގަނޑު އަލާމާތަކީ ހުޅުތަކުގައި ރިހުން އެވެ. މީގެ އިތުރުން ސެންޓްރަލް ނާރވަސް ސިސްޓަމް އަށް އަސަރުކޮށްފިނަމަ، ވާގިނެތުން ނުވަތަ ވާވުން ފަދަ ކަމެއް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.
ޓަރަވަނަ ސިންޑްރޯމް އިން ސަލާމަތްވުމަށް ހެދޭނެ ގޮތަކީ ދެފީނުމުގެ ދެމެދުގައި މަތީގައި ހޭދަކުރާ ވަގުތު އިތުރުކުރުމެވެ. އެގޮތުން 10-5 މިނިޓާއި ދެމެދުގެ ވަގުތެއް މަތީގައި ހޭދަކުރެވިދާނެއެވެ. މިގޮތަށް ހެދުމުން އެއްފަހަރު ފީނުމުގެ ތެރޭގައި ހަށިގަނޑުގައި ޖަމާވެފައި ހުންނަ ނައިޓްރޯޖަން ދެވަނަ ފަހަރު ފީނަށް ފެށުމުގެ ކުރިން ހަށިގަނޑުން ބޭރުވެގެން ދެއެވެ. އަވަސް އަވަހަށް ފީނުމުން ނައިޓްރޯޖަން ހަށިގަނޑުން ބޭރުނުވެ، ހަށިގަނޑުގެ ތެރޭގައި އިތުރަށް ޖަމާވެ، ގިނަވާގޮތް ވެއެވެ.