ޑިނގާ ފުންނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ޑިނގާ ފުންނަ

ޑިނގާ ފުންނަ (ސައިންޓިފިކް ނަން: Amblyeleotris aurora)ނުވަތަ (އިނގިރޭސި ބަހުން: Dawn goby)އަކީ ރާއްޖޭގެ ފަރުފަޅުތަކާއި ވިލުވިލުގައި 5-15 މީޓަރާއި ދެމެދުގެ ފުންމިން ހުންނަ ހިސާބު ތަކުގެ ވެލިގަނޑުގައި އުޅޭ ފުންނަ އެކެވެ. މިފުންނަ އެންމެ ބޮޑުވަނީ 11 ސެންޓި މީޓަރަށެވެ. މިބާވަތުގެ ފުންނަ އުޅެނީ ވެލިގަނޑުމަތީގައި ހުންނަ ހޮރުހޮރުގައެވެ. މިހޮރުހޮރަކީ ޑިނގާގެ ބާވަތްތައް ވެސް އުޅޭ ހޮރުހޮރެވެ. މިދެބާވަތް އެކުއެކީގައި ހޮރުތަކުގައި އުޅެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ވުމާއެކު މިމަސް ހިފުމަށް ދިވެހިން ވަކި ކަހަލަ މަސްވެރިކަމެއް ނުކުރެއެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 13 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު 14 މަޑުކަށި ހުރެއެވެ. މަހުގެ މައިގަނޑު ކުލައަކީ ހުދުކުލައެވެ. މަހުގެ ހުރަހަށް ފުޅާ 5 ބޭންޑް ހުރެއެވެ. މިބޭންޑް ތަކުގެ ކުލައަކީ ފަނޑު ރަތްކުލަ އެވެ. މަހުގެ ކަރުތާފަތުގައި ކައްޗަށް ގަދަ ރަތްކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ ކުލައަކީ ރީނދޫ ކުލައެވެ. ނިގޫފަތުގައި ރަތްކުލައިގެ ބޮޑެތި ލައްތަކެއް ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ޑިނގާ ފުންނަކިޔާ ނަންދީފައިވަނީ އެވެ.