ސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޙަސަން ނޫރައްދީން (ދެވަނަ)
Sultan
ވެރިކަން ކުރެއްވީ Maldives: 1935 - 1943
ވެރިކަމާއި ހަވާލުވީ 20 August 1938
ފުރިހަމަ ނަން ހަސަން ނޫރައްދީނުލް އިސްކަންދަރު
އުފަންވީ 21 April 1887
Male
އަވަހާރަވީ 1967
In Ehgamuge,Male`
ކުރިން ހުންނެވީ ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)
ފަހުން ހުންނެވީ ސުލްޠާން ޢަބްދުލްމަޖީދުދީދީ
އަނބިން/އަބިކަނބަލުން Kudhi baigey Didi
Issue Prince Abdullah Nooraddine

Prince Mohamed Nooraddine Princess Aneesa Nooraddine

Royal anthem Salaamathi
ބައްޕަ Kalhu Bandaarain
މަންމަ Zulaikhaa(dhandi kosheegey Didi)

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ 1935 އިން 1943 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)، ނުވަތަ ކުޑަ ބަންޑާރަ އިންގެ ދަރިކަލުންނެވެ. ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން އެމަނިއްޕުޅުގެ ޢާންމު ނަންފުޅަކީ އެއްގަމުގޭ މަނިއްޕުޅު އެވެ. ނުވަތަ މާޖެހިގަނޑުވަރު މަނިއްޕުޅު އެވެ.އާއިލީ ގޮތުން ބަލާއިރު އައްސުލްޠާން މުޙައްމަދު ޝަމުސުއްދީނާއި ވަރަށް ތިމާގެ ބޭފުޅެކެވެ. އެއީ މުޙައްމަދު ޝަމުސުއްދީންގެ ބޮޑުބޭބެ ޙަސަން ޢިއްޒުއްދީން އަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. މިރަދުންގެ މަންމާފުޅަކީ ދަނޑިކޮށީގެ ދީދީ ނުވަތަ ޒުލައިޚާ އެވެ.

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 27 ރަޖަބު 1304ހ، 21 އެޕްރީލް 1887މ ގައެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ 17 ޛުލްޤައިދާ 1353ހ، 21 ފެބުރުއަރީ 1935މ ގައެވެ. މިރަދުންނަކީ ރަސްކަމުގެ އާދަކާދަތައް ހިފެހެއްޓެވި، އަދި ޝާހީ ޢާއިލާއަށް ކަމޭހިއްތެވި، މަޑުމައިތިރި އަޚްލާޤެއްގެ ބޭފުޅެކެވެ. ޞުލްޙައަށް ލޯބިކުރެއްވި ރަސްކަލެކެވެ.

ރަސްކަން ލިބިވަޑައިގަތުން[އުނިއިތުރު ގެންނަވާ]

މި ރަދުންނަށް ވާރުތައިން ރަސްކަން ލިބިވަޑައިގަތްކަމުގައި ވިޔަސް، މި ރަދުންނަށް ރަސްކަން ލިބިވަޑައިގެންނެވި ސަބަބުތަކާމެދު، ސިޔާސީ ނަޒަރަކުން ބަލައިލަން ޖެހެ އެވެ.

މީލާދީން 19ވަނަ ޤަރުނާ ހަމަޔަށް އައި އިރު، ރާއްޖޭގައި ރަސްކަމުގެ ނުފޫޒާއި ބާރުތައް ބެހެމުން ދިޔައީ ޚާންދާނީ ބާރެއްގެ ގޮތުގަ އެވެ. އެ ދުވަސްވަރު އާއިލީ ބާރާއި ނުފޫޒު އެންމެ ގަދަ ދެ ޕާޓީގެ ގޮތުގައި އޮތީ އަތިރީގޭ ޕާޓީއާއި ކަކާގޭ ޕާޓީ އެވެ. މި ދެ އާއިލާ އަކީ ވެސް ރަސްކަމުގެ ޚާންދާނު ކަމުގައިވާ ހުރަވީ ދަރިކޮޅާއި ގުޅިފައިވާ ދެ އާއިލާ އެވެ.

ނޫރައްދީނު ރަދުންގެ ބައްޕާފުޅު، ކުޑަބަންޑާރައިންނަކީ ސިޔާސީ ގޮތުން ވަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރަސްކަލެކެވެ. މި ގޮތުން ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ އަޅުވެތިކަމުގެ ދަށަށް ދިޔުމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވަނީ މި ރަދުންނަށެވެ. 1887ވަނަ އަހަރު ދިވެހިރާއްޖެ އާއި އިނގިރޭސި ސަރުކާރާއި ދެމެދުގައި ވެވުނު ޙިމާޔަތުގެ ސޮއި ކުރެއްވީ ކުޑަ ބަންޑާރައިންނެވެ. މީގެ އިތުރުން އޭރު ރާއްޖޭގެ ސިޔާސީ އެންމެ ނުފޫޒު ގަދަ ޕާޓީ ކަމުގައިވާ އަތިރީގޭ އާއިލާގެ އެންމެ އިސް ތަނބު ކަމުގައިވާ އިބްރާހީމް ދޮށިމޭނާ ކިލެގެފާނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ޖެހިވަޑައިގަތީ ރަސްކަމުން އިސްތިޢުފާ ދެއްވާށެވެ.

ކުޑަބަންޑާރައިންގެ ދަރިކަލުން ޙަސަން ނޫރައްދީނަށް ރަސްކަން ލިބިވަޑައިގަތުމުގައި އެ ދުވަސްވަރުގެ ރާއްޖޭގެ ސިޔާސީ ޙާލަތު އެހީތެރިވެދީފައި ވެ އެވެ. މި ގޮތުން ބޮޑުންގެ އާރާއި ބާރާއި އެހީތެރިކަމުގެ ސަބަބުން ދިގު މުއްދަތެއްގައި ރަސްކަން ކުރެއްވި އައްސުލްޠާނު މުޙަންމަދު ޝަމްދުއްދީނުގެ ސިޔާސީ ތަރި އޮއްސުމާއި ގުޅިގެން ހުސްވި ޖާގަ ފުރާނޭ ފަރާތެއްކަމުގައި ވެވަޑައިގަތީ ޙަސަން ނޫރައްދީނެވެ.

ރަސްކަމުގެ ދުވަސްވަރު[އުނިއިތުރު ގެންނަވާ]

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމަށް އިސްކުރެވުނީ އޭގެ ކުރިން ރަސްކަމުގައި ހުންނެވި ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ރަސްކަމުން ދުރުކުރުމާއި ގުޅިގެން 21 ފެބުރުއަރީ 1935 ވީ ބުރާސްފަތި ދުވަހުގައެވެ. ރަސްކަމަށް ކޮލިލެވުނީ 21 ޖުލައި 1938 ގައެވެ. އެއީ ހިޖުރައިން 22 ޖުމާދިލް އޫލާ 1357 ވީ ބުރާސްފަތި ދުވަހެވެ. އަދި ރަސްކަމަށް ކޮލިލުމާއި ގުޅިގެން އެރަދުންގެ ކޮލި ނަންފުޅަކީ ކުލަ ސުންދުރަ ކަންތިރި ބަވަނަ މަހާރަދުންނެވެ. ރާއްޖޭގައި ރަސްކަމުގެ އިއްޒަތް ފުރިހަމަ ކުރުމުގެ ގޮތުން އެންމެ ފަހުން ކޮލިލާފައިވަނީ މިރަދުންނަށެވެ.

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމުގައި ހުންނެވީ ހަމައެކަނި ފަތްފަތްކޮޅުގައި ސޮއިކުރައްވާ ރަސްކަލެއްގެ ގޮތުގައެވެ. ހަގީގީ ބާރު އޮތީ ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އާއި، އޭނާގެ ދަރިކަލުން އަލްއަމީރު ޙަސަން ފަރީދު ދީދީގެ އަތްޕުޅުގައެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށުނީ މިރަދުންގެ ރަސްކަމުގައެވެ. ހަނގުރާމައިގެ ތެރޭގައި މިރަދުން ރަސްކަމުން އިސްތިއުފާ ދެއްވި އެވެ. އެއީ 2 ރަބީޢުލް އާޚިރު 1362ހ، 8 އެޕްރީލް 1943 ވީ ބުރާސްފަތި ދުވަހު (2 ރަބީޢުލް އައްވަލް 1363) ގައެވެ. ރަސްކަމުން އިސްތިއުފާ ދެއްވީ 8 އަހަރު ދުވަހު ރަސްކަން ކުރެއްވުމަށްފަހު ގައެވެ. މިރަދުންގެ ރަސްކަމުގައި ބޮޑު ވަޒީރަކަށް ހުންނެވީ އަލްއަމީރު މުޙައްމަދު ފަރީދު، ފަހުން ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް އެވެ.

މަޝްހޫރު ދެވަނަ ބޮޑު ހަނގުރާމަ ފެށުނީ މިރަދުންގެ ރަސްކަމުގައެވެ. އޭރު ރާއްޖެއަށްވަނީ މިހަނގުރާމައިގެ ސަބަބުން ދަތިކަން ފޯރާން ފަށާފައެވެ. ރަސްކަމުން އިސްތިއުފާދެއްވުމަށްފަހު އަވަހާރަ ވަންދެން ހުންނެވީ ވަލީ ކޮމެޓީ މެންބަރެއްގެ ގޮތުގައެވެ.

އިސްތިއުފާ ދެއްވުން[އުނިއިތުރު ގެންނަވާ]

އައްސުލްޠާނު ޙަސަން ނޫރައްދީނު ރަދުންގެ ރަސްކަމުގެ ފަހުކޮޅުގައި ދިމާވި ސިޔާސީ މައްސަލަތަކެއްގެ ސަބަބުން ރަދުންގެ އިސްތިޢުފާ ހުށަހެޅުއްވުން ވަރަށް މުހިންމުކަމަށް ވެގެން ދިޔަ އެވެ. ވުމާއެކު މި ރަދުން ރަސްކަމުން އިސްތިޢުފާ ދެއްވީ 2 ރަބީޢުލްއާޚިރު 1362 (8އޭޕްރީލު 1943)ގަ އެވެ. ނަމަވެސް އޭގެ ފަހުން ދައުލަތް ހިންގުމަށް އުފެދުނު ވަލީ ކޮމިޓީގެ ރައީސްކަމުގައި ވެސް ހުންނެވީ އެ މަނިކުފާނެވެ. ޙަސަން ނޫރައްދީނު ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 15 އޭޕްރީލް 1967، 5 މުޙައްރަމް 1387ގަ އެވެ.

އުތުރުގެ ގަޑުބަޑު[އުނިއިތުރު ގެންނަވާ]

ނޫރައްދީނު ބަންޑާރައިންގެ ރަސްކަމުގައި ދިވެހިރާއްޖޭގައި ވަރަށް ނުރައްކާތެރި ސިޔާސީ ގަޑުބަޑެއް ހިނގި އެވެ. 4 މާޗު 1943ގައި ހިނގި މަޝްހޫރު އުތުރުގަޑުބަޑު ގެ ނަންދެވޭ މި ގަޑުބަޑަށް ވަރަށް ގިނަ ނަންތައް ތާރީޚު ޢިލްމުވެރިން ދެ އެވެ. މި ގަޑުބަޑަކީ މާލެއިން އެންމެ އުތުރު ތިލަދުންމަތީގެ ރައްޔިތުން، އިސްވެ ޙަރަކާތްތެރިވެފައިވާ ޙަރަކާތަކަށްވާތީ ތިލަދުންމަތީ އައުން މި ފަދައިން ވެސް ކިޔަ އެވެ. ހައިހޫނުކަމާއި ފަގީރުކަމުގެ ސަބަބުން ދައުލަތާ ނުރުހިގެން އުފެދުނު މި ފިތުނަ ބެލެވިފައިވަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ އެންމެ ނުރައްކާތެރި ފިތުނަ ކަމުގަ އެވެ. ގާތްގަނޑަކަށް ހަތަރު ހާހަށްވުރެ ގިނަ މީހުން އެތައް ސަތޭކަ އުޅަނދެއްގައި މާލެ އައެވެ. މި ކަން ނިމުނު ގޮތް ދައްކައިދެނީ މިއީ އޭގެ ޒާތަށް ބަލާއިރު، ކިތަންމެ ބޮޑުކަމެއް ކަމުގައި ވިޔަސް، އޭރު ރާއްޖޭގެ ސިޔާސީ ނަވުގައި ތިއްބެވި އިސް މާލިމީންގެ ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމުން މި ކަން މައިތިރިކުރެއްވި ކަމީ ދައުލަތުގެ އޭރުގެ ދާޚިލީ ސިޔާސަތުގެ ހަރުދަނާކަން ހުރި ވަރެވެ.

ހިނގި މުހިއްމު ކަންތައްތައް[އުނިއިތުރު ގެންނަވާ]

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އިގެ ރަސްކަމުގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ ވާރު ކެނޑުން، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިގިރޭސި އައްޑުއަތޮޅު ގަމަށް ފޭބުން، ރައްޔިތުންގެ ބޮޑު އިސްޓޯރު ހުޅުވުން ފަދަ ކަންތައްތައް ހިމެނެއެވެ. އެންމެ ފަހުން ބޮޑު ތިލަދުންމަތި އައީ ވެސް މިރަދުންގެ ރަސްކަމުގައެވެ.

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ އިގިރޭސި ވިލާތުގެ ރާޖާގެ ފަރާތުން ދިވެހި ރަސްކަލަކަށް ފުރަތަމަ ކޭސީއެމްޖީ ލިބިވަޑައިގެންފައިނެވި ރަދުންނެވެ. އަދި މިރަދުންނަކީ ރަސްކަމުގެ އިއްޒަތް ފުރިހަމަ ކުރުމުގެ ގޮތުން އެންމެ ފަހުން ކޮލިލެވުނު ރަދުންނެވެ.މިރަދުން ރަސްކަމަށް ކޮލިލީ 20 އޮގަސްޓް 1938 ގައެވެ. ކޮލީ ނަންފުޅަކީ ކުލަ ސުންދުރަ ކަންތިރި ބަވަނަ މަހާރަދުންނެވެ. ނަމަވެސް ބައެއް ލިޔުންތަކުގައި ކޮލި ނަންފުޅަކީ ސިރީ ބަވަނާއްދީއްތަ މަހާރަދުން ކަމުގައި ލިޔެފައި ވެއެވެ.

  • މިރަދުންނަށް ކޮލިލި ތާރީޚް އެކި ފޮތްތަކުގައި ހުރީ އެކިގޮތަށެވެ. އެގޮތުން ބަޔާންކޮށްފައިވާ ތާރީޚްތައް ތިރީގައި މިވަނީ އެވެ.
    • 20 އޮގަސްޓް 1935 ގައެވެ.
    • 21 ޖުލައި 1938 ގައެވެ.
    • 20 އޮގަސްޓް 1938 ގައެވެ.

ފާހަގަކުރެވޭ ސިފަތައް[އުނިއިތުރު ގެންނަވާ]

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ އިސްކޮޅުން މެދުމިނުގެ ގައިގެ ކުލަކޮޅު ވަރަށް ދޮން ބޭފުޅެކެވެ. އެރަދުންގެ ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ދުނިޔޭގައި ތިއްބެވި ބޭފުޅުންނަކީ އަލްއަމީރު މުޙައްމަދު ނޫރައްދީން، އަލްއަމީރާ އަނީސާ ނޫރައްދީން، އަލްއަމީރާ ޒަރީނާ ނޫރައްދީން، މިތިން ބޭފުޅުންނެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމުން ވަކިވެ ވަޑައިގެން ހުންނަވަނިކޮށް، މިމަނިއްޕުޅު އަވަހާރަވީ 5 މުޙައްރަމް 1387ހ، 15 އެޕްރީލް 1967 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ގަލޮޅު ގަބުރުސްތާން ގައެވެ.

އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް
  • އިންޓަނެޓް ބައެއް ވެބްސައިޓްތައް
  • [1]
  • ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
  • ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)
ދިވެހިރާއްޖޭގެ ރަދުން
1935 - 1943
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢަބްދުލްމަޖީދުދީދީ