ސީޓު ރައިވެރިމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ސީޓު ރައިވެރިމަސް

ސީޓު ރައިވެރިމަސް (ސައިންޓިފިކް ނަން: Sargocentron diadema)ނުވަތަ (އިނގިރޭސި ބަހުން: Crown squirrelfish)އަކީ ރާއްޖޭ ފަރުފަޅުތަކުގެ ބޭރު ދުނީގެ މުރަކަތަކާއި ގާތަކުގެ ނިވަލުގައި އުޅޭ ރައިވެރި މަހެކެވެ. މިބާވަތުގެ މަސް ފަޅުތެރޭގައި ވަރަށް ތިލަ ހިސާބުތަކުގައި ބައިހަދައިގެން އުޅޭތަން ފެނެއެވެ. އާންމު ގޮތެއްގައި އުޅޭ ފުންމިނަކީ 2 މީޓަރާއި 30 މީޓަރާއި ދެމެދުގެ ފުންމިނެވެ. މިއީ ދިވެހި މަސްވެރިންކުރާ ރޭގަނޑުގެ ކެޔޮޅުކަމުގައި ބޭނޭ ކެއުމަށް ބޭނުންކުރެވިދާނެ ކަށިގިނަ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 8 ނުވަތަ 9 މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 13 އާއި 15 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަރުތާފަތުގެ މަތީގައި 5 ނުވަތަ 6 ބަރިޔަށް ހުންނަ ހުޅުނބުތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 17 ސެންޓި މީޓަރަށެވެ.

މަހުގައި ހުދާއި ރަތްކުލައިގެ ފުޅާ ރޮނގުތަކެއް މަހުގެ ދިގަށްވާގޮތަށް ހުރެއެވެ. މަހުގެ ލޮލުގެ ތިރީކައިރީގައި ހުދުކުލައިގެ ރޮނގެއް ފާޅުކޮށް ފެންނަށް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ ރަތްކޮށެވެ. މިކަށިތަކުގެ ކޮޅު ހުންނަނީ ހުދުކުލައިގައެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު، މަހުގެ ކުލަވަރަށް ބަލާ އެންމެ ބޮޑަށް ފާހަގަކުރެވޭ ސިފަޔަށް ވިސްނާ ސީޓު ރައިވެރިމަސް ކިޔާ ނަންދީފައިވަނީ އެވެ.