ސިކްލް ސެލް ބަލި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސިކްލް ސެލް ބަލި(sickle cell disease) ނުވަތަ ސިކްލް ސެލް އެނީމިޔާ(sickle cell anemia) އަކީ ލޭގެ ހީމަގްލޯބިން ގައިވާ އާދަޔާ ޚިލާފު އުނިކަމެކެވެ. ލޭގައި ހުންނަ މިއުނިކަމަކީ މައިންބަފައިންގެ ފުށުން ނުވަތަ ފަރާތުން ދަރިންނަށް ވާރުތަވާ ކަމެކެވެ. މިއީ އެހެން ގޮތަކުން ޖެހޭ ބައްޔެއް ނޫނެވެ. އަދި އެހެން ގޮތަކުން މިއުނިކަން ކުޑަ ދަރިފުޅުގެ ހަށިގަނޑުގައި ނުއުފެދޭނެ އެވެ. މިއީ ވާރުތަކުރާ ބައްޔެކެވެ. މިއީ ގައިންގަޔަށްއަރާ ބައްޔެއް ނޫނެވެ. ކެވޭ އެއްޗަކުން، ނޫނީ ބޭހަކުން އަދި ޖަރާސީމަކުން ވެސް މިބައްޔެއް ނުޖެހޭނެ އެވެ. މިއީ ލޭގެ ރަތް ސެލް ތަކުގައި ހިމެނޭ މާއްދާއެއްކަމަށްވާ ހިމޮގްލޮބިން އުފެދުމުގައި ހުންނަ އުނިކަމެއްގެ ސަބަބުން، ބައެއް ރަތް ސެލްތައް ހަށިގަނޑުގައި ދަތުރުކުރުމުގައި އޮކްސިޖަން މަދު ހިސާބުތަކަށް ވާޞިލްވުމުން، ލޭގެ ރަތް ސެލް، ސިކްލް ސެލް އަށް ނުވަތަ ހަނދުފަޅި އެއްގެ ސިފަޔަށް ބަދަލުވެ، ބައެއް ސެލްތައް އަވަހަށް ހަލާކުވެ ލޭމަދުވުމެވެ. މިގޮތަށް ދިމާވަނީ ހިމޮގްލޮބިން ގައި ހިމެނޭ ގްލޮބިން އުފެދުމަށް ބޭނުންވާ ޑީއެންއޭގެ ބައިތައް ތަރުތީބުވެފައި ހުންނަ ހުރުން، މިއުޓޭޝަނެއްގެ ސަބަބުން މުޅި ސެލްގެ އޮނިގަނޑަށް ބަދަލުތަކެއް އައުމުންނެވެ. މިހެން ދިމާވުމުން އޮކްސިޖަން އުފުލުމުގައި ވެސް ދަތިތައް ކުރިމަތިވެ، ސެލްގެ އުމުރު ހަމަވުމުގެ ކުރިން ހަލާކުވަނީ އެވެ. ލޭގެ ރަތް ސެލްގައި ހުންނަ އާދަޔާ ޚިލާފު ހީމަގްލޯބިން ގެ ސަބަބުން ރަތް ސެލްގެ ބައްޓަށް "ރާވަޅި" ނުވަތަ "ބަޅުވަޅި"(Sickle) އެއްގެ ބައްޓަމަށް ނުވަތަ "ހަނދުފަޅި" އެއްގެ ބައްޓަމަށް ބަދަލުވެއެވެ. ބަޅުވަޅީގެ ބައްޓަމަށް ހުންނަ ލޭގެ ރަތް ސެލްތަކަކީ ވަރަށް ނާޒުކު ވަރަށް ފަސޭހައިން ބައިބައިވެ،ފަޅައިގެންދާނެ(Hemolysis) ސެލްތަކެކެވެ. މިގޮތަށް ލޭގެ ރަތް ސެލްތައް ފެޅި ބައިބައިވުމުން ލޭގެ ރަތް ސެލްތަކުގެ އަދަދު މަދުވެ، ލޭގައި ހިމެނޭ ހީމަގްލޯބިންގެ މިންވަރު ދަށްވެ، "ލޭދަށްވުން"(Anemia) ކުރިމަތި ކުރުވައެވެ. އެހެންކަމުން "ސިކްލް ސެލް އެނީމިޔާ"(Sickle cell anemia) އަކީ ލޭދަށްވުމުގެ ވައްތަރެކެވެ. އާދަޔާ ޚިލާފަށް ބަޅުވަޅި ބައްޓަމަށް ހުންނަ ލޭގެ ރަތް ސެލްތަކުގެ ސަބަބުން ލޭހޮޅިތައް ބެނދި، ހަށިގަނޑުގެ އެކިއެކި ސެލޯށި ތަކާއި ގުނަވަންތަކަށް ގެއްލުން ދެއެވެ. ދުނިޔޭގެ އާބާދީގެ %5 މީހުންނަކީ ސިކްލް ސެލް ބަލި ހުންނަ މީހުންނެވެ. ތާރީޚު ހެކިދޭ ގޮތުގައި މިބަލި ގިނައިން ފެންނަނީ މެލޭރިޔާ އާންމުވެފައިވާ ސަރަހައްދު ތަކުންނެވެ. ބެލެވޭގޮތުގައި މިކަން މިގޮތަށް ދިމާވެފައިވަނީ މެލޭރިޔާ އިން ދިފާއުވުމަށްޓަކައި ގުދުރަތީ ގޮތުން އެބައިމީހުންގެ ލޭގެ ރަތް ސެލްތަކަށް އައިސްފައިވާ ބަދަލަކާ ގުޅިގެންނެވެ. މިބީދައިން ބަދަލުވެފައިވާ ލޭގެ ރަތް ސެލް ވާރުތަކުރާގޮތް ހުންނަ ދެމީހަކު ގުޅުމުން ދުނިޔެއަށް އަންނަ ކުއްޖަކީ ގަރުބަތީއްސުރެ، ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށްވެފައިވާ ކުއްޖަކަށް ވެގެން ދެއެވެ. މިބަލި ދުނިޔޭގައި އެންމެ ގިނަކަމަށް ބެލެވެނީ އެފްރިކާ ބައްރުގަޔާ، އަދި އެފްރިކާ ނަސްލުގެ ކަޅުމީހުންގެ ކިބައިގައި ކަމަށް ފާހަގަ ކުރެވުނަސް، އެހެނިހެން ނަސްލުތަކުގެ މީހުންގެ ކިބައިން ވެސް މިބަލި ފެނެއެވެ.