ގަލު ގުރުވަ
ގަލު ގުރުވަ އަކީ ކަނޑުގުރުވައިގެ ބާވަތެކެވެ. މިބާވަތުގެ ގުރުވަ ރާއްޖޭގެ ފަރުތަކުގެ ބޭރުމަތީ އަދި އެތެރެވަރީގެ ފަރުތަކުގައި 35 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅެއެވެ. މިބާވަތުގެ މަސް ގިނައިން ފެނިފައި ހުންނަނީ ބޮޑެތި ހަތާތަކުގެ ދަށުގައި މަޑުކޮށްލައިގެން ތިބޭތަނެވެ. މިއީ ދިވެހިން ފަރުމަތިން ދަގަނޑުޖަހައިގެން ހިފާއުޅޭ މަހެކެވެ. ދިވެހިން ކައިއުޅޭ މީރު މަހެއްވެސް މެއެވެ. މިއީ އަޅައިގަންނަ ލައްތަކެއް ހުންނަ ރީތި މަހެކެވެ. މިބާވަތުގެ ކުދިމަސް ދިރޭ ކުދިމަހުގެ ވިޔަފާރީގައި ރާއްޖެއިން ބޭރުކުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 65 ސ.މ އަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ހަރުކައްޓާއެކު 18 ނުވަތަ 19 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. މަހުގެ ތުން ބޯވާނެއެވެ. ހުޅުނބުތައް ހުންނަނީ ރާޅުކޮށެވެ. މަހުގެ މައިގަނޑު ކުލައަކީ ހުދުކުލައެވެ. މަހުގެ ބޮޑުބައެއްގައި ގަދަ މުށިކުލައިގެ ލައްތަކެއް ހުރެއެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ފަނޑުމުށި ކުލައެވެ. މިބާވަތުގެ ކުދި ގުރުވަ ހުންނަނީ މުށިކުލަައިގައި ހުދުކުލައިގެ ބޮޑެތި ލައްތަކެއް ޖަހާފައެވެ. މިލައްތަކުގެ ބޭރުކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ. މިއީ ވަރަށް ފަރި ހަރަކާތްތަކެއް ކުރާ މަހެކެވެ. މަހުގެ ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި ބޮއްޔާއި ކުދިމަހެވެ.