ގަޅިކެނޑި ވެނުބަނޑޭރި
ގަޅިކެނޑި ވެނު ބަނޑޭރި(ސައިންޓިފިކް ނަން: Dunckerocampus multiannulatus)ނުވަތަ (އިނގިރޭސި ބަހުން: Many-banded pipefish) އަކީ އާންމުކޮށް ދިވެހިންނަށް ފެންނަ ބާވަތެއް ނޫނެވެ. މިއީ ކުޑައިސްކޮޅެއްގެ މަހެއް ކަމުން މިއިން ކުރެވޭ ބޭނުމެއް ނެތުމުން މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ވެސް ނޯވެއެވެ. ވުމާއެކު މަހުގެ ޢިލްމީ އަދި އިގިރޭސި ނަމާގުޅޭގޮތުން މަހުގެ އާންމު ސިފަޔަށް ވިސްނާ ގަޅިކެނޑި ވެނު ބަނޑޭރި ކިޔާ ނަންދީފައި ވަނީއެވެ. މިމަސް އެންމެ ބޮޑުވަނި 17.5 ސމއަށެވެ.
ގަޅިކެނޑި ވެނު ބަނޑޭރި އާންމުކޮށް އުޅެނީ ގުންޑޮޅި ދަށުގަޔާއި ފަރުގައި ހެދިފައި ހުންނަ ހޮހަޅަތަކުގެ ތެރޭގައެވެ. މިއީ ރީތިކޮށް ހުރަހަށް މުށި ރަތްކުލައިގެ ރޮނގުތަކަކުން ގަޅި ކެނޑިފައި ހުންނަ މަހެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 20 އާއި 23 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތް ގަނޑުގައި 18 އާއި 22 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިއީ އާންމުކޮށް ފަރުމައްޗަށް މޫދަށް އެރިއުޅޭ މީހުންނަށް ގިނައިން ފެންނަ މަހެއް ނޫނެވެ.