ގަބުޅި ރޮނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ގަބުޅި ރޮނޑު

ގަބުޅި ރޮނޑު(ސައިންޓިފިކް ނަން: Rhinecanthus aculeatus)ނުވަތަ (އިނގިރޭސި ބަހުން: Blackbar triggerfish)އަކީ ރާއްޖޭގެ ތިލަ ފަޅުގައްޔާއި، ވިލުވިލުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 28 ސެންޓިމީޓަރަށެވެ. މިމަސް ހިފުމަށް ވަކި ޚާއްޞަ ގޮތްތަކެއް ނެތްކަމުގައި ވިޔަސް، ކުދިބުޅިލައިގެން އަޑިއަށް ނަނު ފައްތައިގެން ދުވާލުކުރާ ކެޔޮޅުކަމުގައި މިރޮނޑު ބޭނެއެވެ. މިއީ ކެއުމަށް މީރު ހަރުމަސްގަނޑެއް އޮންނަ މަހެކެވެ. މިއީ ދިރޭ ކުދިމަހުގެ ވިޔަފާރީގައި ރާއްޖެއިން ބޭރުކުރެވޭ މަހެއްވެސް މެއެވެ. ގަބުޅި ރޮނޑު އާންމުކޮށް އުޅެނީ ވަރަށް ހަމަ ހިމޭންކޮށެވެ. ނަމަވެސް ފަހައިގެންފިނަމަ، އަވަހަށް ދުވެގޮސް ހޮރެއްގެ ތެރެއަށް ވަދެ، މަހުގެ މަތީ ކޮަތަރިބައިގެ ހަރުކޮށް ހުންނަ ކަށި އަޅުވާލައިގެން ކިތަންމެ އިރަކުވެސް ތިބެދާނެއެވެ. މިގޮތަށް ތިބޭއިރު މަހުގެ ނިގޫފަތް ބޭރަށް ފެންނަށް ހުރި ކަމުގައި ވިޔަސް އަތުން ހިފާ މަސްނެރުމަކީ ވަރަށް އުދަގޫ ކަމެކެވެ. މިރޮނޑުގެ ކާނާއަކީ ތަފާތު ބާވަތްތަކުގެ ކަކުނިފާނޑުގެ ސޫތްޕާއި، ފެއްސާއި، ކުދި މަހެވެ.

ގަބުޅި ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 24 އާއި 26 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 21 އާއި 23 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ރޮނޑުގެ ނިގޫކޮޅުގައި ތިންބަރިއަށް ހުންނަ ކުދިކަށިތަކެއް މަހުގެ ދިގަށްވާގޮތަށް ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ އަޅިކުލަ އެވެ. މަހުގެ ލޯ ކައިރީގައި ނޫކުލައިގެ ހުރަސް ރޮނގުތަކެއް ދެމިފައި ހުރެއެވެ. އަދި ކަޅުކުލައިގެ ހިމަ ރޮނގެއް ލޮލުގެ ތިރިން ފެށިގެން ތިރިއަށް ހުރެއެވެ. މަހުގެ މަތީ ފުރަތަމަ ކޮތަރިބައި އެހެނިހެން ކޮތަރިތަކަށްވުރެ ކަޅުވާނެއެވެ.