ލޯބޮޑު ބުރެކި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލޯބޮޑު ބުރެކި

ލޯބޮޑު ބުރެކި(ސައިންޓިފިކް ނަން: Apogon savayensis)ނުވަތަ (އިނގިރޭސި ބަހުން: Ghost Cardinalfish) އަކީ ރާއްޖޭގެ ފަރުފަޅުތަކާއި ވިލުވިލުގައި ހުންނަ ގާތަކުގެ ނިވަލުގައި ގިނައިން އުޅޭ ބާވަތެކެވެ. މިއީ ކުޑަ ސައިޒެއްގެ މަހެކެވެ. އެންމެ ބޮޑުވަނީ 10 ސމ އަށެވެ. މިއީ ކެއުމަށް ބޭނުންކުރާ ބާވަތެއް ނޫނެވެ. އާންމުކޮށް ދުވާލު އުޅެނީ ގާތަކުގެ ނިވަލުގައި ފިލައިގެންނެވެ. ނަމަވެސް ރޭގަނޑު ބައިބަޔަށް ނިކުމެއުޅެއެވެ. މިއީ ކުދި ދާޖަހައިގެން ވަރަށް ފަސޭހައިން ހިފޭމަހެކެވެ. ސަބަބަކީ މަސްއުޅޭ މާހައުލުން ދުރަށް ނުދާތީއާއި މަސް ދަތުރުކުރާލެއް މަޑުކަމުންނެވެ.

މިއީ އެކުއޭރިއަމް ތަކުގައި ގެންގުޅެން ރީތިމަހެކެވެ. މަހުގެ ކުލައަކީ މުށިކުލައެވެ. މަހުގެ ލޮލުގެ ފަހަތުކޮޅުން ކަރުތާފަތްގަނޑާއި ދިމާލުން އެއްކޮޅަށް ހިމަކޮށް ހުންނަ ގަދަ މުށިކުލައިގެ ފަލަ ރޮނގެއް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. މަހުގެ ނިގޫކޮޅުގެ މަތީބައިގައި ގަދަ މުށިކުލައިގެ ލަފެއްވެސް ހުރެއެވެ. މަހުގެ ނިގޫފަތުގެ މަތީ ކައިރިއާއި ތިރީކައިރި ނިގޫފަތުގެ އެހެން ބައިތަކަށްވުރެ ކުލަ ގަދަ އެވެ. މަހުގެ އަރިމަތީގައި ހުރަހަށް ގަދަމުށިކުލައިގެ ފުޅާ ރޮނގުތަކެއް ހުރެއެވެ. އަދި މިރޮނގުތަކުގެ ދޭތެރޭގައި ރިހިކުލައިގެ ހިމަ ރޮނގުތަކެއް ވެސް ހުރެއެވެ.