ލޭއަޅާ ބަލި
ލޭއަޅާ ބަލި(އިނގިރޭސި ބަހުން: Thalassemia) އަކީ ލޭގައި ހުންނަ އާދަޔާ ޚިލާފު އުނިކަމެއްގެ ސަބަބުން މުޅި އުމުރަށް ލޭއަޅަން ޖެހޭ ބައްޔެކެވެ. ލޭގައި ހުންނަ މިއުނިކަން ކުއްޖާއަށް ވާޞިލްވަނީ ކުއްޖާގެ މައިންބަފައިންގެ ފަރާތުން ވާރުތަވެގެންނެވެ. އެހެން ގޮތަކަށް މިކަން ކުއްޖެއްގެ ހަށިގަނޑުގައި ނުއުފެދެއެވެ. މިއުނިކަމުގެ ސަބަބުން ކުއްޖާގެ ލޭގައި ހުންނަންވާ މުހިއްމު މާއްދާއެއް ކަމުގައިވާ ހިމޮގްލޯބިން އުފެދޭެލެއް މަދުވެއެވެ. ހިމޮގްލޯބިން މަދުވީމާ ހަށިގަނޑަށް އަންނަ ބަދަލުތަކެއް ޙައްލު ކުރުމަށްޓަކައި ލޭއަޅާ ބަލި ހުންނަ ކުދީންނަށް ދާއިމީ ގޮތަކަށް ލޭއަޅަން ޖެހެއެވެ.
ބަލީގެ ވައްތަރުތައް
[އުނިއިތުރު ގެންނަވާ]- ތެލަސީމިޔާ މައިނަރ ނުވަތަ ކެރިއަރ ( ލޭއަޅާ ބަލި ވާރުތަކުރާގޮތް ހުންނަ މީހުން )
- ތެލަސީމިޔާ މޭޖަރ (އިނގިރޭސި ބަހުން: Thalassemia Major) (ހަށިގަނޑުގައި ލޭއުފައްދައި ނުދޭތީ ލޭއަޅަން ޖެހޭ މީހުން )
- މީގެ އިތުރުން އެހާ އަވަސް އަވަހަށް ލޭއަޅަން ނުޖެހޭ މީހުން ވެސް ލޭއަޅާ ބަލީގެ ވައްތަރު ތަކުގެ ތެރޭގައި ހިމެނެއެވެ.
ލޭއަޅާ ބަލި ހުންނަ ކުދިން ދުނިޔެއަށް އުފަންވާއިރު ރަަގަޅު ނަމަވެސް އުފަންވާތާ 3 ނުވަތަ 4 މަސް ވަރު ވާތަނާ ބަލިވާން ފަށައެވެ. މިގޮތުން ކުއްޖާ ދޮންފޫޑުވުން، ހުންއައުން، ގިނައިން ހޮނޑުލެވުން، ނުނިދުން، އަބަދު ބަލިވެއުޅުން، އެއުމުރުގެ އެހެން ކުދީންނަށްވުރެ ހަރަކާތްތެރިކަން ކުޑަވުން، އަދި ކުއްޖާބޮޑުވާންވީ ވަރަށް ބޮޑުނުވުން ހިމެނެއެވެ.
ތެލަސީމިޔާ ވާރުތަކުރުން
[އުނިއިތުރު ގެންނަވާ]ތެލަސީމިޔާ ވާރުތަކޮށްފާނޭ މީހުންނަކީ ޞިއްޙަތު ދެރަކަމެއް އިހްސާސް ކުރާ ބައެއް ނޫނެވެ. މިފަދަ މީހުންނަށް އެމީހުންނަކީ ތެލަސީމިޔާ ވާރުތަކުރާގޮތް ހުންނަ މީހުންކަމެއް ނޭގެއެވެ. މިކަން އެގޭނެ ގޮތަކީ ލޭނަގާ ޓެސްޓުކޮށް ބަލައިގެންނެވެ. ނުވަތަ އެމީހަކަށް ލޭއަޅާ ބަލީގެ ކުއްޖަކު ލިބުމުންނެވެ.
ބަލި ވާރުތަވާގޮތް
[އުނިއިތުރު ގެންނަވާ]ދެމަފިރިންކުރެ އެކަކީ ބަލި ވާރުތަކުރާގޮތް ހުރި މީހަކަށް ވެފައި، އަނެއް މީހަކީ އެބަލި ވާރުތަކުރާ ގޮތް ނެތް މީހެއް ކަމުގައިވާނަމަ ލިބޭ ކޮންމެ ކުއްޖަކުވެސް ތެލަސީމިޔާ ވާރުތަކުރާ ކުއްޖަކަށް ނުވަތަ ތެލަސީމިޔާ ކެރިއަރަކަށް ވުމުގެ 50 އިންސައްތަ ފުރުޞަތު އޮންނާނެއެވެ.
ދެމަފިރިންގެ ލޭގައިވެސް ބަލި ވާރުތަކޮށްދޭ ގޮތް ހުރިނަމަ ނުވަތަ ދެމީހުންނަކީ ވެސް ކެރިއަރުން ކަމުގައިވާ ނަމަ ބަލިވެ އިންނަ ކޮންމެ ފަހަރަކު ލޭއަޅާ ކުއްޖެއް ލިބުމުގެ 25 އިންސައްތަ ފުރުޞަތު އޮންނާނެ އެވެ.
ފަރުވާ
[އުނިއިތުރު ގެންނަވާ]ތެލަސީމިޔާ މޭޖަރ ނުވަތަ ލޭއަޅާ ބަލީގެ ކުދިންނަކީ އެކުދީން ދުނިޔޭގައި ތިބުމަށް ކޮންމެ 3 ނުވަތަ 4 ހަފްތާ އަކުން 1 ފަހަރު ލޭއަޅަން ޖެހޭ ކުދީންނެވެ. ބައެއް ފަހަރަށް މިއަށްވުރެ އަވަސް އަވަހަށް ލޭއަޅަން ޖެހެއެވެ.
މިކުދީންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަބަދު ލޭއަޅަން ފެށުމުން ލޭގައި ހުންނަ ދަގަނޑުގެ ބައި (ހިމަގްލޯބިން) ކުއްޖާގެ ހަށިގަނޑުގައި އާދަޔާ ޚިލާފަށް އިތުރުވާން ފަށައެވެ. މިކަމުގެ ސަބަބުން ހިތް، ޗިސްމޭ ފަދަ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކުގައި ދަގަނޑުގެބައި ހަރުލާގޮތް ވެއެވެ.
ލޭއެޅުމުން އިތުރުވާ ދަގަނޑުގެ ބައި މަދު ނުކޮށްފިނަމަ މި ދެންނެވުނު ގުނަވަންތައް ހަލާކުވެ މަސައްކަތް ނުކުރާގޮތް ދިމާވެދާނެ އެވެ. މިކަމުން ރައްކާތެރިވުމަށް (މިކުދީންގެ ހަށިގަނޑުގައި ދަގަނޑުބައި ހުރިވަރަކުން) ހަފްތާއަކު 5 ނުވަތަ 6 ދުވަހު ޑެސްފެރޯލް އިންޖެކްޝަން ޖަހަން ޖެހެއެވެ.
ޑެސްފެރޯލް އިންޖެކްޝަން ޖަހަނީ މިއިންޖެކްޝަން ޖެހުމަށް ޚާއްޞަ ކުރެވިފައިވާ ޕަމްޕެއް ބޭނުންކޮށްގެންނެވެ. އަދި މިއިންޖެކްޝަން ކުއްޖާގެ ހަށިގަނޑުގެ ތެރެއަށް ޖެހުމަށް ނުވަތަ ފޮނުވުމަށް 8 ނުވަތަ 10 ގަޑިއިރު ހޭދަވެއެވެ. އިންޖެކްޝަން ޖެހުމުން ކުއްޖާގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކުޑަކަމުދާ ތަކެތި އަދި ބޮޑުކަމުދާތަކެތި އަދި ދަލާއި އެކެވެގެން ހަށިގަނޑުން ބޭރުވެއެވެ.
ރައްކާތެރިވުން
[އުނިއިތުރު ގެންނަވާ]ކޮންމެ ފަހަރަކު ލޭހޯދުމާއި، އަދި މީގެ އިތުރުން ހަފްތާއަކު 5 ނުވަތަ 6 ދުވަހު ޑެސްފަރޯލް އިންޖެކްޝަން ޖަހަން 8 ގަޑިއިރު ހޭދަކުރުމަކީ ވެސް ކުއްޖާގެ އާއިލާއަށް އެހާމެ އުދަގޫ ދަތި މައްސަލަ އެކެވެ.
ކޮންމެ ދުވަހަކު އިންޖެކްޝަން ޖެހުމުން ލިބޭ ތަދާއި މިކަމުގައި ހޭދަވާ ވަގުތަކީ ކޮންމެ މީހަކަށް ވެސް އިހްސާސް ކުރެވޭނެ ކަމެކެވެ.