Jump to content

ލިބާސް ހަނދި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލިބާސް ހަނދި

ލިބާސް ހަނދި(ސައިންޓިފިކް ނަން: Gnathanodon speciosus)ނުވަތަ (އިނގިރޭސި ބަހުން: Golden trevally) އަކީ ރާއްޖޭގެ ފަރުފަޅު ތަކުގެ ބޭރު ގައްޔާއި، ފުންވިލުތަކުގައި އުޅޭ ހަންޖެކެވެ. ދިވެހި މަސްވެރިން ނަނު ފައްތައިގެން ފަރުފަޅުތަކުގެ ބޭރުންނާއި ވިލުން މިމަސް މަދުމަދުން ބާނާއުޅެއެވެ. މިބާވަތުގެ ކުދިމަސް ކަނޑުގައި އުޅޭ ބިޔަމަސް މަހުގެ ނިވަލުގައި ތިބެ މާކަނޑުތަކުގައި ދަތުރުކޮށް އުޅެއެވެ. މިއީ ކެެއުމަށް މީރު މަހެކެވެ.

މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 7 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 18 އާއި 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 15 އާއި 17 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތް ގަނޑާއި ދިމާއިން ބަނޑުދަށް ފަރާތު ގައްޔާއި. ކަރުތާފަތުގެ ބުޑުދަށުގައި ހުޅުނބު ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 1.1 މީޓަރަށެވެ. މިބާވަތުގެ ކުދިމަހުގެ އަނގައިގައި ހުންނަނީ ވަރަށް ކުދި އެހާމެ ބަލި ދަތްތަކެކެވެ. ބޮޑެތި މަހުގެ ތުންފަތް ހުންނަނީ ވަރަށް ބޯކޮށް މަސްޖަހާފައެވެ.

ލިބާސް ހަނދީގެ ކުލައަކީ ފެހި ރަންކުލައެވެ. ނަމަވެސް ޅަމަހުގައި ހުންނަނީ ރިހި ރީނދޫ ކުލައެކެވެ. މަހުގެ ހުރަހަށް ކަޅުކުލައިގެ ރޮނގުތަކެއް ހުރެއެވެ. މިރޮނގުތަކުގެ ކުލަ މަސް ބޮޑެތި ވީވީހެން ފަނޑުވަމުން ދެއެވެ. މިބާވަތުގެ ބޮޑެތި މަހުގެ ދެއަރިމަތީގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މިއީ އާންމުކޮށް އަޑީގައި އުޅޭ ހަންޖެއްކަމުން ގިނައިން ކައިއުޅެނީ އަޑީގައި އުޅޭ ކަކުނި ފާނޑުގެ ސޫތްޕާއި، ބޮއްޔާއި ކުދިމަހެވެ.