ލައް ފިލޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލައް ފިލޮޅު

ލައް ފިލޮޅު(ސައިންޓިފިކް ނަން: Lethrinus harak)ނުވަތަ (އިނގިރޭސި ބަހުން: Thumbprint emperor)އަކީ ފަޅުގެ ތިލަ ހިސާބުތަކުގައްޔާއި ވިލުވިލުގައި އަދި މޫދުގައި ހުއިފަޅާފައި ހުންނަ ހިސާބުތަކުގައި އާންމުކޮށް އުޅޭ މަހެކެވެ. މިއީ ބޮޑެތި އައިންހަދައިގެން އުޅޭ މަހެއް ކަމުގައި ނުވިޔަސް ތިލަ ފަޅުމަތިން ނަނުފައްތައިގެން ކުރާ މަސްވެރިކަމާއި އުފުލިވަޅުލައިގެން ކުރާ މަސްވެރިކަމުގައި މިބާވަތުގެ ފިލޮޅު ގިނައިން ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެކެވެ. މިއީ އަޑީގައި އާއްމުކޮށް އެކަހެރިކޮށް އުޅޭ ފަސޭހައިން ފީނުންތެރިންނާ ގާތްވެއުޅޭ ފަދަ އޮޅުކޮށް އުޅޭ މަހެކެވެ. މިބާވަތުގެ ފިލޮޅުގެ ދެއަރިމަތީގައި ވަރަށް ފާޅުކޮށް ހުންނަ ބޮޑު ލަފެއް ހުންނާނެއެވެ. މިމަސް އެންމެ ބޮޑުވަނީ 50 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 9މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 8މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 13 މަޑުކަށި ހުރެއެވެ. މަހުގެ ލޯ އާދައިގެ ވަރަކަށް ބޮޑުވާނެއެވެ. މަހުގެ މަތީގެ ކުލައަކީ ޒައިތޫނި ފެހިކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލަ ވަރަށް ފަނޑުވާނެއެވެ. މަހުގެ ނޯއްމަތީ ގައްޔާއި ލޮލުގެ ތިރީގައި ނޫކުލައިގެ ތިކިތަކެއް ބައެއް ފަހަރު ހުރެއެވެ. މަހުގެ އަނގައިގެ އެތެރެއާއި އަނގައިގެ މިޔަކަން ހުންނަނީ ރަތްކުލައިގައެވެ. ކޮތަރިތައް ހުންނަނީ ފިޔާތޮށި ރަތްކުލައިގައެވެ. ލައް ފިލޮޅުގެ އާންމު ކާނާއަކީ އަޑީގައިއުޅޭ ފަނިފަކުސަ އާއި ބޮއްޔާއި ކުދިމަހެވެ. މިމަހަށް ވިލު ފިލޮޅު ވެސް ކިޔައެވެ.