ލައްޖެހި ކާޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލައްޖެހި ކާޅު

ލައްޖެހި ކާޅު (ސައިންޓިފިކް ނަން: Ctenochaetus binotatus)ނުވަތަ (އިނގިރޭސި ބަހުން: Twospot surgeonfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ އުރަފަށުގައްޔާއި ފަރުމަތީގައި އުޅޭ ކަނޑުކާޅުގެ އާއިލާގެ މަހެކެވެ. މިއާއިލާގެ ބައެއް މަހުގައި ރީތި ކުރެހުންތަކާއި ކުލަތައް ހުރެއެވެ. އަނެއްބައި މަސް ފެންނަނީ ފާޅުކަމެއް ނުހުންނަ ކުލައެއްގައެވެ. މިއާއިލާގެ ހުރިހާ މަހެއްގެ ނިގޫކޮޅުގެ ދެފަރާތުގައި ވަރަށް ތޫނުކޮށް ހުންނަ ކުރަގަނޑެއް ނުވަތަ ކަށިތަކެއް ހުރެއެވެ. މިއީ ދާއަޅައިގެން ފަރުމަތިން ހިފާއުޅޭ މަސްތަކުގެ ތެރޭގައި ބައެއް ފަހަރު ފެނިފައި ހުންނަ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 22 ސެންޓި މީޓަރަށެވެ. މިމަހުގެ ކާނާއަކީ މޫދު ފެއްސާއި ގަލު ފެއްސެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 8 ހަރުކައްޓާއެކު 24 އާއި 27 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 3 ހަރުކައްޓާއެކު 22 އާއި 25 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ހަނދުފަޅި ބުރަށް ކަފިކޮށެވެ. މަހުގެ ކުލައަކީ މުށިކުލަ އެވެ. ކޮތަރިބައި ހުންނަނީ ހަށިގަނޑަށްވުރެ ފަނޑުކުލައެއްގައެވެ. މަހުގެ ދެއަރިމަތީގައި ފަނޑުރޮނގުތަކެއް މަހުގެ ދިގަށްވާގޮތަށް ހުރެއެވެ. ބޮލުގައި ވެސް ފަނޑު ތިކިތަކެއް ހުރެއެވެ.

މަހުގެ މަތީ ކޮތަރިބައިގައްޔާއި ބަނޑުދަށް ފަރާތު ކޮތަރިބައިގެ އެންމެ ފަހަތުން ބުޑުދޮށުގައި ކަޅުކުލައިގެ ދެލައް ފާޅުކޮށް ފެންނަން ހުރެއެވެ. ކަނޑުކާޅުގެ މިބާވަތަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިމަހަަށް ކިޔާ ޢިލްމީ ނަމާ، އިގިރޭސިނަމާ އަދި މަހުގައި ހުރި ޚާއްޞަ ސިފަޔަށް ވިސްނާ ލައްޖެހި ކާޅު ކިޔާފައި ވަނީ އެވެ.