ތ.ކިނބިދޫ ވޭރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ތ. ކިނބިދޫ ވޭރު އަކީ ތ.ކިނބިދޫ ހުޅަގު ދެކުނު ފަރާތުން ގޮޑުދޮށާއި ކައިރިން ވިއްސަކަށް ފޫޓް އެއްގަމަށްހުރި އުސް ވެލިފުންޏެކެވެ. މިވޭރުގައި ވަރަށް ގިނައަދަދަކަށް ރުއްގަސް ކުރިން ހެދިފައި ހުއްޓެވެ. އެރަށު މީހުން ބުނާގޮތުގައި ގޮނޑުދޮށުގައި ވެސް ގަލާއި ވެލިން ރާނާފައިހުރި އާސާރީ ތަނެއް ކުރިން ހުއްޓެވެ. އަދި މިހާރު މޫދު އޮތް ހިސާބުގައިވެސް އެފަދަ ތަނެއް ހުރިކަމަށް ބުނެވެއެވެ.

ތ. ކިނބިދޫ ވޭރު

ތ.ކިނބިދޫ ވޭރު ކޮނުމަށްޓަކައި ވަޑައިގެން ޓީމްގެ އިސްވެރިއަކަށް ހުންނެވީ އަލްފާޟިލް މުޙައްމަދު އިސްމާއިލް ދީދީއެވެ. އެކުގައި ވަޑައިގެންނެވި އެހެނިހެން ބޭފުޅުންނަކީ ބާބާގޭ ތުއްތުމަނިކު، ޢަބުދުއް ލަތީފް، އަދި ޙަސަން ފުޅެވެ. މިބޭފުޅުން ވަޑައިގަތީ ފޮޓޯ ގްރާފަރެއްގެ ގޮތުންނާއި ކާތިބުންގެ ގޮތުންނެވެ. މިޓީމް ތ.ކިނބިދޫ އަށް ދިޔައީ 23 ޞަފަރު 1378 ހ ގައެވެ.

ތ.ކިނބިދޫ ވޭރު ކޮނުމުގެ މަސައްކަތް ފެށުނީ 24 ޞަފަރު 1378ހ ގައެވެ. މަސައްކަތުގެ ފަސޭހައަށް ކޮނުމުގެ މަސައްކަތް 4 ބަޔަކަށް ބަހާލެވުނެވެ. އެއީ 4 ފަރާތުން ކޮންނަ ގޮތަށެވެ. އެގޮތަށް 4 ބައިކުރުމަށްފަހު ކޮންމެ ބަޔެއްވެސް އިތުރު 4 ބަޔަށް ބައިކޮށް ކޮންނަމުން ގެންދިޔައީ އެވެ. ބަޔާން ކުރެވުނު ގޮތަށް ކޮންނަމުން ދަނިކޮށް އުތުރާއި ދެކުނުން ފަސްފޫޓް އަޑިން ވަށްކޮށް ރާނާފައި ހުރި އިމާރާތަކާއި އަދި އޭގެ ބޭރުން، ރާނާފައި ހުރި ތަނެއް ފެނުނެވެ. އިމާރާތް ހުރީ މިބުރުގެ ތެރޭގައެވެ. މީގައި ދެތިން ބަރަފޯސް އަދި ތޫނު ދެތިން ދާރަ ހުއްޓެވެ. އިތުރަށް 7 ފޫޓު އަޑިއަށް ކޮނުނީމާ ދެން ފެންނަށް ފެށީ ހުސް އަކިރިއެވެ.

އުތުރާއި އިރުމަތީ ފަރާތުން ވޭރުގެ ބޭރު ކޮނުނީމާ ފެނުނީ ހަމައެކަނި ކޮންމެވެސް ޒަމާނެއްގައި ހުރި ޢިމާރާތެއްގެ ހަލާކުވެފައިވާ ނިޝާންތަކެވެ. ހުޅަނގާއި ދެކުނު ފަރާތުން ވޭރުގެ އަޑިޔަށް 2 ބައި ފޫޓް ކޮނުމުން، ހަތަރެސްކަން ފާރެއްގެ ކަން ފެނުނެވެ. ފާރުގެ އުސްމިނަކީ 2 ފޫޓް 8 އިންޗި އެވެ. އުތުރާއި ދެކުނަށް ދިޔަ ދެކޮޅުވަނީ ވޭރުގެ ދަށަށް ވަދެފައެވެ. ދެކުނު ހުޅަނގު ފަރާތުން ވެސް ފެނުނީ ފާރު ބުރިތަކެކެވެ. މިތަނުން އެއްފަރާތެއްގެ ދެކުނު އިރުމައްޗަށް ދިޔަކޮޅު ސިޑިއެއްގެ ގޮތަށް ގޮސް ނިމިފައިވަނީ ހަނދުފަޅި ބުރަށް ރާނާ އުވަޖަހާފައި އޮތް ތަޅުންގަނޑަކަށެވެ. ގާތްގަނޑަކަށް 3 ފޫޓްގެ ދިގުމިން އެތަނުގައި ހުރެއެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ފަތްތޫރަ - ޖެނުއަރީ 1985 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު