ތުން ބިބީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ތުން ބިބީ

ތުން ބިބީ(ސައިންޓިފިކް ނަން: Forcipiger flavissimus)ނުވަތަ (އިނގިރޭސި ބަހުން: Yellow Longnose Butterflyfish) އަކީ ބިބީ އާއިލާގެ މަހެކެވެ. ބިބީ އާއިލާގައި ތުން ބިބީ، ދޮންބިބީ ކިޔާ ވަރަށް ގިނަ މަސްތައް ހިމެނެއެވެ. އެހެންކަމުން މިއާއިލާގެ މަސްމަހަށް ދޭނެ ނަންނަމެއް ހަމަޖެއްސުން ވަނީ ދަތިކަމަށް ވެފައެވެ. މިހެން ދިމާވެފައިވާ އެންމެ ބޮޑު ސަބަބަކީ ދާދި ފަހަކާ ޖެހެންދެން މިއާއިލާގެ މަސްތަކަކީ ދިވެހިން އެއްވެސް ބޭނުމަކަށް ހިފައި، ބާނާ ހަދާ އުޅޭ މަސްމަހަށް ނުވުމެވެ. ނަމަވެސް މިހާރު މިއީ ރާއްޖެއިން ދިރޭމަސް އެކްސްޕޯޓް ކުރާ ފަރާތްތަކުން ވަރަށް ޝައުގުވެރިކަމާއެކު ހިފައިގެން ބޭރުކޮށް އުޅޭ މަހެކެވެ. މިމަހަށް ނަންދެވިފައިވަނީ މިއާއި އެއްވައްތަރު އެކުގައި އުޅޭ އެހެން މަހެއްގެ މައްޗަށް ވިސްނާ މިމަހަށް ތުން ބިބީ ގެ ނަމުން ނަންދެވިފައި ވަނީ އެވެ.

ތުން ބިބީ އަކީ ރާއްޖޭގެ ފަރުފަރުގެ މުރަކަ ސަރަހައްދުގައި ގިނައިން އުޅޭ ބާވަތެކެވެ. މިމަހާ އެކުގައި މިޔާ ވަރަށް ވައްތަރު ތުންގަނޑުގެ ދިގުމިނުން މެނުވީ ވަކިކުރަން ދަތިމަހެއް އުޅެއެވެ. ޢާންމު ގޮތެއްގައި މީގެ މަސް އުޅެނީ ޖޯޑް ޖޯޑަށެވެ. މަހުގެ ތުންގަނޑު ދިގުކޮށް ހިމަހޮޅިއެއް ހުރެއެވެ. މިތުނބުން ގާގަލާއި މުރަކަތަކުގައި ހުންނަ ލޯވަޅުތަކުގައި ތިބޭ ކުދި ފަނިފަކުސަ ކައިހަދައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ހަރުކަށި ހުރެއެވެ. މަހުގެ ކުލައަކީ ގަދަ ރީނދޫ ކުލައެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ކަޅުކުލައިގެ ލަފެއް ވަށްކޮށް ހުރެއެވެ. ބޮލުގެ މަތީބައިގެ ކުލައަކީ ވެސް ކަޅުކުލައެވެ. ތިރީބައިގެ ކުލައަކީ ހުދުކުލަ އެވެ. މިއީ އިންޑިޔާ ކަނޑުގެ ހުރިހާ ހިސާބެއްގައި ހެން އުޅޭ މަހެކެވެ.