ތުންގަނޑު ހިބަރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ތުންގަނޑު ހިބަރު

ތުންގަނޑު ހިބަރު(ސައިންޓިފިކް ނަން: Xiphias gladius)ނުވަތަ (އިނގިރޭސި ބަހުން: Swordfish)އަކީ ދިވެހި މަސްވެރިން ވަދާއި ލޭނުގައި ބާނާއުޅޭ މަހެކެވެ. މަހުގެ މަތީ ތުން އެހެނިހެން ހިބަރުގެ ބާވަތްތަކާއި ޚިލާފަށް މާބޮޑަށް ކަނޑިއެއްހެން ދިގުކޮށް ހުރެއެވެ. ހިބަރުގެ ބުރަކަށިމައްޗާއި ބަނޑުދަށް ފަރާތުގެ ދެވަނަ ކޮތަރިބައި ފުރަތަމަ ކޮތަރިބަޔަށްވުރެ މާކުޑައެވެ. ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 34 އާއި 49 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. އަދި ދެވަނަ ކޮތަރިބައިގައި 4 އާއި 6 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިހިބަރުގެ ކަރުތާފަތްގަނޑާ ދިމާލުން ބަނޑުދަށުގައި ހުންނަ ކޮތަރިއެއް ނުހުރެއެވެ. މަހުގެ ނިގޫފަތުގެ ބުޑުގެ ދެފަރާތުގައި ވަރަށް ބޮޑު ދެކުރަގަނޑު ހުރެއެވެ. މިބާވަތުގެ ބޮޑެތި ހިބަރުގައި ހުޅުނބެއް ނުހުރެއެވެ. މަހުގެ ބުރަކަށި މައްޗާއި ދެއަރިމަތީގެ ކުލައަކީ ކަޅުމުށި ކުލައެވެ. ބަނޑުދަށް ފަރާތުގައި ހުންނަނީ ވަރަށް ފަނޑު މުށިކުލައެކެވެ. ތުންގަނޑު ހިބަރު އަދި ވޮށިމަސް މިޔަރު އަކީ އަދާވަތްތެރީންގެ ގޮތުގައި މަޝްހޫރުވެފައިވާ ދެމަހެވެ. މިހިބަރަށް ކަންނެމި ހިބަރު އޭ ވެސް ކިޔައެވެ.

ތުންގަނޑު ހިބަރު އަކީ ހޫނު ކަނޑުތަކާއި ފިނި ކަނޑުތަކުގައި ވެސް އުޅޭ މަހެކެވެ. މިއީ އާންމު ގޮތެއްގައި ދެފެން ދޭތެރޭ އުޅޭ މަހެއް ކަމަށް ވިޔަސް ކަނޑުގެ އަޑިން 650 މީޓަރުގެ ފުނުގައި ވެސް މިބާވަތުގެ ހިބަރު އުޅެއެވެ. މިހިބަރުގެ ކާނާއަކީ ކަނޑުގެ މަތީބައިގައި އުޅޭ ތަފާތު ބާވަތް ބާވަތުގެ މަހާއި، ކަކުނި ފާނޑުގެ ސޫތްޕާއި ބޯވަ ދިލަ މަހެވެ. މިމަސް އެންމެ ބޮޑުވަނީ 4.5 މީޓަރަށެވެ.