ތުންދިގު ގާބޯ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ތުންދިގު ގާބޯ (ސައިންޓިފިކް ނަން: Oxycirrhites typus)ނުވަތަ (އިނގިރޭސި ބަހުން: Long nose hawk fish)އަކީ ގާބޯ އާއިލާގައި ހިމެނޭ މަސްތަކުގެ ތެރެއިން އެންމެ ތުންދިގުކޮށް ހުންނަ މަހެވެ. މިއީ ވަރަށް ރީތި މަހެކެވެ. މަހުގެ އުޅުމާއި ކުލަވަރަށް ބަލައިގެން ދިރޭމަސް ގެންގުޅޭ ފަރާތްތަކުން މިބާވަތުގެ މަސްގެންގުޅުމަށް ޝައުގުވެރިކަން ދެއެވެ. ރާއްޖޭގައި މިބާވަތުގެ މަސް ހިފާއުޅޭ ހަމައެކަނި ބަޔަކީ ދިރޭކުދިމަސް ބޭރުކުރުމަށް ހިފާއުޅޭ މީހުންނެވެ. އަދި މިއީ ރާއްޖެއިން ގިނައަދަދަކަށް ބޭރުކުރެވޭ މަހެކެވެ. މިއީ އާންމުކޮށް 30 މީޓަރަށްވުރެ ފުން ހިސާބުތަކުގައި އެންދެރިއާއި ޒާތްޒާތުގެ ގޮފި މުރަކަތަކުގެ މާހައުލުގައި އުޅޭ މަހެކެވެ. މިމަސް އާންމު ގޮތެއްގައި ފެންނާނީ ތަންތަނުގައި ބަނޑުދަށް ފަރާތް ޖައްސާލައިގެން ތިބޭތަނެވެ. މިއީ މާބާރަށް ކޮޅުކޮޅުމައްޗަށް ދުވެހަދާ މަހެއް ނޫނެވެ. މަހުގެ އާންމު ކާނާއަކީ ކުދިކުދި ކަކުނި ފާނޑުގެ ސޫތްޕެވެ. މިއީ 13 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ. މަހުގެ ކުލައަކީ ހުދުކުލަ އެވެ. މުޅި މަހުގައި ގޮޅިގޮޅިއަށް ވާގޮތަށް ރަތް އޮރެންޖް ކުލައިގެ ކުރެހުމެއް ހުރެއެވެ. މަހުގެ ތުންގަނޑު ހުންނަނީ ކޮޅަށް ދިގުކޮށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 13 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 14 މަޑުކަށި ހުރެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ.