ތުންދިގު ފަތިރޮނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ތުންދިގު ފަތިރޮނޑު

ތުންދިގު ފަތިރޮނޑު (ސައިންޓިފިކް ނަން: Oxymonacanthus longirostris) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި 30 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭ މަހެކެވެ. މިބާވަތުގެ މަސް އާންމުކޮށް ފެންނަނީ އުރަފަށު ކައިރީގައި ހަމަހިމޭންކޮށް އޮންނަ ސަރަހައްދު ތަކުގައި ހެދިފައި ހުންނަ މުރަކަތަކުގެ ތެރެއިންނެވެ. ގިނައިން ފެންނަނީ ޖޯޑްޖޯޑަށް އުޅޭތަނެވެ. މަހުގެ ކާނާއަކީ މުރަކަތަކުގެ ތެރޭގައި އެކުލެވޭ މާގަނޑު ތަކެވެ. މިބާވަތުގެ ފަތިރޮނޑަކީ ދިރޭމަސް ރާއްޖެއިން ބޭރުކުރާ މީހުން ގިނައިން ހިފާއުޅޭ، އަދި ރާއްޖެއިން ގިނައިން ބޭރުކުރާ ބާވަތެކެވެ. މިއީ ފަރި ހަރަކާތްތަކެއްކުރާ ކުޑައިސްކޮޅެއްގެވެރި ރީތި މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 10 ސެންޓިމީޓަރަށެވެ. މަހުގެ ކުލައަކީ ފެހި ކުލައެވެ. މަހުގެ މުޅި ހަށިގަނޑުގައި ދޮން ނާރިނގު ކުލައިގެ ލައްތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ނިގޫފަތުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރު ކައްޓާއި، 32 އާއި، 35 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 29 އާއި، 32 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތް ގަނޑުގައި 11 އާއި، 12 އާއި ދެެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ތުންގަނޑު ހުންނަނީ ހޮޅިއެއް ގޮތަށް ދިގުވެފައި ތުންކޮޅަށް އޫކޮށެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މަހުގެ އާއްމު ސިފަޔާ މަހަށް ކިޔާ އިގިރޭސި ނަމަށް ބަލާ މިމަހަށް ތުންދިގު ފަތިރޮނޑު ކިޔާފައިވަނީ އެވެ.