ތުނބަ ހަނދި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ
ތުނބަ ހަނދި

ތުނބަ ހަނދި(ސައިންޓިފިކް ނަން: Carangoides orthogrammus)ނުވަތަ (އިނގިރޭސި ބަހުން: Island trevally)އަކީ ރާއްޖޭގެ ކަނޑުތަކުގައި 50 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރުމަހެކެވެ. ތުނބަ ހަންޖަކީ ފަތިކޮށް ހުންނަ މަހެކެވެ. އެހެނިން ގިނަ ހަނދީގެ ބާވަތްތަކަށްވުރެ ބޮޑަށް މަހުގެ ތުނބުގައި ބޯހަންފަށެއް ހުރެއެވެ. ދިވެހިންކުރާ ދުވާލާއި ރޭގަނޑުގެ ކެޔޮޅުކަމުގައި މަދުމަދުން މިމަސް ބޭނެއެވެ.

މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 28 އާއި، 31 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 24 އާއި 26 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 70ސެންޓި މީޓަރަށެވެ.

ތުނބަ ހަނދީގެ ކުލައަކީ ރިހިއަޅި ކުލައެވެ. ދިރޭމަހުގެ މަތީބައި ހުންނަނީ ފަނޑުފެހި ކުލައަކަށްދާ ކުލައެއްގައެވެ. މަހުގެ ދެއަރިމަތީގައި ގަދަ ރީނދޫ ކުލައިގެ ލައްތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މިލައްތަކުން ގިނަލައް ހުންނަނީ މަހުގެ ދިގަށް ދެއަރިމަތީގައި ހުންނަ ހުޅުނބު ރޮނގަށްވުރެ ތިރީގައެވެ. މަހުގެ ދެއަރިމަތީގައި ފަނޑުކޮށް ހުންނަ ފުޅާ ރޮނގުތަކެއް ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކައިރިފަށް ހުންނަނީ ހުދުކުލައެއްގައެވެ. މަހުގެ ކާނާއަކީ ކަނޑުއަޑީގެ ވެލިގަނޑުތެރޭގައި އުޅޭ ހަރުތޮށިލީ ދިރުންތަކާއި، ފަންޏާއި ކުދިމަހެވެ.